المكتبة السلفية – المالديف
Maktaba Salafiyyah Maldives
ސަލަފީ ދައުވަތް
ސުންނަތަށް ތަބާވުމަކީ ޞަޙާބީން އިސްލާމްދީން ފަހުމުވެވަޑައިގެންނެވި ގޮތަށް، އެ ދީން ފަހުމުވެ އެއަށް ތަބާވުން — أَمِيرُ الْمُؤْمِنِينَ عُمَرُ بْنُ عَبْدِ الْعَزِيزِ رَحِمَهُ اللَّهُ (٦١هـ — ١٠١هـ)
މުޤައްދިމާ
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَمَنْ وَالَاهُ، وَبَعْدُ:
މާތް اللَّه މި އުންމަތަށް އިސްލާމްދީން ފުރިހަމަކޮށްދެއްވައި، އެ ދީނުގެ ޙުދޫދުތަކާއި އުޞޫލުތައް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞައްޙަ ސުންނަތުގައި ބަޔާންކޮށްދެއްވާފައިވަނީ އެއްވެސް އުނިކަމެއް ނެތި، ފުރިހަމަ ގޮތުގައެވެ. އެހެންނަމަވެސް، ކީރިތި ޤުރުއާނާއި ސުންނަތަށް ތަބާވާ ކަމަށް ދަޢުވާކުރާ ކޮންމެ ބަޔަކީ ޙައްޤުގެ މަތީގައި ތިބި ބައެއް ނޫނެވެ. ފަހެ، ތާރީޚުގައި އުފެދުނު ޚަވާރިޖުންނާއި، ރަވާފިޟުންނާއި، ޖަހުމިއްޔާއިންނާއި، މުޢުތަޒިލާއިންނާއި، ޤަދަރިއްޔާއިންނާއި، މުރުޖިއާއިންނާއި، ޞޫފީންނާއި، އަދި މި ޒަމާނުގެ ޙިޒްބީ، ތަކްފީރީ، އަދި ޢަޤްލާނީ ފިރުޤާތަކުން ވެސް ޤުރުއާނާއި ޙަދީޘަށް ނިސްބަތްވާ ކަމަށް ދަޢުވާކުރެއެވެ.
ފަހެ، ޙައްޤާއި ބާޠިލު ވަކިކޮށްދޭ މީޒާނަކީ ކޮބައިހެއްޔެވެ؟ އެއީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް، މި އުންމަތުގެ އެންމެ ހެޔޮ ޖީލު ކަމުގައިވާ މާތް ޞަޙާބީންނާއި، އެބޭކަލުންގެ ތެރެއިން ޚުލަފާއުއް ރާޝިދޫންނާއި، ސަލަފުއްޞާލިޙުން ފަހުމުވެވަޑައިގެން ޢަމަލުކުރެއްވި ގޮތަށް ފަހުމުވެ ޢަމަލުކުރުމެވެ. اللَّه ސުބުޙާނަހޫ ވަތަޢާލާ މާތް ޞަޙާބީންގެ އީމާންކަމަކީ ހިދާޔަތުގެ މިންގަނޑު ކަމުގައި ލައްވައި ވަޙީކުރައްވާފައިވެއެވެ:
﴿فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا﴾ [البقرة: ١٣٧]
މާނައީ: "ފަހެ، ތިޔަބައިމީހުން [އެބަހީ: ޞަޙާބީން] އީމާންވީ ފަދައިން އެބައިމީހުން އީމާންވެއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އެބައިމީހުންނަށް ތެދުމަގު ލިބިއްޖެއެވެ."
އަދި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ މި އުންމަތުގެ އެންމެ ހެޔޮ ތިން ޤަރުނަށް ޘަނާ ވިދާޅުވެ، އެ ތިން ޤަރުނުގެ މާތްކަމަށް ހެކިވެވަޑައިގެންފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
«خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» (މުއްތަފަޤުން ޢަލައިހި)
މާނައީ: "މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުން [ޞަޙާބީން] ނެވެ. ދެން އެބޭކަލުންނާ ވިދިގެން އަންނަ ބަޔެކެވެ [ތާބިޢީންނެވެ]. ދެން އެބޭކަލުންނާ ވިދިގެން އަންނަ ބަޔެކެވެ [ތަބަޢުއްތާބިޢީންނެވެ]."
އަދި ފިތުނައާއި ބައިބައިވުންތައް ގިނަވާ ހިނދު ސަލާމަތްކަން އޮތް މަގު ބަޔާންކޮށްދެއްވަމުން ރަސޫލުالله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަޞިއްޔަތްކުރެއްވިއެވެ:
«فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ» — "ފަހެ، ތިމަންކަލޭގެފާނުގެ ސުންނަތުގައްޔާއި، ހިދާޔަތް ލިބިވަޑައިގެންފައިވާ ޚުލަފާއުއް ރާޝިދޫންގެ ސުންނަތުގައި ތިޔަބައިމީހުން ގަދައަށް ހިފަހައްޓާށެވެ! އެ ސުންނަތުގައި ކޮލުދަތްތަކުން ދަތްއަޅައި ހިފަހައްޓާ ފަދައިން ހިފަހައްޓާށެވެ! އަދި ދީނުގެ ތެރެއަށް އަލަށް ވައްދާ ކަންކަމުން [ބިދުޢަތަކުން] ރައްކާތެރިވާށެވެ!"
