5  ޣީބަ ބުނާ ބައެއްގެ ގޮތުގައި ހިމެނިގެން ނުވާ 6 މީހުން - الشَّيْخُ محمد بن هادي المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޣީބަ ބުނާ ބައެއްގެ ގޮތުގައި ހިމެނިގެން ނުވާ 6 މީހުން - الشَّيْخُ محمد بن هادي المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ބިދުޢަވެރިންނަށް ރައްދުދިނުމާއި އިންޒާރު ދިނުން

ޝައިޚު ސުވާލު ވިދާޅުވަމުން: މި ސުވާލު ބުންޏެވެ. އަޅުގަނޑަށް ފަހުމެއް ނުވި އެވެ. "އިންޒާރު ދިނުމަކީ ޣީބައިގެ ތެރެއިންވާ ކަމެއްތޯ އެވެ؟" (ސުވާލުގައި އޮތީ) ހަމައެކަނި މިހެންނެވެ. އަޅުގަނޑަށް ފަހުމެއް ނުވި އެވެ. މާނައީ: "އެކަން ޣީބަ ބުނުމުގެ ތެރެއަށް ވަންނާނެތޯ އެވެ؟"


ޝައިޚު ޖަވާބު ދެއްވަމުން: ނޫނެކެވެ. ބާޠިލުގެ އަހުލުވެރިންނާ ބެހޭގޮތުން އިންޒާރު ދިނުމަކީ އެބާބުގެ ތެރެއިންވާ ކަމެއް ނޫނެވެ. އަދި އެއީ ޣީބަ ބުނުމުގެ ތެރެއަށް ވަންނާނެ ކަމެއް ނޫނެވެ. "القَدْحُ لَيْسَ بِغِيبَةٍ في سِتَّة." (1) މާނައީ: "އެބަޔަކު އައިބުބަސް ބުނުމުން އެއީ ޣީބަ ބުނާ ބައެއްގެ ގޮތުގައި ނުހިމެނޭ ހަ މީހެއްވެ އެވެ." القَدْحُ: އެބަހީ ޣީބަ ބުނުމެވެ. މީސްތަކުންނާ ބެހޭގޮތުން އައިބުބަސް ބުނުމުން އެއީ ޣީބަ ބުނާ ބައެއްގެ ގޮތުގައި ނުހިމެނޭ ހަ މީހެއްވެ އެވެ: އަނިޔާވެރިކަމުގެ ޝަކުވާ އުފުލާ މީހާއާއި، (ކާކުކަން އަންގައިދޭން) ތަޢާރަފްކޮށްދޭ މީހާއާއި، އިންޒާރު ދޭ މީހާ އެވެ. މިއީ ތިނެކެވެ. އަދި ފާސިގުކަމެއް ކަޝްފުކޮށް ބަޔާންކޮށްދޭ މީހާ އެވެ. އެބަހީ ފާސިޤުކަން ފާޅުކޮށްދިން މީހާ އެވެ. ފަތުވާ ހޯދަން ސުވާލު ކުރާ މީހާއާއި، މުންކަރާތެއް ނެތިކޮށްލަން އެހީތެރިކަމަށް އެދޭ މީހާ އެވެ. މި ހަ މީހުން ދައްކާ ވާހަކައީ ޣީބައިގެ ގޮތުގައި ނުބެލެވޭނެ އެވެ.


1) އަނިޔާވެރިކަމުގެ ޝަކުވާ އުފުލާ މީހާ: އޭނާ ބުނަނީ އަހަރެންނަށް މިވެނި މީހަކު އަނިޔާ ކޮށްފި އެވެ. ގާޒީ ކައިރިއަށް ގޮސް މައްސަލަ ހުށަހަޅަ އެވެ. ޝަކުވާ ކުރެ އެވެ. "އަހަންނަށް މިވެނި މީހަކު އަނިޔާ ކޮށްފިއޭ" ބުނެގެން މެނުވީ އޭނާގެ ޙައްޤަށް ވާސިލުވެވޭނެ ހެއްޔެވެ؟ އެހެން ބުނެގެން މެނުވީ އެއީ ކުޅަދާނަ ކަމެއް ނޫނެވެ. ފަހެ މި މީހާ އެހެން ބުނެފައިވަނީ އަނިޔާވެރިކަމުގެ ޝަކުވާ އުފުލުމަށެވެ.


