5 ތަޢްލީމު ހޯދުމުގެ މައިދާނުގަ އާއި ވަޒީފާގެ މައިދާނުގައި ފިރިހެނުންނާއި އަންހެނުން އެކުވެއުޅުމުގެ ޙުކުމް - الشَّيْخ العَلاَّمَة محمد بِن إِبْرَاهِيم آل الشَّيْخ رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަންހެން ފިރިހެން މައްސުނިވުން

ތަޢްލީމު ހޯދުމުގެ މައިދާނުގަ އާއި ވަޒީފާގެ މައިދާނުގައި ފިރިހެނުންނާއި އަންހެނުން އެކުވެއުޅުމުގެ ޙުކުމް - الشَّيْخ العَلاَّمَة محمد بِن إِبْرَاهِيم آل الشَّيْخ رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އަންހެން ފިރިހެން މައްސުނިވުން

بسم الله الرحمن الرحيم
އަންހެނުންނާއި ފިރިހެނުން އެކުވެއުޅުމުގެެ ޙުކުމުގެ މައްޗަށް ބަޔާންވެގެންވާ މުހިންމު ފަތުވާއެއް.
الشيخ محمد بن إبراهيم آل الشيخ – رحمه الله -  އާ ސުވާލު ދެންނެވުނެވެ. ފިތުނަވެރިކަމެއް ނެތުމުން އަންހެނުންނާއި ފިރިހެނުން އެކުވެއުޅުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބުގައި ވިދާޅުވިއެވެ.
ފިރިހެނުންނާއި އަންހެނުން އެކުވެއުޅުން ތިން ޙާލަތެއްގައިވެއެވެ.
ފުރަތަމައީ: އަންހެނުން އެބައި މީހުންގެ މަޙްރަމުންނާއި އެކީގައި އެކުވެއުޅުމެވެ. މިގޮތަށް އެކުވުމުގެ ހުއްދަކަމާއި މެދުގައި އެއްވެސް ޝައްކެތް ނެތެވެ.
ދެވަނައީ: ފަސާދަކުރުމުގެ ނިޔަތުގައި ހިލޭއަންހެނުންނާއި އެކުވެއުޅުމެވެ. މިގޮތަށް އެކުވެއުޅުމުގެ ޙަރާމްކަމާ މެދުގައި އެއްވެސް ޝައްކެތް ނެތެވެ.
ތިންވަނައީ: ހިލޭ އަންހެނުންނާ އަންނަނިވި ތަންތަނުގައި އެކުވެއުޅުމެވެ. ކިޔަވާ ތަންތަނުގައާއި، ފިހާރަތަކުގެ މުވައްޒަފުންގެ ގޮތުގައާއި، އޮފީސްތަކުގައާއި، ހޮސްޕިޓަލް

ތަކުގައާއި ޙަފްލާތައް ފަދަ އެންމެހައި ތަންތަނުގައެވެ. ޙަޤީޤަތުގައި އެންމެ ފުރަތަމަ ވިސްނާ ފިކުރު ހިންގާލުމުގައި ހީވާނީ އަންހެނުންނާއި ފިރިހެނުން އެއްބަޔަކު އަނެއްބަޔަކު ފިތުނަވެރިވެ ނުދާނެކަމެވެ. މިކަމުގެ ޙަޤީޤަތް ކަޝްފުކޮށް ބަލައިލުމަށް އަހަރެމެން މި ކަމަށް ދެގޮތަކަށް ޖަވާބުދާރީ ވާނަމެވެ. އެއީ ޖުމްލަ ގޮތުގައި އަދި ތަފްޞީލީ ގޮތުގައެވެ.


ފަހެ، ޖުމްލަ ގޮތުގައި ބުނުންއޮތީ، ހަމަކަށަވަރުން الله ފިރިހެނުން ހައްދަވާފައި ވަނީ ބާރުގަދަކަމާއި އަންހެނުންގެ ކިބައަށް ލެނބިގެންދާ ބައެއްގެ ގޮތުގައެވެ. އަންހެނުން އެކަލާނގެ ހެއްދެވީ މަޑުމޮޅިކަމާ އެކުގައި ފިރިހެނުންގެ މައްޗަށް ލެނބިގެންދާ ބައެއްގެ ގޮތުގައެވެ.


ދެބައި މީހުން އެކުވެއްޖެ ކަމުގައި ވާނަމަ އެކަމުން ނުކުމެގެންދަނީ ހިތި ނަތީއްޖާއެކެވެ. ސަބަބަކީ ނަފްސުތަކަކީ ނުބައި ކަންތަކަށް އަމުރުކުރާ އެއްޗެއްގެ ގޮތުގައި ވުމުންނެވެ. އިންސާނާގެ ޖަޒުބާތަކީ އޭނާގެ ފެނުމާއި އަޑުއިވުން ފަރުދާކޮށްލާ އެއްޗެކެވެ. އަދި އެއާއެކު ޝައިޠާނާއަކީ ނުބައި ކަންތައްތަކާއި ފާޙިޝްއަށް އަމުރުކުރާ ފަރާތެކެވެ.


މިކަންތައް ތަފްޞީލުކޮށް ބުނުންއޮތީ، ފަހެ، ޝަރީއަތް ބިނާވެގެންވާނީ ވަކި މަޤްޞަދުތަކާއި އެކި ވަޞީލަތްތަކުންނެވެ. އެ ކަމަކަށް ވާޞިލްވުމަށް އެދޭ ވަޞީލަތްތަކަށް އެ ކަމަކަށް ލިބިގެންވާ ޙުކުމް ލިބިދޭނެއެވެ. ފަހެ، އަންހެނުންނަކީ ފިރިހެނުން އެބައި މީހުންނަށް ބޭނުންވެ، ފިރިހެނުން އެކަނބަލުންނަށް އެދޭ ބައެކެވެ. މި ދެބައި ގެ އެއްވެސް ބަޔަކު އެއްބަޔަކާ އަނެއްބަޔަކާ ގައިގޯޅި ވެދާނެ އެންމެހައި ދޮރުތަކެއް ވަނީ ބަންދުކޮށްފައެވެ. އަހަރެމެން ޤުރުއާންއާއި ސުންނަތުން ބަޔާންކޮށްދޭ ދަލީލުތަކުން މިކަން ފާޅުވެ، ބަޔާންވެގެންދާނެއެވެ.


