ލިޔުމަށް ދޭ
المكتبة السلفية – المالديف Maktaba Salafiyyah Maldives

އަހުލުއްސުންނަތުގެ ނަޒަރުގައި ހެޔޮ ޞާލިޙު ހުވަފެން - الشَّيْخُ أَبُو عِيَاضٍ أَمْجَدُ بْنُ مُحَمَّدٍ رَفِيقٍ

ޕްރިންޓް ނުވަތަ PDF ސޭވްކުރައްވާ

ލިޔުއްވީ: އައްޝައިޚް އަބޫ ޢިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤް


ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ.
«لَمْ يَبْقَ مِنَ النُّبُوَّةِ إِلَّا الْمُبَشِّرَاتُ». قَالُوا: وَمَا الْمُبَشِّرَاتُ؟ قَالَ: «الرُّؤْيَا الصَّالِحَةُ».
”ތިމަންކަލޭގެފާނަށްފަހު، އުފާވެރި ޚަބަރުތައް ފިޔަވައި ނަބީކަމުގެ ތެރެއިން އެއްވެސް އެއްޗެއް ބާކީ ނުވެއެވެ.“ އަދި އެއީ ”ހެޔޮ [ޞާލިޙު] ހުވަފެން“ ކަމުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. ޞަޙީޙުލް ބުޚާރީ (ނަންބަރު: 6990).

އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަމަކީ، ހެޔޮ [ޞާލިޙު] ހުވަފެންތަކަށް އީމާންވުމެވެ. އެ ހުވަފެންތަކަކީ ﷲ ގެ ޙަޟްރަތުންވާ އެއްޗެއް ކަމާއި، އެއީ ނަބީކަމުގެ ބައިތަކުގެ ތެރެއިން ބައެއް ކަމާއި، ނަބިއްޔުންނަށް އެއީ ވަޙީގެ މަޞްދަރެއް ކަމާއި، އަދި މުއުމިނުންނަށް އެއީ އުފާވެރި ޚަބަރުތަކެއް ކަމަށް އީމާންވުމެވެ.

މި ކަމުގައި ގިނަ ބައިތަކެއް އަހުލުއްސުންނަތާ ޚިލާފުވެއެވެ.

ޞޫފީން: އެމީހުންނަކީ ކަންކަން ހައްދަށްވުރެ ބޮޑުކުރުމާއި ހައްދުފަހަނައަޅައިދިއުމުގެ އަހުލުވެރިންނެވެ. އެމީހުން ޢަޤީދާއާއި، އަޅުކަމާއި، ޝަރީޢަތް ކަނޑައެޅުމުގެ ކަންކަމުގައި ހުވަފެންތަކަކީ އަސާސެއް ކަމުގައި ހަދައެވެ. އަދި ބާޠިލުކަމާއި މަގުފުރެދުން ފެތުރުމަށްޓަކައި އެ ހުވަފެންތައް ބޭނުންކުރެއެވެ.

މާއްދިއްޔަތުގެ އަހުލުވެރިން [މެޓީރިއަލިސްޓުން]: އެމީހުން ޣައިބުގެ ކަންކަމަށް އިންކާރުކުރެއެވެ. އަދި އެހެންކަމުން، ހެޔޮ [ޞާލިޙު] ހުވަފެންތަކަކީ ﷲ ގެ ޙަޟްރަތުންވާ އެއްޗެއް ކަމަށް އިންކާރުކުރެއެވެ.

މުޢުތަޒިލާއިންގެ ތެރެއިން ބައެއް: އެމީހުން ދަޢުވާކުރަނީ އެ ހުވަފެންތަކަކީ ބާޠިލު ޚިޔާލުތަކެއް ކަމަށާއި، ޙަޤީޤަތާ އެއްވެސް ގުޅުމެއް ނުވާ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް، ހެޔޮ [ޞާލިޙު] ހުވަފެނަކީ އުފާވެރި ޚަބަރަކަށް ވާތީ، އޭގައި ޙަޤީޤަތާ ގުޅުމެއް ވެއެވެ.

