5  ޝޯޝަލް މީޑިޔާގައި ޖަދަލު ކުރުމާއި ބަހުސްކުރުމުގެ މައްޗަށް ނަޞޭޙަތެއް - الشَّيْخُ مُحمَّدُ غَالِب العُمَرِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޝޯޝަލް މީޑިޔާގައި ޖަދަލު ކުރުމާއި ބަހުސްކުރުމުގެ މައްޗަށް ނަޞޭޙަތެއް - الشَّيْخُ مُحمَّدُ غَالِب العُمَرِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖަދަލުކުރުމާއި ބަހުސްކުރުން

 

ޝޯޝަލް މީޑިޔާގައި ޖަދަލު ކުރުމާއި ބަހުސްކުރުމުގެ މައްޗަށް ނަޞޭޙަތެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد :
މިދުވަސްތަކުގައި އަހަރެމެންނަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާތަކުގެ ތެރެއިން ވަބާއަކީ، ޚާއްޞަކޮށް ޝޯޝަލް މީޑިޔާގައި، މޮބައިލް ފޯނުތަކުގައި އެކަކުއަނެކަކާއި ވާހަކަދެއްކުމަށް ހަދައިފައިވާ ބައެއް ޕްރޮގްރާމް ތައް ކަމުގައިވާ މިޘާލަކަށް ވަޓްސްއަޕް އަދި މިނޫނަސް އެހެނިހެން ޕްރޮޤްރާމްތައް ބޭނުންކޮށް ބަހުސްކުރުމާއި ޖަދަލުކުރުމެވެ. ޚާއްޞަކޮށް ބައެއް ހަވާނަފްސުގެ އަހުލުވެރިންގެ ތެރޭގައިވާ ޚަވާރިޖުން، އިބާޠިއްޔާއިން އަދި އިޚްނާވުން ފަދަ ބައިގަނޑުތައް ހިމެނެ އެވެ.


މިތަނުގައި މިކަމާ ގުޅުންހުރި ބައެއް މުހިންމުވެގެންވާ މައްސަލަތައް ބަޔާންކުރުމަށް ލޯބި ކުރަމެވެ.


ފުރަތަމަ މައްސަލަ: ހަވާނަފްސުގެ އަހުލުވެރިންނަށް ޚާއްޞަވެގެންވާ ޤުރޫޕްތަކަށް ވަދެގެން ނުވާނެ އެވެ. ސަބަބަކީ އެއީ އޭނާގެ ނަފްސު ޝުބުހާތްތަކުގެ ތެރެއަށް ވަދެގެން ދިޔުމަށްއޮތް ސަބަބެއް ކަމުގައިވެ އެވެ. އަދި ފަހަރެއްގައި އެމީހުންނާއި އެކުވެ، ރަޙްމަތްތެރިކަމާއި ގާތް ގުޅުން އުފެދުމުގެ ސަބަބެއް ކަމުގައިވެ އެވެ. ފަހެ މިއީ ﷲ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ގޮތާއި ޚިލާފްވެގެންވާ ގޮތެކެވެ. އެކަލާނގެ އަމުރުފުޅުގައިވަނީ، އެމީހުންނާއި އެކުގައި ނުއިށީނުމަށާއި، ﷲ ގެ އާޔަތްތަކާއި މެދުގައި ދެބަސްވެ ކޯޅުމުގެ ތެރެއަށް ނުދިޔުމަށެވެ. ޝަރީޢަތާއި މެދުގައި ޢިލްމެއްނެތި، ދީން އޮޅުންފިލައިފައިނެތް ޙާލަތުގައި ބަސް ނުބުނުމަށެވެ. ﷲ ވަޙީކުރެއްވި އެވެ.


﴿ وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ .........﴾ الأية. "ތިމަންއިލާހުގެ އާޔަތްތަކާއި މެދުގައި ދޮގުވާހަކަ ދައްކައިއުޅޭ މީހުން، ނަބިއްޔާއަށް ފެނިވަޑައިގެންފިނަމަ، އެބައިމީހުން އެނޫން ވާހަކައެއް ދައްކައިފުމަށް ދާންދެން އެބައިމީހުންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ...."


