5 ފިޠުރު ޒަކާތް ފައިސާއިން ދިނުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމާއި އަދި އެފަދައިން ފައިސާ ދިނުމުން ފިޠުރު ޒަކާތް ދިން ކަމުގައި ނުވާނެކަން ރޯދަވެރިންގެ ސަމާލުކަމަށް ގެނައުން - الشَّيْخُ عَبْدُ القَادِرالجُنَيْد حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިޠުރު ޒަކާތް ފައިސާއިން ދިނުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމާއި އަދި އެފަދައިން ފައިސާ ދިނުމުން ފިޠުރު ޒަކާތް ދިން ކަމުގައި ނުވާނެކަން ރޯދަވެރިންގެ ސަމާލުކަމަށް ގެނައުން - الشَّيْخُ عَبْدُ القَادِرالجُنَيْد حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ފިތުރު ޒަކާތް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


  فضيلة الشَّيْخُ عَبْدُ القَادِر بِن مُحمَّد بن عَبد الرَّحْمن الجُنَيْد حفظه الله

ފިޠުރު ޒަކާތް ފައިސާއިން ދިނުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމާއި އަދި އެފަދައިން ފައިސާ ދިނުމުން ފިޠުރު ޒަކާތް ދިން ކަމުގައި ނުވާނެކަން ރޯދަވެރިންގެ ސަމާލުކަމަށް ގެނައުން 

الحَمد لله رب العالمين، والصلاة والسلام على خاتم النبيين، وعلى آله وأصحابه أجمعين

އެއަށްފަހުގައި ބުނަމެވެ. އޭ އެންމެހައި ހެޔޮވިސްނުމުގައިވާ ޝަރަފުގެ އަހުލުވެރިންނޭވެ. މަރު ބައްދަލު ކުރުމާ ހަމައަށް ސުންނަތުގައި ޤާއިމްވެ ދެމިތިބުމުގެ މަތިވެރިކަން ﷲ ތިޔަބައިމީހުންނަށް ދެއްވާނދޭވެ. ޢާންމު މުސްލިމުންގެ މެދުގައި އިންތިހާއަށް ފެތުރިފައިވާ ކަންތަކުގެ ތެރޭގައި "ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ދިނުން" ވެ އެވެ. މިގޮތުން އެބައިމީހުން ކެއުމަށް ބޭނުންކުރާ ބާވަތްތައް އަގުކޮށް، ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ނެރެ އެވެ. ފަހެ، އެގޮތުން އެބައިމީހުންގެ ޤައުމުގެ ފައިސާ ކަމުގައިވާ، ދިރުހަމުން ނުވަތަ ދީނާރުން ނުވަތަ ރިޔާލުން ނުވަތަ ޖުނައިޙް ނުވަތަ މި ނޫންވެސް ފައިސާއަކުން ނެރެ، އެފައިސާ ފަޤީރުންނަށާއި މިސްކީނުންނަށް ދެއެވެ. މި ޢަމަލަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި ގިނަ ޢިލްމުވެރިންގެ އަރިއަހުގައި މިފަދައިން ޒަކާތް ދޭ މިހާ، ޒަކާތް ނެރުނު ކަމުގައިވެސް ނުވާނެ އެވެ.

القَاضِي عِيَاض اليحصبي المالِكِي رحمه الله ލިޔުއްވާފައިވާ ފޮތް إِكْمَال المعلم بفوائد مسلم (3-482) ގައި ވިދާޅުވެފައިވެ އެވެ. "ފިޠުރު ޒަކާތް އޭގެ އަގުން ނެރުން ޢާންމުކޮށް ޢިލްމުވެރިން ހުއްދަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް أَبُو حَنِيْفَة އެކަން ހުއްދަ ކުރެއްވި އެވެ."


عون الدين ابن هبيرة الشيبانيّ الحنبلي رحمه الله ލިޔުއްވާފައިވާ ފޮތް الإفصاح (1-214) ގައި ވިދާޅުވެފައިވެ އެވެ. "أَبُو حَنِيْفَة ފިޔަވައި އެހެން އެންމެހައި ޢިލްމުވެރިން ފިޠުރު ޒަކާތް އޭގެ އަގުން ދިނުން ހުއްދަވެގެން ނުވާކަމުގައި އިއްތިފާޤުވެގެންވެ އެވެ. ފަހެ، أَبُو حَنِيْفَة ވިދާޅުވެފައިވެ އެވެ. އެކަން ހުއްދަ އެވެ."
މި ބަސްފުޅަކީ މިކަމުގައި ޞައްްޙަ ބަސްފުޅުކަމާއި އަދި ޙައްޤުކަމުގައި އަދި ހެޔޮބަސްފުޅުކަން، ގިނަ ގޮތްތަކުން ބަޔާންވެ އެވެ.


ފުރަތަމައީ: އިމާމް البُخَاري (1503) އަދި އިމާމް مُسلم (984) ، عَبْد الله بِن عُمر رضي الله عنهما ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. ابن عمر ވިދާޅުވި އެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ) "މުސްލިމުންގެ ތެރޭގައިވި އެންމެހައި އަޅުންނާއި މިނިވަނުންގެ މައްޗަށް، ފިރިހެނުންނާއި އަންހެނުންގެ މައްޗަށް އަދި ކުދި ބޮޑު އެންމެންގެ މައްޗަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަދުރުން ޞާޢު އެއްގެ މިންވަރުން ފިޠުރު ޒަކާތް ފަރުޟު ކުރެއްވި އެވެ. ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު ފަރުޟު ކުރެއްވި އެވެ."


البُخَاري (1507) އަދި مُسلم (984) ރިވާކުރައްވާފައިވާ އެހެން ލަފްޟެއްގައިވެ އެވެ. (أَمَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِزَكَاةِ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ) "ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ކަދުރުން ޞާޢު އެއްގެ މިންވަރުން ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރުން ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ."


މި ޙަދީޘުން ބަޔާންވެގެންވާ ދަލީލު : ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ނެރުމަށް އަމުރުފުޅުކުރައްވާ އަދި ފަރުޟު ކުރެއްވީ ކާބޯތަކެތީންނެވެ. އޭގެ އަގަށްވާ ނަޤުދު ފައިސާއިންނެއް ނޫނެވެ. ފަހެ، ފަރުޟު ކުރެއްވުނުގޮތާއި ޚިލާފްވެ، ނަޤުދު ފައިސާ ނެރެފި މީހާ ވަނީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަމުރުފުޅާ ޚިލާފްވެފަ އެވެ. އަދި ފަރުޟު ކުރެވުނު ގޮތާ ޚިލާފްވެގެންނެވެ.


ދެވަނައީ: އިމާމް أبو داود (1609) އަދި އިމާމް ابن ماجه (1827) އަދި އެނޫންވެސް ޢިލްމުވެރިންގެ އަރިއަހުގައި ސާބިތުވެފައިވާ عبدُ اللَّهِ بن عبَّاس  رضي الله عنهما ގެ އަރިއަހުން ވާރިދުވެފައިވާ ރިވާޔަތެވެ. އެ ރިވާޔަތުގައި   عبدُ اللَّهِ بن عبَّاس  رضي الله عنهما  ވިދާޅުވިއެވެ. (( فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ )) [ރޯދައަށް ހުރި ހިނދުގައި ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްގެ ގޮތުގައި އަދި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟު ކުރެއްވިއެވެ.]


މި ޙަދީޘުން ބަޔާންވެގެންވާ ދަލީލު : ހަމަކަށަވަރުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައެވެ. ކެއުމެއްގެ ގޮތުގައިވާނީ ކެއުމަށް ފުދޭނެ އެއްޗެކެވެ. އަދި އެ (ފިޠުރު ޒަކާތް) ފައިސާއިން ނެރުމުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރެއްވި ގޮތް (ބަދަލުވެ) ނެތިވެގެން ދެއެވެ. އެހެނީ، ފަހަރެއްގައި ކެއުމަށްޓަކައި، ނުވަތަ ފޯނުން ވާހަކަ ދެއްކުމަށްޓަކައި، ނުވަތަ ސިނގިރެޓް ބުއިމަށްޓަކައި، ނުވަތަ ހެދުމެއް ގަތުމަށްޓަކައި، ނުވަތަ ކުޅޭ އެއްޗެއް ގަތުމަށްޓަކައި، ނުވަތަ ސިނަމާއަށް ދިޔުމަށްޓަކައި ނުވަތަ އެނޫންވެސް ކަމަކަށްޓަކައި ފަޤީރު މީހާ އެ ފައިސާގެ ބޭނުން ކޮށްފާނެއެވެ.
ތިންވަނައީ: ހަމަކަށަވަރުން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި ޢަމަލު ކުރެވުނު ގޮތަކީ ފިޠުރު ޒަކާތް ކާބޯތަކެތިން ނެރުމެވެ. އަދި ހިދާޔަތް ލިބިގެންވީ خُلَفَاءُ الرَّاشِدُون ގެ ހަތަރު ޚަލީފާއިން ކަމުގައިވާ أَبُو بَكر، عُمَر، عُثْمَان އަދި علي رضي الله عنهم ގެ ޒަމާންތަކުގައިވެސް، އަދި އެ ޒަމާންތަކުގައި އުޅުއްވި އެހެން ޞަޙާބީންނާއި އަދި އޭގެ ފަހުން އުޅުއްވި ޞަޙާބީންވެސް ޢަމަލު ކުރެއްވީ އެގޮތަށެވެ.


