5 ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ محمد بن صالح العثيمين رَحِمَه الله ވިދާޅުވެފައިވެ އެވެ.

"ހަމަ އެގޮތަށް އަހުލުއްސުންނަތާއި ބިދުޢައިގެ އަހުލުވެރިންނާއި ދެމެދު ދީނުގެ އުޞޫލުތަކުގައި އުފެދިފައިވާ ޚިލާފްތަކުގެ ތެރޭގައި ވެރިންނާއި ދެކޮޅަށް ނުކުތުން ހިމެނެއެވެ. ޙަރޫރިއްޔާއިން، ޚަވާރިޖުން، މުސްލިމު ވެރިންނާއި ދެކޮޅަށް ނުކުތެވެ. އަދި އެވެރިން ކާފަރުކޮށް އެވެރިން ޤަތުލުކުރިއެވެ. އެޢަމަލު ހިންގުމަށްޓަކައި މުސްލިމުންގެ ލޭ އޮހޮރައިލުން ހުއްދަކުރިއެވެ. 

 

އެހެނަސް، އަހުލުއް ސުންނާވަލް ޖަމާޢަތް ބުނަމުންދަނީ މުސްލިމުވެރިން ފާސިޤު އަދި އެވެނި މިވެނި ބޮޑެތި ފާފަތައް ކުރި ކަމުގައިވިޔަސް އަހަރުމެންނަށް ވާޖިބުވެގެންވަނީ އެވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުމެވެ. ބަޔާންވެގެންވާ، ފާޅުވެގެންވާ ކާފަރުވުމަކުން އެވެރިން ކުފުރުވުމަށް ދާންދެނެވެ. މިފަދަ ހާލަތުގައި އެބައިމީހުންނާއި ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރެވިދާނެއެވެ. އެއީ އެނުކުތުމުގެ ސަބަބުން (އެއަށްވުރެ ބޮޑު) ނުބައެއް ނުނުކުންނާނެ ކަމުގައިވާނަމައެވެ. އެފަދައިން ޝަރުޠު ތަކާއިގެން މެނުވީ ވެރިންނާއި އިދިކޮޅަށް ނުކުތުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަޙީ ކުރައްވާފައެވެ.

 

ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

إلا أن تروا كفرًا بواحًا عندكم من الله فيه برهان

އެއީ 4 ޝަރުޠެކެވެ.

 

1. أن تروا

ތިޔަބައިމީހުންނަށް ފެނިއްޖެނަމައެވެ. އެއީ ތިޔަބައިމީހުންގެ ލޯތަކަށް ފެނުމެވެ. ނުވަތަ ތިޔަބައިމީހުންނަށް ޔަޤީންވުމެވެ. .

 

2. كفرًا

ވެރިޔާ ކާފަރުވީއެވެ. ފާސިޤުވީއެއް ނޫނެވެ. ތިޔަބައިމީހުންނަށް ވެރިޔާ ޒިނޭކުރިކަން، ވައްކަންކުރިކަން ނުވަތަ ހުރުމަތްވެގެންވާ ނަފްސެއް ޤަތުލުކުރިކަމުގައިވިޔަސް އެކަންތައް ޙަލާލުނުކުރާ ކަމުގައިވާނަމަ އެވެރިޔާ ކާފަރެއް ނުވާނެއެވެެ. އެހެނީ އެހެން ފާސިޤު މީހުން ވާފަދައިން ވެރިޔާއަކީ ފާސިޤު މީހެއްގެ ގޮތުގައި ވީއެވެ. އެއްވެސް ގޮތަކަށް މިހާލުގައި ވެރިޔާދެކޮޅަށް ނުކުތުން ހަލާލެއް ނުވާނެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވީ ކުފްރަކަށް ވާންޖެހޭނެކަމެވެ.

 

3. بواحًا

ފާޅުކަންބޮޑު އެއްވެސް ޝައްކެއް ވަސްވާހެއް ނުވާ ގޮތުގައެވެ. ޔަޢުނީ ޞަރީހަކޮށް ކާފަރުވީއެވެ. އޭގައި ތަޢުވީލު ކުރެވޭނެފަދަ ހާލަތެއް އޮވެގެން ނުވާނެއެވެ. އެއްވެސް ގޮތަކަށް ތަޢުވީލުކުރެވިދާނެފަދަ ކަމެއް ކަމުގައިވާނަމަ އަހަރެމެން ވެރިޔާ ކާފަރުކޮށްގެން ނުވާނެއެވެ. އަދި ވެރިޔާ ދެކޮޅަށް ނުކުމެގެން ނުވާނެއެވެ.