العلامة الشوكاني رحمه الله ވިދާޅުވެފައިވެ އެވެ. "ﷲ ގެ ބަސްފުޅުތައް، އާޔަތްތައް އޭގެ މާނައިން ތަޙްރީފް ކުރާ ބިދުޢަވެރިންނާ އެކުގައި އިށީންނަ މީހާއަށް ބޮޑުވެގެންވާ ނަސޭޙަތެއް މިއާޔަތުގައިވެ އެވެ. އެ ބިދުޢަވެރިން ﷲ ގެ އާޔަތްތަކާއި އެކަލާނގެ ރަސޫލާގެ ސުންނަތް އެފުށްމިފުށަށް އެމީހުން ޖަހަ އެވެ. އަދި އެމީހުންގެ މަގުފުރެދިފައިވާ ހަވާނަފްސަށް އެ ރައްދުކުރަމުންގެންދެ އެވެ. އަދި އެމީހުންގެ ފަސާދަވެގެންވާ ބިދުޢަތަކަށް އެ އާޔަތްތަކާއި ސުންނަތް ގެންދެ އެވެ. ފަހެ، އެބައިމީހުންގެ މައްޗަށް މިކަންތައްތައް އިންކާރު ނުކުރެވޭ މީހާ އަދި އެމީހުން އެ ތިބިގޮތް ބަދަލު ނުކުރެވޭ މީހާ، ފަހެ އޭނާއަށް އޮތް އެންމެ ދަށް ދަރަޖައަކީ އެމީހުންގެ މަޖްލިސްތައް ދޫކޮށްލުމެވެ. މިއީ އޭނާއަށް ފަސޭހަ އަދި އުނދަގޫ ކަމަކަށް ނުވާނެ ކަމެކެވެ."


ފަހެ، ވާޖިބުވެގެންވަނީ ބިދުޢަވެރިންނާއި ދެކޮޅުވެރިވެ، ބިދުޢަވެރިން ހަޖަރު ކުރުމެވެ. މިއީ ސަލަފުން އެކަމެއްގެ މައްޗަށް އިޖުމާޢުވެގެންވާ ކަމެކެވެ. ޢަޤީދާގެ ފޮތްތަކުގައި މިކަން ޘާބިތުވެ މަޝްހޫރުވެގެންވެ އެވެ.


ދެވަނަ މައްސަލަ: އެ ޤުރޫޕެއްގައި ހަވާނަފްސުގެ އަހުލުވެރިޔަކު ނޫނީ ބިދުޢައިގެ އަހުލުވެރިއަކު ހުރެއްޖެ ހިނދުގައި، ފަހެ، ވާޖިބުވެގެންވަނީ އޭނާއަށް ނަޞޭޙަތްތެރިވެ އޭނާއަށް އިރުޝާދު ދިނުމެވެ. އެއްވެސް ގޮތަކަށް ޖަދަލުކުރުމާއި ބަހުސްކުރުން ނުވެ އެވެ. ފަހެ، މި އުއްމަތުގެ ސަލަފުން ހަވާނަފްސުގެ އަހުލުވެރިންނާއި ޖަދަލުކުރުން ވަނީ ނަހީކުރައްވާފަ އެވެ. އަދި މިއީ އެކަކަމަށް އިޖްމާޢުވެގެންވާ ކަމެކެވެ. މިކަމަށް عائشة رضي الله عنها  އަރިހުން ވާރިދުވެގެންވާ ޙަދީޘް ދަލީލު ކުރެވެ އެވެ.