ޤުރުއާންއާއި ސުންނަތުގެ ދަލީލުތައް:


ފުރަތަމަ ދަލީލު: الله ވަޙީކުރައްވާފައި ވެއެވެ. وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ "އަދި ޔޫސުފް އެކަނބުލެއެއްގެ  ގޭގައި ހުންނެވި ކަނބުލޭގެ، ޔޫސުފްގެ ކައިރިން ނުބައި ކަމަކަށް އެދުނެވެ. އަދި، ދޮރުލައްޕައި، އެ ކަނބުލޭގެ ބުންޏެވެ. ޔޫސުފް ތިމަންނަ ގާތަށް އަންނާށެވެ. ޔޫސުފް ވިދާޅުވިއެވެ. الله ގެ ރައްކައުތެރިކަމަށް އެދެމެވެ. ކަނބުލޭގެ ޚިޔާނާތްތެރި ވުމަށް ތިޔައެދޭ މީހާއަކީ އަހަރެންގެ ޞާޙިބު މީހާއެވެ. އޭނާ ތިމަންނަ ބަލަހައްޓާފައި ވަނީ މާތް ރަނގަޅު ގޮތުގައެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ކާމިޔާބު ނުލިބޭނެއެވެ."
މިއާޔަތުން ބަޔާންވެގެންވާ ދަލީލު : ހަމަކަށަވަރުން މިޞްރުގެ ޢަޒީޒުގެ އަންހެނުންނާއި ޔޫސުފް އާ ދެމީހުންގެ އެކުވެއުޅުމުން އެ އަންހެންމީހާ އެނާ ބޭނުންވާ ކަންތަކަށް ޔޫސުފް ކައިރިން އެދުނެވެ. އަދި އެކަމަށް އެއްބަސްވުމަށް އެދި އަންހެން މީހާ އެދުމެވެ. އެހެނަސް الله ގެ ރަޙްމަތް ޔޫސުފްގެ މައްޗަށް ފާޅުވެ އެހިނދު الله ޔޫސުފް ރައްކައުތެރި ކުރެއްވިއެވެ. އެއީ الله ގެ ވަޙީބަސްފުޅުގައި ވާރިދުވެގެންވާ ފަދައިންނެވެ. فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ "ފަހެ، ޔޫސުފްގެ ވެރި އިލާހު، ޔޫސުފް ގެ ދުޢާ އިޖާބަކުރައްވައި، އެބައި މީހުންގެ މަކަރުވެރިކަން ޔޫސުފް ގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."


މިފަދައިން، އަންހެނުންނާ އެކުވެ އުޅެއްޖެ ހިނދެއްގައި ކޮންމެބަޔަކުމެ އެބަޔަކު ނަފްސު އެދޭ އެދުންތަކަށް އަނެއްބައި މީހުން ކައިރިން އެދޭނެއެވެ. އަދި އެ އެދުންތައް ފުއްދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމުގައި ދެމިތިބޭނެއެވެ.


ދެވަނަ ދަލީލު: ފިރިހެނުންނަށް އެބައި މީހުންގެ ބެލުން ތިރިކުރުމަށް الله އަމުރު ކުރައްވާފައި ވެއެވެ. އަދި ހަމަ މިފަދައިން އަންހެނުންނަށް ވެސް އަމުރު ކުރައްވާފައި ވެއެވެ. الله ތަޢާލާ ވަޙީ ކުރައްވައެވެ. قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (30) وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ "މުއުމިނު ފިރިހެންތަކުންނަށް އެބައި މީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައި މީހުންގެ ފަރުޖުތައް (ޖިންސީ ގުނަންތައް) ރައްކައުތެރި ކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ.  އެގޮތް އެބައި މީހުންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން الله އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި،......."


މި ދެ އާޔަތުން ބަޔާންވެގެންވާ ދަލީލު: މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް އަމުރު ވެވިގެންވަނީ އެބައި މީހުންގެ ބެލުންތައް ތިރިކުރުމަށެވެ. އަމުރު ބަޔާންވެގެން ދިއުމުން އެއިން ދައްކުވައި ދެނީ ވާޖިބު ވެގެންވާކަމެވެ. އެއަށްފަހުގައި، الله ބަޔާންކުރައްވާފައިވަނީ އެއީ އެބައި މީހުންނަށް އެންމެ ޠާހިރުކަން ބޮޑު އަދި އެންމެ ހެޔޮކަންބޮޑު ގޮތުގައެވެ. މި ޝަރީޢަތުގައި އިންސާނާގެ ކިބައިން ޢަފޫޢަވެވިގެންވަނީ ކުއްލިއަކަށް ބެލޭ ބެލުންތަކުގައެވެ. އިމާމް الحاكم ލިޔުއްވި المستدرك ގައި علي رضي الله عنه ނަބިއްޔާ ﷺ ގެ އަރިއަހުން ރިވާކުރައްވާފައިވާ ރިވާޔަތުގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "يا علي لا تتبع النظرة النظرة فإن لك الأولى وليست لك الآخرة" "ޢަލީ އެވެ! އެއް ފަހަރު ފެނުމުން ދެވަނަ ފަހަރަށް ނުބަލާށެވެ. ތިބާއަށް އޮތީ ފުރަތަމަ ބެލުމެވެ. ދެވަނަ ބެލުން ވަނީ ތިބާއަކަށް ނޫނެވެ."  މި ޙަދީޘް ރިވާކުރެއްވުމަށް ފަހު الحاكم ވިދާޅުވެފައި ވެއެވެ. "މިޙަދީޘްއަކީ އިމާމް މުސްލިމްގެ ޝަރުޠުތަކުގެ މައްޗަށް ޞައްޙަކަން ލިބިގެންވާ ރިވާޔަތެކެވެ. އެހެނަސް މުސްލިމް ރިވާކުރައްވާފައެއް ނުވެއެވެ." التلخيض ގައި މިޙަދީޘްގެ މައްޗަށް الذهبي މުވާފަޤާވެފައިވެއެވެ. މި މާނައިގައި އެތައް ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ.


ބެލުން ތިރިކުރުމަށް الله އަމުރު ކުރައްވާފައިވާ ސަބަބަކީ އޭނާއަށް ބެލުން ހަރާމްވެގެންވާ ހިލޭއަންހެނުންނަށް ބެލުމަކީ ޒިނޭ ކަމުގައި ވުމުންނެވެ. أبوهريرة رضي الله عنه ނަބިއްޔާ ﷺ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "العينان زناهما النظر والأذنان زناهما الاستماع واللسان زناه الكلام واليد زناها البطش  والرجل زناها الخطا" "ދެ ލޮލުން ކުރެވޭ ޒިނޭއަކީ ބެލުމެވެ. ދެ ކަންފަތުން ކުރެވޭ ޒިނޭއަކީ އަޑުއެހުމެވެ. ދުލުން ކުރެވޭ ޒިނޭއަކީ ބަސްތައް ބުނުމެވެ. ދެ އަތުން ކުރެވޭ ޒިނޭއަކީ އެއްޗެހީގައި ބީހުމެވެ. ދެ ފައިން ކުރެވޭ ޒިނޭއަކީ ފިޔަވަޅުއެޅުމެވެ." –ބުޚާރީ އަދި މުސްލިމް، މިތަނުގައި ޒިކުރު ކުރެވިފައިވަނީ މުސްލިމްގެ ރިވާޔަތެވެ-. ދެލޮލުގެ ޒިނޭ ކަމުގައި ވެގެންދިޔައީ އޭނާ އަންހެންމީހާގެ ރިވެތިކަމަށް ބަލައި އަދި އޭނާގެ ހިތުގެ ތެރޭގައި އެކަމަށް އެދުމެވެ. އެގޮތުން ހިތް އެކަމަށް އެދިއެދި ހުރެއެވެ. އެއަށްފަހު އަންހެންމީހާއާ އެކުގައި ފާޙިޝް ޢަމަލަށް ދިއުމަށް މަސައްކަތް ކުރެއެވެ. ފަހެ، މިގޮތުން ޝަރީޢަތުގައި ވަނީ މިފަސާދައިން އެއްކިބާވުމަށްޓަކައި ހިލޭ އަންހެނުންނަށް ބެލުން ނަހީކުރައްވާފައެވެ. މިކަން ޙާޞިލްކުރެވޭނީ އަންހެނުންނާއި ފިރިހެނުން އެކުވެއުޅުމުންނެވެ. ވުމާއެކު، ދެބައި މީހުން އެކުވެއުޅުން ވަނީ ނަހީކުރައްވާފައެވެ. ސަބަބަކީ އެއީ އަންހެންމީހާގެ މައްޗަށް ނަޟަރުހިންގައި ބެލުމުން އެކަމުން ނުކުންނަ ހިތިކަމުގެ ނަތީއްޖާ ވެގެންދާނެ ގޮތުގެ މިންވަރު ތަސައްވުރު ނުކުރެވޭނެ ކަމަކަށް ވުމުންނެވެ.