2) (ކާކުކަން އަންގައިދޭން) ތަޢާރަފްކޮށްދޭ މީހާ: މިވެނި އެވެނި މީހަކީ ކޮބައިކަން އަންގައިދޭ މީހާ އެވެ. މިވެނި މީހެއްގެ ދަރި އެވެނި މީހެކެވެ. މީހުންނަށް އެއީ ކާކު ކަން ނޭނގުމުންނެވެ. އޭނާ (އަންގައިދިނުމަށް) ބުނެ އެވެ: "އޭ ބޭބެ އެވެ. ބޭބެއަށް ނޭނގޭ ހެއްޔެވެ؟ އެއީ މިވެނި ދަރިފަސްކޮޅެއްގެ ލޯ އަވަރު އަވަށްޓެރިއާ އެވެ." އޭނާ އަކީ ލޯ އަވަރު މީހެކޭ ތިބާ ބުނުމަށް އޭނާ އެދޭނެ ހެއްޔެވެ؟ ފަހެ، އެނަމުން ތިބާ އޭނާ ތަޢާރަފު ކޮށްދޭން އޭނާ ލޯބި ނުކުރި ކަމުގައިވީ ނަމަވެސް، އެ ސިފަ ބޭނުންކޮށްގެން އޭނާގެ ތަޢާރަފެއް ދިނުމަކީ ޣީބައެއް ނޫނެވެ. "ކޮރު މީހާ"، "ނޯށުން ވާހަކަ ދައްކާ މީހާ"، "ދޫ ބޭރަށް ނެރެ ވާހަކަ ދައްކާ މީހާ"، "ވާވެފައިވާ މީހާ"، މިފަދައިންނެވެ. އޭނާ މިކަމަކަށް ނުއެދޭނެ އެވެ. އެހެން ނަމަވެސް އޭނާގެ ތަޢާރަފެއް ދިނުމަށްޓަކައި އެކަން ކުރުމަށް މަސްލަހަތު އޮވެ، އެކަމަށް ހާޖަތްޖެހިގެންވާތީ އެވެ. އެ ނަމުން މެނުވީ މީސްތަކުންނަށް އޭނައެއް ނޭނގެ އެވެ. އަދި ފަހަރެއްގައި ބައެއް މީހުންގެ އާއިލާތަކުގައި އެ ނަން ލަގަބެއްގެ ގޮތުގައި ބަދަލުވެގެންދެ އެވެ. "ބީރު މީހާގެ ގެ"، "ކޮރު މީހާގެ ގެ"، މިފަދައިންނެވެ. ފަހެ އޭގެ ބޭރުފުށުން ފެންނަ ސޫރަ އަކީ ޣީބަ ކަމުގައިވީ ނަމަވެސް، އެއީ ޣީބައިގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. މީސްތަކުން އެކަމަށް ހާޖަތް ޖެހިފައިވުމުން އެގޮތަށް ބުނީ އެވެ.