ފަހެ، ޒަމާންތަކަށް ފަހު އުފެދުނު ފިރުޤާތަކާއި، ބިދުޢަތަކާއި، އަމިއްލަ ރައުޔުތަކާއި ފަލްސަފާތަކުގެ ޝުބުހަތަކުން ސަލާމަތްވެ، އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ސާފު ޢަޤީދާއާއި މަންހަޖުގެ މަތީގައި ސާބިތުވުމަށް އޮތް އެންމެ އަމާން މަގަކީ، އެ މާތް ޤަރުނުތަކުގެ އިމާމުންގެ ބަސްފުޅުތަކަށް ރުޖޫޢަވުމެވެ
އަމީރުލްމުއުމިނީން ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ ގެ އަޘަރު
التَّمَسُّكُ بِالسُّنَّةِ وَتَرْكُ الْآرَاءِ الْمُخَالِفَةِ لَهَا - ސުންނަތުގައި ގަދައަށް ހިފެހެއްޓުމާއި، އެ ސުންނަތާ ޚިލާފުވާ ރައުޔުތައް ދޫކޮށްލުން
قَالَ أَمِيرُ الْمُؤْمِنِينَ عُمَرُ بْنُ عَبْدِ الْعَزِيزِ رَحِمَهُ اللَّهُ (٦١هـ — ١٠١هـ):
١٣٤ ـ أَخْبَرَنَا عَلِيُّ بْنُ أَحْمَدَ بْنِ مُحَمَّدِ بْنِ بَكْرٍ، أنبا [أَنْبَأَنَا] الْحَسَنُ بْنُ عُثْمَانَ، ثنا [حَدَّثَنَا] يَعْقُوبُ بْنُ سُفْيَانَ، ثنا [حَدَّثَنَا] سَعِيدُ بْنُ أَبِي مَرْيَمَ، ثنا [حَدَّثَنَا] رِشْدِينُ بْنُ سَعْدٍ، حَدَّثَنِي عُقَيْلٌ، عَنِ ابْنِ شِهَابٍ، عَنْ عُمَرَ بْنِ عَبْدِ الْعَزِيزِ، قَالَ:
«سَنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَوُلَاةُ الْأَمْرِ بَعْدَهُ سُنَنًا، الْأَخْذُ بِهَا تَصْدِيقٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَاسْتِكْمَالٌ لِطَاعَتِهِ، وَقُوَّةٌ عَلَى دِينِ اللَّهِ، لَيْسَ لِأَحَدٍ تَغْيِيرُهَا وَلَا تَبْدِيلُهَا، وَلَا النَّظَرُ فِي رَأْيِ مَنْ خَالَفَهَا، فَمَنِ اقْتَدَى بِمَا سَنُّوا اهْتَدَى، وَمَنِ اسْتَبْصَرَ بِهَا أَبْصَرَ، وَمَنْ خَالَفَهَا وَاتَّبَعَ غَيْرَ سَبِيلِ الْمُؤْمِنِينَ وَلَّاهُ اللَّهُ عَزَّ وَجَلَّ مَا تَوَلَّاهُ، وَأَصْلَاهُ جَهَنَّمَ وَسَاءَتْ مَصِيرًا».
الْمَصْدَرُ: شَرْحُ أُصُولِ اعْتِقَادِ أَهْلِ السُّنَّةِ وَالْجَمَاعَةِ، لِلَّالَكَائِيِّ، أَبِي الْقَاسِمِ هِبَةِ اللَّهِ بْنِ الْحَسَنِ بْنِ مَنْصُورٍ رَحِمَهُ اللَّهُ (ت: ٤١٨هـ)، الْجُزْءُ الْأَوَّلُ، ص ١٠٦، الْأَثَرُ رَقْمُ ١٣٤. تَحْقِيقُ: أَحْمَدَ بْنِ سَعْدِ بْنِ حَمْدَانَ الْغَامِدِيِّ، دَارُ طَيْبَةَ، الطَّبْعَةُ الثَّامِنَةُ، ١٤٢٣هـ / ٢٠٠٣م.
އަމީރުލްމުއުމިނީން ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ (61ހ. — 101ހ.) ވިދާޅުވިއެވެ.
134 — ޢަލީ ބުން އަޙްމަދު ބުން މުޙައްމަދު ބުން ބަކްރު ތިމަންމެންނަށް ޚަބަރުދެއްވިއެވެ؛ އަލްޙަސަން ބުން ޢުޘްމާން ތިމަންމެންނަށް ޚަބަރުދެއްވިއެވެ؛ ޔަޢުޤޫބު ބުން ސުފްޔާން ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ ސަޢީދު ބުން އަބީ މަރްޔަމް ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ ރިޝްދީން ބުން ސަޢުދު ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ ޢުޤައިލް ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ؛ އިބްނު ޝިހާބުގެ އަރިހުން، ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ އަރިހުން، އެކަލޭގެފާނު ވިދާޅުވިއެވެ:
"ރަސޫލުالله صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި އަމުރުވެރިން [ޚުލަފާއުއް ރާޝިދޫން] ސުންނަތްތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެ ސުންނަތްތަކުގައި ހިފުމަކީ، اللَّه عَزَّ وَجَلَّ ގެ ފޮތް ތެދުކުރުމެވެ؛ އަދި އެކަލާނގެއަށް ކިޔަމަންތެރިވުން ފުރިހަމަކުރުމެވެ؛ އަދި اللَّهގެ ދީނުގެ މަތީގައި ލިބޭ ބާރެކެވެ. އެ ސުންނަތްތަކަށް ބަދަލު ގެނައުމެއް، އަދި އޭގެ ބަދަލުގައި އެހެން އެއްޗެއް ގެނައުމެއް، އަދި އެއާ ޚިލާފުވި މީހެއްގެ ރައުޔަށް ބެލުމެއް އެއްވެސް މީހަކަށް ނުވެއެވެ. ފަހެ، އެބޭކަލުން ކަނޑައެޅުއްވި ގޮތަށް ތަބާވެ އިޤްތިދާވެއްޖެ މީހާ ހިދާޔަތް ލިބިގެންފިއެވެ. އަދި އެ ސުންނަތްތަކުން ބަޞީރަތް [ޙައްޤު މަގު ދެނެގަތުމުގެ އަލިކަން] ހޯދައިފި މީހާއަށް ޙައްޤު ފެނިގެންފިއެވެ. އަދި އެ ސުންނަތްތަކާ ޚިލާފުވެ، މުއުމިނުންގެ މަގު ނޫން އެހެން މަގަކަށް ތަބާވެއްޖެ މީހާ، އޭނާ އިޚްތިޔާރުކުރި [އެނބުރުނު] މަގަކަށް الله عَزَّ وَجَلَّ އޭނާ ދޫކޮށްލައްވާނެއެވެ؛ އަދި އޭނާ ނަރަކައަށް ވައްދަވާނެއެވެ. އަދި އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ."