(ألئك الذين سمى الله فاحذروهم) "ﷲ އެބަޔަކު ޛިކުރުކުރައްވާފައިވާ މީހުންނަކީ އެމީހުންނެވެ. ފަހެ، ތިޔަބައިމީހުން އެބައިމީހުންގެ ކިބައިން ސަމާލުވާށެވެ. އިންޒާރު ލިބިގަންނާށެވެ."
الإمام اللالكائي  رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢަވެރިންނާއި ބަހުސްކޮށް ޖަދަލުކުރުމަށްވުރެ ބޮޑުވެގެންވާ ޖިނާޔަތެއް މުސްލިމުންގެ މައްޗަށް ޖިނާއަތެއްގެ ގޮތުގައި ކޮށްފައެއް ނުވެ އެވެ. (މާނައީ : މުސްލިމުން ބަލިކަށިވެ ދިއުމަށް އެއަށްވުރެ ބޮޑުވެގެންވާ ޖަރީމާއެއް ނުހިންގޭނެ އެވެ.) މި ބިދުޢަވެރިންގެ ދޫކޮށްލުމުން ޙައްޤުގެ އަހުލުވެރިންނަށް ލިބޭ ބާރުވެރިކަމާއި، އެމީހުންނަށް ލިބޭ ނިކަމެތިކަމެއް ނޫނީ ނުވެ އެވެ. (މާނައީ : ބިދުޢަވެރިންނާއި ބަހުސް ނުކޮށް، އަޅާނުލައި ދޫކޮށްލުމުން، އެގޮތުން އެމީހުންނަށް ލިބޭ ދެރަކަމާ ނިކަމެތި ކަމަށްވުރެ ބޮޑު ނިކަމެތިކަމެއް ނުވާނެ އެވެ.) މިގޮތުން ސަލަފުން އެމީހުންގެ ޖުމްލަގޮތެއްގައި ދޫކޮށްލެއްވި އެވެ. (އެބިދުޢަވެރިން) އައިސްފައިވާ ރުޅިން އެބައިމީހުން އެގޮތުގައި މަރުވެ އެވެ. އެމީހުންގެ ބިދުޢަތައް ފާޅުކުރުމަށް އެމީހުންނަށް އެއްވެސް މަގެއް އެހިނދުގައި ފެންނާކަށެއްނޯވެ އެވެ. އެގޮތުގައިވަނިކޮށް އެމީހުންގެ އަވައިގައިޖެހި، އެމީހުންގެ މަޅީގައި ޖެހިފައިވާބަޔަކު ފާޅުވެ އެ ބިދުޢަވެރިންނަށް މަގު ހުޅުވައިދިނެވެ. އިސްލާމްދީން ހަލާކުކޮށްލުމަށްޓަކައި އެބައިމީހުން މަގުހޯދައިގަތެވެ. އެގޮތުގައި އިންތިހާއަށް ބަހުސްކުރުން އެބައިމީހުންގެ ތެރޭގައި ގިނަވި އެވެ. ޖަދަލުކުރުމަށް ދަޢުވަތުދިނުން ފާޅުވި އެވެ. އަދި އެމީހުންގެ ވާހަކަ އެއްވެސް ގޮތަކަށް އަޑުއަހައިފައިނުވާ ޢާންމު މީހުންނާއި ޚާއްޞަ މީހުންގެ ކަންފަތްތަކަށް އެބަސްތައް އަޑުއެހުމަށް މަގު ހުޅުވުނެވެ." شرح أصول الإعتقاد 1-29.


ތިންވަނަ މައްސަލަ : ބަހުސްކުރުމާއި ޖަދަލުކުރުމަކީ ކޮންމެ މީހަކަށްއޮތް ކަމެއް ނޫނެވެ. ފަހެ، ހަމަކަށަވަރުން ބަހުސްކުރުމަކީ މުސްލިމުން ބަލިކަށިވުމަށް މެދުވެރިވާނެ ސަބަބެއް ކަމުގައިވެދާނެ އެވެ. ސަބަބަކީ، އެއްގޮތަކީ ބަހުސްކުރާ މީހާގެ ބަލިކަށިކަމުގެ ސަބަބުން ނުވަތަ އޭނާގެ ޙުއްޖަތް ބަޔާން ނުކުރުމުގެ ސަބަބުންނެވެ.


شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ބަހުސްކުރާ މީހާ އަކީ ޢިލްމީ ގޮތުން ޙުއްޖަތް ޤާއިމް ކުރުމަށް ބަލިކަށި މީހެއްގެ ގޮތުގައިވުމުން، އަދި ޝުބުހާތްތަކަށް ޖަވާބު ދިނުމުގައި ބަލިކަށިވުމުން، ބަހުސްކުރުމާއި ޖަދަލުކުރުން ނަހީކުރެވެ އެވެ. ފަހެ، އެހިނދުގައި އެ މަގުފުރެދިފައިވާ މީހާ އޭނާ ފަސާދަކޮށްލާނެ ކަމުގެ މައްޗަށް ބިރުވެރިކަން ވެ އެވެ. ފަހެ އެއީ ހަނގުރާމަ ކުރުމުގައި ބަލިކަށިޙާލުގައިވާ މީހާ ކާފަރުންގެ ތެރޭގައިވާ ބާރުވެރި ކާފަރުމީހާ ޤަތުލުކުރަން ނުކުތުން ނަހީކުރެވިގެންވާ ފަދައިންނެވެ. ހަމަކަށަވަރުން އެއީ މުސްލިމުންނަށް ގެއްލުންލިބޭނެ ކަމެއްގެ ގޮތުގައިވެ، އެއްވެސް ފައިދާއެއް ނުކުރާނެ ކަންތަކެއް ކަމުގައިވެ އެވެ." درء التعارض  7-173.

 

ހަތަރުވަނަ މައްސަލަ : ޙައްޤު މަޢުރިފާވުމަށް، ޙައްޤު ހޯދުމަށް ބޭނުންޖެހިފައިވާ މީހާއާއި ދެކޮޅުވެރިވެ ޖަދަލުކުރާ މި ދެމީހުން ތަފާތުކުރަން ކޮންމެހެންވެސް ޖެހޭނެ އެވެ. ފަހެ، ފުރަތަމަ މީހާއަށް ޙައްޤު ބަޔާންކޮށްދީ ދަލީލު ހޯދައިދީ އޭނާއަށް އޯގާތެރިވުން ހުއްޓެވެ.