 

4. عندكم من الله فيه برهان

އަހަރެމެންނަށް ވެރިޔާގެ ފަރާތުން ފެނުނު ފާޅުކަންބޮޑު ކާފިރުކަމަކީ ޤިޔާސްކޮށްގެން ކާފިރު ކުރެވޭނެ ނުވަތަ އެފަދަ ގޮތަކަށް ކާފިރު ކުރެވޭނެ ކަމެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއީ ފާޅުކަންބޮޑު ބުރުހާނެއް އެހެނީ ޤުރުއާނާއި ސުންނަތުން ކަޑައެޅިގެން އެއީ ކުފުރެއްކަން ބަޔާންވެގެންވާ ދަލީލެއް އޮތް ކަމެއް ކަމުގައިވާންޖެހޭނެއެވެ. މިހަތަރު ޝަރުޠެވެ.

 

5. قدرة

އެހެން ދަލީލުތަކުން ފަސްވަނަ ޝަރުޠެއް ނެގިފައިވެއެވެ. އެއީ އަހަރެމެންނަށް ބަޔާންވެގެންވާ ދަލީލުތަކުގެ މައްޗަށް ﷲ ގެ ހަޒްރަތުން ދަލީލުތަކާއިއެކު ކާފިރުވި ވެރިޔާ ބޭލުމަށް ކުޅަދާނަކަން ލިބިފައިވުމެވެ. އަހަރެމެންނަށް އެ ކުޅަދާނަކަން ލިބިގެން ނުވާނަމަ އެކަމުން އަންނާނީ އަހަރެމެން ނައްތާލަން ބޭނުންވި ނުބަޔަށްވުރެ ބޮޑު ނުބަޔެކެވެ. އެހެންކަމުން އަހަރެމެންނަށް އިޞްލާހުގެނެވޭނެ ކުޅަދާނަ އެހެން ގޮތެއް ހޯދާ ބަލާނީއެވެ. ބައެއް އަޚުންނަށް އިސްލާމްދީނުގައި ނުވާ ހަމާސް ނުވަތަ ޖޯޝު އައިސްގެން މި ކަމުގައި ކުށް ކުރެއެވެ. އެބައިމީހުންގެ މައްޗަށް ﷲ ގެނެސްފައިވާ ވެރިޔާ ދެކޮޅަށް ނުކުތުމުގައި ކުށް ކުރެއެވެ.

 

ﷲ އެއީ ޙަކީމްވަންތަ އިލާހެވެ. އެކަލާންގެ އަނިޔާވެރިންގެ މައްޗަށް އަނިޔާވެރިން އިސްކުރައްވައެވެ. ވެރިން ނުބައިވެ މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ، އެބައިމީހުންގެ މައްޗަށް ހައްދުފަހަނައަޅައި ދިއުމުން، އެކަމަކީ ﷲ އެކަނލާންގެ އަޅުތަކުންގެ މައްޗަށް ހަމައެކަނި އެގޮތް މެދުވެރި ކުރެއްވީ ކަމުގައި ތިޔަބައިމީހުން ނުދެކޭށެވެ. މިކަމުގައި ހިކްމަތްތަކެއް ވެއެވެ.

 

އެކަނލާންގެ ވަޙީކުރެއްވިއެވެ.
قَوْله تَعَالَى : { وَكَذَلِكَ نُوَلِّي بَعْض الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ }

"އެބައިމީހުން ހޯދައިގަތް ކަންކަމުގެ ސަބަބުން ތިމަން އިލާހު އަނިޔާވެރިންގެ އެއްބަޔަކު އަނެއް ބަޔަކާއި މަތިކުރެއްވީމެވެ."

 

ރައްޔިތުންގެ ނުބައިކަމުން މެނުނީ އަނިޔާވެރި ވެރިން ރައްޔިތުންގެ މައްޗަށް ވެރިނުގަންނާނެއެވެ. ބައެއް މީސްތަކުން އެބައިމީހުންގެ މައްޗަށް ގަދަބާރުން ކަމުގައިވިޔަސް އައިސްފައިވާ ވެރިންނާއި ދެކޮޅަށް އެނުކުންނަކީ، އެބައިމީހުންނަށް އެކުރެވެނީ ކުށެކެވެ.