3) އިންޒާރު ދޭ މީހާ: އޭނާއަށް ތިބާ ފެނުނީ އެވެނި މީހަކާ އެކީ ހިނގައިފައި ދަނިކޮށެވެ. އަދި އޭނާއަށް އެއީ ކާކުކަން އެނގެ އެވެ. އޭނާ ބުނެ އެވެ: "ތިބާ އެވެނި މީހަކާ އެކުގައި ގޮސްފައި އަންނަތަން، ގޮސްފައި އަންނަތަން، (އެބަހީ އެކުގައި އުޅޭތަން) އަހަންނަށް ފެނެ އެވެ. ތިބާ ތިޔަ އުޅެނީ الله ގެ އިރާދަފުޅާ އެކު ވިޔަފާރީގައި އޭނައާ އެކީ ބައިވެރިވާން ހެއްޔެވެ؟" އަނެކާ ބުނެ އެވެ: "الله ގަންދީ ބުނަމެވެ. ތިބާ ޙަޤީޤަތަށް ވާސިލުވެއްޖެ އެވެ. އަހަރުމެން މަޝްވަރާ ކުރަނީ الله ގެ އިރާދަފުޅާ އެކީ ދެމީހުން ވެގެން ކަމެއް ފަށާށެވެ." އޭނާ ބުނެ އެވެ: "އޭނާއާ މެދު ތިބާ އިންޒާރު ލިބިގަންނާށެވެ. ތިޔައީ ކުރަން ހެޔޮކަމެއްގެ ގޮތުގައި އަހަންނަކަށް ނުފެނެ އެވެ. އޭނާ އަކީ ބޮޑު ޚިޔާނަތްތެރިއެކެވެ." މިއީ ނަސޭހަތުގެ ބާބުގެ ތެރެއިންވާ ކަމެކެވެ. އޭނާ އަކީ އިންޒާރު ދޭ މީހެކެވެ. ތިބާއަށް ނަސޭޙަތެއްގެ ގޮތުން އޭނާ އިންޒާރުދެ އެވެ. (ޙަދީޘްގައިވެ އެވެ:) {الدِّينُ النَّصِيحَةُ}. قُلْنَا: لِمَنْ يَا رَسُولَ اللهِ؟ قَالَ: {للهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ المُسْلِمِينَ وَعَامَّتِهِم}(2)، މާނައީ: "ދީނަކީ ނަސޭޙަތެވެ." ތިމަން ޞަޙާބީން ދެންނެވީމެވެ: "އޭ الله ގެ ރަސޫލާ އެވެ. އެއީ ކާކަށްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ: " الله އަށެވެ. އަދި އެއިލާހުގެ ފޮތަށެވެ. އަދި އެއިލާހުގެ ރަސޫލާ އަށެވެ. އަދި މުސްލިމުންގެ އިމާމުންނަށެވެ." – އެބަހީ މުސްލިމުންގެ ވެރިންނަށެވެ.- "އަދި މުސްލިމުންގެ އާންމުންނަށެވެ." އަދި މިއީ މުސްލިމުންގެ އާންމުންގެ ތެރެއިންވާ މީހެކެވެ. ތިބާގެ އަޚާ އެވެ. ތިބާއަށް އެނގިހުއްޓައި، އޭނާއަށް މީހެއްގެ ފަރާތުން ކެހިވެރިކަން ލިބެން އުޅޭ ނަމަ، ކޮންމެހެންވެސް ތިބާ އޭނައާ މެދު އިންޒާރުދޭން ޖެހޭނެ އެވެ.


4) ފާސިޤުކަމެއް ކަޝްފުކޮށް ބަޔާންކޮށްދޭ މީހާ: މިއީ ހަތަރުވަނަ މީހާ އެވެ. އެއީ ފާފަތައް ފާޅުގައި ކުރާ މީހާ އެވެ. އަވަށުގައި، ނުވަތަ ރަށުގައި، ނުވަތަ ޤައުމުގައިވާ އެންމެންނަށް އެއީ މުޖްރިމެއްކަން އެނގެ އެވެ. (މިސާލަކަށް) ޑްރަގާއި ފަތުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. ނުވަތަ ފާސިޤު ކަމާއި، ފާޖިރުކަމުގެ ތެރެއިންވާ މީހެކެވެ. މިކަން އޭނާގެ ކިބައިން އެނގެ އެވެ. ފަހެ މިފާސިޤުކަން ފާޅުކުރި މީހާއާ ބެހޭގޮތުން ތިބާ އިންޒާރު ދިނުމުން، ތިބާ އަކީ އޭނާއާ މެދު ޣީބަ ބުނާ މީހެއްގެ ގޮތުގައި ނުބެލެވޭނެ އެވެ. ހަމަކަށަވަރުން ތިބާ އިންޒާރު ދެނީ އެވެ. ސަބަބަކީ، އެ އިންސާނާގެ ހާލަތު ނޭނގޭ މީހާއަށް އޭނާއާ ބެހޭގޮތުން އިންޒާރު ދިނުން ތިބާގެ މައްޗަށް ނަސޭހަތް ވާޖިބު ކުރުވާފައިވާތީ އެވެ. ފަހެ މިއީ، ތިބާއަށް އޭގެ ސަބަބުން އަޖުރު ލިބޭނެ ނަސޭހަތުގެ ތެރެއިންވާ ކަމެކެވެ.