އެ ޞާޙާބީން رضي الله عنهم ގެ ތެރެއިން އެއްވެސް ޞަޙާބީއަކު ކާބޯތަކެތީގެ ބަދަލުގައި އެތަކެތީގެ އަގަށްވާ ނަޤުދު ފައިސާ ފިޠުރު ޒަކާތުގެ ގޮތުގައި ނެރުއްވި ކަން އެނގޭކަށް ނެތެވެ!


އަދި ހަމަކަށަވަރުން އިމާމް البخاري (1506) އަދި އިމާމް مسلم (985) ގެނެސްދެއްވާފައިވާ أَبُو سَعِيد الْخُدْرِي رضي الله عنه ގެ ރިވާޔަތުގައި ވެއެވެ. أَبُو سَعِيد الْخُدْرِي رضي الله عنه ވިދާޅުވިއެވެ. (( كُنَّا نُخْرِجُ زَكَاةَ الْفِطْرِ صَاعًا مِنْ طَعَامٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ أَقِطٍ، أَوْ صَاعًا مِنْ زَبِيبٍ ))  "ކާބޯތަކެތީގެ ތެރެއިން ޞާޢު އެއްގެ މިންވަރު، ނުވަތަ ގޮދަނުގެ ތެރެއިން ޞާޢު އެއްގެ މިންވަރު، ނުވަތަ ކަދުރުން ޞާޢު އެއްގެ މިންވަރުން، ނުވަތަ ހިކި ޗީޒުގެ ތެރެއިން ޞާޢު އެއްގެ މިންވަރު، ނުވަތަ ހިކި މޭބިސްކަދުރުގެ ތެރެއިން ޞާޢު އެއްގެ މިންވަރު ފިޠުރު ޒަކާތުގެ ގޮތުގައި އަހަރެމެން ނެރެ އުޅުނީމުއެވެ."


އަދި އިމާމް مسلم ގެ ލަފްޒުގައި ވެއެވެ. (( كُنَّا نُخْرِجُ زَكَاةَ الْفِطْرِ وَرَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِينَا، عَنْ كُلِّ صَغِيرٍ وَكَبِيرٍ، حُرٍّ وَمَمْلُوكٍ، مِنْ ثَلَاثَةِ أَصْنَافٍ: صَاعًا مِنْ تَمْرٍ، صَاعًا مِنْ أَقِطٍ، صَاعًا مِنْ شَعِيرٍ، فَلَمْ نَزَلْ نُخْرِجُهُ كَذَلِكَ، حَتَّى كَانَ مُعَاوِيَةُ: فَرَأَى أَنَّ مُدَّيْنِ مِنْ بُرٍّ تَعْدِلُ صَاعًا مِنْ تَمْرٍ، فَأَمَّا أَنَا فَلَا أَزَالُ أُخْرِجُهُ كَذَلِكَ )) "އަހަރެމެންގެ ތެރޭގައި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ހުންނަވަނިކޮށް، ކުދި ބޮޑު އެންމެންގެ ކިބައިންނާއި، އަދި މިނިވަނުންނަށާއި އަޅުންގެ ކިބައިން ފިޠުރު ޒަކާތުގެ ގޮތުގައި 3 ބާވަތެއް ނެރެ އުޅުނީމުއެވެ. އެއީ ހިކި ކަދުރުން ޞާޢު އެއްގެ މިންވަރާއި، ހިކި ޗީޒުން ޞާޢު އެއްގެ މިންވަރާއި، ގޮދަނުން ޞާޢު އެއްގެ މިންވަރެވެ. އަހަރެމެން އެފަދައިން އެ (ފިޠުރު ޒަކާތް) ނެރުމުގައި معاوية رضي الله عنه (ގެ ޚިލާފަތާ) ޖެހެންދެން ދެމި ތިބީމުއެވެ. معاوية رضي الله عنه  ދެކެވަޑައިގެންނެވި ގޮތުގައި ފުށުގެ ތެރެއިން 2 މުއްދު، ހިކި ކަދުރުގެ ތެރެއިން ޞާޢު އަކާ އެއްވަރު ވެގެންވެއެވެ. އެހެނަސް އަހަރެން އެފަދައިން (އެބަހީ: އިސްވެ ބަޔާންކުރެވުނު 3 ބާވަތުން) އެ (ފިޠުރު ޒަކާތް) ނެރުމުގައި ދެމި ހުރީމެވެ."


އަދި ދިރުހަމާއި ދީނާރު ހުރި ޙާލުގައި ވެސް، ޞަޙާބީން ފިޠުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތި ނެރުއްވުމުގައި ދެމި ތިއްބެވިއެވެ. ފަޤީރުން ނަޤުދު ފައިސާއަށް ނުހަނު ބޮޑަށް ޙާޖަތް ދެހިފައިވާކަން އެ ޞަޙާބީންނަށް އެނގިވަޑައިގެން ތިއްބެވި ޙާލުގައިވެސް ފިޠުރު ޒަކާތް ކާބޯތަކެތިން ނެރުއްވުމުން އެކަމުން ދަލީލު ކޮށްދެނީ ކާބޯތަކެތިން ނޫން އެހެން އެއްޗަކުން އެ ޒަކާތް ނެރެގެން ނުވާނޭ ކަމެވެ.


އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ އަށް އީމާންވެ، އަދި އާޚިރަތް ދުވަހަށް އީމާންވާ މުއުމިނު އަޅެއްގެ ގާތުގައި އެންމެ ހެޔޮވެގެންވާ ހިދާޔަތެއް ކަމުގައި ވާނީ مُحَمَّد بن عَبْدِ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހިދާޔަތެވެ. އަދި އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީން رضي الله عنهم ގެ ހިދާޔަތެވެ.


ހަތަރުވަނައީ: الْقاضِي عَبْد الوَهَّاب الْبَغْدَادِي الْمَالِكِي رحمه الله ލިޔުއްވި ފޮތް "الإِشْرَافُ عَلَى نُكَتِ مَسَائِلِ الْخِلَافِ" (1/391) ގައި ވިދާޅުވެފައިވެއެވެ.
"އެހެނީ ހިކި ކަދުރުން ޞާޢު އެއްގެ މިންވަރު، ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު، ނުވަތަ ހިކިމޭބިސްކަދުރުން ޞާޢު އެއްގެ މިންވަރު ނެރުމަށް އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރެއްވި ކުރެއްވުމުގައި 2 ދަލީލެއް ވެއެވެ.


ފުރަތަމައީ: (ވަކިގޮތަކަށް އެކަން) ޢައްޔަން ކުރެވިފައިި ވުމުން އެއިން ދޭހަވަނީ ޙަތުމް ވެފައި ވުމެވެ. (އެއަށް އުނި އިތުރުގެނެސް ބަދުކުރުން ނެތް ކަމެވެ.)
ދެވަނައީ: ހަމަކަށަވަރުން އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އެކި ތަފާތު ނަންތަކަކާއި ކާބޯތަކެތީގެ ތެރެއިން ބާވަތްތަކެއްގެ މައްޗަށް ނައްޞު ގެނެސް ދެއްވާފައެވެ. އޭގެ އަގަށް ބެލޭކަމުގައި ވާނަމަ، އެކަމަކަށް (އެ ނައްޞުތަކުން) މާނައެއް ދޭހަ ނުވެއެވެ. އެހެނެއްކަމަކު އެހެން އެއްޗަކާ ނުލައި އެންމެ ކަމެއްގެ މައްޗަށް ނައްޞު ގައި ވަނީ ފުއްދާލާފައެވެ. އަދި އެހެނީ (ކާބޯތަކެތީގެ) އަގު (ފިޠުރު ޒަކާތުގެ ގޮތުގައި) ނެރުމަކީ ނައްޞުތައް ދޫކޮށްލުމެވެ."
މިތަނުގައި "ޙަތުމް ވެފައި" ވުމޭ އެ ވިދާޅުވާ ބަހުގެ މާނައަކީ ވާޖިބުވެފައި ވުމެވެ.


