ޕާޓީތައް ހެދުމުން އެއްބައިވަންތަކަމެއް ނޯންނާނެ. އެއްބައިވެވޭނީ ހަމައެކަނި ސަލަފުންގެ ގޮތުގެ މަތީގައި ތިބެގެން. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ޕާޓީތައް ހެދުމާއި އެއަށް ނިޞްބަތްވުމާއި އެއަށް ވަނުމުގެ ހުކުމް

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ޕާޓީތައް ހެދުމުން އެއްބައިވަންތަކަމެއް ނޯންނާނެ. އެއްބައިވެވޭނީ ހަމައެކަނި ސަލަފުންގެ ގޮތުގެ މަތީގައި ތިބެގެން.

 

ސުވާލު: ޕާޓީތައް ހެދުމުން (މުސްލިމުން) އެއްބައިވެ އެކަތިގަނޑަކަށް ވެވިދާނެތޯ؟ އަދި އޭގެ މައްޗަށް އެއްބައިވުން ވާޖިބުވެގެންވާ މަންހަޖަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: ޕާޓިތައް ހެދުމުން (މުސްލިމުން) އެއްބައިވެ އެކަތިގަނޑަކަށް ވުމަކީ ވާނެ ކަމެއް ނޫނެވެ. ސަބަބަކީ ޕާޓީތަކަކީ އެއްބަޔަކު އަނެއްބަޔަކާ އިދިކޮޅު ބަޔަކަށްވާތީ އެވެ. އިދިކޮޅު ދޭތި އެއްކުރުމަކީ މުސްތަޙީލު ކަމެކެވެ. الله تعالى ވަޙީކުރެއްވި އެވެ:وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ]آل عمران: 103[، މާނައީ: "އަދި ތިޔަބައިމީހުން އެންމެން اللهގެ ވާފަށުގައި (އެބަހީ اللهގެ ދީނުގައި) ހިފަހައްޓާށެވެ. އަދި ވަކިވަކިވެ ނުގަންނާށެވެ."


    ފަހެ ބައިބައިވުން الله سبحانه ނަހީކުރެއްވި އެވެ. އަދި އެއް ޖަމާޢަތެއްގައި އެއްވެ އެއްބައިވުމަށް އެއިލާހު އަމުރުފުޅުކުރެއްވި އެވެ. އެއީ اللهގެ ޖަމާޢަތެވެ. (الله تعالى ވަޙީކުރެއްވި އެވެ:) أَلا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ ]المجادلة: 22[، މާނައީ: "ހަމަކަށަވަރުން اللهގެ ޖަމާޢަތުގެ މީހުންނީ ހަމަ ކާމިޔާބުވާނޭ މީހުންނެވެ."


    އަދި الله تعالى ވަޙީކުރެއްވި އެވެ: وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ ]المؤمنون: 52[، މާނައީ: "އަދި ހަމަކަށަވަރުން މިއީ އެއް އުންމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުންމަތެވެ."
    ފަހެ ޕާޓީތަކާއި، ފިރުޤާތަކާއި، އިޚްތިލާފްވެ (ބައިބައިވެ)ފައިވާ ޖަމާޢަތްތަކަކީ އެއްވެސް ގޮތަކަށް އިސްލާމް ދީނުގެ ތެރެއިންވާ ކަންކަމެއް ނޫނެވެ. الله تعالى ވަޙީކުރެއްވި އެވެ: إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ]الأنعام: 159[،    މާނައީ: "ހަމަކަށަވަރުން އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން އެއްވެސް ކަމެއްގައި އިބަ ނަބިއްޔާ ނުވަމު އެވެ."