ފަލްސަފާވެރިން: އެމީހުން ދަޢުވާކުރަނީ ހުވަފެންތައް އުފެދިގެން އަންނަނީ ކޮންމެ މީހެއްގެ ހަށިގަނޑުގެ ދިޔަތަކާއި [އަޚްލާޠުތަކާއި] މިޒާޖުން ކަމަށެވެ (ރަނގަޅު ހުވަފެންތަކަކީ ﷲ ގެ ޙަޟްރަތުންވާ އެއްޗެއް ކަމާއި، ނުބައި ހުވަފެންތަކަކީ ޝައިޠާނުންގެ ފަރާތުން އަންނަ އެއްޗެއް ކަމަށް އިންކާރުކުރާ ޙާލުގައެވެ).

އަދި އެމީހުންގެ ތެރޭގައި، ހުވަފެންތައް އަންނަނީ ކޮންމެ މީހެއްގެ ކިބައިގައި ފޮރުވިފައިވާ، ހަރަކާތް ނެތި އޮންނަ ޢިލްމަކުން ކަމަށާއި، އަދި (ނިދީގައި މެދުވެރިވާ ފަދައިން) މާއްދީ ދުނިޔެއާ މަޝްޣޫލުވުމުން އޭނާގެ ޖިސްމާނީ ޙިއްސުތައް އެއްކިބާކުރެވޭ ހިނދު، ކޮންމެ މީހެއްގެ ޤާބިލުކަން ހުރި މިންވަރަކުން، އެ ހަރަކާތް ނެތި އޮތް ޢިލްމުގެ ސަބަބުން ހުވަފެންތައް އުފެދިގެން އަންނަ ކަމަށް ބުނާ ބަޔަކު ވެއެވެ.

އަދި އެމީހުންގެ ތެރޭގައި، ޒަމާނީ ނަފްސާނީ ޢިލްމުގެ ދާއިރާއިންނާއި، އެތެރެފުށުގެ ޚިޔާލުތަކާއި އަމިއްލަ ނަފްސާ ދައްކާ ވާހަކަތަކުގެ [ޙަދީޘުއްނަފްސުގެ] ނަތީޖާއެއްގެ ގޮތުން ފެންނަ ހުވަފެންތައް ޤަބޫލުކުރާ ނަފްސާނީ ޢިލްމުވެރިންގެ ފަރާތުން އަންނަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް، ﷲ ގެ ޙަޟްރަތުންވާ ހެޔޮ [ޞާލިޙު] ހުވަފެނަށާއި، ޝައިޠާނާއާއި އޭނާގެ މަކަރުވެރިކަމުގެ ފަރާތުން އަންނަ އޮޅުންބޮޅުންވާ، ހިތާމަވެރިކުރުވާ، އަދި ހިތްނުތަނަވަސްކުރުވާ ނުބައި ހުވަފެންތަކަށް އެމީހުން އިންކާރުކުރެއެވެ.

ތެދު ހުވަފެނަކީ، ހުރިހާ ވަގުތެއްގައި ނޫން ނަމަވެސް، މީހެއްގެ ސީދާކަމުގެ [ޞާލިޙުކަމުގެ] ޢަލާމާތެކެވެ. އެއީ ﷲ މުއުމިނާ ވަރުގަދަކޮށްދެއްވާ [ސާބިތުކޮށްދެއްވާ] ގޮތެކެވެ. އަދި އެހެން ގޮތަކުންވެސް އޭނާގެ ހެޔޮކަން އެ ހުވަފެނުން އަންގައިދެވިދާނެއެވެ. އެއީ، އޭނާގެ އެތެރެފުށުގެ ޚިޔާލުތަކުގައި އޭނާ ހެޔޮކަމަށް ސަމާލުކަންދޭތީއެވެ. ﷲ އޭނާއަށް ދައްކަވާ ހެޔޮ [ޞާލިޙު] ހުވަފެނުގެ އިތުރުން، އެކަމުގެ ސަބަބުން ރަނގަޅު ހުވަފެނެއް އުފެދިގެން އާދެއެވެ. މި ފިޔަވައި، މުއުމިނާގެ ހެޔޮ [ޞާލިޙު] ހުވަފެނަކީ ވަޙީގެ މަޞްދަރެއް ނޫނެވެ. އަދި ޙަލާލާއި ޙަރާމް ދެނެގަތުމުގެ މަޞްދަރެއް ނޫނެވެ. އަދި އަޅުކަމާއި، އަޚްލާޤާއި، ޤާނޫނުގެ ކަންކަމުގައި ޝަރީޢަތް ކަނޑައެޅުމުގެ މަޞްދަރެއްވެސް ނޫނެވެ.