(މަޞްދަރު: «شَرْحُ أُصُولِ اعْتِقَادِ أَهْلِ السُّنَّةِ وَالْجَمَاعَةِ»، ލިޔުއްވީ: އައްލާލަކާއީ (ތ: 418ހ.)، 1/106، އަޘަރު ނަންބަރު 134. އަދި މި އަޘަރު އިމާމުލް އާޖުއްރީ «الشَّرِيعَة» (3/1128) ގައްޔާއި، އިބްނު ޢަބްދުލްބައްރު «جَامِعُ بَيَانِ الْعِلْمِ وَفَضْلِهِ» (1/545) ގައި ވެސް ރިވާކުރައްވާފައިވެއެވެ.)
އަމީރުލްމުއުމިނީން ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ އަކީ ކޮން ބޭކަލެއް؟
މި މަތިވެރި ބަސްފުޅުގެ ބަރުދަނާއި މުހިންމުކަން އެނގިގެންދާނީ، މި ބަސްފުޅު ވިދާޅުވި ބޭކަލަކީ ކޮން ބޭކަލެއްކަން އިސްލާމީ ތާރީޚާއި ތަރާޖިމުގެ މުޢުތަބަރު ފޮތްތަކުން ދެނެގަތުމުންނެވެ. ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ އަކީ ހަމައެކަނި ވެރިކަން ކުރެއްވި ޚަލީފާއެއް ނޫނެވެ. އެކަލޭގެފާނަކީ ޞަޙާބީންގެ ތަރުބިއްޔަތުގައި ބޮޑުފުޅުވި، ތާބިޢީންގެ ބޮޑެތި އިމާމުންނާއި މުޖްތަހިދު ފަޤީހުންގެ ތެރެއިންވާ މަތިވެރި ޢާލިމެކެވެ.
-
ނަސަބުފުޅާއި އުފަންވެވަޑައިގަތުން:
އެކަލޭގެފާނަކީ އަބޫ ޙަފްޞް ޢުމަރު ބުން ޢަބްދުލްޢަޒީޒް ބުން މަރުވާން ބުން އަލްޙަކަމް އަލްޤުރަޝީ އަލްއުމަވީއެވެ. މަންމާފުޅަކީ އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު رَضِيَ اللَّهُ عَنْهُ ގެ ކާފަދަރިކަނބަލުން އުންމު ޢާޞިމް ލައިލާ ބިންތި ޢާޞިމް ބުން ޢުމަރު ބުނުލް ޚައްޠާބެވެ. ޚަލީފާ ބުން ޚައްޔާޠާއި އަލްއިމާމުއް ޛަހަބީ «سِيَرُ أَعْلَامِ النُّبَلَاء» ގައި ބަޔާންކުރައްވާފައިވާ ރާޖިޙު ރައުޔުގައި އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 61 ވަނަ އަހަރު މަދީނަތުލް މުނައްވަރާގައެވެ.
-
ޢިލްމީ ތަރުބިއްޔަތާއި މަދީނާގެ ފަޤީހުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތުން:
ތުއްޕުޅު އިރު މަދީނާގައި ޤުރުއާން ހިތުދަސްކުރައްވައި، ޢަބްދުالله ބުން ޢުމަރު رَضِيَ اللَّهُ عَنْهُمَا ފަދަ މާތް ޞަޙާބީންގެ އަރިހުގައި ތަރުބިއްޔަތުވެވަޑައިގަތެވެ. އަދި އަނަސް ބުން މާލިކް، ޢަބްދުالله ބުން ޖަޢުފަރު ފަދަ ޞަޙާބީންނާއި މަދީނާގެ ބޮޑެތި ތާބިޢީ ފަޤީހުންގެ އަރިހުން ޢިލްމާއި ޙަދީޘް އުނގެނިވަޑައިގަތެވެ.
-
ޞަޙާބީންނާއި ބޮޑެތި އިމާމުންގެ ހެކިބަސް:
-
މާތް ޞަޙާބީ އަނަސް ބުން މާލިކް رَضِيَ اللَّهُ عَنْهُ އެކަލޭގެފާނާ ބެހޭގޮތުން ވިދާޅުވިއެވެ.«مَا رَأَيْتُ أَحَدًا أَشْبَهَ صَلَاةً بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ هَذَا الْفَتَى» — "މި ޒުވާނާއަށް ވުރެ ބޮޑަށް ރަސޫލުالله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ނަމާދުފުޅާ އެއްގޮތަށް ނަމާދުކުރާ އެހެން އެކަކު ވެސް ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ." (الذهبي، سير أعلام النبلاء، 5/114.)
-
އަލްއިމާމު ސުފްޔާން އައްޘައުރީ رَحِمَهُ اللَّهُ ވިދާޅުވި ކަމަށް އިމާމު އަބޫ ދާވޫދު «السُّنَن» ގައި ރިވާކުރައްވާފައިވެއެވެ. «الْخُلَفَاءُ خَمْسَةٌ: أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ، وَعَلِيٌّ، وَعُمَرُ بْنُ عَبْدِ الْعَزِيزِ». — "[ހިދާޔަތް ލިބިވަޑައިގެންފައިވާ] ޚަލީފާއިންނަކީ ފަސް ބޭކަލުންނެވެ: އަބޫބަކުރާއި، ޢުމަރާއި، ޢުޘްމާނާއި، ޢަލީއާއި، ޢުމަރު ބުން ޢަބްދުލްޢަޒީޒެވެ." (ބަލިކަށި ރިވާޔަތެއް : ޝެއިޚް އަލްބާނީ)
-
އަލްއިމާމު އަޙްމަދު ބުން ޙަންބަލް رَحِمَهُ اللَّهُ އާއި ޢިލްމުވެރިންގެ ޖަމާޢަތެއް (އިބްނު ކަޘީރު «الْبِدَايَةُ وَالنِّهَايَة» ގައި ނަޤުލުކުރައްވާފައިވާ ފަދައިން) ވިދާޅުވެފައިވަނީ،«إِنَّ اللَّهَ يَبْعَثُ لِهَذِهِ الْأُمَّةِ عَلَى رَأْسِ كُلِّ مِائَةِ سَنَةٍ مَنْ يُجَدِّدُ لَهَا دِينَهَا» ("ހަމަކަށަވަރުން، ކޮންމެ ސަތޭކަ އަހަރެއްގެ ކުރީކޮޅުގައި މި އުންމަތަށް އެ އުންމަތުގެ ދީން އާލާކޮށްދޭނެ ބޭކަލަކު الله ފޮނުއްވާނެތެވެ" — އަބޫ ދާވޫދު: 4291) މި ޙަދީޘުގައި ބަޔާންވެފައިވާ ފުރަތަމަ ޤަރުނުގެ މުޖައްދިދަކީ ޢުމަރު ބުން ޢަބްދުލްޢަޒީޒް ކަމުގައެވެ.