 

އެންމެ ފުރަތަމަ، ﷲ އިސްކޮށްފައިވާ ވެރިޔާއަށް ކުރެވުނު ކަންތައްތަކާއި މެދުގައި ފުރިހަމައަށް ޢިލްމު ލިބެންޖެހެއެވެ. މުޖައްރަދު މީސްތަކުން ވާހަކަތަކެއް ދެއްކުމުން އެބަސްތަކެއް ތެދުކޮށްގެން ނުވާނެއެވެ. ވެރިންނާއި ބެހޭގޮތުން އަދި އެނޫން މީސްތަކުންނާއި ބެހޭގޮތުން އަހަރެމެންގެ މައްޗަށް ކިތަށް ވާހަކަ ނަޤުލުކުރެވިގެން އާދޭތޯއެވެ. އެބަސްތައް ތަހުޤީޤުކޮށްފިނަމަ އެއީ އެއްވެސް އަޞްލެއް ނެތް އެއްޗެއްކަން އިނގެއެވެ. އެހެންވެ ހަދީޘްގައި ޒިކުރު ކޮށްދެއްވާފައިވަނީ إلا أن تروا كفرًا "ތިޔަބައިމީހުންނަށް ކާފަރުކަން ފެނުމުން މެނުވީއެވެ."

 

ދެވަނައީ، އެކަންތައް އަހަރެމެންގެ ލޯތަކަށް ފެނިއްޖެނަމަ ނުވަތަ އިތުބާރުހިފޭ އެތައް ބައެއްގެ ފަރާތުން އަހަރެމެންނަށް ނަޤުލުކުރެވިއްޖެނަމަ އެބަސްތައް ޤުރުއާނާއި ސުންނަތުގެ މައްޗަށް ގެނެސްގަންނަން ޖެހޭނެއެވެ. އެއީ ކާފަރުވާނެ ކަމެއްތޯއެވެ؟ ނުވަތަ ފާސިޤުވާނެ ކަމެއްތޯ؟ އެކަމަކީ ކާފިރުވާނެ ކަމެއްގެގޮތުގައި ފެނިއްޖެނަމަ ﷲ ގެ ހަޒުރަތުން އެކަމަށް ބަޔާންވެގެންވާ ބުރުހާނެއް ވޭތޯ ބަލަން ޖެހޭނެއެވެ. އެކަމަކީ ޞަރީޙަކޮށް އެއްވެސް ތަޢުވީލުކުރުމެއް ނުވާފަދަ ކަމެއްތޯ ބަލަންޖެހޭނެއެވެ. ބައެއްފަހަރު އެއީ ކާފަރުވާނެ ކަމެއްގެ ގޮތުގައިވިޔަސް އިންސާނާއަށް އޭނާއަށް ނޭގުމުގެ ތެރޭގައި އެކަން ކުރެވުމުން އޭނާއަކީ އުޒުރުވެރިއެއްކަމުގައި ވެދާނެތީއެވެ. ވުމުން ކޮންމެހެންވެސް އެކަމަކީ ފަޅުކަންބޮޑު ޞަރީޙަގޮތުގައި އެއްވެސް ތަޢުވީލުކުރުމެއްނުވާ ކަމެއްގެ ގޮތުގައި ވާންޖެހޭނެއެވެ. ހަމައެގޮތަށް އެކަމުގެ މައްޗަށް އަހަރެމެންގެ އަތުގައި ޔަޤީންވެގެންވާ ޝައްކެއް ނުވާފަދަ ފާޅުކަންބޮޑު ބުރުހާނެއް ނުވަތަ ދަލީލެއް އޮންނަން ޖެހޭނެއެވެ.

ވެރިންގެ މައްޗަށް ނުކުތުމަށް މިކަންކަމަކީ ޝަރުޠުތަކެއްގެ ގޮތުގައި ކަނޑައަޅާ ދެއްވާފައިވަނީ މިއުންމަތުގެ ނަބިއްޔާ صلى الله عليه وسلم އެވެ.