ޝާފިޢީ މަޒްހަބުގެ ފިޤުހު ޢިލްމުވެރިއެއް ކަމުގައިވާ أَبُو سُلَيْمَان الْخَطَّابِي الْبُسْتِي رحمه الله ލިޔުއްވި ފޮތް "مَعَالِمُ السُّنَنِ" (2/51) ގައި ވިދާޅުވެފައިވެއެވެ. "ޙަދީޘުން (ފިޠުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީގެ) އަގު (ފައިސާ އިން ނެރުން) ހުއްދަވެގެން ނުވާ ކަމަށް ދަލީލު ލިބެއެވެ. އެހެނީ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ (ކާބޯތަކެތީގެ ތެރެއިން) އެ ތަކެތީގެ އަގުތައް ތަފާތު ވެގެންވާ ބާވަތްތަކެއް ޛިކުރު ކުރަށްވާފައެވެ. އެއިން ދަލީލުކޮށްދެނީ އޭގެ މުރާދަކީ ސީދާ އެ ތަކެތި ކަމެވެ. އެތަކެތީގެ އަގެއް ނޫން ކަމެވެ."


ފަސްވަނައީ: ހަމަކަށަވަރުން ފިޠުރު ޒަކާތް ނެރުމަކީ މުސްލިމުންގެ ރަށްތަކުގައި ރަމަޟާން މަސް ނިމުމާއެކު އަދާ ކުރެވޭ ފާޅުކަން ބޮޑު ޝިޢާރެކެވެ. އެ ޒަކާތުގެ ކަންތައްތައް މުސްލިމުންގެ ބާޒާރުތަކުގައްޔާއި، މުސްލިމުންގެ މަގުތައްމަތީގައި ފާޅުވެއެވެ. އަދި އޭގެ ވާހަކަ އެއްބަޔަކު އަނެއް ބަޔަކަށް އަޑު އިއްވައި އުޅެއެވެ. އަދި މުސްލިމުންގެ ކުދި ބޮޑު އެންމެންނާއި، ފިރިހެނުންނާއި އަންހެނުންނަށް އެ (ޒަކާތް ނެރެވި ބަހާލެވޭ) މަންޒަރު ފެނިގެން ދެއެވެ. މީގެ ބަދަލުގައި އެ ޒަކާތް ނަޤުދު ފައިސާ އިން ނެރެވޭ ކަމުގައި ވާނަމަ އެ ކަންތައްތައް މުސްލިމުންގެ މެދުގައި ފޮރުވިގެން ދާނެއެވެ. އަދި އެއާއެކު އެ ޒަކާތުގެ ޙުކުމްތަކާ މެދުގައި މީސްތަކުން ޖާހިލުވެ އެ ޒަކާތާ މެދު އިހާނާތްތެރިކޮށް ހިތުމަށް (ފަރުވާ ކުޑަވެގެން ދިއުމަށް) މަގުފަހިވެގެން ދާނެއެވެ.


ހަވަނައީ: ފިޠުރު ޒަކާތް ނަޤުދު ފައިސާ އިން ނެރުން ހުއްދަ ކުރާ މީހާއަށް އޭނާގެ ބަސް ވަރުގަދަ ކޮށްދޭނޭ ފަދަ ނައްޞެއް (އެއްވެސް ދަލީލެއް) ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިއަހުން ލިބިފައި ނުވުމެވެ. އެއީ އެ ޒަކާތް ކާބޯތަކެތިން ނޫނީ ނުނެރެވޭނޭ ބުނެ އެ ކާބޯތަކެތިން ނެރޭ މީހާއާ ޚިލާފަށެވެ. އެހެނީ އެފަދައިން ބުނެ ޢަމަލު ކުރާ މީހާ (އެބަހީ: ފިޠުރު ޒަކާތް ކާބޯތަކެތިން ނެރޭ މީހާ) ގެ އަތުގައި އޭނާގެ ބަސް ޞައްޙަ ކޮށްދީ އޭނާގެ ޢަމަލު ރަނގަޅުކަން ބަޔާންކޮށްދޭ، ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތަކާއި ޞަޙާބީން رضي الله عنهم ގެ ފަރާތްޕުޅުން އައިސްފައިވާ އަޘަރުތައް އެމީހަކަށް ލިބިގެންވާތީއެވެ.


ނިންމާލަމުން، އެމީހެއްގެ ފިޠުރު ޒަކާތް ނަޤުދު ފައިސާ އިން ނެރޭ މީހާ، - ﷲ އެމީހަކަށް އެއިލާހުގެ ދީނާއި ޝަރީޢަތުގެ ފިޤުހު ދެއްވާށި! – އެ މިހާއަށް އަހަރެން ބުނަމެވެ.


ފުރަތަމައީ: ހަމަކަށަވަރުން ފިޠުރު ޒަކާތް ނެރުމަކީ ނަބަވީ ސުންނަތުގެ ނައްޞުތަކުން ވާޖިބެއްކަން ބަޔާންވެގެންދާ އަޅުކަމެކެވެ. އެ ނެރުމުގައި ނައްޞު އައިސްފައިވަނީ އެ ނެރެންޖެހޭނީ ކާބޯތަކެތިން ކަމެވެ. ނަޤުދު ފައިސާ އަކުން ނޫން ކަމެވެ. ތިބާ ސުންނަތާއި އެއްގޮތަށް އެ ޒަކާތް ނެރޭ ހުށިކަމެވެ. އެއީ ތިބާގެ ޢަމަލު ރަނގަޅުވެ ތިބާ އެކަން ޙަޤީޤަތުގައިވެސް އަދާކުރި މީހެއްގެ ގޮތުގައިވުމަށެވެ. އަދި ތިބާގެ ވެރި އިލާހުގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެންވާ ޢަމަލަކަށް އެޢަމަލު ވުމަށްޓަކައެވެ.


ދެވަނައީ: ތިބާ ފިޠުރު ޒަކާތް ކާބޯތަކެތިން ނެރެފި ކަމުގައިވާ ނަމަ ތިބާއަށް އެކަމުގައި ހިތްހަމަޖެހުމާއި ނަފްސުގެ ރާޙަތް (ހިތްހަމަޖެހުން) ލިބިގެން ވެއެވެ. އެހެނީ ތިބާއާ އެކުގައި ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީން رضي الله عنهم ގެ އަރިއަހުން ވާރިދުވެފައިވާ ނައްޞުތައް ވުމާއި އެކު އެ ނައްޞުތަކުން ތިބާގެ ޢަމަލު ރަނގަޅުކަން ބަޔާންވެ، ތިބާ ޙަޤީޤަތުގައިވެސް ޒަަކާތް އަދާކޮށްފިކަން ބަޔާން ވެދާ ކަމަށްޓަކައެވެ.


ތިންވަނައީ: ފިޤުހު ޢިލްމުވެރިން رحمهم الله އިއްތިފާޤުވެ އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި އެމީހެއްގެ ޒަކާތް ކާބޯތަކެތިން ނެރެފި މީހެއްގެ ޒަކާތް އޭނާ އަދާކޮށްފި ކަމުގައި ބެލެވޭނެއެވެ. އަދި އޭނާގެ ކިބައިން އެކަމުގެ ޒިންމާ އުފުލިގެން ދާނެއެވެ.  


އެމީހެއްގެ ފިޠުރު ޒަކާތް ނަޤުދު ފައިސާ އިން ނެރެފި މީހާ ދަންނައެވެ! ގިނަ ޢިލްމުވެރިންގެ އަރިއަހުގައި އެފަދަ މީހަކު ޒަކާތް ދިން ކަމަކަށް ނުވެއެވެ. އަދި އެމީހެއްގެ ޒިންމާ އަދާކުރި ކަމުގައިވެސް ނުވެއެވެ.