-
އަލްޙާފިޡު އައްޛަހަބީ رَحِمَهُ اللَّهُ «سِيَرُ أَعْلَامِ النُّبَلَاء» (5/114) ގައި އެކަލޭގެފާނު ސިފަކުރައްވައި ވިދާޅުވެފައިވެއެވެ: «الْإِمَامُ، الْحَافِظُ، الْعَلَّامَةُ، الْمُجْتَهِدُ، الزَّاهِدُ، الْعَابِدُ، السَّيِّدُ، أَمِيرُ الْمُؤْمِنِينَ حَقًّا... الْخَلِيفَةُ الزَّاهِدُ الرَّاشِدُ» — "އެކަލޭގެފާނަކީ އިމާމެކެވެ، ޙާފިޡެކެވެ، ޢައްލާމާއެކެވެ، މުޖްތަހިދެކެވެ، ޒާހިދެކެވެ، ޢާބިދެކެވެ، ޙަޤީޤީ މާނައިގައި އަމީރުލްމުއުމިނީނެވެ... ޒާހިދު ޚަލީފާއުއް ރާޝިދެވެ."
-
-
ނަބަވީ ސުންނަތް ރަސްމީކޮށް ލިޔެ ޖަމާކުރެއްވުމަށް އަމުރުކުރެއްވުން:
ޞަޙީޙުލް ބުޚާރީގައި ވާރިދުވެފައިވާ ފަދައިން، ރަސޫލުالله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅުތައް ރަސްމީކޮށް ލިޔެ ޖަމާކުރުމަށް އެންމެ ފުރަތަމަ އަމުރުކުރެއްވި ޚަލީފާއަކީ ޢުމަރު ބުން ޢަބްދުލްޢަޒީޒެވެ. މަދީނާގެ ގަވަރުނަރު އަބޫބަކުރު ބުން ޙަޒްމަށް އެކަލޭގެފާނު ލިޔުއްވިއެވެ.
ބާބު: ޢިލްމު ގެންދެވޭ [އުފުއްލެވޭ] ގޮތް - بَابُ كَيْفَ يُقْبَضُ الْعِلْمُ
وَكَتَبَ عُمَرُ بْنُ عَبْدِ الْعَزِيزِ إِلَى أَبِي بَكْرِ بْنِ حَزْمٍ: «انْظُرْ مَا كَانَ مِنْ حَدِيثِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَاكْتُبْهُ، فَإِنِّي خِفْتُ دُرُوسَ الْعِلْمِ وَذَهَابَ الْعُلَمَاءِ، وَلَا تَقْبَلْ إِلَّا حَدِيثَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَلْتُفْشُوا الْعِلْمَ، وَلْتَجْلِسُوا حَتَّى يَعْلَمَ [أَوْ: يُعَلَّمَ] مَنْ لَا يَعْلَمُ، فَإِنَّ الْعِلْمَ لَا يَهْلِكُ حَتَّى يَكُونَ سِرًّا». [ ص: 50 ] حَدَّثَنَا الْعَلَاءُ بْنُ عَبْدِ الْجَبَّارِ، قَالَ: حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُسْلِمٍ، عَنْ عَبْدِ اللَّهِ بْنِ دِينَارٍ بِذَلِكَ، يَعْنِي حَدِيثَ عُمَرَ بْنِ عَبْدِ الْعَزِيزِ إِلَى قَوْلِهِ: «ذَهَابَ الْعُلَمَاءِ».
އަދި ޢުމަރު ބުން ޢަބްދުލްޢަޒީޒް، އަބޫބަކުރު ބުން ޙަޒްމަށް ލިޔުއްވިއެވެ: "ރަސޫލު الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘުގެ ތެރެއިން ހުރި އެއްޗެއް ބަލައި، އެ ލިޔާށެވެ! ފަހެ، ހަމަކަށަވަރުން ޢިލްމު ފޮހެވިގެން ދިޔުމަށާއި، ޢިލްމުވެރިން ނެތިދިޔުމަށް [އަވަހާރަވެ ދިޔުމަށް] ތިމަން ބިރުގެންފީމެވެ. އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘް މެނުވީ ޤަބޫލުނުކުރާށެވެ! އަދި ތިޔަބައިމީހުން ޢިލްމު ފަތުރާށެވެ! އަދި ނޭނގޭ މީހާއަށް އެނގިއްޖައުމަށް ދާންދެން [ނުވަތަ: އުނގަންނައިދެވިއްޖައުމަށް ދާންދެން] ތިޔަބައިމީހުން [ޢިލްމު އުނގަންނައިދިނުމަށް] އިށީނދެ ތިބޭށެވެ! ފަހެ، ހަމަކަށަވަރުން ޢިލްމު ސިއްރަކަށް ވެއްޖައުމަށް ދާންދެން ޢިލްމު ހަލާކުވެ ނެތިގެނެއް ނުދެއެވެ." [ޞ: 50] އަލްޢަލާއު ބުން ޢަބްދުލްޖައްބާރު ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ އެކަލޭގެފާނު ވިދާޅުވިއެވެ: ޢަބްދު الله ބުން ދީނާރުގެ އަރިހުން ޢަބްދުލްޢަޒީޒް ބުން މުސްލިމް އެ ވާހަކަ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ އެބަހީ، ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ ރިވާޔަތުގެ [ސިޓީފުޅުގެ ވާހަކައިގެ] ތެރެއިން އެކަލޭގެފާނުގެ ބަސްފުޅު ކަމުގައިވާ «ذَهَابَ الْعُلَمَاءِ» ("ޢިލްމުވެރިން ނެތިދިޔުން") އާ ހަމައަށެވެ.