އަދި އުންމަތް ހަތްދިހަ ތިން ފިރުޤާއަށް ބެހިގެންދާނެ ކަމުގެ ޚަބަރު ނަބިއްޔާ ﷺ ދެއްވި އިރު ޙަދީޘް ކުރެއްވި އެވެ: {كُلُّهَا فِي النَّارِ إِلَّا وَاحِدَة}، މާނައީ: "އެ ހުރިހައި ފިރުޤާއެއް ވަނީ ނަރަކައިގައެވެ. އެންމެ ފިރުޤާއެއް މެނުވީ އެވެ." އަދި ޙަދީޘްކުރެއްވި އެވެ: {مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ اليَوْم وَأَصْحَابِي}، މާނައީ: "އެބައިމީހުންނީ ތިމަން ނަބިއްޔާ އާއި ތިމަން ނަބިއްޔާގެ އަޞްޙާބު ބޭކަލުން މިއަދު ތިއްބެވި ގޮތާ އެއްފަދަ ގޮތަށް ތިބޭ މީހުންނެވެ."


    ފަހެ މި ޖަމާޢަތް މެނުވީ ކާމިޔާބުވާނެ ޖަމާޢަތެއް ނުވެ އެވެ. މި ޖަމާޢަތުގެ މަންހަޖަކީ: ރަސޫލާ ﷺ އާއި އެ ރަސޫލާގެ އަޞްޙާބު ބޭކަލުން އެމަގެއްގެ މަތީގައި ތިއްބެވި މަގެވެ. އެނޫން ކޮންމެ މަގަކީ ބައިބައި ކުރުވާނެ މަގެކެވެ. އަދި އެއްބައި ކުރުވާނެ މަގެއް ނޫނެވެ. الله تعالى ވަޙީ ކުރެއްވި އެވެ: وَّإِن تَوَلَّوْاْ فَإِنَّمَا هُمْ فِي شِقَاقٍ ]البقرة: 137[، މާނައީ: މާނައީ: "އަދި އެއުރެން އެނބުރި ފުރަގަސްދީފި ނަމަ، އެއުރެން ވާކަން ކަށަވަރީ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ."


    الإِمَام مَالِك رحمه الله ވިދާޅުވި އެވެ: {لَا يُصْلِحُ آخِرَ هَذِهِ الأُمَّةِ إِلَّا مَا أَصْلَحَ أَوَّلَهَا}(1) މާނައީ: "މިއުންމަތުގެ ކުރީ ކޮޅު އިސްލާހު ކުރުވި އެއްޗަކުން މެނުވީ މިއުންމަތުގެ ފަހު ކޮޅު އިސްލާހު ނުކުރުވާނެ އެވެ."


    އަދި الله تعالى ވަޙީ ކުރެއްވި އެވެ: وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ]التوبة: 100[، މާނައީ: "އެންމެ ފުރަތަމައިނުން (އީމާންވުމުގަ އާއި، ހިޖުރަކުރެއްވުމުގަ އާއި، ޖިހާދުކުރެއްވުމުގަ އާއި، اللهގެ ދީން ޤާއިމްކުރެއްވުމުގައި) އިސްވެވަޑައިގެންނެވި މުހާޖިރުންނާއި އަންޞާރުންނާއި، ހެޔޮ ގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުންނަށް الله ރުހިވޮޑިގެންވި އެވެ. އަދި އެއުރެން އެއިލާހަށް ރުހުނޫއެވެ. އަދި އެކަލާނގެ އެއުރެންނަށްޓަކައި ސުވަރުގެތައް ތައްޔާރުކުރެއްވި އެވެ." ފަހެ ސަލަފުއް ޞާލިހުންގެ މަންހަޖުގެ މަތީގައި ތިބެގެން މެނުވީ އެއްބައިވަންތަކަމެއް އަހަރުމެންނަކަށް ނޯންނާނެ އެވެ.

 

❆❆❆

ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س 94، ص225-227،  دار سحاب السلفية، الطبعة الخامسة 1432 ه

.....

(1) (މި ފުޓްނޯޓު ލިޔުއްވާފައިވަނީ މި ފަތުވާ ނަގާފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ.)  މިއަޘަރު އައިސްފައިވަނީ وَهْب بن كَيْسَان ގެ އަރިއަހުންނެވެ. وهب ގެ އަރިއަހުން ރިވާކުރެއްވީ الإمام مَالِك އެވެ. ބައްލަވާލައްވާ: التمهيد (23/10)، އެ ރިވާޔަތުގެ ތަފްސީލު ދިނުން އަހަރެންނަށް ފާއިތުވެގެން ހިނގައްޖެ އެވެ.