މުއުމިނަކު އޭނާގެ ރަނގަޅު ހުވަފެންތައް ކިޔައިދޭންވާނީ ހަމައެކަނި އޭނާއާ ގާތް، އޭނާ އިތުބާރުކުރާ މީހުންނަށެވެ. އަދި ނުބައި ހުވަފެނަށް ބަލާއިރު، ފަހެ އެ ހުވަފެން ހާމަކޮށްގެން ނުވާނެއެވެ. އަދި މިއީ ﷲ ގެ ރަސޫލާ (صلى الله عليه وسلم) ގެ އިރުޝާދެވެ.

—
މަޞްދަރު: މިއީ އައްޝައިޚް އަބޫ ޢިޔާޟް އަމްޖަދު ބިން މުޙައްމަދު ރަފީޤް (الشَّيْخُ أَبُو عِيَاضٍ أَمْجَدُ بْنُ مُحَمَّدٍ رَفِيقٍ — @AbuIyaadSP) ލިޔުއްވާފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ.

════════════════════

ލިޔުމުގައި ގެންނަވާފައިވާ އަދި އިޝާރާތްކުރައްވާފައިވާ ޙަދީޘްތަކުގެ ފުރިހަމަ ޢަރަބި ނައްޞާއި މަޞްދަރުތައް :

(ތަރުޖަމާކުރި ފަރާތުން އިތުރުކޮށްފައި)

1. ނަބީކަމުގެ ތެރެއިން ބާކީވަނީ ހެޔޮ ހުވަފެން ކަމަށް އައިސްފައިވާ ޙަދީޘް (ލިޔުމުގައި ޞަރީޙަކޮށް ގެންނަވާފައިވާ ޙަދީޘް):

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، عَنِ الزُّهْرِيِّ، حَدَّثَنِي سَعِيدُ بْنُ الْمُسَيِّبِ، أَنَّ أَبَا هُرَيْرَةَ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «لَمْ يَبْقَ مِنَ النُّبُوَّةِ إِلَّا الْمُبَشِّرَاتُ». قَالُوا: وَمَا الْمُبَشِّرَاتُ؟ قَالَ: «الرُّؤْيَا الصَّالِحَةُ».

މާނަ: އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ: ”އުފާވެރި ޚަބަރުތައް ފިޔަވައި ނަބީކަމުގެ ތެރެއިން އެއްވެސް އެއްޗެއް ބާކީ ނުވެއެވެ.“ ޞަޙާބީން ދެންނެވިއެވެ: ”އުފާވެރި ޚަބަރުތަކަކީ ކޮބައިތޯއެވެ؟“ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”ހެޔޮ [ޞާލިޙު] ހުވަފެނެވެ.“

މަޞްދަރު: ޞަޙީޙުލް ބުޚާރީ، كِتَابُ التَّعْبِيرِ، بَابُ الْمُبَشِّرَاتِ، ނަންބަރު: 6990.
(ނޯޓު: ”ތިމަންކަލޭގެފާނަށްފަހު / بَعْدِي“ މި ލަފުޒު މުވައްޠައު މާލިކުގެ ރިވާޔަތުގައި، كِتَابُ الرُّؤْيَا، ނަންބަރު: 1753، «لَنْ يَبْقَى بَعْدِي مِنَ النُّبُوَّةِ إِلَّا الْمُبَشِّرَاتُ» މިފަދައިން އައިސްފައިވެއެވެ. އަދި ޞަޙީޙު މުސްލިމް، كِتَابُ الصَّلَاةِ، ނަންބަރު: 479 ގައި: «أَيُّهَا النَّاسُ، إِنَّهُ لَمْ يَبْقَ مِنْ مُبَشِّرَاتِ النُّبُوَّةِ إِلَّا الرُّؤْيَا الصَّالِحَةُ، يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ» މިފަދައިން އައިސްފައިވެއެވެ.)