އެހެނަސް ދެވަނަ މީހާ، އޭނާއަކީ ހަވާނަފްސުގެ ތެރެއަށް ގެނބި އޭނާގެ ހިތް އޭގެ ތެރެއަށް ގެންގޮސް ގަންބުވާފައިވާ މީހެކެވެ. އޭނާގެ ހިތްވަނީ ނައްޞު ތަކާއި ދަލީލުތަކުގެ މައްޗަށް އެއްކިބާވެގެންނެވެ. ފަހެ، މިފަދަ އަހުލުވެރިޔާ ދުރުކޮށް އޭނާއާ ވަކިވުން ހުއްޓެވެ. އަދި އޭނާގެ ބާޠިލްއަށް ރައްދުދީ އޭނާގެ މައްޗަށް ގަދަފަދަ ބަސްތައް ބަޔާންކުރުން ހުއްޓެވެ.


العلامة الآجري رحمه الله ވިދާޅުވެފައިވެ އެވެ. "ފަހެ، އަހަރުމެން ޢަމަލު ކުރަންވީ ކިހިނަކުންތޯ އެވެ؟ މިފަދައިން މީހަކު ބުނެފިނަމަ، ފަހެ، އޭނާއަށް ބުނުނެދިނުން ހުއްޓެވެ.
މި މަގުހޯދައިދިނުމުގައިވާ މީހާއަކީ، އިރުޝާދު ހޯދައިދިނުމަށް، ޙައްޤު ހޯދައިދިނުމަށް އޮތް މީހެއް ކަމުގައިވެ، ޖަދަލުކުރުމާއި ބަހުސްކުރުމަށް ބޭނުންވާ މީހެއް ނޫން ހިނދުގައި، އެފަދަ ޙާލުގައި ތިބާއަށް ކުޅަދާނަވީ މިންވަރަކުން އޯގާތެރިކަމާއި އަޅާލުމާ އެކުގައި އޭނާއަށް ޤުރުއާނާއި ސުންނަތުން އަދި ޞަޙާބީންގެ ބަސްފުޅު ތަކުން ޢިލްމު ބަޔާންކޮށްދިނުން ހުއްޓެވެ. އަދި އަދި މުސްލިމުންގެ ތެރެއަށް ފާޅުވި އިމާމުން رضي الله عنهم ގެ ބަސްތައް ބަޔާންކޮށްދިނުން ހުއްޓެވެ. އޭނާ ބޭނުންވަނީ ބަހުސްކުރުމާއި ޖަދަލުކުރުން ކަމުގައިވާނަމަ، ޢިލްމުވެރިން ދުރުވެ ހުރުމަށް ބަޔާންކޮށްފައިވަނީ މިދަފަ ޙާލަތުގަ އެވެ. ފަހެ، އޭނާއާ ޖަދަލު ނުކުރާށެވެ. އަދި ތިބާގެ ދީނުގެ މައްޗަށް އޭނާގެ ކިބައިން އިންޒާރުލިބި ރައްކާތެރިވާށެވެ. މިއީ ތިބާގެ ކުރިއަށް މި އުއްމަތް ދޫކުރައްވާ ވަޑައިގެންނެވި މުސްލިމުންގެ އިމާމުން ވިދާޅުވެފައިވާ ގޮތެވެ. އެ އިމާމުންނަށް ތިބާ ތަބަޢަވާ ކަމުގައިވާނަމަ، ތިބާއަށް ޢަމަލުކުރުންއޮތީ މިފަދައިންނެވެ.


ފަހެ "އެމީހުން ބާޠިލްގެ މައްޗަށް ވާހަކަ ދައްކަން ދޫކޮށްލަންވީ ހެއްޔެވެ؟ އަދި އަހަރެމެން އެމީހުންގެ މައްޗަށް ހަނު (ސުކޫތުވެ) ތިބެންވީހެވެ." މިފަދައިން ބުނާ މީހާއަށް ބުނެދޭށެވެ. ތިބާ އެމީހުންގެ ބަސްތަކަށް ސުކޫތުވެ ހަނުހުރުމާއި އެކު އެމީހުންގެ އެ ބަސްތަކުން ހަޖުރުކޮށް ދުރުވެ ހުރުމަކީ، އެމީހުންނާ ޖަދަލު ކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. މިއީ ތިބާއަށްވުރެ ކުރިން މި ދުނިޔެ ދޫކުރައްވާފައިވާ މުސްލިމު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތެވެ."