5) ފަތުވާ ހޯދަން ސުވާލު ކުރާ މީހާ: ތިބާ ފަތުވާދޭ ޢިލްމުވެރިއެއް ކައިރިއަށް ދަނީ އެވެ. ފަހެ ތިބާ ބުނެ އެވެ: "ޝައިޚު އެވެ. ހަމަކަށަވަރުން އަޅުގަނޑުގެ ބައްޕަ، މިވެނި އެވެނި މިވެނި ކަމެއް ކޮށްފި އެވެ. ނުވަތަ ހަމަކަށަވަރުން އަޅުގަނޑުގެ ބޭބެ، އެވެނި މިވެނި ކަމެއް ކޮށްފި އެވެ." ތިބާއާ މެދު އޭނާ ކޮށްގެން ނުވާނެ ކަމެއްގެ ވާހަކަ އެވެ. "ފަހެ މިއީ ޝަރުޢީ ގޮތުން ހުއްދަ ކަމެއްތޯ އެވެ؟" އެހިނދު މުފްތީ ފަތުވާ ދެއްވާނެ އެވެ. هِنْدُ بِنْتُ عٌتْبَة رضي الله هنها، معاوية رضي الله هنه ގެ މަންމާފުޅު ވިދާޅުވި އެވެ: : "يَا رَسُولَ اللَّهِ إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ لَا يُعْطِينِي مَا يَكْفِينِي وَوَلَدِي" މާނައީ: "އޭ الله ގެ ރަސޫލާ އެވެ. ހަމަކަށަވަރުން أَبو سُفْيَانَ އަކީ ދަހިކަން ބޮޑު މީހެކެވެ. ތިމަން ކަމަނާއާއި ތިމަން ކަމަނާގެ ދަރިފުޅަށް ފުދޭ މިންވަރަށް ތިމަން ކަމަނާ އަތަށް އޭނާ ނުދެ އެވެ." ފަހެ އެހިނދު ނަބިއްޔާ ﷺ އެކަމަނާއަށް ޙަދީޘް ކުރެއްވި އެވެ: {خُذِي مَا يَكْفِيكِ وَوَلَدَكِ بِالْمَعْرُوفِ}(3) މާނައީ: "ތިކަމަނާއަށާއި ތިކަމަނާގެ ދަރިފުޅަށް ހެޔޮގޮތުގައި ފުދޭ މިންވަރަށް ނަންގަވާށެވެ." އެ ފިރިހެނާ އަކީ މުށް ބާރު، ނުވަތަ ދަހި މީހެކޭ ބުނަން އޭނާ ލޯބި ކުރާނެ ހެއްޔެވެ؟ އަދި ރިވާޔަތެއްގައިވެ އެވެ: {مِسِّيك} މާނައީ: "ދަހި މީހެކެވެ." ފަހެ ނަބިއްޔާ ﷺ އެކަމަނާއަށް ޙަދީޘް ކުރެއްވި އެވެ: {خُذِي} މާނައީ: "ނަންގަވާށެވެ." މިއީ ފަތުވާއަކަށް އެދިލެއްވުން ނޫންތޯ އެވެ؟ އެކަމަނާ ވަޑައިގަތީ ފަތުވާ ހޯއްދެވުމަށެވެ. ވިދާޅުވި އެވެ: 'ތިމަން ކަމަނާއަށް ނުދެ އެވެ. އަދި އޭނާގެ ފައިސާ ތިމަން ކަމަނާގެ އަތުގައި ގޭގައި އެބަ ހުއްޓެވެ. ތިމަން ކަމަނާ އަކީ އޭނާގެ އަނބިމީހާ އެވެ.' އެ ނަގަން އެކަމަނާއަށް ކުޅަދާނަވެގެންވެ އެވެ. 'އަދި އޭނާ އަކީ ތިމަން ކަމަނާއަށް ފުދޭ މިންވަރަށް ދޭ މީހެއް ނޫނެވެ.' އޭނާ އަކީ ދަހި މީހެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ. ފަހެ މިތަނުގައި މިސިފަކުރުމަކީ ޣީބައެއް ނޫނެވެ. އެއީ އެސިފަކުރުން އައިސްފައިވަނީ ފަތުވާއަކަށް އެދުމުގެ މަގާމުގައިކަމަށް ވާތީ އެވެ. ޙުކުމަކާ ހަމައަށް ވާސިލުވުމަށްޓަކައެވެ. ހުއްދަތޯ ނުވަތަ ހުއްދަ ނޫންތޯ އެވެ؟ ފަހެ ނަބިއްޔާ ﷺ އެކަމަނާއަށް ފަތުވާ ދެއްވި އެވެ.