2. ހެޔޮ ހުވަފެނަކީ ނަބީކަމުގެ ބައިތަކުގެ ތެރެއިން ބައެއް ކަމަށް އައިސްފައިވާ ޙަދީޘް:

حَدَّثَنِي إِبْرَاهِيمُ بْنُ حَمْزَةَ، حَدَّثَنِي ابْنُ أَبِي حَازِمٍ، وَالدَّرَاوَرْدِيُّ، عَنْ يَزِيدَ، عَنْ عَبْدِ اللَّهِ بْنِ خَبَّابٍ، عَنْ أَبِي سَعِيدٍ الْخُدْرِيِّ: أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «الرُّؤْيَا الصَّالِحَةُ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ».

މާނަ: ”ހެޔޮ [ޞާލިޙު] ހުވަފެނަކީ، ނަބީކަމުގެ ސާޅީސް ހަ ބައިގެ ތެރެއިން އެއް ބައެވެ.“

މަޞްދަރު: ޞަޙީޙުލް ބުޚާރީ، كِتَابُ التَّعْبِيرِ، بَابُ الرُّؤْيَا الصَّالِحَةِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ، ނަންބަރު: 6989.

3. ރަނގަޅު ހުވަފެން ﷲ ގެ ޙަޟްރަތުންވާ ކަމާއި، ނުބައި ހުވަފެން ޝައިޠާނާގެ ފަރާތުންވާ ކަމާއި، ހުވަފެނުގެ އަދަބުތަކާ ބެހޭ ޙަދީޘްތައް:

(ހ) އަބޫ ޤަތާދާ (رضي الله عنه) ގެ ރިވާޔަތް:
حَدَّثَنَا سَعِيدُ بْنُ الرَّبِيعِ، حَدَّثَنَا شُعْبَةُ، عَنْ عَبْدِ رَبِّهِ بْنِ سَعِيدٍ، قَالَ: سَمِعْتُ أَبَا سَلَمَةَ يَقُولُ: لَقَدْ كُنْتُ أَرَى الرُّؤْيَا فَتُمْرِضُنِي، حَتَّى سَمِعْتُ أَبَا قَتَادَةَ يَقُولُ: وَأَنَا كُنْتُ لَأَرَى الرُّؤْيَا تُمْرِضُنِي، حَتَّى سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «الرُّؤْيَا الْحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلَا يُحَدِّثْ بِهِ إِلَّا مَنْ يُحِبُّ، وَإِذَا رَأَى مَا يَكْرَهُ فَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا وَمِنْ شَرِّ الشَّيْطَانِ، وَلْيَتْفِلْ ثَلَاثًا، وَلَا يُحَدِّثْ بِهَا أَحَدًا، فَإِنَّهَا لَنْ تَضُرَّهُ».

މާނަ: ”ރަނގަޅު ހުވަފެނަކީ ﷲ ގެ ޙަޟްރަތުންވާ އެއްޗެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާ ލޯބިކުރާ [ރުހޭ] ކަމެއް ހުވަފެނުގައި ދެކެފިނަމަ، އޭނާ ލޯބިކުރާ މީހަކަށް މެނުވީ އެ ވާހަކަ ކިޔައިނުދޭށެވެ. އަދި އޭނާ ނުރުހޭ ކަމެއް ދެކެފިނަމަ، އެ ހުވަފެނުގެ ނުބައިކަމުންނާއި ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. އަދި ތިން ފަހަރު ފުމެލާށެވެ. އަދި އެ ހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ފަހެ، ހަމަކަށަވަރުން އެ ހުވަފެނުން އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.“

މަޞްދަރު: ޞަޙީޙުލް ބުޚާރީ، كِتَابُ التَّعْبِيرِ، بَابُ إِذَا رَأَى مَا يَكْرَهُ فَلَا يُخْبِرْ بِهَا وَلَا يَذْكُرْهَا، ނަންބަރު: 7044.

(ށ) އަބޫ ސަޢީދުލް ޚުދްރީ (رضي الله عنه) ގެ ރިވާޔަތް:
حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، حَدَّثَنَا اللَّيْثُ، حَدَّثَنِي ابْنُ الْهَادِ، عَنْ عَبْدِ اللَّهِ بْنِ خَبَّابٍ، عَنْ أَبِي سَعِيدٍ الْخُدْرِيِّ: أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِذَا رَأَى أَحَدُكُمْ رُؤْيَا يُحِبُّهَا، فَإِنَّمَا هِيَ مِنَ اللَّهِ، فَلْيَحْمَدِ اللَّهَ عَلَيْهَا وَلْيُحَدِّثْ بِهَا، وَإِذَا رَأَى غَيْرَ ذَلِكَ مِمَّا يَكْرَهُ، فَإِنَّمَا هِيَ مِنَ الشَّيْطَانِ، فَلْيَسْتَعِذْ مِنْ شَرِّهَا، وَلَا يَذْكُرْهَا لِأَحَدٍ، فَإِنَّهَا لَا تَضُرُّهُ».