ފަސްވަނަ މައްސަލަ : ޢިލްމީ ބަހުސްކުރެވޭ ޙާލަތެއްގައި، ނަފްސު ޙައްޤަށް ބޯލަނބައި ކިޔަމަންގަތުމަށް ތައްޔާރަށް ހުންނަން ޖެހޭނެ އެވެ. އެއީ، ޙައްޤު ފާޅުވީ އެމީހަކާ ޚިލާފްވެފައިވާ މީހެއްގެ ކިބައިން ކަމުގައިވިޔަސް އެވެ. ފަހެ، އެއްވެސް އަޅަކު އޭނާގެ ޚަސްމުގެ ކިބައިން ޙައްޤު އައިކަމުގައިވިޔަސް އެ ޤަބޫލުކުރުން މަނާވެގެންނުވާނެ އެވެ.


الإمام ابن بطة العكبري رحمه الله ވިދާޅުވެފައިވެ އެވެ. "ދަންނާށެވެ! އޭ އަޚާ އެވެ. އެމީހެއްގެ ނަފްސުން ނޫންގޮތަކަށް ޙައްޤު ފާޅުވުމަށް ނޭދޭ މީހާ އަދި އަމިއްލަ ކުށްތަކަށް ނަސްރުވެރިވެ ދެމިހުންނަ މީހާ އަކީ، އޭނާ ހޯދައިފައިވާ ޢިލްމު ﷲ އޭނާގެ މަތިން ހިއްޕަވާނެކަމުގެ މައްޗަށް އަމާންކަމެއްް ނެތެވެ. އަދި އޭނާ އޭނާ ދަންނަ ކަންތައްތައް އޭނާގެ ކިބައިން ހަނދުމަނެތި ކުރައްވާނެ އެވެ. އަދި ކިޔެއްހެއްޔެވެ. އޭނާގެ އީމާންކަން އެ އިލާހު ގެންދަވާފާނެ ކަމުގެ މައްވަށް އޭނާގެ މައްޗަށް ބިރުހުއްޓެވެ. ސަބަބަކީ ތިބާގެ ގާތަށް ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ޙައްޤު ބަޔާންވުމުން، ތިބާއަށް އެއަށް ކިޔަމަންގަތުން ފަރުޟުވެގެންވެ އެވެ. ފަހެ، އެމީހެއްގެ މައްޗަށް ޙައްޤު ބަޔާންވުމަށްފަހުގައި، އެކަމުގެ ޢިލްމުލިބި އެއަށް އިންކާރުކޮށްފި މީހާއަކީ ﷲ ގެ މައްޗަށް ބޮޑާވެރިވެފައިވާ ކިބުރުވެރިއެކެވެ. އަދި ކުށަށް ނަޞްރުވެރިވެއްޖެ މީހާއަކީ ޝައިޠާނާގެ ޕާޓީގެ މީހެކެވެ." الإبانة  2-206.


ހަވަނަ މައްސަލަ : ޢިލްމު ހޯދުމުގައިވާ ދަރިވަރު އޭނާގެ އަމިއްލަ ބަސްތަކަކީ، އެކަމުގައި ރުޖޫޢަވުމަށްއޮތް އަޞްލުކަމުގައި ބަލައިގެން ނުވާނެ އެވެ. މިކަންތަކަށް ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ. އަދި އޭނާގެ ފާރާތުން މެނުވީ ބަސްތައް ފާޅުވުމެއްނެތް ކަމުގައި ދެކިގެން ނުވާނެ އެވެ. ފަހެ، މިގޮތުން ދެ ވަޙީގެ މައްޗަށް ޚިލާފުވެގެންވާ އުޞޫލްތައް ނެރެ އަދި ސަލަފުންގެ ފަހުމްއާ ޚިލާފް އުޞޫލްތަކަކީ އެއީ އަޞްލުތަކެއް ކަމުގައި ދެކެއެވެ. މިގޮތުގައި އޭނާގެ ޚަޞްމުގެ މައްޗަށް އޭނާގެ އަމިއްލަ ބަސްތަކުން ކުރިއަރައިގަނެވެ. ފަހެ، ހަމަކަށަވަރުން ދީނަށް އަލަށް ގެނެސް ވައްދާފައިވާ އަޞްލުތަކާއި ޤަވާޢިދުތަކަކީ، ޙައްޤު ރައްދުކުރުމަށް އޮތް މަގުތަކެވެ. އަދި މަގުފުރެދުންތަކަށް ހުޅުވިފައިވާ ދޮރުތަކެކެވެ.


الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "ﷲ އާއި އެ އިލާހުގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ނުވާ އުޞުލްތަކެއް، އެއީ އުޞޫލްތަކެއްގެ ގޮތުގައި ހަދައިފި މީހާ، އެ އަޞްލުތަށް ގެންދާނީ ސުންނަތް އޭގެ ޙައްޤު މާނައިން ތަޙްރީފް ކުޅައުމަށެވެ. ފަހެ، އެގޮތުން ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޖަމާޢަތުގެ އަހުލުވެރިން، ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި އުޞޫލްތައް ނޫން އެއްޗެއް އުޞޫލްކަމުގައި ގެނެސްފައިނުވެ އެވެ. ފަހެ އުޞޫލްތަކެއް ކަމުގައި ބަލައި، ދަލީލުތަކެއްގެ ގޮތުގައި ހިފެހެއްޓުމަށްއޮތް އުޞޫލްތަކަކީ އެއީ އެވެ." شفاء العليل  1-210.


ހަތްވަނަ މައްސަލަ : ޢިލްމުހޯދާ ދަރިވަރު (ޠާލިބް ޢިލްމު) މުދާހަނާ ކުރުން ހުއްދައެއް ނުވާނެ އެވެ. އަދި ކިޔެއްތޯ އެވެ. އޭނާގެ އަތުގައިވާ އެންމެހައި ޙުއްޖަތްތަކުން ދަލީލުނެރެ އޭގެ ޞައްޙަވެގެންވާ ގޮތް ބަޔާންކުރުން ހުއްޓެވެ. އަދި ޙައްޤު ދިފާޢުކޮށް، ހައްޤު ހައްޤުގޮތުގައި ޤާއިމްކުރުން ހުއްޓެވެ. ބާޠިލް ދިއްލިފައިވާ ގަދަކަމުގެ މައްޗަށް ދެރަވެ މަޔޫސްވެ އޮޅިގެން ނުވާނެ އެވެ. ފަހެ، ބާޠިލްގެ ގަދައަށް ދިއްލިފައި ވުމަކީ ނެތިދާނެ އެއްޗެކެވެ.


الشيخ عبد اللطيف بن عبد الرحمن بن حسن آل الشيخ رحمه الله ވިދާޅުވެފައިވެ އެވެ. "ޢިލްމު ހޯދާ ދަރިވަރުގެ ގާތުގައި އަދި ދީނުގެ ފަހުމް ލިބި ދީނަށް ނިސްބަތްވެގެންވާ އަހުލުވެރިޔާގެ ގާތުގައި، އެހެން އެންމެހައި ފަރާތްތަކަށްވުރެ ޙައްޤު ބާރުގަދަކަމާއި ޙައްޤު އެއީ ބޮޑުވެގެންވާ އެއްޗެއް ކަމުގައި ވާން ޖެހޭނެ އެވެ. އަދި މިގޮތުގައި މިއީ އޭނާގެ މައްޗަށް ނުހަނު ބޮޑުވެގެންވާ ވާޖިބެކެވެ. އަދި ދީނުގައި ވިސްނޭ ހަމަ ބުއްދީގައިވާ އަހުލުވެރިޔާ މުދާހަނާގެ މަގާއި ކަންނެތްކަމުގެ މަގަށް ރުހި ޤަބޫލެއް ނުކުރާނެ އެވެ." الدرر   8-312.


އަށްވަނަ މައްސަލަ : ލަނޑުދަނޑިއަށް ވާޞިލްވުމަށް ސަލަފީއެއްގެ ގާތުގައި ހުރިހައި ވަޞީލަތެއް ހުއްދައެއް ނުވާނެ އެވެ. ޚިލާފްވެގެންވާ އަހުލުވެރިންގެ ކުށްތަކުގެ މައްޗަށް ބަސްތައް ބަޔާންކުރުމުގައި، ސަލަފީ އަކީ ބަޔާންކުރަންޖެހޭ ޙައްދަށްވުރެ ބޮޑަށް، ހައްދުފަހަނައަޅައި ގޮސްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އެގޮތުން އެމީހުންގެ މައްޗަށް އެމީހުން ނުބުނާ ބަސްތަކެއް ބުނެގެން ނުވާނެ އެވެ. އެހެނަސް ބާޠިލްއަށް ރައްދުދީ ޙައްޤަށް ނަޞްރު ދިނުމުގައި ދެމިހުންނާނީ އެވެ.


 شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުންނާ މެދުގައި ބަސްތައް ބުނުން ވާޖިބުވެގެންވަނީ ޢަދުލުވެރިކަމާއި ޢިލްމުގަ އެވެ. ބިދުޢައިގެ އަހުލުވެރިން ފަދައިން ޖާހިލު ކަމާއި އަނިޔާވެރި ކަމުގައި ނޫނެވެ." منهاج السنة  4-337.