އެ ޢިލްމުވެރިންގެ ތެރެއިން މަދު ބަޔަކު އޭނާ ޒަކާތް ދިން ކަމުގައި ބެލެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. އެހެނަސް އެ ޢިލްމުވެރިންގެ އަރިއަހުގައި އެކަމުގެ މައްޗަށް (އެބަހީ: އެ މީހާ ޒަކާތް ދިން ކަމަށް ބެލޭވޭނެ ކަމުގެ މައްޗަށް) ނަބަވީ ސުންނަތުންވެސް އަދި ޞަޙާބީން رضي الله عنهم ގެ ތެރެއިން އެއްވެސް ޞަޙާބީއެއްގެ ފަރާތުން ވެސް  އެއްވެސް ނައްޞެއް ނުވެއެވެ.


ފަހެ، ތިބާ އިޚްތިޔާރު ކުރާނީ ނަބަވީ ސުންނަތުން ނައްޞުތައް ބަޔާންވެ، ޢިލްމުވެރިން އެއްވެސް ޚިލާފެއް ނެތި އެ ގޮތަށް ޒަކާތް ނެރުން ރަނގަޅު ކަމުގެ މައްޗަށް އިއްތިފާޤުވެފައިވާ، އަދި އެގޮތަކަށް ޒަކާތް ނެރުމުން ތިބާ ޒަކާތް ޙަޤީޤަތުގައިވެސް އަދާކޮށްފި ކަމުގައިވެ، ތިބާ ނެރުނު ތަކެތީގެ މައްޗަށް ތިބާގެ އަމިއްލަ ނަފްސު ހިތްހަމަޖެހިގެންދާނޭ ގޮތް ހެއްޔެވެ؟


ނުވަތަ ތިބާ ޢަމަލު ކުރާނީ އެކަމުގައި ޚިލާފް އުފެދިފައިވާ ގޮތަށް ހެއްޔެވެ؟ އެއީ ތިބާ އެ އަޅުކަމުގެ ޞައްޙަ ކަމާ މެދުގައްޔާއި، ތިބާ ޒަކާތް ދިން ކަމުގައި ބެލެވިދާނެ ކަމުގެ މައްޗަށާއި، އަދި ތިބާ ގެ ޒިންމާ އުފުލިގެން ހިނގައްޖެ ކަމާ މެދު ތިބާ އޭގެ ފަހުގައި ހިތްހަމަ ނުޖެހުނު ކަމުގައިވީ ނަމަވެސް ހެއްޔެވެ؟


ހަތަރުވަނައީ: ފަޤީރުންނަށް ބޮޑަށް ފައިދާ ކުރާނީ ކާބޯތަކެތީގެ ބަދަލުގައި ފައިސާ ދިނުމުން ކަމުގައި މީހަކު ބުނުމެވެ. ފަހެ، މިފަދައިން މީހަކު ބުނެފިނަމަ، އެ މީހަކަށް ތިބާ ބުނާށެވެ! ނަފްސަށާއި ފަޤީރުންނަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ﷲ سبحانه وتعالى އެއިލާހުގެ ރަސޫލާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވި ޝަރީޢަތާ އެއްގޮތަށް ޢަމަލު ކުރުމެވެ. އަދި ހަމަކަށަވަރުން އެ ޝަރީޢަތުގައި ފުރުޟު ކުރެވިފައިވަނީ ފިޠުރު ޒަކާތް ކާބޯތަކެތިން ދިނުމެވެ. ފައިސާ އިން ދިނުމެއް ނޫނެވެ.


އެއިލާހުގެ އަޅުތަކުންގެ ތެރެއިންވާ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ سبحانه وتعالى އެވެ. އެހެނީ، އެ އަޅުތަކުން ޚަލްޤު ކުރެއްވުމުގެ މާކުރިންވެސް އެބައިމީހުންވީ ކޮންމެ ޒަމާނެއް ކަމުގައިވީ ނަމަވެސް އެބައިމީހުން ފައިސާއަށް ޙާޖަތް ޖެހޭނެކަން އެއިލާހު سبحانه وتعالى ދެނެވޮޑިގަންނަވަ އެވެ. އެއާ އެކުވެސް އެ ޒަކާތް އެބައިމީހުންނަށްޓަކައި ކާބޯތަކެތިން ނޫނީ އެއިލާހު ފަރުޟު ނުކުރަށްވައެވެ.


އަދި ހަމަކަށަވަރުން، ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި، އަދި އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީން رضي الله عنهم ގެ ޒަމާނުގައި ވެސް މީސްތަކުންވީ ނަޤުދު ފައިސާއަށް އިންތިހާއަށް ބޭނުން ޖެހިފައެވެ. އަދި އެބައިމީހުންގެ ވަށައިގެން ގިނަ ޢަދަދަކަށް ފަޤީރުންނާއި މިސްކީނުން އެ ޒަމާނުގައި ދިރި އުޅުނެވެ. އެއާ އެކުވެސް، އެބައިމީހުންނަށްޓަކައި ކާބޯތަކެތި ނޫން އެހެން އެއްޗަކުން ފިޠުރު ޒަކާތް ނެރުއްވާފައެއް ނުވެއެވެ. އަދި ކާބޯތަކެތި ނޫން އެހެން އެއްޗަކުން ފިޠުރު ޒަކާތް ދެއްވިކަން ނަޤުލު ކުރެވިފައި ނުވެއެވެ.

****
ލިޔުން ނަގާފައިވަނީ : http://goo.gl/GgMX7c


އަޚުންނޭވެ! މިއީ މިއަދަކު އިއްޔެއަކު ޢިލްމުގެ އަހުލުވެރިން ބަޔާންކޮށްފައިވާ ބަސްފުޅުތަކެއް ނޫނެވެ. އެހެނަސް މިއީ ރަސޫލާ . ގެ ޢަހުދުން ފަށައިގެން މިއަދާ ޖެހެންދެންވެސް ދީނުގައި ބަޔާން ވެގެންވާ ގޮތެވެ. އެއްވެސް ޝައްކެތްނުވާ މިންވަރަށް އެނގި ބަޔާންވެދާ އެއްޗަކީ ފައިސާއިން، ކާބޯތަކެތީގެ އަގުން ފިޠުރު ޒަކާތް ނެރޭ މީހާއަށް އެކަމުގެ މައްޗަށް އެއްވެސް، އެންމެ ދަލީލެއްވެސް ލިބިފައި ނުވާނެ ކަމެވެ.


އަޚުންނޭވެ! އެންމެ ބޮޑުވެގެންވާ ޢަޖައިބަކީ، ދިވެހި ރާއްޖޭގައި ފަތިސް ނަމާދުގައި މިސްކިތްތަކުގައި ޤުނޫތު ކިޔުމުގެ ސަބަބުން އެބަޔަކު މިސްކިތް ދޫކޮށް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކޮށް މުޖުތަމަޢު ބޮޑު ހަލަބޮލި ކަމެއްގެ ތެރެއަށް ގެންގޮސް އިމާމުންނަކީ ކާފަރުން ކަމުގައި އަދި ދަޥްލަތަކީ ﷲ ގެ ދީން ބަދަލު ކޮށްފައިވާ ބައެއް ކަމުގައި އެބަޔަކު ސިފަކުރި ކަމެވެ. އެހެނަސް ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަކީ އެފަދައިން ބުނާމީހުން އެއަށް ބަލިކަށި ޙަދީޘްތަކެއް ގެނެސްފައިވާ މައްސަލަ އެވެ. އާއެކެވެ. އެއީވެސް ޚިލާފްވެފައިވާ ކަމެކެވެ. އެހެނަސް މުޖުތަމަޢުގައި ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ފަތިސް ނަމާދުގެ މައްސަލައިގައި ޢަމަލު ކުރީ ކިހިނަކުންތޯ އެވެ؟


