ސަލަފީ ދަޢުވަތާއި ސިޔާސަތު - الشيخُ سُلَيمَان الرُّحَيلي حفظه الله

ކެޓަގަރީ ޝަރުޢީ ސިޔާސަތު

"ހަމަކަށަވަރުން ޖުމްލަކޮށް ސިޔާސަތަކީ، ޔަޢުނީ : އެއީ ރައްޔިތުން ބެލެހެއްޓުމުގައިވާ އެކިއެކި ގޮތްތަކެވެ. އަދި ރައްޔިތުންނަށް ޙައްޤުތައް ހޯދައިދިނުމުގައި ޤާއިމްވެ ދެމިހުރުމެވެ. ފަހެ، މި މާނައިގައި ސިޔާސަތަކީ ދީނުގެ ބައެކެވެ. އެހެނަސް އަހަރުމެންގެ މިޒަމާނުގައި ސިޔާސަތަށް ކަންތައްތަކެއް ކަނޑައެޅިފައިވެ އެވެ. އަދި އެއަށް އެކިއެކި މަގުތަކެއްވެ އެވެ. އަދި ސިޔާސަތުގެ ތެރެއަށް އެތަކެއް ބައިވަރު ކަންތައްތަކެއް ވަނީ ވަދެފަ އެވެ. 
 

ފަހެ، އެހެންވުމުން ސަލަފީން ސިޔާސަތުގައި މަޝްޣޫލު ވުމަކީ ދީނުގައި ފުރިހަމައަށް ޤާއިމްވެވޭނެ ކަމެއް ނޫނެވެ. އަހަރެން ހަނދާނަށް އާދެ އެވެ. ސަލަފުންގެ މަންހަޖު އިޢުލާންކޮށްފައިވާ ބައެއް ޖަމުޢިއްޔާތަކުން ސިޔާސަތަށް ވަނުމަށް ބޭނުންވި ހިނދުގައި، އެބައިމީހުންގެ ތެރެއިން ބައެއް އަޚުން އަހަރެންގެ ގާތަށް އައެވެ. އަދި މި ވާހަތައް އަހަރެންނަށް ކިޔައިދިނެވެ. 
 

ފަހެ، އަހަރެން ބުނީމެވެ. "ﷲ ޤަންދީބުނަމެވެ. އަޚުންނޭވެ. އަހަރެން ދެކެނީ، ތިޔަބައިމީހުން ދީނުގައި ފުރިހަމައަށް ޤާއިމްވެ ހިފަހައްޓައިގެން ތިބުމާއި ސިޔާސަތުގެ ތެރެއަށް ވަނުން، މި ދެކަންތައް އެކުގައި ޖަމަޢައެއް ނުވާނެ އެވެ. އަދި ކިޔެއްތަ! މިއީ ދީނުގެ ކަންތައްތަކުގައި އަޑިއަޅައި ދާނެކަމެކެވެ. (ދީން ބަލިކަށިވެ، ދީންވެރިކަން ނެތިދާނެ ކަމެކެވެ.) ތިޔަބައިމީހުން ސިޔާސަތުގެ ތެރެއަށް ވަދެއްޖެ ހިނދުގައި އޭގައި ތިޔަބައިމީހުން މަޝްޣޫލުވެ އުޅޭ ބޮޑުމިނަކުން ތިޔަބައިމީހުން ދީނުގައި ބަލިކަށިވެގެންދާނެ އެވެ." ފަހެ، އެހެންވުމުން އަހަރެންގެ ނަޞޭޙަތަކީ މި ބާބުގެ ތެރެއަށް ނުވަނުމެވެ. މި ބާބު ތިޔަބައިމީހުން އެހެން މުސްލިމުންނަށް ދޫކޮށްލާށެވެ. އެމީހެއްގެ ފަރާތުން މި ބާބަށް އެއީ އެކަށޭނެ މީހެއް ކަމުގައި ފެންނަކަމަށް ތިޔަބައިމީހުން ދެކޭފަރާތްތައް އެކަމަށް ނަޞޭޙަތްތެރިވާށެވެ. އެހެނަސް ތިޔަބައިމީހުން ޢިލްމުހޯދުމުގައި، ޢިލްމު ފޯރުކޮށްދިނުމުގައި މަޝްޣޫލުވެ ދެމިތިބޭށެވެ." 

******
ފަތުވާ ނަގާފައިވަނީ : https://goo.gl/qxjvsK 

ޝެއިޚް ވިދާޅުވެފައިވާ ބަސްފުޅުގައި ވިސްނޭ މީހަކަށް ބޮޑުވެގެންވާ ޢިބްރަތެއްވެ އެވެ. ސިޔާސީ މައިދާނަށް ވަދެ އެ މައިދާނަށް ގެނބިގެންދާ މިންވަރަކަށް އެމީހެއްގެ ދީން ދަށްވެ، ދީނުން ދުރުވެގެންދެ އެވެ. މިއީ ފެންނަންއޮތް ޙަޤީޤަތެކެވެ. އިޞްލާޙު ކުރުމަށްޓަކައި ބުނެ އޭގެ ތެރެއަށް ވަދެ އެވެ. އެންމެ ފުރަތަމަ ބަދަލުވެގެންދަނީ ސިޔާސީ މައިދާނަށް ވަން މީހާ އެވެ. ބޭރު ސޫރަ ބަދަލުވެ އޭގެ އިތުރަށް އެތެރެ ސޫރަ ބަދަލުވެގެންދާ ދިއުމަކީ ފެންނަން އޮތް ސާފު ބަޔާނެކެވެ.