6) މުންކަރާތެއް ނެތިކޮށްލަން އެހީތެރިކަމަށް އެދޭ މީހާ: އެބަހީ ކަމާބެހޭ ފަރާތްތަކަށް ގޮސް އެދުމެވެ. ނުވަތަ ވެރިންނާއި، ޢިލްމުވެރިންނާއި، ވިސްނުމާއި، ޢިލްމާއި، ކަމުގެ އަހުލުވެރިންނާއި، އަމުރުކުރުމާއި މަނާކުރުމުގެ ބާރު އޮތް މީހުންގެ ގާތަށް ގޮސް އެދުމެވެ. އޭނާ ބުނެ އެވެ: "އަހަރުމެންގެ ކައިރީގައި މިހާރު ފާޖިރު ބަޔަކު އެބަ އުޅެ އެވެ. ރާ ބުއިމާއި، ލަވަޖެހުމާއި، އެނޫން ކަންތައް ކޮށް އަހަރުމެންނަށް އުނދަގޫ ކުރަނީ އެވެ." ފަހެ މިފަދައިން އެބައިމީހުން ސިފަކޮށްދެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭނާ ބޭނުންވަނީ އެމީހުން އިއުލާން ކުރި މުންކަރާތް ނެތިކޮށްލަންށެވެ. ފަހެ، މިމީހާ ވަނީ މުންކަރާތް ނެތިކޮށްލަން އެހީތެރިކަމަށް އެދިފަ އެވެ. އަދި އޭގެ ބޭރުފުށުން ފެންނަނީ ޣީބަ ކަމުގައިވީ ނަމަވެސް އެއީ ޣީބައިގެ ތެރެއިންވާ ކަމެއް ނޫނެވެ. ފަހެ އެކަންތައް ނުބައިވެގެންވާ ޣީބަ ބުނުމުގެ ތެރެއަށް ނުވަންނާނެ އެވެ.


◇  ◇  ◇
ފަތުވާ ނަގާފައިވަނީ: كتاب الجامع من بلوغ المرام، މި ފޮތް ޝަރަހަ ކުރެއްވުމުގެ ފަސް ވަނަ ދަރުހުގައި ޝައިޚަށް ކުރެވިފައިވާ ސުވާލަކުން.
ދަރުހުގެ އޯޑިއޯ ލިންކް: http://goo.gl/oz0s8z
ސުވާލުގެ އޯޑިއޯ އަދި ޓްރާންސްކްރިޕްޓްގެ ލިންކް: http://goo.gl/0aHb4W

 

--------------------------------------

(1) މިތަނުގައި ޝައިޚު އެ އިޝާރަތް ކުރައްވަނީ ޅެންވެރިޔާގެ ބަސްކޮޅަށެވެ:
القَـــدْحُ لَــيْـسَ بِغِيبَةٍ فِـي سِـــتَّةٍ             مُـــتَظَلِّمٍ وَمُعَـــرِّفٍ وَمُـــــحَـــذِّرِ
وَمُجَاهِرٍ فِسْقاً وَمُسْتَفْتٍ وَمَــن             طَلَبَ الإِعَانَةَ فِي إِزَالَةِ مُنْكَرِ
މާނައީ: "އެބަޔަކު އައިބުބަސް ބުނުމުން އެއީ ޣީބަ ބުނާ ބައެއްގެ ގޮތުގައި ނުހިމެނޭ ހަ މީހެއްވެ އެވެ: އަނިޔާވެރިކަމުގެ ޝަކުވާ އުފުލާ މީހާއާއި، (ކާކުކަން އަންގައިދޭން) ތަޢާރަފްކޮށްދޭ މީހާއާއި، އިންޒާރު ދޭ މީހާ އެވެ. އަދި ފާސިގުކަމެއް ކަޝްފުކޮށް ބަޔާން ކޮށްދޭ މީހާ އާއި، ފަތުވާ ހޯދަން ސުވާލު ކުރާ މީހާއާއި، މުންކަރާތެއް ނެތިކޮށްލަން އެހީތެރިކަމަށް އެދޭ މީހާ އެވެ."

(2) ރިވާކުރެއްވީ: مسلم في كتاب الإيمان، باب بيان أن الدين النصيحة، برقم (55)، والبخاري معلقا في كتاب الإيمان، باب قول النبي  {الدين النصيحة، لله ولرسوله ولأئمة المسلمين وعامتهم}.
(3) ރިވާކުރެއްވީ: البخاري في كتاب النفقات، باب إذا لم ينفق الرجل فللمرأة أن تأخذ بغير علمه ما يكفيها وولدها بالمعروف، برقم (5364)، ومسلم في كتاب الأقضية، باب قضية هند، برقم (1714)، وأبو داود في كتاب البيوع/كتاب الإجارة، باب في الرجل يأخذ حقه من تحت يده، برقم (3532)، وابن ماجه في كتاب التجارات، باب ما للمرأة من مال زوجها، برقم (2293).

 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...