 އަލް-އިމާމް މުޙައްމަދު ބިން އަބްދުލް ވައްހާބު އަކީ ވެރިންނާއި ދެކޮޅަށް ނުކުތްފަރާތެއް ނޫންނެވެ! (ދެވަނަ ބައި) - الإِمَام العلامة ابن باز رحمه الله

ކެޓަގަރީ އަލް އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބް رحمه الله - 1206 هـ

بسم الله ، الحمد لله ، والصّلاة والسلام على رسول الله ، وعلى آله وصحبه ومن والاه، أما بعد:
 

الشيخ محمّد بن عبد الوهاب رحمه الله ގެ ދަޢުވަތަކީ އެ ދަޢުވަތަކާ މެދުގައި ބާޠިލުގެ އަހުލުވެރިން އެކި ޒާތްޒާތުގެ ބުހުތާނު ދޮގުތަކާއި ޙަޤީޤަތެއްނެތް ވާހަކަތައް ފަތުރަމުން އަންނަ ދަޢުވަތެކެވެ. އަދި ޝައިޚްގެ ޝަޚްސިއްޔަތަކީ އެ ފަރާތަކާއި މެދުގައި އެބައިމީހުން ބޮޑެތި ތުހުމަތުތައް ކުރާ ޝަޚުސިއްޔަތެކެވެ. އެގޮތުން، އެބައިމީހުން ފަތުރާފައިވާ ޝުބުހަތްތަކުގެ ތެރޭގައި، ޝައިޚަކީ މުސްލިމް ވެރިންނާ ދެކޮޅަށް – އާދެ! އެޒަމާނުގައި އޮތް ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ނުކުންނެވި ބޭފުޅެއް ކަމަށާއި، އެކަމަކީ ހުއްދަކަމެއް ކަމުގައި ދެކިލައްވާ ބޭފުޅެއް ކަމުގައި ތުހުމަތު ކުރުން ހިމެނެއެވެ. މިއަދު ދިވެހިރާއްޖޭގައިވެސް މިފަދަ ތުހުމަތުތައް ޝައިޚާ މެދުގައި ދަނީ ކުރެވެމުންނެވެ. އަދި ވަކިން ދެރަވާންޖެހޭ ކަމަކީ، އިސްލާމްދީނުގެ ޝަރުޢީ ޢިލްމަށް ނިސްބަތްވާ ބަޔަކު މިފަދަ ވާހަކަ ދައްކަމުން ގެންދާ ކަމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެފަދަ ބަޔަކު އެވާހަކަ ދައްކަނީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަވަގެންވާ ކަމެއް ކަމުގައި ދެއްކުމަށްޓަކައެވެ. މި ސިލްސިލާ ލިޔުންތަކުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ ޝައިޚަކީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުންނެވި ބޭފުޅެއް ނޫންކަމާއި، އަދި އެއީ ހުއްދަކަމެއް ކަމުގައި ޝައިޚް ދެކިނުލައްވާކަން ސާބިތު ކުރުމަށެވެ.


ޝައިޚްގެ ޒަމާނުގައި އިސްލާމީ ދުނިޔޭގައި މަޝްހޫރުވެފައި އޮތީ ޢުޘްމާނީ ޚިލާފަތެވެ. ވުމުން، ތުހުމަތްތަކުގެ އަހުލުވެރިން ދެކޭ ގޮތުގައި ޝައިޚްގެ ދަޢުވަތާއިގެން ޝައިޚާއި، ޝައިޚަށް އެހީތެރިވެވަޑައިގެންނެވި محمّد بن سعود رحمه الله، ނުކުމެވަޑައިގަތުމަކީ އެއީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ނުކުތުމެވެ. މުސްލިމް ވެރިކަމަކާ ދެކޮޅަށް ޚުރޫޖު ކުރުމެވެ.
މި ސިލްސިލާ ލިޔުންތަކުގެ ފުރަތަމަ ބައިގައި އަޅުގަނޑުމެން ވާނީ މި މައްސަލާގައި ޚުދު ޝައިޚުގެ ޢަޤީދާއަކީ ކޮބައިކަން ކިޔައިފައެވެ. އެއަށްފަހު ދެވަނަ ބައިގައި މި ގެނެސްދެނީ މި މައުޟޫޢުގެ މައްޗަށް، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، عبد العزيز بن عبد الله بن باز رحمه الله ވިދާޅުވެފައިވާ ބަސްފުޅެވެ.