ފިޠުރު ޒަކާތް ކާބޯތަކެތީގެ އަގުން ދެއްކުމަށް ބަލިކަށި ޙަދީޘެއްވެސް ނެތެވެ. ރަސޫލާ صلَّى اللَّهُ عَلَيْهِ وَسَلَّمَ އަދި އެންމެ ޞަޙާބީއެއްގެ ބަސްފުޅެއްވެސް ނެތެވެ. ވުމުން، މި މައްސަލައިގައި ފަތިސް ނަމާދުގެ ޤުނޫތުގެ މައްސަލައަށްވުރެ ކާބޯތަކެތީން ޒަކާތްނެރުމަށް ބުނެވޭ ބަސްފުޅު (ޙައްޤު ބަސްފުޅު) ބާރު ގަދަކަމާއި، އެއީ ޙައްޤުބަސްފުޅުކަމުގައި އެއްވެސް ވަންހަނާއެއް ނުވާ މިންވަރަށް އެނގެ އެވެ. އެހެނަސް ޤުނޫތުގެ މައްސަލައިގައި ޢަމަލު ކުރި މީހުންގެ އެ ޢަމަލުތައް މި މައްސަލައިގައި ކޮބައިތޯ އެވެ؟ ނެރެންޖެހޭ ފަތުވާ ތަކާއި، ލިޔަން ޖެހޭ ލީފްލެޓްތައް ކޮބައިތޯ އެވެ؟ ސިއްރިޔާތުގައި އަދި ފާޅުކަން ބޮޑު ގޮތުގައި މީސްތަކުންގެ ޒަކާތް ސަލާމަތް ކުރުމަށްޓަކައި ދޭން ޖެހޭ ނަޞޭޙަތް ކޮބައިތޯ އެވެ؟


ދެރަ ކަމަކީ، ސަލަފުންނޭ ކިޔައި ތިބި މީހުންނަށް އުއްމަތުގެ ޙައްޤު ސަލަފުއް ޞާލިޙުންގެ ހިދާޔަތް ކޮބައި ކަމެއް ނޭނގުނީތި އެވެ؟ ނުވަތަ އަހަރެމެންނަށް ތަރުޖަމާ ކުރަން ނޭނގުމާއި، ޙަދީޘްތައް ނޭނގި ރަނގަޅަށް ޢަރަބި ނޭނގެނީ ތޯ އެވެ؟ ސަލަފުންނޭ ކިޔާ މީހުންނަށް އަރަބި އެނގި، ޙަދީޘްތައް އެނގިފައިވަނީ ޢިލްމުގެ އަހުލުވެރިންނަށްވުރެ މަތިން މޮޅަށް ބާވަ އެވެ؟


އަޚުންނޭވޭ! ފިޠުރު ޒަކާތަކީ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މީސްތަކުން ﷲ އަށް ކުށްތަން ކުރާ އަޅުކަން ބޭނުންހާ ގޮތަކަށް، ފެނުނުހާ ގޮތަކަށް ޢަމަލު ކުރަން ދޫކޮށްލެވިފައި ވުމަކީ އެއްވެސް މުސްލިމަކު އަދި ޚާއްޞަކޮށް ދީން އޮޅުން ފިލައިފައިވާ އެކަކުވެސް ދޫކޮށްލައި، ބެލެހެއްޓުމެއް ނެތް ގޮތުގައި ބަސް ނުބުނެ ފަރުވާ ކުޑަ ކޮށްފައިވާ ކަމަކަށް ހަދައިގެން ނުވާނެ އެވެ. މިއީ ހެޔޮވެގެންވާނެ ކަމެއްވެސް ނޫނެވެ. މިއަދު މި ފަރުޟު އަޅުކަން ޙައްޤު ގޮތުގައި އަދާ ކުރުމަށް ގޮވަނީ ކިތައ "ދަންނަބޭކަލުން" ބާވަ އެވެ.


އަޚުންނޭވެ! ތިމާ އެދޭނެހާ ކަންތައްތަކެއް ކުރުމަށްޓަކައި "ޚިލާފް މައްސަލައެއް" ކިޔައި ނިންމާލާ ޒަމާން މިއޮތީ ފެންނާށެވެ. ދީނުގެ އޫޞޫލް ތަކުގައިވެސް މިހާރު އުޅޭ "ސަލަފުން" ބުނަމުންދަނީ "ޚިލާފީ މައްސަލައެއް" ކަމުގަ އެވެ. މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުންވެސް ޚިލާފް އެވެ. މުޒާހަރާ ކުރުންވެސް ޚިލާފެވެ. ރާފިޟީންނަކީ ރަނގަޅު ބައެއް ކަމާއި މެދުގައިވެސް ޚިލާފް އެވެ. ދައްޖާލު ފާޅުވުމާ މެދުގައިވެސް ޚިލާފް އެވެ. މިހެންގޮސް އެތައް އެތައް ކަމެކެވެ. މަގުފުރެއްދުމުގެ މި ޒަމާނުގައިވާ އިމާމް ޤަދަރާޟާވީ ބުނެފައިވަނީ "ރަޖަމް ކުރުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. އެއީ ޔަހޫދީންގެ ޝަރީޢަތުގައިވާ ކަމެކެވެ." އެހެން ވުމުން "ޢިލްމުވެރިން" މިވަނީ ރަޖަމް ކުރުމާއި މެދުގައިވެސް ޚިލާފް ވެފަތޯ އެވެ؟


ޞަޙާބީން އެކަމެއްގެ މައްޗަށް އިއްތިފާޤުވެ ވަޑައިގެންފައިވާ ކަންތައްތަކީވެސް، މި ޒަމާނުގައި "ޚިލާފް" އޭ ބުނެ، ނިންމާލާނެ ކަންތައްތަކަށް މިވަނީ ވެފަ އެވެ. ދަންނަ ހުއްޓެވެ! މިއީ ކަނޑައެޅިގެން އެނގި ތިބެ، ބައެއްގެ ރުހުން ހޯދުމަށް، ތިމާމެންގެ މަޤާމާއި މަތިވެރި ކަމަށްޓަކައި ބުނާ ބަސްތަކެއް ނޫނީ ނުވެ އެވެ.


އުއްމަތުގެ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް ޢާންމު ރައްޔިތުންނާ ހަމައަށް ޒަކާތުގެ މައްސަލައިގެން ނުގެންނަންވީ ކީއްވެތޯ އެވެ؟ ޙަޤީޤަތުގައި މުޖުތަމަޢު ފިތުނަވެރި ކުރިއޭ ބުނަންވީ މިއަދު ޢިލްމުވެރިންގެ ފަތުވާތައް ކަމުިގައިވާ ފިޠުރު ޒަކާތް އޭގެ އަގުން ނުދެއްކޭނެ ކަމުގައި ފަތުރާ މީހުންނަށް ނޫނެވެ. މުޖުތަމަޢު ފިތުނަ ކުރާ މީހުންނޭ އެބައިމީހުން އެ ބުނަނީ الإِمَام ابن باز رحمه الله ، الإِمَام الأَلبَاني رحمه الله އަދި الإِمَام العُثَيْمِين رحمه الله އަށެވެ. އަދި މިގޮތުގައި ފަތުވާ ދެއްވާފައިވި އެންމެހައި ސުންނަތުގެ އިމާމުންނަށާއި ޢިލްމުވެރިންނަށެވެ.


އެ ޢިލްމުވެރިންނަށް ނޭނގުނު އެއްޗެއް މިއަދު ތުބުޅި ކޮށައިގެން، އިސްބާލު ކޮށްފައި، ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް، ހިލޭ އަންހެނުންނާއި މައްސުނިވެ، ޙަރާމެއް ޙަލާލެއް ނުބަލައިތިބި، މުޒާހަރާ ކުރުމަށް ނުކުންނަ ވެރިކަން ވައްޓާލަން ނުކުންނަ، މުސްލިމް ވެރިންނާ ދިމާލަށް ބަސްތައްބުނެ ހަދާ ބަޔަކަށް އިނގޭނީ ކިހިނަކުންތޯ އެވެ؟


ޙަޤީޤަތުގައި މުޖުތަމަޢު ފަސާދަކުރީ ޢިލްމުގެ އަހުލުވެރިންގެ ފަތުވާތަށް މީސްތަކުންނަށް ވަންހަނާކޮށް ތިމާމެންގެ އަމިއްލަ ބަސްތައް އިސްކުރި މީހުންނެވެ.
މިއީ އެބަޔަކު ޢިލްމުވެރިންގެ ފަތުވާތަށް ވަންހަނާ ކުރާ ކަމާއި، ޢިލްމުވެރިންނަށް ޤަދަރުދޭ ބައެއް ނޫން ކަމާއި، އަމިއްލަ މަންފާއަށް ކޮންމެފަދަ ކަމެއް ކޮށްލާނެ ކަމުގައި ބަޔާންވެގެންވާ މައްސަލަ އެކެވެ.

 

الشَّيْخُ العلَّامَة الإِمام الأَلْبَاني رحمه الله


الشَّيْخُ العلَّامَة الإِمام الأَلْبَاني رحمه الله ވިދާޅުވެފައިވެ އެވެ
.