ނުވަވަނަ މައްސަލަ : ރައްދުދިނުމާއި ބަހުސްކުރުން އޮތީ އެމީހަކު އެއިން ރުޖޫޢަވެދާނޭ ކަމުގައި އުއްމީދު ކުރެވޭ އަހުލުވެރިންނާ އެވެ. އަދި މިބާބުގައި ފުރައްސާރަ ކުރުމާއި، މަލާމާތްކުރުމުން އަދި ބޭކާރު ބަސްތައް ބުނުމުން ދުރުހެލިވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ޚިލާފްވެގެންވާ އަހުލުވެރިންނަށް ރައްދުދިނުމާއި އަދި ސުންނަތް ބަޔާންކޮށްދިނުމަކީ އެންމެ މަތިވެރިވެގެންވާ އަޅުކަންތައްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ފަހެ އެހެންވުމުން އެކަމުގައި އިޚްލާޞްތެރިވުމާއި ނަބިއްޔާގެ ސުންނަތަށް ތަބަޢަވުން ޤާއިމްވެފަައި ހުރުން ކޮންމެހެންޖެހޭނެ އެވެ.


القرافي رحمه الله ވިދާޅުވެފައިވެ އެވެ. "ބިދުޢައިގެ ލީޑަރުންނާއި އަދި އެމީހުންގެ މަގުފުރެދުންތައް މީސްތަކުންގެ ތެރޭގައި އޭގެ ފަސާދާއި އޭގެ ޢައިބުތައް މަޝްހޫރުކުރުން ހުއްޓެވެ. އަދި އެމީހުންނަކީ ޙައްޤު ގޮތުގައިވާ ބައެއް ނޫންކަން އަންގައިދިނުން ހުއްޓެވެ. އެއީ ނޭނގިފައިވާ ބަލިކަށި މީސްތަކުން ސަމާލުވެ އިންޒާރު ލިބިގަނެ އޭގެ ތެރެއަށް ވެއްޓިގެން ނުދިޔުމަށްޓަކަ އެވެ. އަދި އެ ފަސާދުން ކުޅަދާނަވީ މިންވަރަކަށް ދުރުހެލިވެ ތިބުމަށެވެ. މިކަމުގައި ޝަރުޠު ކުރެވިފައިވަނީ ތެދުބަސް ބަޔާންކޮށް އޭގެ މައްޗަށް ޙައްދުފަހަނައަޅައި ނުދިޔުމަށެވެ. އަދި އެ އަހުލުވެރިންގެ މައްޗަށް އެމީހުން ނުކުރާ ބުހުތާނު ބަސްތައް ބުނެ އެމީހުންގެ މައްޗަށް ފާޙިޝް ބަސްތައް ގޮވައިހެދުމެވެ. އެހެނަސް އެމީހުންގެ ފަރާތުން ޚާއްޞަކޮށް މީސްތަކުން ދުރުވާންޖެހޭ ކަންތައްތައް އެކަނި ބަޔާންކުރުމެވެ." الفروق للقرافي  4-313.


ދިހަވަނަ މައްސަލަ : މަންފާ ކުރާނެ ޢިލްމު ހޯދުމާއި، ޢިލްމު ފުރިހަމައަށް ޘާބިތުކަމާ އެކީގައި ޤާއިމްކުރުމަށް މަޝްޣޫލު ނުވާނެގޮތުގައި ޝޯޝަލް މީޑިޔާ ބޭނުން ކުރުމަށް ބާރުއެޅުމެވެ. (މާނައީ : ޝޯޝަލް މީޑިޔާ ބޭނުން ކުރުން އޮތީ، މަންފާކުރާނެ ޢިލްމު ހޯދުމާއި، ޢިލްމުގައި ފުރިހަމައަށް ޘާބިތުމުމަށް މަސައްކަތްކޮށް، އެއަށް ބުރޫ ނާރާނެ ފަދަ ގޮތެއްގަ އެވެ.) އަދި ބަހުސް ކުރުމުގައި އެކަން ދަންނަ ފަރާތެއް އަދި ނުދަންނަ ފަރާތެއް ބެލުމެއްނެތި ބަހުސްކުރުމުގެ ތެރެއަށް ވަދެހެދުމެވެ. އަދި ކިޔެއްހެއްޔެވެ! މި ބާބުގެ ތެރެއަށް ވަދެ ބަސްތައް ބަޔާންކުރާމީހާ އަކީ، ޢިލްމު ލިބިގެން ވާހަކަދައްކާ މީހެއްގެ ގޮތުގައިވުން ވާޖިބުވެގެންވެ އެވެ.