الشّيخ ابن باز رحمه الله ވިދާޅުވިއެވެ. "އަހަރެންނަށް އެނގިފައިވާ ގޮތުގައި، އަދި އަހަރެން ޤަބޫލުކުރާ ގޮތުގައި الشيخ محمّد بن عبد الوهاب އަކީ އުޘްމާނީ ޚިލާފަތުގެ ދައުލަތާ ދެކޮޅަށް ނުކުންނެވި ފަރާތެއް ނޫނެވެ! އެހެނީ، ނަޖުދުކަރާގައި އެދުވަސްވަރު އަތުރާކުން (ޢުޘްމާނީ ޚަލީފާއިން) ގެ އެއްވެސް ރިޔާސަތެއް ނުވަތަ ވެރިކަމެއް ނެތެވެ. ނަޖުދުކަރައިގެ އެކި ހިސާބުތަކަށް ބެހިފައިވީ އެކި ރަށްތައް އެ ޒަމާނުގައި ވިއެވެ. އަދި އެކި ރަށްތަކުގައި އޮތީ އެކިއެކި، ކުދިކުދި ވެރިކަމެވެ. އަދި ކޮންމެ ރަށަކަށްވެސް ނުވަތަ ކޮންމެ ބިމަކަށްވެސް – އެއީ ކިތަންމެ ކުޑަ ރަށެއް ކަމުގައިވިޔަސް – މުސްތަޤިއްލު ވެރިޔަކު ހުރެއެވެ. އަދި މީގެ ތެރެއިން އެއް ވެރިކަމާއި އަނެއް ވެރިކަމާއި ދެމެދު މައްސަލަ ޖެހި ހަނގުރާމަ ހިނގަހިނގާ އޮވެއެވެ. الشيخ محمّد بن عبد الوهاب ޚިލާފަތުގައިވީ ދައުލަތާ ދެކޮޅަށް ނުނިކުންނަވައެވެ. އެހެނަސް، ޝައިޚް ނުކުންނެވީ ޝައިޚުގެ އަމިއްލަ ބިމުގައި ހުރި ބައެއް ފާސިދު ކަންތައްތަކާ ދެކޮޅަށެވެ. އަދި ﷲ ގެ މަގުގައި ޙައްޤުވެގެންވާ ގޮތުގައި ޖިހާދު ކުރެއްވިއެވެ. އަދި ކެތްތެރިވެވަޑައިގެން އެގޮތުގައި ޤާއިމްވެވަޑައިގެން ހުންނެވިއެވެ. އެ ދަޢުވަތުގެ ނޫރު އެހެން ރަށްތަކާ ހަމަޔަށް ފޯރައިފުމަށް ދާންދެނެވެ."


މިއީ "ތަޖްދީދުލް ފިކްރިލް އިސްލާމީ" މި ނަމުގައި މަލިކް ސުޢޫދް ޔުނިވަސިޓީގެ ލެކްޗަރ ހޯލް ގައި ހިޖުރައިން 1402 ވަނަ އަހަރު ކުރިޔަށް ގެންދެވުނު ނަދުވާއެއްގައި ޝައިޚް ދެއްވާފައިވާ މުޙާޟަރާއަކުން ނަގާފައިވާ ތަންކޮޅެކެވެ.ط
ބަޔާންވެގެން މިދިޔައީ މި މައްސަލާގައި الشّيخ عبد العزيز بن عبد الله بن باز رحمه الله ގެ ބަސްފުޅެވެ. ހިތާމަޔަކީ، އުއްމަތުގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ބަޔާންވެފައިވާ، އަދި އިސްލާމީ ތާރީޚާއި، ދުނިޔޭގެ ތާރީޚުން ހެކިދޭ މިފަދަ ބޮޑެތި ޙަޤީޤަތްތައް އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމެވެ!.
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين، والحمد لله ربّ العالمين