الأَلْبَانِي رحمه الله  ވިދާޅުވެފައިވެ އެވެ. "ފަހެ މީހަކު އައިސް ބުނެ އެވެ. "ނޫނެކެވެ. ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުން ފަޤީރުންނަށް ފައިދާ ބޮޑެވެ."
މިފަދައިން ބުނާ މީހާވަނީ، 2 ގޮތަކަށް ކުށް ކޮށްފަ އެވެ.


ފުރަތަމައީ : ހަމަކަށަވަރުން އޭނާވަނީ ދަލީލާ ޚިލާފްވެގެންނެވެ. (ފިޠުރު ޒަކާތް) ނެރުމަކީ ﷲ އަށް ކުއްތަން ކުރެވޭ އަޅުކަމެކެވެ. މިއީ އެންމެ ދަށް ދަރަޖައިން ބުނެވޭނެ ގޮތެވެ.


އެހެން ނަމަވެސް ދެވަނައީ އިންތިހާއަށް ނުރައްކާތެރި ވެގެންވާ ކަމެކެވެ. ސަބަބަކީ، ޝަރުޢު ކުރައްވާ ޙިކުމަތްވަންތަ، ޢާލަމްތަކުގެ ވެރި އިލާހު، އެ އިލާހުގެ މާތް ނަބިއްޔާއަށް ވަޙީ ބާވައިލައްވައި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމަށް އެންގެވީ (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތިން ޞާޢު އެއްގެ މިންވަރުން ނެރުމަށެވެ.
އެއަށްފަހު، މި މީސްތަކުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި އެބައިމީހުންނަށް ފައިދާބޮޑު ގޮތް ދަންނަ ކަމުގައި ދަޢުވާކޮށް ފައިސާއިން ޒަކާތް ނެރެން ގޮވާލުމުން، އެއިން ދޭހަކޮށްދެނީ ﷲ އަށް ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި ފައިދާބޮޑު ގޮތަކީ ފައިސާއިން އެ ޒަކާތް ނެރުނުކަން އެނގިވޮޑިގެންފައި ނުވާއިރު، އެކަން މިބައިމީހުންނަށް އެނގިފައިވާކަމަށް އެބައިމީހުން ޤަބޫލުކުރުމެވެ."
****
ފަތުވާ ނަގާފައިވަނީ : سلسلة الهدى و النور شريط 274


الأَلْبَانِي رحمه الله  އަކީ ދިވެހިރާއްޖެ ފިތުނަ ކުރުމަށް ނުކުތްމީހެއްބާވަ އެވެ؟ މީސްތަކުންގެ ތެރޭގައި ފިތުނަވެރިކަން ފާޅުކުރުމަށް ނުކުތް އިންސާނެއް ބާވަ އެވެ؟
ޙައްޤުވަނީ ފާޅުވެ ބަޔާންވެގެންނެވެ. ޙައްޤުގެ އަހުލުވެރިންނާއި އެކުގައިވަނީ ކޮންބައެއްކަންވެސް ވަނީ ފާޅުވެ ބަޔާންވެގެންނެވެ. ތިބާއަށް މިކަން ފާޅުވެ ބަޔާން ނުވޭތޯ އެވެ؟

 

الشَّيْخُ العلَّامَة الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ޝެއިޚް ލިޔުއްވާފައިވާ ބަޔާނުގައިވެ އެވެ.  


الحمد لله رب العالمين. و صلى الله وسلم على عبده ورسوله محمد وعلى آله وأصحابه أجمعين."
وبعد: ފަހެ ހަމަކަށަވަރުން އަހަރެން ކައިރީގައި ވަރަށްވެސް ގިނަ އަޚުން ފިތުރު ޒަކާތް ނަޤުދު ފައިސާއިން ދިނުމާ މެދުގައި ސުވާލުކޮށްފައިވެ އެވެ.


އަދި ޖަވާބުގައި ބުނަމެވެ:  ކިތަންމެ ކުޑަ މިންވަރަކަށް އިސްލާމްދީން އެނގިފައިވާ މީހާއަށްވެސް މި ސީދާވެގެންވާ އިސްލާމީ މިއްލަތުގެ އެންމެ މުހިންމުވެގެންވާ ރުކުނަކީ شهادة أن لاإله إلا الله و أن محمدا رسول الله ކަމާމެދު އޮޅިފައި ނުވާނެ އެވެ. އަދި މި ޝަހާދަތުގެ شهادة أن لاإله إلا الله ބަޔާންވެގެންދަނީ ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެކަމެވެ. އަދި شهادة أن محمدا رسول الله ޝަހާދަތުން ބަޔާންވެގެންދަނީ، ﷲ ގެ ދީނަށް އެކަލާނގެ ރަސޫލާ ޝަރީޢަތުގައި ބަޔާންކޮށްދެއްވާފައިވާ ގޮތަށް މެނުވީ އަޅުކަން ކޮށްގެން ނުވާނެ ކަމެވެ.


   އެންމެހައި މުސްލިމުން އިޖްމާޢު ވެގެންވާ ފަދައިން ފިތުރު ޒަކާތަކީ އަޅުކަމެކެވެ. އަދި އަޅުކަމުގެ އަޞްލަކީ އެއީ ހުއްޓިފައިވާ ކަމެކެވެ. (މާނައީ : ދީނަށް އަޅުކަމުގެ ގޮތުން އެއްވެސް ކަމެއް އަހަރެމެންނަށް އިތުރަށް ނުގެނެވޭނެ އެވެ.) ފަހެ އެއްވެސް އިންސާނަކަށް އަޅުކަމެއްގެ ގޮތުގައި މުޙައްމަދު صلى الله عليه وسلم ގެ އަރިއަހުން މި ޝަރީޢަތުގައި ޘާބިތުވެފައިވާ އަޅުކަމެއް މެނުވީ ކޮށްގެން ނުވާނެ އެވެ. އެނަބިއްޔާ ސިފަކުރައްވާ ބަޔާންކުރައްވާ، ނަބިއްޔާގެ ވެރި ރައްބު ވަޙީކުރެއްވި އެވެ. وَمَا يَنطِقُ عَنِ الْهَوَى* إِنْ هُوَ إِلَّا وَحْيٌ يُوحَى   "އަދި އެނަބިއްޔާ އަމިއްލަ އެދުންފުޅަށް ވާހަކަފުޅެއް ނުދައްކަވާނެ އެވެ. އެއީ އެނަބިއްޔާއަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެ އެވެ."


     އަދި އެގޮތުގައި ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (من أحدث في أمرنا هذا ما ليس منه فهو رد) "އަހަރެމެންގެ މި ދީނުގައި ނެތްކަމެއް، އަލަށްގެނެސްފި ހިނދުގައި އެކަމެއްވާނީ އެމީހަކަށް ރައްދުކުރެވިގެންނެވެ." (من عمل عملا ليس عليه أمرنا فهو رد) "މި ދީނުގައި ބަޔާންވެގެންނުވާ ޢަމަލެއް މީހަކު އަލަށް ގެނެސް އެ ޢަމަލެއް ކޮށްފި ހިނދުގައި، އެ ޢަމަލެއް އެމީހާއަށް ރައްދުކުރެވޭ ހުއްޓެވެ."


     ފަހެ، އެނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ބަޔާންވެގެންވާ ޞައްޙަ ޙަދީޘް ތަކުން ފިތުރު ޒަކާތް ބަޔާންކުރެއްވި އެވެ. އެއީ ކާބޯތަކެތިން ޞާޢު އެއްގެ މިންވަރެވެ. ކަދުރުން ޞާޢު އެއްގެ މިންވަރު ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު ނުވަތަ ހިކިމޭބިސް ކަދުރުން ޞާޢު އެއްގެ މިންވަރު ނުވަތަ އަޤިޠް އިން ޞާޢު އެއްގެ މިންވަރެވެ.


   عبد الله بن عمر رضي الله عنه އަރިއަހުން البخاري އަދި مسلم ރިވާކުރައްވާފައިވެ އެވެ. (فرض رسول الله صلى الله عليه وسلم زكاة الفطر صاعا من تمر أو صاعا من شعير على العبد و الحر و الذكر و الأنثى و الصغير و الكبير من المسلمين، وأمر بها أن تؤدى قبل خروج الناس إلى الصلاة) "މުސްލިމުންގެ ތެރެއިންވާ އެންމެހައި ފިރިހެނުންނަށާއި އެންމެހައި އަންހެނުންނަށް އަދި ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް، އަދި އަޅުމީހުންނަށާއި މިނިވަނުންނަށް، ރަސޫލާ صلى الله عليه وسلم ޒަކާތް ފަރުޟު ކުރެއްވި އެވެ. އެއީ ކަދުރުން ޞާޢު އެއްގެ މިންވަރު ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރެވެ. އަދި މީސްތަކުން ޢީދު ނަމާދަށް ނުކުތުމުގެ ކުރިން ޒަކާތް އަދާކުރުމަށް އަމުރުފުޅު ކުރެއްވި އެވެ."