١٠٠ - حَدَّثَنَا إِسْمَاعِيلُ بْنُ أَبِي أُوَيْسٍ، قَالَ: حَدَّثَنِي مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ الْعِبَادِ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا». قَالَ الْفَرَبْرِيُّ [أَوِ: الْفِرَبْرِيُّ]: حَدَّثَنَا عَبَّاسٌ، قَالَ: حَدَّثَنَا قُتَيْبَةُ، حَدَّثَنَا جَرِيرٌ، عَنْ هِشَامٍ نَحْوَهُ.
100 — އިސްމާޢީލް ބުން އަބީ އުވައިސް ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ އެކަލޭގެފާނު ވިދާޅުވިއެވެ: މާލިކް ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ؛ ހިޝާމް ބުން ޢުރުވާގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާފުޅުގެ [ޢުރުވާ ބުން އައްޒުބައިރުގެ] އަރިހުން، ޢަބްދު الله ބުން ޢަމްރު ބުން އަލްޢާޞްގެ އަރިހުން، އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލު الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: "ހަމަކަށަވަރުން، އަޅުތަކުންގެ ކިބައިން އެ ޢިލްމު އުފުރައިލައްވާ އުފުރައިލެއްވުމަކުން الله ޢިލްމު ނުގެންދަވައެވެ. އެހެންނަމަވެސް، އެކަލާނގެ ޢިލްމު ގެންދަވަނީ ޢިލްމުވެރިން ގެންދެވުމުންނެވެ [އެބަހީ: އަވަހާރަކުރެއްވުމުންނެވެ]. އެންމެ ފަހުން، އެކަލާނގެ އެއްވެސް ޢާލިމަކު ބާކީ ނުބަހައްޓަވާ ހިނދު، މީސްތަކުން ޖާހިލުންތަކެއް އިސް ވެރިން ކަމުގައި ހަދައެވެ. ދެން އެބައިމީހުންނާ ސުވާލުކުރެވެއެވެ؛ ފަހެ، އެބައިމީހުން ޢިލްމަކާ ނުލައި ފަތުވާދެއެވެ. ފަހެ، އެބައިމީހުން [އަމިއްލައަށް] މަގުފުރެދި، އަދި [އެހެން މީހުން] މަގުފުރައްދައެވެ." އަލްފަރަބްރީ [ނުވަތަ: އަލްފިރަބްރީ] ވިދާޅުވިއެވެ: ޢައްބާސް ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ؛ އެކަލޭގެފާނު ވިދާޅުވިއެވެ: ޤުތައިބާ ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ: ޖަރީރު، ހިޝާމްގެ އަރިހުން ހަމަ އެފަދަ މާނައެއްގައި ތިމަންމެންނަށް ޙަދީޘްކުރެއްވިއެވެ.
(މަޞްދަރު: ޞަޙީޙުލް ބުޚާރީ، كتاب العلم، باب كيف يقبض العلم، ޙަދީޘް ނަންބަރު 100)
-
ޚިލާފަތާއި އަވަހާރަވުން:
ހިޖުރައިން 99 ވަނަ އަހަރު ޚިލާފަތާ ޙަވާލުވެވަޑައިގެން، 2 އަހަރާއި 5 މަހާއި ދުވަސްކޮޅެއްގެ ކުރު މުއްދަތުގައި އަނިޔާވެރިކަން ނައްތަވައި، މުސްލިމުންގެ ޙައްޤުތައް ބައިތުލްމާލަށް އަނބުރާ ރައްދުކުރައްވައި، ޢަދުލުވެރިކަމުން ބިން ފުރުއްވައި، ޤަދަރިއްޔާއިންނާއި ޚަވާރިޖުން ފަދަ ބިދުޢަވެރިންނާ ދެކޮޅަށް ސުންނަތް ދިފާޢުކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 101 ވަނަ އަހަރުގެ ރަޖަބު މަހު ޝާމްކަރައިގެ ދައިރު ސިމްޢާނުގައި، ޢުމުރުފުޅުން ގާތްގަނޑަކަށް 40 އަހަރުގައެވެ.
މި އަޘަރުގެ ޝަރަޙައާއި، ސަލަފީ އަޘަރީ ސުންނީ ޢިލްމުވެރިން ނެރުއްވާފައިވާ މުހިންމު ޢަޤީދާއާއި މަންހަޖުގެ ފައިދާތައް
މި އަޘަރަކީ އަހުލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާއާއި މަންހަޖު ބިނާވެފައިވާ އެންމެ ވަރުގަދަ އަސާސްތަކުގެ ތެރެއިން އަސާސެކެވެ. މަދީނާގެ އިމާމު، އަލްއިމާމު މާލިކް ބުން އަނަސް رَحِمَهُ اللَّهُ މި ބަސްފުޅު ޤަބޫލުކުރައްވައި، އެކަލޭގެފާނުގެ ޢިލްމީ މަޖިލިސްތަކުގައި މި ޢިބާރާތްތައް ވިދާޅުވެ އުޅުއްވިއެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ، ބިދުޢަވެރިންނާއި ކަލާމް ޢިލްމުވެރިންނަށް ރައްދުދެއްވައި (ابن تيمية، الفتوى الحموية الكبرى، ضمن مجموع الفتاوى، ٥/٤٠) ގައި މި އަޘަރު ޙުއްޖަތެއްގެ ގޮތުގައި ގެންނަވާފައިވެއެވެ. ހަމައެފަދައިން އަލްއިމާމުއް ޝާޠިބީ «الْمُوَافَقَات» (ޖިލްދު 4) ގައި "ޞަޙާބީންގެ ސުންނަތަކީ އެއަށް ޢަމަލުކުރެވޭ އަދި އެއަށް ރުޖޫޢަވެވޭ ސުންނަތެއްކަން" ސާބިތުކުރެއްވުމަށް މި އަޘަރު ޙުއްޖަތަކަށް ނަންގަވާފައިވެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާއި އަހުލުއްސުންނަތުގެ ބޮޑެތި އިމާމުންގެ މަންހަޖުގެ އަލީގައި، ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ ގެ މި ބަސްފުޅުން ނުކުންނަ އެންމެ މުހިންމު ފައިދާތަކަކީ:
1. ރަސޫލާ ﷺ ގެ ސުންނަތާއި ޚުލަފާއުއް ރާޝިދޫންގެ ސުންނަތަކީ ދީނުގެ ޙުއްޖަތެއްކަން
«سَنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَوُلَاةُ الْأَمْرِ بَعْدَهُ سُنَنًا»
-
މި ޢިބާރާތުގައި «وُلَاةُ الْأَمْرِ بَعْدَهُ» (އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި އަމުރުވެރިން) ގެ މުރާދަކީ ޚުލަފާއުއް ރާޝިދޫންނާއި، ޢިލްމާއި ޙުކުމުގެ އަހުލުވެރިން ކަމުގައިވާ މާތް ޞަޙާބީންނެވެ.