ތިންވަނަ ދަލީލު: އިސްވެ ބަޔާންވެދިޔަ ދަލީލުތަކުން އަންހެންމީހާގެ ހަށިގަނޑަކީ ޢައުރައެއްކަން ބަޔާންވެއެވެ. އެގޮތުން އަންހެންމީހާއަށް އޭނާގެ މުޅި ހަށިގަނޑު ނިވާކުރުން ވާޖިބުވެގެން ވެއެވެ. ސަބަބަކީ އަންހެންމިހާގެ ހަށިގަނޑު ކަޝްފުކުރުން ނުވަތަ ހަށިގަނޑުގެ ބައެއް ކަޝްފުކުރުން ވެގެންދަނީ އަންހެންމީހާއަށް އެހެންމީހުން ނަޟަރު ހުއްޓުމެވެ. ނަޟަރު ހުއްޓި ބެލުންވެގެންދަނީ ހިތުގައި އެކަމަށް އެދުން އުފެދިގެން ދިއުމެވެ. އެއަށްފަހުގައި އެހުރިހާ ކަންތަކެއް ބަދަލުވެ އޭނާ އެދޭކަންތައްތައް ޙާޞިލް ކުރުމަށް އެކިއެކި ގޮތްތައް ހޯދުންވެއެވެ. އަންހެނުންނާއި ފިރިހެނުން އެކުވެއުޅުމުން ވެސް ކަންތައް އޮތީ މިފަދައިންނެވެ.

 

ހަތަރުވަނަ ދަލީލު: الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ  "އަދި އެ އަންހެނުންގެ ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން އެ އަންހެނުން ބިމުގައި ނުޖަހާހުށިކަމެވެ."


މިއާޔަތުން ބަޔާންވެގެންވާ ދަލީލު: ބިމުގައި ފައިން ޖެހުމަކީ ހުއްދަކަމެއްގެ ގޮތުގައި ވިޔަސް މިތަނުގައި الله ތަޢާލާ ވަނީ އަންހެނުންނަށް އެބައި މީހުންގެ ފައިގައިވާ ގަހަނާތަކުގެ އަޑު އެހެން މީހުންނަށް އިވިދާނެ ސަބަބަށްޓަކައި ބިންމަތީގައި ފައިން ބާރަށް ނުޖެހުމަށް އަމުރު ކުރައްވާފައެވެ. އެއީ އެކަމުގެ ސަބަބުން އެ އަންހެނުންނަށް ބެލުމަށް ޝަހުވަތް އުފެދިދާނެތީއެވެ. އެގޮތުން މިފަދަ ފަސާދައިގެ ތެރެއަށް ދާނެ ކަމެއްގެ ގޮތުގައި ވުމުން އަންހެނުންނާއި ފިރިހެނުން އެކުވެއުޅުން މަނާވެގެންވެއެވެ.

 

ފަސްވަނަ ދަލީލު: الله ތަޢާލާ ވަޙީކުރައްވައެވެ. يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ "ލޮލުގެ ޚިޔާނާތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ." ابن عباس އަދި ތަފްޞީރުގެ އަހުލުވެރިން މި އާޔަތް ތަފްސީރު ކުރައްވާ ވިދާޅުވެފައި ވެއެވެ. "އެއީ ފިރިހެނަކު އޭނާގެ ގެއަށް، އޭނާގެ އަހުލުން ކައިރިއަށް ވަންނަ ހިނދުގައި އެ ގޭގައި ރިތީ އަންހެނަކު ވިއެވެ. އެއަންހެން ކައިރިން ދާހިނދު އޭނާ ޣާފިލުވެފައި ވުމުން އެ އަންހެންމީހާއަށް ބެލެއެވެ. އެކަމުގެ ނުބައިކަން އިނގުމުން އެކަހެރިވެދެއެވެ. އަދި އޭނާގެ ބެލުން ތިރިކުރެއެވެ. އަދި އެކަމުން ޣާފިލުވުމުން ނަޟަރުހިންގައި ބަލައިލައެވެ. އެކަމުގެ ނުބައިކަން އިނގުމުން ބެލުން ތިރިކުރެއެވެ."


މިއާޔަތުން ބަޔާންވެގެންވާ ދަލީލު : އަންހެނުންގެ ތެރެއިން އޭނާއަށް ބެލުމަށް ޙަލާލުވެގެން ނުވާ އަންހެނަކަށް ބެލުމުން އެއީ ވައްކަން ކުރެވޭ ފަދަގޮތުން ބަލާލެވޭ ބެލުމެއް ކަމުގައިވެ، الله ތަޢާލާ ވަޙީކުރައްވާފައި ވަނީ އެއީ ޚިޔާނާތްތެރި ބެލުމެއްގެ ގޮތުގައެވެ. އެހެންވުމުން އަންހެނުންނާއި ފިރިހެނުން އެއްވެ އުޅުމުން ވެގެންދާނީ ކޮންފަދަ ކަމަކަށްތޯއެވެ!


ހަވަނަ ދަލީލު: الله ތަޢާލާ އަންހެނުންނަށް އަމުރު ކުރައްވާފައިވަނީ އެ ކަނބަލުންގެ ގެތަކުގައި އިސްތިޤްރާރުވެ ދެމި ތިބުމަށެވެ. الله ވަޙީ ކުރެއްވިއެވެ. وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ "އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ."