       أبو سعيد الخدري رضي الله عنه ގެ ފަރާތްޕުޅުން ރިވާވެގެންވެ އެވެ. (كنا نعطيها في زمن النبي صلى الله عليه وسلم صاعا من طعام، أو صاعا من تمر أو صاعا من شعير أو صاعا من زبيب) "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ފިތުރު ޒަކާތުގެ ގޮތުގައި ކާބޯތަކެތީން ޞާޢު އެއްގެ ނެރެމެވެ. ކަދުރުން ޞާޢު އެއްގެ މިންވަރެވެ. ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރެވެ. ނުވަތަ ހިކިމޭބިސް ކަދުރުން ޞާޢު އެއްގެ މިންވަރެވެ." އަދި އެހެން ރިވާޔަތެއްގައިވެ އެވެ. (أو صاعا من أقط) "ނުވަތަ އަޤިޠް (ޗީޒް ގެ ބާވަތެއް) އިން ޞާޢު އެއްގެ މިންވަރެވެ." البخاري އަދި مسلم ރިވާކުރައްވާފައިވެ އެވެ.


   ފަހެ މިއީ ފިތުރު ޒަކާތް ނެރުމުގައި މުޙައްމަދު صلى الله عليه وسلم ގެ ސުންނަތެވެ. އެންމެނަށް އެނގި ބަޔާންވެދާ ފަދައިން، (ފިތުރު ޒަކާތް ނެރުން) އިސްލާމް ދީނުގައި މުސްލިމުންނަށް ޝަރީޢަތުގައި ބަޔާންވެގެންދިޔަ އިރުގައި، މުސްލިމުންގެ އަތުގައި – އަދި ޚާއްޞަކޮށް މަދީނާގެ މުޖުތަމަޢުގައި- އެޒަމާނުގައި އެންމެ ހެޔޮވެގެންވާ ނަޤުދު ފައިސާ ކަމުގައިވާ ދިރުހަމް އަދި ދީނާރު ހުއްޓެވެ. އެހެނަސް އެ ދޭތީގެ ވާހަކައެއް ނަބިއްޔާ صلى الله عليه وسلم ފިތުރު ޒަކާތުގެ ގޮތުގައި ޙަދީޘްފުޅު ކުރައްވާފައެއް ނުވެ އެވެ. އެ ދެ ނަގުދުފައިސާގެ ތެރެއިން އެއްވެސް އެއްޗެއް ޒަކާތުގެ ގޮތުގައި ނެރުން ހުއްދަވެގެންވާނަމަ ނަބިއްޔާ صلى الله عليه وسلم އެކަން ފާޅުކަންބޮޑު ގޮތުގައި ބަޔާންކޮށްދެއްވާނެ އެވެ. އެހެނީ، އެކަމަށް ޙާޖަތް މެދުވެރިވެފައިވާ ޙާލަތުގައި ބަސްބުނުން ލަސްކޮށްގެން ނުވާނެ އެވެ.  


   (ނަޤުދު ފައިސާ) ނަބިއްޔާ صلى الله عليه وسلم ޒަކާތުގެ ގޮތުގައި ނެރުއްވިނަމަ، ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބުން صلى الله عليه وسلم އެކަން ނަޤުލުކޮށްދެއްވާފައިވާނެ އެވެ.
(އަދިވެސް ޝެއިޚް ވިދާޅުވެފައިވެ އެވެ.)


     ފިތުރު ޒަކާތުގެ ގޮތުގައި އެއްވެސް ޞަޙާބީއެއް ނަޤުދު ފައިސާ ނެރުއްވިކަމެއް އަހަރެންނަކަށް އެނގިފައެއް ނެތެވެ. އެބައިމީހުންނަކީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް އެންމެ ފުރިހަމައަށް ދަންނާނެ އަދި އެ ސުންނަތަށް ޢަމަލުކުރުމަށް އެންމެ ޝައުޤުވެރިކަމުގައިވީ މީސްތަކުންނެވެ. ޝަރުޢީ އެހެނިހެން ކަންކަމުގައި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތަކާއި އަމަލުފުޅުތައް އަހަރެމެންނަށް ނަޤުލުކޮށްދެއްވާފައިވާ ފަދައިން، ފިތުރު ޒަކާތާ މެދުގައި އެއްވެސް އެފަދަ ޢަމަލެއް ކުރައްވާފައި ވާނަމަ އެބޭކަލުން އެކަން ނަޤުލު ކޮށްދެއްވާފައިވާނެ އެވެ.


    ހަމަކަށަވަރުން ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ. لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا "ހަމަކަށަވަރުން ﷲ ގެ ރަސޫލާ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ މިޘާލެއްވެ އެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ.   وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އިސްނެންގެވި ފަރާތްތަކާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބަޢަވީ މީހުންނަށް، ﷲ އެބައިމީހުންނަށް ރުހިވޮޑިގެންފި އެވެ. އަދި އެބައިމީހުން އެކަލާނގެއަށް ރުހުނެ އެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވި އެވެ. އެތަނުގައި އެބައިމީހުން އަބަދަށް ދެމިތިބެނިވި ގޮތުގަ އެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީ އެވެ.


     އަހަރެމެން މިތަނުގައި ބަޔާންކޮށްފައިމިވާ (ދަލީލުތަކުން) ޙައްޤުހޯދުމަށް ބޭނުންވާ ފަރާތަށް، ފިތުރު ޒަކާތަކީ ނަޤުދު ފައިސާއިން ދިނުން ހުއްދަވެގެންވާ އެއްޗެއް ނޫންކަން އެނގިގެންދާނެ އެވެ. އަދި ނަޤުދު ފައިސާއިން ޒަކާތްނެރޭ ފަރާތްތަކުން ޒަކާތް ނެރުނު ކަމުގައި ނުވާނެ އެވެ. ސަބަބަކީ ބަޔާންކޮށްފައިވާ ޝަރުޢީ ދަލީލުތަކާ ޚިލާފަށް ކުރެވޭ ކަމެއްގެ ގޮތުގައިވުމުންނެވެ.


     އަހަރެމެންނާއި އެންމެހައި މުސްލިމުންނަށް، ދީނުގެ ފިޤުހު ދެއްވުމުގެ ތަޥްފީޤު ދެއްވާނދޭވެ. އަދި އެކަލާނގެ ދީނުގެ މަތީގައި ދެމިތިބުމުގެ ޘާބިތުކަން ދެއްވާނދޭވެ. އަދި އެކަލާނގެ ޝަރީޢަތާ ޚިލާފްވެވޭ އެންމެހައި ކަންތައްތަކުން އެއްކިބާވެ އިންޒާރު ލިބިގެންވާ ބައެއްގެ ގޮތުގައި ލައްވާނދޭވެ.
     إنه جواد كريم، وصلى الله وسلم على نبينا محمد وآله و صحبه.


ފަތުވާ : مجموع فتاوى ج 14 ص 208

*****

 

الشَّيْخُ العلَّامَة الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

الشَّيْخُ العلَّامَة اِبْن العُثَيْمِين رحمه الله އާ ސުވާލު ކުރެވުނެވެ.
ސުވާލު :  ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ޒަކާތް ނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި ފައިސާއިން ޒަކާތްނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު :  ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތަކުގައި ޒަކާތްނެރުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް (ޒަކާތް އެންމެ އަވަހަށް ނެރުން) ހުއްދަވާނީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ. ސަބަބަކީ އެއީ ފިތުރު ޒަކާތް ކަމުގައި ވުމެވެ. ފިތުރު އެއީ މަހުގެ އެންމެ ފަހުކޮޅު ކަމުގައި ނޫނީ ނުވާނެ އެވެ. ރަސޫލާ ﷺ މީސްތަކުންނަށް އަމުރުފުޅު ކުރެއްވީ، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރީގައި ޒަކާތް އަދާކުރުމަށެވެ. އެއާ އެކުގައި ޞަޙާބީން ޒަކާތް ނެރުއްވީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ.