-
މިއީ "ތިމަންމެން ޤަބޫލުކުރާނީ ހަމައެކަނި ޤުރުއާނެވެ" ބުނާ ޤުރުއާނިއްޔޫން (ސުންނަތަށް އިންކާރުކުރާ ޒިންދީޤުން) ނަށާއި، "ޤުރުއާނާއި ސުންނަތް ފަހުމުކުރުމުގައި ޞަޙާބީންނާއި ސަލަފުންގެ ފަހުމަށް ބޭނުމެއް ނެތެވެ" ބުނާ މި ޒަމާނުގެ ޢަޤްލާނީންނާއި ޙިޒްބީންނަށް ދެވިފައިވާ ވަރުގަދަ ރައްދެކެވެ.
-
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވާ ފަދައިން، ދީނުގެ އަޞްލުތަކާއި ޢަޤީދާއާއި އަޅުކަންތަކަކީ ޞަޙާބީންނާއި ޚުލަފާއުއް ރާޝިދޫން ޢަމަލުކުރައްވައި، އުންމަތަށް ވާރުތަކޮށްދެއްވި މަގެވެ. ޞަޙާބީންނަށް ނޭނގޭ، ނުވަތަ އެބޭކަލުން ޤަބޫލުނުކުރައްވާ އެއްވެސް "ޢަޤީދާއެއް" ނުވަތަ "ދީނީ މަންހަޖެއް" އެއީ އިސްލާމްދީނުގެ ތެރެއިންވާ އެއްޗެއް ނޫނެވެ.
2. ސުންނަތުގައި ހިފުމަކީ ކީރިތި ޤުރުއާން ތެދުކުރުމާއި، ކިޔަމަންތެރިކަން ފުރިހަމަކުރުމާއި، ދީނުގެ މަތީގައި ލިބޭ ބާރުކަން
«الْأَخْذُ بِهَا تَصْدِيقٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَاسْتِكْمَالٌ لِطَاعَتِهِ، وَقُوَّةٌ عَلَى دِينِ اللَّهِ»
ޢުމަރު ބުން ޢަބްދުލްޢަޒީޒް މިތަނުގައި ސުންނަތުގައި ހިފުމުގެ މަތިވެރި ތިން ނަތީޖާއެއް ބަޔާންކުރެއްވިއެވެ:
-
ޤުރުއާން ތެދުކުރުން (تَصْدِيقٌ لِكِتَابِ اللَّهِ): އެހެނީ ރަސޫލާއަށް ކިޔަމަންތެރިވުމަށާއި، އެކަލޭގެފާނު ގެންނެވި އެއްޗެއްގައި ހިފުމަށާއި، މުއުމިނުންގެ މަގަށް ތަބާވުމަށް އަމުރުކުރައްވާފައިވަނީ ޚުދު ކީރިތި ޤުރުއާނުގައެވެ. ވީމާ، ސުންނަތް ދޫކޮށްލާ މީހަކީ ޙަޤީޤަތުގައި ކީރިތި ޤުރުއާން ދޮގުކޮށް، ޤުރުއާނުގެ އަމުރުފުޅާ ޚިލާފުވާ މީހެކެވެ.
-
اللهއަށް ކިޔަމަންތެރިވުން ފުރިހަމަކުރުން (اسْتِكْمَالٌ لِطَاعَتِهِ): ހަމައެކަނި ހެޔޮ ނިޔަތަކުން ނުވަތަ ޖޯޝަކުން اللهއަށް ކިޔަމަންތެރިވުން ފުރިހަމައެއް ނުވާނެއެވެ. ޢަމަލު ޤަބޫލުވެވި، ކިޔަމަންތެރިކަން ފުރިހަމަވާނީ އިޚްލާޞްތެރިކަމާ އެކު ނަބަވީ ސުންނަތާ އެއްގޮތްވެގެންނެވެ.
-
اللهގެ ދީނުގެ މަތީގައި ލިބޭ ބާރު (قُوَّةٌ عَلَى دِينِ اللَّهِ): އުންމަތަށް ޢިއްޒަތާއި، ސާބިތުކަމާއި، ޝުބުހަތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި ބާރު ލިބެނީ ސުންނަތުގައި ގަދައަށް ހިފެހެއްޓުމުންނެވެ. މިއާ ޚިލާފަށް، ބިދުޢަތަކާއި، ޙިޒްބީ ސިޔާސީ ފިކުރުތަކާއި، އަމިއްލަ ރައުޔުތަކަކީ ދީނާއި އުންމަތް ބަލިކަށިކޮށް، ބައިބައިކޮށްލާ ސަބަބުތަކެވެ.