މާނަ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާ ލޯބިކުރާ [ރުހޭ] ހުވަފެނެއް ދެކެފިނަމަ، ފަހެ ހަމަކަށަވަރުން އެ ހުވަފެނަކީ ﷲ ގެ ޙަޟްރަތުންވާ އެއްޗެކެވެ. ފަހެ، އެކަމަށްޓަކައި ﷲ އަށް ޙަމްދުކުރާށެވެ. އަދި އެ ވާހަކަ ކިޔައިދޭށެވެ. އަދި އެނޫން، އޭނާ ނުރުހޭ ކަމެއް ދެކެފިނަމަ، ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ފަރާތުންވާ އެއްޗެކެވެ. ފަހެ، އޭގެ ނުބައިކަމުން ރައްކާތެރިކަމަށް އެދޭށެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ނުދައްކާށެވެ. ފަހެ، ހަމަކަށަވަރުން އެ ހުވަފެނުން އޭނާއަށް ގެއްލުމެއް ނުލިބޭނެއެވެ.“

މަޞްދަރު: ޞަޙީޙުލް ބުޚާރީ، كِتَابُ التَّعْبِيرِ، بَابُ الرُّؤْيَا مِنَ اللَّهِ، ނަންބަރު: 6985 (އަދި ނަންބަރު: 7045).

4. ހުވަފެނުގެ ތިން ބާވަތް (ﷲ ގެ ޙަޟްރަތުންވާ އުފާވެރި ޚަބަރާއި، ޝައިޠާނާގެ ފަރާތުން ހިތާމަވެރިކުރުވާ ހުވަފެނާއި، އަމިއްލަ ނަފްސާ ދައްކާ ވާހަކަތަކުގެ ހުވަފެން) ބަޔާންކުރައްވާފައިވާ ޙަދީޘް:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ، وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا، وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسَةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ، وَالرُّؤْيَا ثَلَاثَةٌ: فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللَّهِ، وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ، وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ، فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ، وَلَا يُحَدِّثْ بِهَا النَّاسَ».

މާނަ: ”ޒަމާން (ޤިޔާމަތް) ކައިރިވުމުން މުސްލިމާގެ ހުވަފެން ދޮގުވުން ގާތްނުވާނެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހުވަފެން ތެދު މީހަކީ، ތިޔަބައިމީހުންގެ ތެރެއިން ވާހަކަދެއްކުމުގައި އެންމެ ތެދުވެރި މީހާއެވެ. އަދި މުސްލިމާގެ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ފަސް ބައިގެ ތެރެއިން އެއް ބައެވެ. އަދި ހުވަފެން ތިން ބަޔަކަށް ބެހިގެންވެއެވެ: ހެޔޮ [ޞާލިޙު] ހުވަފެނަކީ ﷲ ގެ ޙަޟްރަތުންވާ އުފާވެރި ޚަބަރެކެވެ. އަދި (އަނެއް ބަޔަކީ) ޝައިޠާނާގެ ފަރާތުން ހިތާމަވެރިކުރުވާ ހުވަފެނެކެވެ. އަދި (އަނެއް ބަޔަކީ) މީހާ އޭނާގެ އަމިއްލަ ނަފްސާ ދައްކާ ވާހަކަތަކުގެ ތެރެއިން ފެންނަ ހުވަފެނެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާ ނުރުހޭ ކަމެއް ދެކެފިނަމަ، ތެދުވެ ނަމާދުކުރާށެވެ. އަދި މީސްތަކުންނަށް އެ ވާހަކަ ކިޔައިނުދޭށެވެ.“

މަޞްދަރު: ޞަޙީޙު މުސްލިމް، كِتَابُ الرُّؤْيَا، ނަންބަރު: 2263 (އަދި ޞަޙީޙުލް ބުޚާރީ، كِتَابُ التَّعْبِيرِ، ނަންބަރު: 7017).