މިއާޔަތުން ބަޔާންވެގެންވާ ދަލީލު: ރަސޫލާ ﷺ ގެ ޠާހިރުވެގެންވާ، ހެޔޮކަމުގައި ޤާއިމްވެވަޑައިގެންވާ އަނބިކަބަލުންނަށް الله ތަޢާލާ އަމުރުފުޅު ކުރައްވާފައިވަނީ އެ އަނބިކަބަލުންތައް ގެތަކުގައި ލާޒިމްވެ ދެމިތިއްބެވުމަށެވެ. الله ތަޢާގެ މި ޚިޠާބަކީ އެ އަނބިކަބަލުން ފިޔަވައި އެހެން ހުރިހާ މުސްލިމު އަންހެނުންގެ މައްޗަށް ބަޔާންވެގެންވާ އަމުރުފުޅެކެވެ. އުޞޫލީ ޢިލްމުގައި ބަޔާންވެފައި ވަނީ މުޚާޠަބު ކުރެވޭ އެންމެހައި މުޚާޠަބުތައް އެކަމަށް ޚާއްޞަކަން ލިބިދޭ ދަލީލެއް ނެތްކަމުގައި ވާނަމަ އެއީ އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ ޙުކުމެއްގެ ގޮތުގައިވާނެއެވެ. މިކަން އެއީ ވަކިބަޔަކަށް ޚާއްޞަ ކުރެވިގެންވާ ކަމެއްގެ ގޮތުގައި ބަޔާންވެފައިވާ އެއްވެސް ދަލީލެއް ނުވެއެވެ. އެ އަނބިކަނބަލުންތަކަށް ޟަރޫރީ ޙާލަތުގައި މެނުވީ އެކަނބަލުންގެ ގެކޮޅުތަކުން ނުކުމެވަޑައިނުގަތުމަށް އަމުރު ވެގެންވުމުން، ފަހެ، އެ އަނބިކަނބަލުން ފިޔަވައި އެހެން އަންހެނުންނާއި ފިރިހެނުން އެކުވެއުޅުން ހުއްދަވާނޭ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ. މިޒަމާނުގައި އަންހެނުންގެ ތެރޭގައި ޝަރުޢީ ހަމަތައް ފަހަނައަޅައި ގޮސްފައިވާ އަންހެނުން ވަނީ ގިނަވެފައެވެ. ލަދުވެތިކަމުގެ ފޭރާން ކަމުގައިވާ ޖިލްބާބް އެބައި މީހުން ދޫކޮށްލައިފިއެވެ. ފިރިހެނުންނަށް އަންހެނުންގެ މޫނު ދެއްކުމާއި، ޒީނަތްތެރިކަން ފާޅުކުރުމާއި، ފިރިހެނުން ކައިރީގައި ލަދުވެތި ގުނަވަންތައް ފާޅުކުރުން ވަނީ ފަސޭހަ، އާދައިގެ ކަމެއްގެ ގޮތުގައި ހަދާފައެވެ. މިއަމުރުތައް އެބައި މީހުންގެ އަންހެން ކަނބަލުންނަށް އަދި އެހެނިހެން މީސްތަކުންނަށް އަމުރުކުރާ މީހުން މިއަދު ނުހަނު މަދުވެއްޖެއެވެ.

ނަބިއްޔާ ﷺ ގެ ސުންނަތުން މިކަމަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރެއިން އަހަރެމެން 10 ދަލީލުން ފުއްދާލަމެވެ:
 

ފުރަތަމައީ:  إمام أحمد އަމިއްލަ المسند ގައި، أم حميد ، އެއީ أبي حميد الساعدي ގެ އަންހެނުން ކިބައިން ރިވާކުރައްވާފައި ވެއެވެ. أم حميد ނަބިއްޔާ ﷺ އަރިއަހަށް އައިސް ދެންނެވިއެވެ. الله ގެ ރަސޫލާއެވެ. ތިމަންނަ ނަބިއްޔާ ﷺ އާއެކުގައި ނަމާދު ކުރުމަށް ލޯބިކުރަމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "قد علمت أنك تحبين الصلاة معي وصلاتك في بيتك خير من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير من صلاتك في مسجد قومك وصلاتك في مسجد قومك خير من صلاتك في مسجدي" "ހަމަކަށަވަރުން ތިމަން ނަބިއްޔާއާ އެކުގައި ތިކަމަނާ ނަމާދު ކުރުމަށް ބޭނުންވާކަން އެނގިއްޖެއެވެ. ކަމަނާގެ ގެއިން ބޭރުގައި ނަމާދު ކުރުމަށްވުރެ ކަމަނާގެ އަމިއްލަ ގޭގައި ނަމާދުކުރުން ހެޔޮކަންބޮޑުވެގެން ވެއެވެ. އަމިއްލަ ކޮޓަރީގައި ކުރާ ނަމާދު ގޭގެ އެހެން ތަނެއްގައި ކުރާ ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. ކަމަނާގެ އަވަށުގެ މީހުން ނަމާދުކުރާ މިސްކިތުގައި ކުރާ ނަމާދަށްވުރެ، އަމިއްލަ ގޭގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެންވެއެވެ.  ތިމަން ނަބިއްޔާގެ މިސްކިތުގައި ކަމަނާ ނަމާދު ކުރުމަށްވުރެ އަވަށުގެ މިސްކިތުގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ."
ރިވާޔަތުގައި ވެއެވެ. އެ އަންހެންމީހާ ނަމާދުކުރުމަށް ގޭގޭ އެންމެ އެތެރޭގައި މިސްކިތެއް ބިނާކުރުމަށް އަމުރު ކުރެއްވިއެވެ. الله ޤަންދީބުނަމެވެ. އެތަން އަނދިރިކޮށް ބަހައްޓައި، ދުނިޔެ ދޫކުރުމަށް ދާންދެން އެތަނުގައި ނަމާދު ޤާއިމްކުރިއެވެ.

 

ابن خزيمة އޭނާގެ ޞަޙީޙުގައި عبد الله بن مسعود رضي الله عنه ގެ އަރިއަހުން ރިވާކުރައްްވާފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "إن أحب صلاة المرأة إلى الله في أشد مكان في بيتها ظلمة" "ހަމަކަށަވަރުން އަންހެންމީހާ ކުރާ ނަމާދުތަކުގެ ތެރެއިން ﷲ އެންމެ ލޯބިވޮޑިގަންނަވާ ގޮތުގައި ކުރެވޭ ނަމާދަކީ އޭނާގެ ގޭގެ އެންމެ އެތެރޭގައި އަނދިރި ކަމުގައި ކުރެވޭ ނަމާދެވެ."
 

މި ދެ ޙަދީޘުގެ މާނައިގައި އެތަކެއް ޙަދީޘްތަކެއް ވާރިދުވެގެން ވެއެވެ. ހުރިހާ ޙަދީޘްތަކުން ދަލީލުކޮށްދެނީ އަންހެން މީހާގެ ނަމާދުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ނަމާދަކީ އޭނާގެ މިސްކިތުގައި ކުރެވޭނަމާދަށްވުރެ ގޭގައި ކުރެވޭ ނަމާދުކަމެވެ.
 