3. ދީނަށް ބަދަލު ގެނައުމާއި ބިދުޢަ އުފެއްދުމުގެ ޙަރާމްކަން
«لَيْسَ لِأَحَدٍ تَغْيِيرُهَا وَلَا تَبْدِيلُهَا»
ޢުމަރު ބުން ޢަބްދުލްޢަޒީޒް ވަނީ ވަރަށް ފުރިހަމަ ދެ ލަފްޒެއް ޖަމާކުރައްވާފައެވެ: «تَغْيِيرُهَا» (އޭގެ ސިފައަށް ނުވަތަ މާނައަށް ބަދަލު ގެނައުން) އަދި «تَبْدِيلُهَا» (އެ ސުންނަތް އެއްކޮށް ނަގައި، އޭގެ ބަދަލުގައި އެހެން އެއްޗެއް ގެނައުން).
-
މީގެ ތެރެއަށް ޢަޤީދާގެ ތަޙްރީފާއި ތައުވީލު (މިސާލަކަށް ޖަހުމިއްޔާއިންނާއި، މުޢުތަޒިލާއިންނާއި، އަޝްޢަރީން اللهގެ ޞިފަފުޅުތަކުގެ މާނަ ބަދަލުކުރުން) ވަދެގެންދެއެވެ.
-
އަދި މީގެ ތެރެއަށް އަޅުކަންތަކާއި މަންހަޖުގައި އުފައްދާ ބިދުޢަތައް (މިސާލަކަށް "ބިދުޢަ ޙަސަނާ" ގެ ނަމުގައި ދީނަށް އާ ކަންކަން ވެއްދުމާއި، "ޒަމާނާ އެއްގޮތަށް ދީން ތަޖުދީދުކުރުން" ކަމަށް ބުނެ ޝަރުޢީ ޙުކުމްތަކަށް ބަދަލު ގެނައުން) ވެސް ވަދެގެންދެއެވެ.
-
«لَيْسَ لِأَحَدٍ» (އެއްވެސް މީހަކަށް ނުވެއެވެ) — ވެރިއަކަށް ވިޔަސް، ޢާލިމަކަށް ވިޔަސް، ޖަމާޢަތެއްގެ ލީޑަރަކަށް ވިޔަސް، ނުވަތަ ފަލްސަފާވެރިއަކަށް ވިޔަސް، ރަސޫލާ ﷺ އާއި ޚުލަފާއުއް ރާޝިދޫން ކަނޑައެޅުއްވި ސުންނަތަށް ބަދަލެއް ގެނައުމުގެ އެއްވެސް ޙައްޤެއް ނުވެއެވެ.
4. ސުންނަތާ ޚިލާފުވާ މީހުންގެ ރައުޔުތަކަށް އެއްވެސް ވަރަކަށް ނުބެލުމުގެ ސަލަފީ އުޞޫލު
«وَلَا النَّظَرُ فِي رَأْيِ مَنْ خَالَفَهَا»
މިއީ ސަލަފީ މަންހަޖުގެ އެންމެ ހައިބަތު ބޮޑު އެއް ޤަވާޢިދެވެ:
-
ޞައްޙަ ސުންނަތާއި ޞަޙާބީންގެ މަގު ސާފުކޮށް ބަޔާންވެއްޖެ ނަމަ، އެއާ ޚިލާފުވާ އެއްވެސް މީހެއްގެ ރައުޔަކަށް ބެލުމެއް، އޭގައި ހިފުމެއް، ނުވަތަ އެ ރައުޔު ސުންނަތާ އެއްވަރުކޮށް "ޚިލާފު އޮތް މައްސަލައެއް" ކަމުގައި ހެދުމެއް ހުއްދައެއް ނުވާނެއެވެ.
-
މި ޤަވާޢިދުން، ޝަރުޢީ ނައްޞުތަކުގެ މައްޗަށް ބުއްދިއާއި ފަލްސަފާ އިސްކުރާ ކަލާމް ޢިލްމުވެރިންނާއި، ޞަޙާބީންގެ މަންހަޖާ ޚިލާފަށް ވެރިންނާ ދެކޮޅަށް ނުކުމެ ލޭއޮހޮރުވުން ހުއްދަކުރާ ޚަވާރިޖީ-ޤުޠުބީ ފިކުރުގެ މީހުންނާއި، ޖަމާޢަތްތަކާއި ޕާޓީތަކުގެ ލީޑަރުންގެ ބަސްތައް ސުންނަތުގެ މައްޗަށް އިސްކުރާ މުތަޢައްޞިބުންގެ ބާޠިލުކަން މުޅިން ހާމަވެގެންދެއެވެ.
-
ހަމައެފަދައިން، ބިދުޢަވެރިންނާއި މަގުފުރެދިފައިވާ މީހުންގެ ފޮތްތައް ކިޔައި، އެބައިމީހުންގެ ޝުބުހަތަކަށް ކަންފަތްދިނުމުން ސަލަފުއްޞާލިޙުން މަނާކުރެއްވީ ހަމަ މި އަޞްލުގެ މަތީގައެވެ؛ އެހެނީ ޙައްޤު ސުންނަތް ސާބިތުވުމަށް ފަހު، އެއާ ޚިލާފުވާ ބާޠިލު ރައުޔުތަކަށް ބެލުމަކީ ހިތްތަކަށް ޝައްކާއި ފިތުނަ ވައްދާ ކަމެކެވެ.
5. ޙަޤީޤީ ހިދާޔަތާއި ބަޞީރަތް ވަނީ ހަމައެކަނި ސުންނަތާއި ސަލަފުންގެ މަގުގައިކަން
«فَمَنِ اقْتَدَى بِمَا سَنُّوا اهْتَدَى، وَمَنِ اسْتَبْصَرَ بِهَا أَبْصَرَ»
-
މި ޢިބާރާތުގައި ޢުމަރު ބުން ޢަބްދުލްޢަޒީޒް ވަނީ ހިދާޔަތް (اهْتَدَى) އާއި ބަޞީރަތް (أَبْصَرَ) ލިބުން ހަމައެކަނި ރަސޫލާ ﷺ އާއި ޚުލަފާއުއް ރާޝިދޫންގެ ސުންނަތާ ގުޅުއްވާފައެވެ.
-
ފަލްސަފާވެރިން ދަޢުވާކުރާ "ބުއްދީގެ އަލިކަމާއި"، ޞޫފީން ދަޢުވާކުރާ "ކަޝްފާއި ޛައުޤާއި ބާޠިނީ ޢިލްމާއި"، ސިޔާސީ ޙިޒްބީން ދަޢުވާކުރާ "ފިޤްހުލް ވާޤިޢުގެ" ނަމުގައި ގެންގުޅޭ ސުންނަތާ ޚިލާފު ރޭވުންތަކަކީ، ޙަޤީޤީ ބަޞީރަތެއް ނޫނެވެ؛ އެއީ އަނދިރިކަމާއި މަގުފުރެދުމެވެ. ޙަޤީޤީ ލޯހުޅުވުމާއި، ފިތުނަތަކުގެ ވަގުތުގައި ޙައްޤު ސާފުކޮށް ފެނުމުގެ ބަޞީރަތް ލިބޭނީ ހަމައެކަނި ސުންނަތުން އަލިކަން ހޯދާ މީހަކަށެވެ.
6. ޞަޙާބީންގެ މަގާ ޚިލާފުވުމުގެ ނުރައްކާތެރި ޤުރުއާނީ ވަޢީދު
«وَمَنْ خَالَفَهَا وَاتَّبَعَ غَيْرَ سَبِيلِ الْمُؤْمِنِينَ وَلَّاهُ اللَّهُ عَزَّ وَجَلَّ مَا تَوَلَّاهُ، وَأَصْلَاهُ جَهَنَّمَ وَسَاءَتْ مَصِيرًا»
ޢުމަރު ބުން ޢަބްދުލްޢަޒީޒް މި ޢިބާރާތް ނަންގަވާފައިވަނީ ސީދާ ސޫރަތުއް ނިސާގެ 115 ވަނަ އާޔަތުންނެވެ: ﴿وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا﴾.
މި ޤުރުއާނީ އާޔަތުން ޢުމަރު ބުން ޢަބްދުލްޢަޒީޒް އިސްތިންބާޠުކުރެއްވި މަތިވެރި ފިޤުހަކީ:
-
އާޔަތުގައިވާ «سَبِيلُ الْمُؤْمِنِينَ» (މުއުމިނުންގެ މަގު) ގެ އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި އަހުލުވެރިންނަކީ މާތް ޞަޙާބީންނާއި ޚުލަފާއުއް ރާޝިދޫން ނެވެ.
-
ސުންނަތާއި ޞަޙާބީންގެ މަގު ދޫކޮށް، އެހެން މަގަކަށް ތަބާވާ މީހާއަށް ލިބޭ އެންމެ ބޮޑު ދުނިޔަވީ ޢުޤޫބާތަކީ «وَلَّاهُ اللَّهُ مَا تَوَلَّاهُ» — އޭނާ އިޚްތިޔާރުކުރި ބާޠިލު މަގަކަށާއި، މަގުފުރެދުމަކަށާއި، އޭނާގެ ނަފްސުގެ އެދުންތަކަށް الله އޭނާ ދޫކޮށްލައްވައި، ތައުފީޤުން މަޙްރޫމުކުރެއްވުމެވެ. އެހެންވެ، ބިދުޢައާއި މަގުފުރެދުމުގެ ތެރެއަށް ވަންނަ މީހުންނަށް ބާޠިލު ޒީނަތްތެރިވެ، އެއް މަގުފުރެދުމުން އަނެއް މަގުފުރެދުމަށް ވެއްޓެމުންދާތަން ފެނެއެވެ.
-
އަދި އޭގެ އުޚްރަވީ ޢުޤޫބާތަކީ ނުބައިވެގެންވާ ނިމިދިޔުން ކަމުގައިވާ ނަރަކައެވެ. ވީމާ، ސުންނަތާއި ސަލަފުންގެ މަންހަޖުގައި ހިފެހެއްޓުމަކީ ހަމައެކަނި "މުސްތަޙައްބު" އިޚްތިޔާރީ ކަމެއް ނޫނެވެ؛ އެއީ ނަރަކައިން ސަލާމަތްވުމާއި ސުވަރުގެ ހޯދުމުގެ މައްސަލައެކެވެ.
ޚާތިމާ
އަމީރުލްމުއުމިނީން ޢުމަރު ބުން ޢަބްދުލްޢަޒީޒް رَحِمَهُ اللَّهُ ގެ މި ޖާމިޢު ބަސްފުޅުން ސާފުވެގެންދަނީ، އިސްލާމްދީނަކީ ކޮންމެ ޒަމާނެއްގައި މީސްތަކުންގެ އަމިއްލަ ރައުޔުތަކާއި، ޖަޒުބާތުތަކާއި، ސިޔާސީ ޙިޒްބުތަކުގެ އެޖެންޑާތަކަށް ފައްތަން ބަދަލުކުރެވޭނެ ދީނެއް ނޫންކަމެވެ. އިސްލާމްދީނަކީ ރަސޫލުالله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެންނެވި، އަދި އެކަލޭގެފާނުގެ ޞަޙާބީންނާއި ޚުލަފާއުއް ރާޝިދޫން ފަހުމުވެވަޑައިގެން ޢަމަލުކުރެއްވި ސާފު ސުންނަތެވެ.
އެހެންކަމުން، ޙައްޤު ހޯދައި، ނަޖާތުވުމަށް އެދޭ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތް، ސަލަފުއްޞާލިޙުން ފަހުމުވެވަޑައިގެންނެވި ގޮތަށް އުނގެނި، އެ މަގުގައި ގަދައަށް ހިފަހައްޓައި، އެއާ ޚިލާފުވާ އެންމެހައި ބިދުޢަތަކާއި، ޙިޒްބީ ފިކުރުތަކާއި، ބާޠިލު ރައުޔުތަކުން ބަރީއަވުމެވެ.
اللَّهُمَّ أَرِنَا الْحَقَّ حَقًّا وَارْزُقْنَا اتِّبَاعَهُ، وَأَرِنَا الْبَاطِلَ بَاطِلًا وَارْزُقْنَا اجْتِنَابَهُ، وَثَبِّتْنَا عَلَى الْكِتَابِ وَالسُّنَّةِ وَمَنْهَجِ السَّلَفِ الصَّالِحِ حَتَّى نَلْقَاكَ. آمِينَ.