ޒަކާތް ފައިސާއިން ނެރުނުމީހާގެ ޒަކާތަކީ ހުއްދަވާނެ (ޒަކާތް ނެރުނު ކަމުގައިވާނެ) ޒަކާތެއް ނޫނެވެ. ސަބަބަކަށްވަނީ (ޒަކާތް) ފަރުޟު ކުރައްވާފައިވަނީ ކާބޯތަކެތިން ދިނުމެވެ. ابن عمر رضي الله عنه ވިދާޅުވެފައިވެ އެވެ. (فرض رسول الله ﷺ زكاة الفطر صاعا من تمر أو صاعا من شعير) "ކަދުރުން ޞާޢު އެއްގެެ މިންވަރުން ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރުން ރަސޫލާ ﷺ ޒަކާތް ފަރުޟު ކުރެއްވި އެވެ." أبو سعيد الخدري رضي الله عنه ވިދާޅުވެފައިވެ އެވެ. (كنا نخرجها على عهد النبي ﷺ صاعا من طعام وكان طعامنا التمر، والشعير، و الزبيب، والأقط) "އަހަރެމެން ނަބިއްޔާ ﷺ ގެ ޢަހުދުގައި ކާބޯތަކެތީން ޞާޢު އެއްގެ މިންވަރު ނެރެމެވެ. އެދުވަސްތަކުގައި އަހަރެމެންގެ ކާބޯތަކެއްޗެއްގެ ގޮތުގައިވަނީ، ކަދުރު، ގޮދަން، ހިކިމޭބިސްކަދުރު އަދި އަޤިތް އެވެ."


ފަހެ، މި ދެޙަދީޘް އިން ބަޔާންވެގެންދަނީ، ފިތުރު ޒަކާތް ކާބޯތަކެތިން ނޫން އެއްޗަކުން ހުއްދައެއް ނުވާނެ ކަމުގައެވެ. އަދި ފިތުރު ޒަކާތް ކާބޯތަކެތިން ނެރުމަކީ އެންމެހައި ފަރާތްތަކަށް ފާޅުކޮށް ބަޔާންވެގެންދާނެ ކަމެކެވެ. އަދި ގޭގެ އެންމެހައި އަހުލުވެރިންނަށް އެކަން ބަޔާންވެ އެނގިގެންދާނެ އެވެ. އެހެނަސް ފައިސާއިން ނެރުމަކީ، ޒަކާތް ވަންހަނާވެ، ފާޅުކަމެއް ނެތްގޮތުގައި ދެވޭ ގޮތެކެވެ. ފަހެ އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށް އެގޮތްދެކިގެން، ފައިސާއިން ޒަކާތްނެރެ އެވެ. އެހިނދުގައި އޭނާ ޒަކާތުގެ އަގުދަށްކޮށްލަ އެވެ. ފަހެ، ހުރިހައި ހެވެއް އަދި ބަރަކާތެއްވަނީ، ޝަރީޢަތަށް ތަބަޢަވުމުގަ އެވެ.  
ފަހަރެއްގައި މީހަކު ބުނެދާނެ އެވެ. ހަމަކަށަވަރުން ކާބޯތަކެތީން ޒަކާތް ނެރުމުން ފަޤީރުންނަށް އެއިން މަންފާއެއް ނުކުރެ އެވެ.
ޖަވާބުގައި ބުނަމެވެ. ހަމަކަށަވަރުން އެ ފަޤީރަކީ، ޙަޤީޤަތުގައިވެސް ފަޤީރެއްކަމުގައި ވާނަމަ، ކާބޯތަކެތިން އޭނާއަށް ފައިދާ ކުރާނެ އެވެ.

***

 

އަޚުންނޭވެ. މި ޢިލްމުވެރިންގެ ފަތުވާތައް މީސްތަކުންނަށް ޝޯޝަލް މީޑިޔާގައި ބަޔާންކޮށް މީސްތަކުންނަށް އުނގަންނައި ދިނުމަކީ، އުއްމަތް ބައިބައި ކުރުމާއި، މީސްތަކުންގެ މެދުގައި ފިތުނަ ފަސާދައާއި މީސްތަކުންނަށް ދީނުގެ މައްޗަށް ޝައްކު އުފެއްދުން ކަމުގައި ބުނެފި މީހަކީ، ޙަޤީޤަތުގައި އޭނާއަކީ ކާކުކަން މީސްތަކުންނަށް އޮޅުން ފިލުވައިދީފައިވާ މީހެކެވެ.
އޭނާ ބުނެފައި އެވަނީ، ތިމަންމެންނަކީ ސުންނަތަކަށް، ހިދާޔަތަކަށް، ސުންނަތުގެ އިމާމުންނަކަށް، ސުންނަތުގެ އުޞޫލްއަކަށް، ހެޔޮ، ނުބަޔަކަށް ބަލާނެ ބައެއް ނޫނެވެ. އަމިއްލަ ޖީބަށް ބަރުވާނެ ގޮތާއި، އަމިއްލަ މަންފާ ނުކުންނާނެ ކޮންމެ ގޮތަކީ ތިމަންނަގެ ދީނެވެ. ކޮން ޢިލްމުވެރިންނެއް ތޯ އެވެ؟
ޢިލްމް އޭ ބުނެ ޢިލްމާއި ޢިލްމުވެރިންނަށް ޣައްދާރުވެފައިވާ މީހުން ކޮބައިކަން އެނގިގަތުން ހުއްޓެވެ.
ރައްޔިތުންނަށް ޢިލްމާއި ޢިލްމުވެރިން ވަންހަނާކޮށް، ޢިލްމުގެ އަހުލުވެރިންގެ ފަތުވާތައް ފޮރުވާފައި އަމިއްލަ ފަތުވާތައް ނެރުނީ ކޮންބައެއްކަން އެނގި ގަތުން ހުއްޓެވެ.
ޢިލްމުވެރިންގެ ޤަދަރުކުޑަކޮށް އެއީ ފިތުނަވެރިން ކަމާއި، ޢިލްމުވެރިންގެ ބަސްފުޅުތަކާއި ފަތުވާތައް ފާޅުކުރާ މީހުންނަކީ އެއީ ފިތުނަވެރިން ކަމުގައި ބަޔާންކުރަނީ ކޮންބައެއްކަން އެނގިގަތުން ހުއްޓެވެ.


****

ފަތުވާ ނަގާފައިވަނީ : http://goo.gl/PYE61f

ފިތުރު ޒަކާތް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ފިޠުރު ޒަކާތް ފައިސާއިން ދިނުން ފަޤީރުންނަށް ފައިދާވާނެކަމަށް ބުނެ އަޅުކަން ބަދަލުކޮށްލުން ހުއްދަވާނެ ހެއްޔެވެ؟ - الإِمَامُ العَلَّامة المحدث الشيخ محمد ناصر الألباني رحمه الله | 11 ޖޫން 2018

ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ފިތުރު ޒަކާތް ނެރުން ހުއްދަވެގެން ނުވެއެވެ. - الإِمَامُ ابن العثيمين رحمه الله | 02 ޖޫން 2017

ނަޤުދު ފައިސާއިން ނެރޭ ފިތުރު ޒަކާތަކީ ބާޠިލް ޒަކާތެއް - الشَّيْخُ العلَّامَة رَبِيْعُ المَدْخَلِي حفظه الله | 02 ޖޫން 2017

ފިތުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުގެ ހުކުމް އަދި ކާބޯ ތަކެތިން ފިތުރު ޒަކާތް ނެރެންޖެހޭ ކަމުގެ ދަލީލް - فضيلة الشيخ الإِمَامُ محمد بن صالح العثيمين رحمه الله | 11 ޖުލައި 2015

ފިތުރު ޒަކާތް ފައިސާ އިން ނެރުން ހުއްދައެއް ނުވާނެ އެވެ. - ސަޢުދި އަރަބިއްޔާގެ ފަތުވާ ކޮމެޓީ | 11 ޖުލައި 2015

މިތަނުގައި ބަޔާންކޮށްފައިވަނީ الشيخ الصالح الفوزان ފިތުރު ޒަކާތާއި މެދުގައި ބަޔާންކޮށް ލިޔުއްވާފައިވާ ބަސްފުޅެވެ. - الإمام العلامة الشيخ صالح الفوزان حفظه الله | 07 ޖުލައި 2015

ނަޤުދު ފައިސާއިން ފިތުރު ޒަކާތް ދިނުމުގެ ހުކުމް - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 29 ޖޫން 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...