މި ޙަދީޘްއިން ބަޔާވެގެންވާ ދަލީލު: އަންހެންމީހާއަށް ހަމަކަށަވަރުން އޭނާގެ ނަމާދުތައް ގޭގައި ކުރުން އެއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. ނަބިއްޔާ ﷺ ގެ މިސްކިތުގައި ކުރުމަށްވުރެންވެސް މެއެވެ. ވުމުން އަންހެނުންނާއި ފިރިހެނުން އެކުވެ އުޅުން މަނާވެގެންވުން މިބާބުގައި އައުލާވެގެން ވެއެވެ.

ދެވަނައީ: إمام مسلم އަދި إمام الترمذي އަދި އެހެނިހެން މުޙައްދިޘުން އެމީހުންގެ ސަނަދުގައި  أبوهريرة رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "خيرُ صفوفِ الرجالِ أولُها وشرُّها آخرُها . وخيرُ صفوفِ النساءِ آخرُها . وشرُّها أولُها" "ފިރިހެނުންގެ އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ. އެންމެ ނުބައި ވެގެންވާ ސަފަކީ އެންމެ ފަހަތު ސަފެވެ. އަންހެނުންގެ އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފަހަތު ސަފެވެ. އެންމެ ނުބައި ވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެެ." މި ޙަދީޘް ރިވާކުރެއްވުމަށްފަހު الترمذي ވިދާޅުވެފައި ވެއެވެ."މިއީ ޙަސަނު ޞައްޙަ ޙަދީޘެކެވެ."
 

މި ޙަދީޘްއިން ބަޔާންވެގެންވާ ދަލީލު: ހަމަކަށަވަރުން ނަބިއްޔާ ﷺ އަންހެނުން އެބައި މީހުން މިސްކިތަށް އަންނަހިނދުގައި ފިރިހެނުންގެ ޖަމާޢަތާ ވަކިވެ، އެބައި މީހުން ވަކި ޖަމާޢަތެއްގެ ގޮތުގައި ތިބުމަށް ޝަރުޢު ކުރެއްވިއެވެ. އަދި އެއަށްފަހު އަންހެނުންގެ އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފުކަމުގައި ޙަދީޘް ކުރެއްވިއެވެ. އެންމެ ފަހަތު ސަފަކީ އެންމެ ހެޔޮ ސަފު ކަމުގައި ޙަދީޘްކުރެއްވިއެވެ. އަންހެނުންގެ އެ ސަފު ހެޔޮކަމުގެ ސަފުގެ ގޮތުގައި ވެގެން ދިޔައީ ފިރިހެނުންނާ ދުރުގައިވާ ސަފުކަމުގައި ވުމުން ނޫން ސަބަބެއް ނެތެވެ. އެ ސަފު ވެގެން ދިޔައީ އެންމެ ބޮޑަށް ފިރިހެނުންނާ އެކު ނުވުމަށް، ފިރިހެނުން ލޯތަކަށް ފެނުން އެކަހެރި ވުމަށް އަދި އެބައި މީހުންގެ އަޑު އިވުމާއި، އެމީހުންގެ ޙަރަކާތްތައް ފެނުމުން ހިތް އެކަމަށް ލެނބިގެން ދާނެކަމުގައި ވުމުން ދުރުވެގެންވާތީއެވެ. ފުރަތަމަ ސަފަކީ ނުބައި ސަފު ކަމުގައި ޙަދީޘް ކުރައްވާފައިވަނީ މި ޒިކުރު ކުރެވުނު އެންމެހައި ކަންކަމުގެ އިދިކޮޅު ސިފަތައް ފާޅުވާނެ ކަމަށްޓަކައެވެ. އެގޮތުން ފިރިހެނުންގެ އެންމެ ފަހު ސަފަކީ އެންމެ ނުބައިކަން ބޮޑުވެންގެންވާ ސަފު ކަމުގައި ޙަދީޘްކުރެއްވިއެވެ. އެއީ ފިރިހެނުންނާ އެކުގައި އެ މިސްކިތުގައި އަންހެނުން ތިބެ، އެމީހުންގެ ސަފުތަކަކީ އިމާމްގެ ސަފުތަކާ ދުރު ސަފުތަކެއްގެ ގޮތުގައި ވެގެން ދިއުމެވެ. އަދިވެސް އެއާ އެކުގައި އެންމެ ފަހު ސަފުގައި ތިބުމުން އަންހެނުންނާ ކައިރިވެ، އެމީހުންގެ މައްޗަށް އޭނާގެ ވިސްނުން ގޮސް އޭނާގެ ނަމާދު ބައެއްފަހަރު ފަސާދަކުރާނެ ފަދަ ޙާލަތަށް އަތުވެދާނެކަމަށްޓަކައެވެ. އޭނާގެ ނަމާދުގެ މައްޗަށް އެތަކެއް އުނދަގޫތަކެއްވެ، ނަމާދުގެ ނިޔަތާއި، ނަމާދުގައި الله އަށް ބިރުވެތި ވުމުގައިވުމުން އެއްކިބާ ކުރާނެ ކަމެއްގެގޮތުގައިވެ ދިޔުމެވެ. މިއީ ޝަރުޢުގައި އެތަނެއްގައި ފިރިހެނުންނާއި އަންހެނުން އަޅުކަން ކުރުމަށް ޖަމަޢަވާ ތަނެއް ކަމުގައިވެ އަދި އެއާއެކު އެތަނުގައި އެކުވެ އުޅުން އެއްކިބާވެފައިވާ ޙާލުގައި ސިފަކުރައްވާފައިވާ ގޮތުގައި ވުމުން، އެހެން ތަނެއްގައި ފިރިހެނުންނާއި އަންހެނުން އެކުވެ އުޅުމުން އެއްކިބާވުން މިބާބުގެ ތެރެއިން އެއީ މަނާކަމެއްގެ ގޮތުގައި ވުން މިބާބުގައި އައުލާ ވެގެންވެއެވެ.
 

ތިންވަނައީ: إمام مسلم صحيح ގައި زينب (عبد الله بن مسعود ގެ އަނބިކަބަލުން) ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންނަމެން ކައިރީގައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ."إذا شهِدتْ إحداكن المسجدَ فلا تمسَّ طِيبًا" "ތިޔަކަބަނލުންގެ ތެރެއިން އެކަކުވެސް މިސްކިތަށް ދާހިނދުގައި އެއްވެސް މީރުވަސްދުވާ ހުވަނދެއް ބޭނުންކޮށްގެން ނުވާނެއެވެ."  
 

އަދި إمام أبوداود ސުނަނުގައި، إمام أحمد އަދި إمام الشافعي އަމިއްލަ މުސްނަދުގައި ފުރިހަމަ އިސްނާދެއްގައި أبوهريرة رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "لا تمنعوا إماء الله مساجد الله ولكن ليخرجن وهن تفلات" "ތިޔަބައި މީހުން އަންހެނުންނަށް الله ގެ މިސްކިތްތަކަށް ދިއުން މަނާ ނުކުރާށެވެ. އެހެނަސް ނުކުންނަ ނަމަ އެއްވެސް މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާށެވެ."
 

إمام ابن دقيق العيد ވިދާޅުވެފައި ވެއެވެ. "މިސްކިތަށް ދިއުމަށް ބޭނުންވެ ނުކުންނަ އަންހެންމީހާއަށް ހުވަނދުލުމަކީ ޙަރާމް ކަމެއްގެ ގޮތުގައި ބަޔާންވެގެންވެއެވެ.  އެއީ ފިރިހެނުން އެ އަންހެނުންނަށް އެދުމާއި، ޝަހުވަތް އެކަމަށް އެދޭނެ ކަމުގައި ވުމުންނެވެ. އަދި ފަހަރެއްގައި އެއީ އަންހެންމީހާ އޭނާގެ ޝަހުވަތް އެކަމަށް އެދޭނެ ފަދަ ކަމަކަށް ވެދާނެ ކަމެކެވެ." އަދިވެސް ވިދާޅުވިއެވެ. "ހުވަނދުލުމުގެ ތެރެއަށް އެ މާނައިގައިވާ އެންމެހައި ކަންތައްތައް ވަންނާނެއެވެ. އޭގެ ތެރޭގައި ރިވެތި ހެދުންލުމާއި، ފަޚުރުވެރިކަން ދެއްކޭފަދަ ސިފައިގައި ވުމާއި، ގަހަނާތައް ފާޅުވާ ގޮތުގައި ބޭނުން ކުރުމެވެ."
 

الحافظ ابن حجر ވިދާޅު ވެފައި ވެއެވެ. "ހަމަ އެފަދައިން ފިރިހެނުންނާއި އަންހެނުން އެކުވެ އުޅުން މަނާވެގެން ވެއެވެ." الخطابي ލިޔުއްވާފައިވާ ފޮތް معالم السنن ގައި ވިދާޅުވެފައި ވެއެވެ. "التفل :އެއީ ވަސްދުވުމެވެ. ބަހުގައި ބުނެވެއެވެ. إمرأة تفلة :އެއްވެސް ހުވަނދެއް ބޭނުން ކޮށްފައިނުވާ އަންހެނާއެވެ."
 

ހަތަރުވަނައީ: أسامة بن زيد رضي الله عنه ގެ އަރިއަހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "ما تركت بعدي فتنةً ، هي أضرُّ ، على الرجالِ ، من النساءِ" "ފިރިހެނުންގެ މައްޗަށް އަންހެނުންގެ ފިތުނައަށްވުރެ ގެއްލުން ހުރި ފިތުނަވެރި ކަމެއް ތިމަން ނަބިއްޔާ ދޫކުރައްވާފައެއް ނުވާނެއެވެ."
މި ޙަދީޘްއިން ބަޔާންވެގެވާ ދަލީލު : ހަމަކަށަވަރުން ޞިފަވެފައިވަނީ އަންހެނުންނަކީ ފިތުނަވެރި ބައެއް ކަމުގައެވެ. ފަހެ، އެހެންވުމުން ފިތުނަ ވެރިކުރުވާ ފަރާތާއި، ފިތުނަވެރިވާ ފަރާތް އެއްތަނަކަށް ޖަމަޢަވާނީ ކިހިނަކުންތޯއެވެ؟ މިއީ، ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

 

ފަސްވަނައީ: ނަބިއްޔާ ﷺ ގެ ޞަޙާބީ أبي سعيد الخدري رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "إن الدنيا حلوةٌ خضرةٌ . وإن اللهَ مستخلفُكم فيها . فينظرُ كيف تعملون . فاتقوا الدنيا واتقوا النساءَ . فإن أولَ فتنةِ بني إسرائيلَ كانت في النساءِ" "ހަމަކަށަވަރުން ދުނިޔެއަކީ ފޮނި، ރިވެތި ތަނެކެވެ. އަދި الله ތިޔަބައި މީހުން މި ބިންމަތީގައި ޚަލީފާވެރި ކުރައްވައި ތިޔަބައި މީހުން މި ދުނިޔޭގައި ޢަމަލު ކުރަނީ ކޮންގޮތަކަށްކަމާ މެދު ބައްލަވައި ވޮޑިގަންނަވާނެއެވެ. ފަހެ، ދުނިޔެއަށް ތިޔަބައި މީހުން ބިރުވެތިވާށެވެ. އަދި އަންހެނުންގެ ފިތުނައަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ބަނީ އިސްރާއީލްގެ އަހުލުވެރިންގެ މައްޗަށް އެންމެ ފުރަތަމަ ފިތުނަވެރިވެގެންދިޔަ ފިތުނައަކީ އަންހެނުންގެ ފިތުނައެވެ."
 

މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު : ނަބިއްޔާ ﷺ އަންހެނުންގެ ފިތުނަވެރިކަމުން ބިރުވެތިވުމަށް އަމުރު ކުރައްވާފައިވުމެވެ. މިއީ އެކަމުގެ ޙުކުމް ވާޖިބެއް ކަމުގައި ބަޔާންވެގެންވާ ކަމުގެ ދަލީލެކެވެ. ދެބައި މީހުން އެކުވެ ތިބޭ ތިބުމުން މި ޙަދީޘަށް ޢަމަލުކުރި ކަމުގައި ވާނީ ކިހިނަކުންތޯއެވެ؟ މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.
 

ހަވަނައީ: إمام أبو داود އޭނާގެ السنن ގައި އަދި إمام البخاري އޭނާގެ الكنى ގައި ފުރިހަމަ ސަނަދެއްގައި ޞަޙާބީ حمزة بن أبي أسيد الأنصاري رضي الله عنه އޭނާގެ ބައްޕަގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. حمزة بن أبي أسيد الأنصاري رضي الله عنه ވިދާޅުވެފައި ވެއެވެ. ތިމަންނަ ތިމަންނާގެ ބައްޕަ ވިދާޅުވަނިކޮށް އަޑުއެހީމެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ. ނަބިއްޔާ ﷺ މިސްކިތުގެ ބޭރުގައި ހުންނަވައި ޙަދީޘް ކުރެއްވިއެވެ. އެހިނދު މިސްކިތުގެ ބޭރުގައި މަގުމަތީގައި އަންހެނުންނާއި ފިރިހެނުން ވަނީ އެއްވެފައެވެ. ނަބިއްޔާ ﷺ އަންހެނުންނަށް މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. "استأخرن ؛ فإنه ليس لكن أن تحققن الطريق عليكن من لصوقها" "އެންމެހައި އަންހެން ކަނބަލުން ފަހަތަށް ޖެހޭ ހުއްޓެވެ. ތިޔަބައި މީހުންނަށް މަގުގެ މެދުން ދިއުމެއް ނުވެއެވެ. މަގުގެ އެއްފަތާރުން ކައިރިން ދިއުން ހުއްޓެވެ." މިއީ أبو داود ރިވާކުރައްވާފައިވާ ލަފްޒެވެ. ابن الأثير النهاية ގައި ވިދާޅުވެފައި ވެއެވެ. "يحققن الطريق" އެއީ މަގުގެ މެދުގައި ވުމެވެ.
 

މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު : ހަމަކަށަވަރުން ނަބިއްޔާ ﷺ މަގުމަތީގައި ފިރިހެނުންނާއި އަންހެނުން އެކުވެ އުޅުން މަނާކުރެއްވިއެވެ. ސަބަބަކީ އެއީ އެކަމުގެ ސަބަބުން ފިތުނަވެރިކަމަށް ގެންގޮސްދާނެތީއެވެ. ފަހެ، އެހެންވުމުން އެހެނިހެން ތަންތަނުގައި ފިރިހެނުންނާއި އަންހެނުން އެކުވެ އުޅެވިދާނެކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
 

ހަތްވަނައީ: إمام أبو داود الطيالسي އަދި އެހެނިހެން ޙަދީޘް ޢިލްމުވެރިން نافع عن ابن عمر رضي الله عنه ގެ ފަރާތްޕުޅުން ރިވާކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން ނަބިއްޔާ ﷺ މިސްކިތް ބިނާކުރެއްވި ހިނދުގައި އަންހެނުންނަށް ޚާއްޞަ ދޮރެއް ބެހެއްޓެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "لا يلج من هذا الباب من الرجال أحد" "މި ދޮރުން ފިރިހެނުންގެ ތެރެއިން އެކަކުވެސް ވަދެގެން ނުވާނެއެވެ." އަދި إمام البخاري ، التاريخ الكبير ގައި ابن عمر رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "لا تدخلوا المسجد من باب النساء" "އަންހެނުންނަށް ޚާއްޞަވެގެންވާ މި ދޮރުން އެއްވެސް ފިރިހެނަކު ވަދެގެން ނުވާނެއެވެ."
 

މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު: މިސްކިތުގެ ދޮރުތަކުން ވަދެ ނުކުތުމުގައި ނަބިއްޔާ ﷺ އަންހެނުންނާއި ފިރިހެނުން އެކުވުން މަނާކުރެއްވިއެވެ. ދެބައި މީހުން ދޮރުން ވަދެ ނުކުތުމުގައި މަނާކުރެއްވީ ސައްދުއް ޛަރީޢާގެ ތެރެއިންނެވެ. އެއީ އެއްދޮރަކުން ވަދެ ނުކުތުތުމުން އެކުވާނެތީއެވެ. އެކަން މަނާކުރެއްވުމުގެ ގޮތުންނެވެ. މި ޙާލަތުގައި އެކުވުން މަނާވެގެންވާ ކަމުގައިވާނަމަ ކިޔެވުމުގައި އަދި ވަޒީފާތަކުގައި އެކުވެ އުޅުން އެއީ މަނާކަމެއްގެ ގޮތުގައިވުން މާ ބޮޑަަށް އައުލާވެގެންވެއެވެ.
 

އަށްވަނައީ: إمام البخاري ޞަޙީޙުގައި أم سلمة رضي الله عنها ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. "كان رسوال الله إذا سلم من صلاته قام النساء حتى يقضي تسليمه و مكث النبي ﷺ في مكانه يسيرا" "ނަބިއްޔާ ﷺ ނަމާދުން ސަލާމް ދެއްވުމުން، އަންހެނުން މިސްކިތުން ފައިބައެވެ. އަދި ނަބިއްޔާ ﷺ ހިނދުކޮޅަކު މަޑުކުރައްވާ އިށީނދެ ވަޑައިގަންނަވައެވެ." البخاري ގެ ދެވަނަ ރިވާޔަތުގައި ވެއެވެ. "كان يسلم فتنصرف النساء فيدخلن بيوتهن من قبل أن ينصرف رسول الله ﷺ " "ނަބިއްޔާ ނަމާދުން ސަލާމް ދެއްވުމުން، މިސްކިތުގައި ތިބޭ އަންހެނުން ރަސޫލާ ﷺ މިސްކިތުން ނުކުންނެވުމުގެ ކުރީގައި މިސްކިތުން ފައިބައި އެމީހުންގެ ގެތަކަށް ވަދެއެވެ." ތިންވަނަ ރިވާޔަތުގައި ވެއެވެ. "كن إذا سلمن من المكتوبة قمن و ثبت رسول الله ﷺ ومن صلى من الرجال ماشاء فإذا قام رسول الله ﷺ قام الرجال" "އެ އަންހެނުން ނަމާދުން ސަލާމްދިނުމާއެކު އަވަހަށް މިސްކިތުން ނުކުމެއެވެ. އަދި ރަސޫލާ ﷺ އާއި މިސްކިތުގައި ފިރިހެނުންގެ ތެރެއިން ނަމާދުކުރުމަށް އައި އެންމެން އެގޮތުގައި ދެމިތިބެއެވެ. ރަސޫލާ ﷺ މިސްކިތުން ނުކުމެވަޑައިގަތުމަށް ތެދުވެވަޑައިގަތުމުން ފިރިހެނުން މިސްކިތުން ނުކުމެއެވެ."
މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު : ނަބިއްޔާ ﷺ އަމިއްލަފުޅަށް ޢަމަލުން ފިރިހެނުންނާއި އަންހެނުން އެކުވެ އުޅުން މަނާކުރެއްވިއެވެ. އަދި މިތަނުން ބަޔާންވެގެންދަނީ މިނޫން އެހެން ތަންތަނުގައި އެކުވެ އުޅުމަކީ މަނާވެގެންވާ ކަމެއްގެ ގޮތުގައެވެ.

 

ނުވައެއް އަދި ދިހަވަނަ ދަލީލު: إمام الطبراني އޭނާގެ المعجم الكبير ގައި، ޞަޙާބީ معقل بن يسار رضي الله عنه  ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "لأن يُطعنَ في رأسِ أحدِكم بمخيطٍ من حديدٍ خيرٌ له من أن يمسَّ امرأةً لا تحلُّ له" "އޭނާއަށް ޙަލާލުވެގެންނުވާ އަންހެނެއްގެ އަތުގައި އޭނާ ބީހުމަށް ވުރެ ތިޔަބައި މީހުންގެ ތެރެއިން މީހަކު އޭނާ ދަނގަޑު މޮހޮރެއް އޭނާގެ ބޮލަށް ހަރާ ޒަހަމްކޮށްލުން މާ ހެޔޮކަންބޮޑުވެގެން ވެއެވެ." الهيثمي އޭނާގެ مجمع الزوائدގައި ވިދާޅުވެފައި ވެއެވެ. މި ޙަދީޘްގެ ހުރިހައި ރާވީންނަކީ ޞަޙީޙުގައި ޒިކުރުވެގެންވާ ރާވީންނެވެ. އަދި المنذري އޭނާގެ الترغيب و الترهيب ވިދާޅުވެފައި ވެއެވެ. މި ރިވާޔަތުގެ ހުރިހައި ރާވީންނަކީ ޘިޤާތުންނެވެ.


އަދިވެސް إمام الطبراني ޞަޙާބީ أبي أمامة رضي الله عنه ގެ އަރިއަހުން ރިވާ ކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "لأن يزحمَ خنزيرًا متلطِّخًا بطينٍ أو حمأةٍ خيرٌ له من أن يزحمَ منكِبَه منكِبَ امرأةٍ لا تحلُّ له" "އޭނާއަށް ޙަލާލު ވެގެން ނުވާ އަންހެނުންނާ އެއްވެ އޭނާގެ ބައިމަތި އަންހެނެއްގެ ބައިމައްޗާ ދިމާވެ ހުރުމަށްވުރެ ނަޖިސްތަކެއްޗާ އެކުވެ ކިލާ ވެފައިވާ އޫރުތަކަކާ އެކުގައި އެކުވެ ހުރުން އޭނާއަށް ހެޔޮކަން ބޮޑުވެގެން ވެއެވެ."


މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލު: އެމީހެއްގެ މަޙްރަމަކަށް ނުވާ ކޮންމެ އަންހެނަކާ ހަންހުރަހަކާ ލައިގެން ބީހުން ނުވަތަ ހަންހުރަހަކާ ނުލައި ބީހުންކަމުގައި ވިޔަސް ނަބިއްޔާ ﷺ ވަނީ އެކަން މަނާކުރައްވާފައެވެ. އެއީ އެކަމުން ނުކުންނަ ނުބައި އަޘަރުގެ ސަބަބުންނެވެ. ވުމުން، ހަމައެފަދައިން އަންހެނުންނާއި ފިރިހެނުން އެކުވެ އުޅުން މަނާވެގެން ވެއެވެ.


އަހަރެމެން މިތަނުގައި ބަޔާންކޮށްފައިވާ ދަލީލުތަކަށް ނަޒަރު ހިންގައި ބަލައިލުމުން ބައެއް މީހުން ބުނާބުނުން ކަމުގައިވާ އަންހެނުންނާއި ފިރިހެންނުން އެކުވެ އުޅުމުން ފިތުނައެއް ނުނިކުންނާނެއޭ ބުނާ ބުނުމަކީ އެއްވެސް ޙަޤީޤަތެއް އެކުލެވިގެންވާ ބުނުމެއް ނޫންކަން ދޭހަވެގެން ދެއެވެ. އެހެނަސް ޙަޤީޤަތުގައި އެއީ ފިޠުނަވެރި ކަންތަކަށް ގެންގޮސްދޭ ކަމެކެވެ. އެހެންވުމުން ޝަރީޢަތުގައި އެކުއެކީގައި މިއީ ފަސާދައިން އެއްކިބާވުމަށް މަނާވެގެންވާ ކަމެކެވެ.
*******

 

އިޚްވާނުންނޭވެ!!! މިފަތުވާ އަކީ ސަޢުދީ ޢަރަބިއްޔާގައި الشيخ އިބްން ބާޒް - رحمه الله- އަށްވުރެ ކުރީގައި މުފްތީއަކަށް ހުންނެވި، الشيخ محمد بن إبراهيم آل الشيخ - رحمه الله- ދެއްވާފައިވާ ފަތުވާ އެކެވެ. ދީނުގައި ފާޅުވެގެންވާ، އެއްވެސް ވަންހަނާކަމެއް ނެތް އެތަކެއް ދަލީލުތަކެއް ކީރިތި ޤުރުއާނުން އަދި ނަބިއްޔާ ﷺ ގެ ސުންނަތުން ބަޔާންކުރައްވާފައި ވެއެވެ. މި ފަތުވާގެ އިތުރަށް މި އުއްމަތަށް ފާޅުވި އެހެނިހެން އިމާމުން އަންހެނުންނާއި ފިރިހެނުން ތަޢުލީމު ހޯދުމަށާއި، ވަޒީފާގެ މައިދާނުގައި އަދި އެހެނިހެން ކަންކަމުގައި އެކުވެ އުޅުން އެއީ ދީނުގައި މަނާ ވެގެންވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައިވާ އެތަކެއް ފަތުވާ ތަކެއް ވެއެވެ.

 

އިންތިހާއަށް އެކަމެއްގައި ދެރަވާ ކަމަކީ، މިއަދު ޢިލްމަށް ނިސްބަތް ވެގެންވާ މީހުން އެއްތަނެއްގައި، ފިރިހެނުން ތިބޭ މައިދާން ތަކުގައި އަންހެނުން އެކުވެ ތިބޭ ޙާލުގައި އެކިއެކި ކަންތައް ކުރަމުން ގެންދާ ކަމެވެ. ފަހެ، މިއަދު ތިމާ ބަޔަކަށް ދީންއުގަންނައި ދެނީއޭ ބުނެ މިކުރަނީ ކޮންފަދަ ދީނީ ކަމެއްބާއެވެ؟ މިއަދު އަނެއްބައި ޢިލްމުވެރިން ކަމަށް ދަޢުވާ ކުރާމީސްތަކުން މުޒާހަރާ ކުރުމުގައި، އަޑުއުފުލުމަށްބުނެ، އެކިއެކި މަޖްލިސްތަކަށް އަންހެނުން ވެއްދުމަށް ކުރާ މަސައްކަތަކީ ދީނުގައި ކިހިނެތް ހުއްދަވާނެ ކަމެއްތޯއެވެ؟ އަދި މި ޢިލްމުވެރިންނޭ ބުނާ މީހުންނަކީ ހަމަ ޢިލްމުވެރިން ތޯއެވެ؟ ނޫނެކެވެ. މިއީ އުއްމަތަށް ފާޅުގައި ފެންނާންތިބި ނަރަކައަށް ދަޢުވަތުދޭ މީހުންކަމުގައި ރައްބާނީ ޢިލްމުވެރިންވަނީ ބަޔާން ކޮށްފައެވެ.
 

އިޚްވާނުންނޭވެ!!! މި ކަންތަކާމެދު ވިސްނައި، ތިބާގެ ދީން އެކަމުގެ އަހުލުވެރިންގެ ފަރާތުން ހޯދުން ހުއްޓެވެ. ޢިލްމުވެރިންނާއި ޢިލްމުގެ އަހުލުވެރިންގެ މަންހަޖުން ޢިލްމު ލިބިގެންފައިވާ މީހުން ޚިޔާރު ކުރާ ހުއްޓެވެ. މިއަދު ޖަލްސާ ތަކުގައި ކިތައް ފިރިހެނުން އެތަނުގައި އަންހެނެއްގެ ބައިމައްޗަށް އޭނާގެ ބައިމަތި ދީގެން ނުވަތަ ދެއަންހެނުންގެ ދެމެދުގައި އިށީދެގެން އިންނަ މަންޒަރު ކިތައްމީހުންގެ ލޯތަކަށް ފެނިފައިވޭ ތޯއެވެ؟ މިއީވެސް އިސްލާމް ދީނަށް ދަޢުވަތު ދިނުން ހެއްޔެވެ؟ އަންހެނުންނާއި ފިރިހެނުން އެކުވެ އުޅުމުގެ މައިދާނުގައި އެކަން މަނާކުރުމަށް ޤުރުއާންގައި އަދި ސުންނަތުގައި އާޔަތެއް ނުވަތަ ޙަދީޘެއް ނެތީ ބާވައެވެ.

***** 

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares