ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ޕާޓީ ހެދުމަކީ މުސްލިމުން ބައިބައިކުރާ ކަމެއް

ސުވާލު: الشيخ العلامة الإمام محمد بن صالح العثيمين – حفظه الله – އަށް. السلام عليكم و رحمة الله و بركاته . އެއަށްފަހުގައި ބުނަމެވެ. ފަޟީލަތުއް ޝެއިޚްއަށް ގިނަ ޢަދަދަކަށް ޕާޓީތަށް އެކިތަންތަނުގައި ހެދިފައިވާކަން ފޮރުވިފައި ނުވާނެއެވެ. މިކަމުގެ މައްޗަށް ޝެއިޚް މީސްތަކުންނަށް ދެއްވާ އިރުޝާދަކީ ކޮބައި ހެއްޔެވެ؟

ޖަވާބު:  بسم الله الرحمن الرحيم
 وعليكم السلام و رحمة الله و بركاتة


އެއްވެސް ޝައްކެތްނެތް ގޮތުގައި މުސްލިމުން ޕާޓީތައް ހަދައި އެބައި މީހުން ބައިބައިވެ ދިއުމަކީ ޝަރީޢަތުގައި އަހަރެމެންގެ މައްޗަށް ބަޔާންވެގެންވާ އެއްބައިވަންތަ ކަމާއި އެކަތިގަނޑެއްގައި ދެމިތިބުމާއި ޚިލާފް ވެގެންވާ ކަމެކެވެ. އެއީ މުސްލިމުންގެ ތޭރޭގައި ވުމަށް ޝައިޠާނާ ބޭނުންވާ ގޮތެވެ. އަދި އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އެކުލެވިގެން ދެއެވެ. އަދި އެއީ ނަމާދު ޤާއިމް ކުރުމުންނާއި، ﷲ ގެ މަތިން ޒިކުރުކުރުމުން އެއްކިބާކޮށްދޭ ކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ "ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހުއީ ތިޔަބައިމީހުންގެ ވެރި އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަން އިލާހުއަށް އަޅުކަން ކުރާހުށިކަމެވެ." އަދި އެހެން އާޔަތެއްގައި ވަޙީ ކުރައްވައެވެ. وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ ]المؤمنون: 52[،  "އަދި ހަމަކަށަވަރުން، މިއީ އެއް އުއްމަތެއް ކަމުގައިވާ ތިޔަބައި މީހުންގެ އުއްމަތެވެ. އަދި ތިމަން އިލާހުއީ ތިޔަބައިމީހުންގެ ވެރި އިލާހެވެ. ފަހެ، ތިޔަބައިމީހުން ތިމަން އިލާހުއަށް ބިރުވެތިވެ، ތަޤްވާވެރި ވާށެވެ." އަދިވެސް ވަޙީ ކުރައްވައެވެ. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ]آل عمران: 103[، "އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ : ﷲ ގެ ދީނުގައި) ހިފަހައްޓާށެވެ. އަދި، ވަކިވަކިވެ ނުގަންނާށެވެ."

 

އަދިވެސް ވަޙީ ކުރެއްވިއެވެ. وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ "ފާޅުވެގެންވާ ހެކިތައް އެބައި މީހުންނަށް އައުމަށްފަހު ވަކިވަކިވެ ޚިލާފްވީ މީހުން ފަދައިން ތިޔަބައި މީހުން ނުވާށެވެ. ބޮޑުވެގެންވާ ޢަޒާބެއް އެބައިމީހުންނަށް ހުށްޓެވެ."


ފަހެ، މީސްތަކުންގެ އެއްކަލިމައެއްގެ މަތީގައި ދެމިތިބުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި ބައިބައިވެ ދިއުމާއި ވަކިވެ ގަތުމުން އެއްކިބާވުމަށް މަސައްކަތް ކުރާށެވެ. ހަމަކަށަވަރުން ދެކޮޅުވެރިވުމާއި، ބައިބައި ވެގަތުމަކީ ދެރަކަމާއި، ނިކަމެތިކަން މެދުވެރިވުމަށް އޮތް ސަބަބެކެވެ.


މުސްލިމުންގެ އެންމެހައި ކަންތައް އިޞްލާޙު ކޮށްދެއްވުމަށާއި، އެބައިމީހުންގެ ކަލިމަ ޙައްޤު ގޮތުގައި އެކަތިގަޑެއްގައި ލެއްވުމަށް ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމަކަށް ކުޅަދާނަ ވެގެންވާ މަތިވެރި އިލާހެވެ.  
                                          ލިޔުނީ : محمد بن صالح العثيمين
                                                                                                    13 صفر 1419  
(مجموع فتاوى محمد بن صالح العثيمين 26 ص 447 )