ބައެއް މީހުންނަށް މިއީ ދަތި އުދަނަގޫ ކަމެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މިގޮތަށް މިކަންތައް ލެވިގެންވަނީ އެބައިމީހުންގެ ވެރިންނާއި ދެކޮޅަށް ނުކުތުމުން ދިމާވާ ނުބައިކަންތައްތައް އެބައިމީހުން ތިބިގޮތުގައި ދެމިތިބުމަށްވުރެ އިތުރުކަން ބޮޑުވެދާނެތީއެވެ. ތިޔަބައިމީހުންނަށް މިއަދު (މުޒާހަރާތައް، އިންޤިލާބުތައް) ހަޅުތާލުތައް ކުރާތަން އެބަފެނެއެވެ. އެބައިމީހުން އެ ހަޅުތާލުތަކަށް ފަހުގައި ކުރީގައި އޮތް ހާލަތަށްވުރެ ހެޔޮކަން ބޮޑު ހެއްޔެވެ؟ ހަމަހިލާ އެހެނެއް ނުވެއެވެ. ފެންނަނީ އިދިކޮޅެވެ. މިކަމުގައި ވަކިޤައުމެއް ކިޔާނެ ކަމެއް ނެތެވެ. އެހެނީ މިކަންއޮތީ ސާފުކޮށް ފެންނާށެވެ.

 

ވުމުން އަހަރެން މުސްލިމު އަޚުންނަށް ދޭ ނަޞޭހަތަކީ ތިޔަބައިމީހުން މިކަމުގައި އަވަސްވެ ނުގަންނާށެވެ. ތިޔަބައިމީހުންގެ މައްޗަށް އިސްވެފައިވާ ވެރިޔާ ނުބައިކަމުގައިވާނަމަ އެފަރާތަށް ހިދާޔަތް ލިބުމަށްއެދި ތިޔަބައިމީހުން ދުޢާ ކުރާށެވެ. އަދި ވެރިޔާގެ ނުބައިކަމުން ސަލާމަތްވުމަށް އެދި ދަންނަވާށެވެ. އަދި މިކަމުގައި ކެތްތެރިވާށެވެ.

 

ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

«مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا، فَمَاتَ، فَمِيتَةٌ جَاهِلِيَّةٌ»
 "އެމީހެއްގެ އަމީރުގެ ފަރާތުން ނުބައިކަންތައްތައް ފެނިއްޖެ މީހާ އެކަންތައްތަށް ކެތްކުރާށެވެ. ހަމަކަށަވަރުން މުސްލިމުންގެ ޖަމަޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެދާ މީހާ އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރަކުންނެވެ." (أخرجه البخاري ج 13 ص 5 و مسلم  ج 3 ص 1477)

 

ކޮންމެހެންވެސް ކެތް ކުރަން ޖެހޭނެއެވެ. ކޮންމެހެންވެސް ނަޞޭހަތް ދޭން ޖެހޭނެއެވެ. މިކަމަކީ ބިދުޢަވެރިންނާއި (ބިދުޢައިގެ އަހުލުވެރިންނާއި) ސުންނަތް ޖަމާޢަތުގެ އަހުލުވެރިނާމެދުގައި  ތަފާތުވެފައިވާ މުހިންމުކަންބޮޑު އިސްލާމްދީނުގެ އުޞޫލެކެވެ. އެބައިމީހުން ވެރިންނާއި ދެކޮޅަށް ނުކުންނަތަން ފެންނާއެވެ. އަދި އެނުކުތުމުގެ ސަބަބުން ކުރިއަށްވުރެ ހާލަތު ގޯސްވެ ނުބައިކަން އިތުރުވިތަން ނޫންތަނެއް ނުފެންނާނެއެވެ. އުޘްމާން رضي الله عنه ގެ މައްޗަށް ދެކޮޅުވެ ނުކުތް ދުވަހުން ފެށިގެން އުންމަތް ބައިބައިވެގެން ދިޔައީ މިކަމުގެ ސަބަބުން ނޫން ދެން ކޮން ސަބަބަކާއި ހުރެތޯއެވެ؟ އަހަރެމެން ﷲ ތަޢާލާގެ ހަޒުރަތުގައި ދަންނަވަނީ އަހަރެމެންނަށް ސަލަމާތްތެރިކަމާއި ހިދާޔަތް ދެއްކެވުމެވެ. އަދި އެކަނލާންގެ ރުހިވޮޑިގެންވާމަގަށް އަހަރެމެންނަށް ތައުފީޤު ދެއްވުމަށެވެ..".

 

 

 

 

 

 

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...