ހުރިހައިކަމެއްގެވެސް އަސާސްއަކީ އެންމެހައި ޢިލްމެވެ. އެ ޢިލްމުގެ ތެރޭގައި ޖަރަޙް ވައް-ތަޢްދީލުގެ ޢިލްމު ހިމެނެ އެވެ. އަދި އެއީ ޝަރުޢީ ޢިލްމެކެވެ.


العلامة الألباني رحمه الله ވިދާޅުވެފައިވެ އެވެ. "ސުންނަތްގެ ޢިލްމު ފުރިހަމައަށް ލިބިފައިވާ މީހަކު ނޫނީ ބިދުޢައިގެ އަހުލުވެރިންނަށް ރައްދުދިނުން ހުއްދައެއް ނުވާނެ އެވެ. މިއީ އެއްވަޖްހެވެ. އަނެއް ވަޖްހަކީ ބިދުޢަ ފުރިހަމައަށް އެނގިފައި ބަޔާންވެގެންވުމެވެ. ތިޔަ މީސްތަކުން އަހަރެންނާ އެކީގައި ޞަޙީޙައިންގައި ވާރިދުވެގެންވާ خذيفة بن اليمان ގެ ޙަދީޘް ހަނދުމަކުރުން ހުއްޓެވެ. خذيفة بن اليمان ވިދާޅުވެފައިވެ އެވެ. (كان الناس يسألون رسول الله عن الخير، وكنت أساله عن الشر مخافة أن أقع فيه) "މީސްތަކުން رسول الله صلى الله عليه وسلم ގެ އަރިހުގައި ހެޔޮކަންތައްތަކާއި ބެހޭގުތުން ސުވާލު ކުރަމުންދިޔަ އެވެ. އަދި އަހަރެން ނުބައިކަންތައްތަކާއި އަހަރެންނާއި ބައްދަލު ވެދާނެ ކަމުގެ ބިރަށްޓަކައި، ނުބައިކަންތައްތާއި ބެހޭގޮތުން ސުވާލުކުރީމެވެ."
އަދި އެއީ ޝާޢިރު ބުނެފައިވާ ފަދައިންނެވެ.


ނުބައިކަންތައްތައް މަޢުރިފާވެ، އެނގިގަތީމެވެ. އެއީ ނުބައިކަންތައްޓަކައެއް ނޫނެވެ. އެހެނަސް އެއިން ސަލާމަތްވެ ރައްކާތެރި ވުމަށެވެ. ނުބައިކަންތައްތަކުގެ ތެރެއިން ރަނގަޅު ކަންތައްތައް ނުދަންނަމީހާ އޭގެތެއަށް ވެއްޓޭނެ އެވެ.


ފަހެ، خذيفة بن اليمان ފަދައިން ނުބައިކަންތައްތަކާއި ހެޔޮކަންތައްތައް ބަޔާންވެގެންވާ ޢިލްމުވެރިޔާ އަދި މިޒަމާނުގައި އޭގެ އިތުރަށް ސުންނަތް މަޢުރިފާވެގެންވާ ޢިލްމުވެރިޔާ، ފަހެ އެއަށް ތަބަޢަވެ އަދި މީސްތަކުންނަށް އެ ސުންނަތަށް ގޮވާލާ ބާރުއެޅުމުގައިވާ ޢިލްމުވެރިއެއް ކަމުގައިވެ އަދި ބިދުޢަތައް މަޢުރިފާގެފައިވާ ޢިލްމުވެރިޔަކަށްވެ، އެ އެންމެހައި ބިދުޢަތަކުން އެއްކިބާވެ މީސްތަކުންނަށް އެ ބިދުޢަތަކުން އިންޒާރު ދިނުމުގައިވާ މީހާއަކީ، ފަހެ ބިދުޢައިގެ އަހުލުވެރިންނާއި މުބްތަދިޢާ އިންނާ ޖަދަލު ކުރުމަށް ހުއްދަވެގެންވާ ޝަޚްޞިއްޔަތަކީ މި އެވެ."
އަހަރެމެންނާއި ތިޔަބައިމީހުންގެ، އެންމެހައި ބަސްތަކާއި ޢަމަލުތަށް އިޞްލާޙްވެދިއުމަށް ﷲ ތަޥްފީޤު ދެއްވާނދޭވެ.
                                 ލިޔުނީ : محمد بن غالب العمري

****

ފަތުވާ ނަގާފައިވަނީ : https://goo.gl/NvShQF

 

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares