ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްކަމަށް ބުނުމުގެ ޙުކުމް - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله

ކެޓަގަރީ އައިއެސްއައިއެސް

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله

ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްތޯ އެވެ؟

ސުވާލު: " ISISއަކީ ޚަވާރިޖުން ކަމުގައި ދަންނަމެވެ. އެހެނަސް އެބައިމީހުންނަކީ ﷲ ގެ ޝަރީޢަތް ޤާއިމްކުރާ ބައެކެވެ." މިބަސްތަކުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

 

ޖަވާބު: މިއީ ދޮގެކެވެ. އެމީހުންނަކީ ﷲ ގެ ޝަރީޢަތް ޤާއިމްކުރާބައެއް ނޫނެވެ. އެމީހުންނަކީ ﷲ ގެ ޝަރީޢަތް ޤާއިމްކުރާ ބައެއް ކަމުގައިވާނަމަ، އެމީހުން ކޮށްފައިވާ ކަންތައް ކަމުގައިވާ، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި އަދި އެމީހުން މުސްލިމުން ކާފަރެއް ނުކުރާނެ އެވެ. އަދި މި ނޫންވެސް ﷲ ގެ ޝަރީޢަތާއި ޚިލާފްވެގެންވާ އެހެނިހެން ކަންތައްތައް އެމީހުން ކުރެ އެވެ.


އަދި އެމީހުންނަކީ އެބައެއްގެ މައްޗަށް ޤަތުލު ކުރުމަށް ޙުކުމް ކުރެވޭ މީހުން އަންދާލާ ބައެކެވެ. އަލިފާނުން އަންދާލަ އެވެ. ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅާއި އެމީހުން ޚިލާފްވެ އެވެ. (إِنَّ اللَّهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ) "ﷲ ވަނީ ކޮންމެ ކަމެއްގައި އިޙްސާންތެރިކަން (ފަރުޟު ކުރައްވައި) ލިޔުއްވާފަ އެވެ. ފަހެ، ތިޔަބައިމީހުން ޤަތުލު ކުރާނަމަ އިޙްސާންތެރިކަމާ އެކު ޤަތުލު ކުރާށެވެ. އަދި ތިޔަބައިމީހުން ކަތިލާނަމަ އިޙްސާންތެރި ކަމާއެކު ކަތިލާށެވެ." ކަނޑިން ޤަތުލުކުރުން، މިއީ އެންމެހައި މުސްލިމުން އެންމެ ފަހުން އިޤްރާރުވެފައިވާ ގޮތެވެ.


ތިޔަ ބައިގަނޑަކީ ޚަވާރިޖުންނެވެ. އަދި އެއަށްފަހުގައި އެބައިމީހުންވަނީ އުއްމަތުގެ އިޖްމާޢުއާ ޚިލާފްވެފައިވެ އެވެ. شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "މުސްލިމުންގެ ޖަމާޢަތާއި ވަކިވެއްޖެ ހިނދުގައި ރާފިޟީންނާއި ޚަވާރިޖުންނާއި ހަނގުރާމަ ކުރުމަށް އުއްމަތް އިއްތިފާޤުވެގެންވެ އެވެ." ފަހެ، މި ދެބައިގަނޑަކީ މުސްލިމުންގެ ޖަމާޢަތާއި ވަކިވެފައިވާ ދެ ބައިގަނޑެވެ. އަހަރެމެންގެ މުސްލިމް ފިރިހެން ދަރިންނާއި އަންހެން ދަރިންނޭވެ. މަގުއޮޅުވާލާ މީހުންގެ މައްޗަށް ސަމާލުވާށެވެ. އެމީހުންގެ މައްޗަށް އިންޒާރު ދެމެވެ.

 

***
ފަތުވާ :   http://goo.gl/mvkhTR