ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެ އުޞޫލެއްގެ މައްޗަށް ބިނާވެގެންވާ މައި އުޞޫލު – الإمام ابن رجب الحنبلي رحمه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ބޭސްވެރިކަމާއި ސިއްޚަތު

އަޞްލު ލިޔުއްވީ: އަބޫ އިޔާޟް އަމްޖަދް ރަފީޤް حفظه الله، ހެލްތީމުސްލިމް.ކޮމް (ޔޫކޭ)

ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެ އުޞޫލެއްގެ މައްޗަށް ބިނާވެގެންވާ މައި އުޞޫލަކީ ކޮބައިކަން ބަޔާންކޮށް الإمام ابن رجب الحنبلي رحمه الله ގެ جامع العلوم والحكم (އިމާމް ނަވަވީ ގެ 40 ހަދީޘް ޝަރަކުރައްވާފައިވާ ފޮތުގައި) މި ހަދީޘް ގެނައުމަށްފަހުގައި ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ " رواه الترمذي ( 2380 ) وابن ماجه (3349) މާނައަކީ: "އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ތަނެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ކެއުމުން ފުދެއެވެ. އެވަރު ހިތްހަމަ ނުޖެހޭނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި އަނެއް ތިން ބަޔަށް ދިޔާ ތަކެތި ބޯށެވެ. އަދި ނޭވާ ލުމަށް އަނެއް ތިންބައި ބަހައްޓާށެވެ."

މިހަދީޘް އަށް ނިޞްބަތްކޮށް الإمام ابن رجب الحنبلي رحمه الله ވިދާޅުވިއެވެ.

"ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެކުލެވިގެންވާ ޖާމިޢު އުޞޫލެއް މި ހަދީޘްގައިވެ އެވެ. އަދި ރިވާވެގެންވެ އެވެ. ހަކީމީ ބޭސްވެރިޔާ، އިބްނު އަބީ މާސަވައިޙް، އަބީ ޚައިތަމާގެ ފޮތުން މި ހަދީޘް ކިޔުމަށްފަހުގައި ވިދާޅުވިއެވެ. ''މީސްތަކުން މި ބަސްތަކަށް ޢަމަލުކޮށްފި ކަމުގައިވާނަމަ، އެބައިމީހުން އެންމެހައި ކުދި އަޑި ބޮޑު ބަލިތަކުން މިންޖުވެގެންވީ ހެއްޔެވެ. އަދި ކުލިނިކްތަކާއި (ބޭސްކުރާ ތަންތަނާއި) ފާރމަސީތައް (ބޭސް ވިއްކާ ތަންތަން) ބަންދުކުރީސް ހެއްޔެވެ."

 

އިބްނު އަބީ މާސަވައިޙްގެ މި ބަހަށް އިޝާރާތްކޮށް ابن رجب رحمه الله ވިދާޅުވިއެވެ.

"ހަމަކަށަވަރުން އެފަދައިން ބުނެފައިވާ ސަބަބަކީ، އެންމެހައި ބަލިތަކުގެ އަޞްލު ޞަބަބަކީ ޙަޖަމްކުރުމުގެ ނުރަނގަޅު އާދަތަކެވެ. އަދި ޢަރަބީންގެ ހަކީމީ ބޭސްވެރިޔާ، އަލް ޙާރިޘް އިބްނު ޖަލްދާ ވިދާޅުވެފައިވެއެވެ. "ކެއުމުގައި ދުރާލައި ރައްކައުތެރިވުމަކީ އެއީ ބަލިތަކަށް ފަރުވާކުރުމުގެ އެންމެ މުހިންމު ބައެވެ. އަދި ޑައިސިބޮއިސިސް (ހަށިގަނޑުގެ މާއްދާތަކުގެ މިންގަޑުތައް ފުށުއެރުމަކީ) ބަލިތަކުގެ އެންމެ ބޮޑު ސަބަބެވެ.".... އަދި އަލް ޙާރިޘް ވިދާޅުވެފައިވެއެވެ. "އެ އެއްޗަކުން އެތަކެއް މަޚުލޫޤުންތައް މަރާލެވުނު އަދި އިންސާނިއްޔަތުގެ 7 ބައިކުޅަ 1 ބައި ނެތިވެގެން ދިމާވުމަށް މެދުވެރިވި ސަބަބަކީ ހަޖަމްނުވެވިހުރި ކާއެއްޗެއްގެ މައްޗަށް އަނެއް ކާއެއްޗެއް ބޭނުންކުރެވުމެވެ."


އަދި އެއަށްފަހު ابن رجب رحمه الله އެތަކެއް ބަސްތަކެއް މި ކަމާއިބެހޭގޮތުން ނަޤުލުކުރެއްވިއެވެ. އޭގެތެރެއިން އެއް ބަސްފުޅުގައިވެއެވެ. އިބްރާހީމް އިބްނު އާދަމް ވިދާޅުވެފައިވެއެވެ.

"އެމީހެއްގެ ބަނޑުގެ މައްޗަށް ބާރުވެރިކަން ހޯދައިފިމީހާ އެމީހާގެ ދީނުގެ މައްޗަށް ބާރުވެރިކަން ހޯދައިފިއެވެ. އަދި އެމީހެއްގެ ބަނޑުހައި ހޫނުކަމުގެ މައްޗަށް ބާރުވެރިކަން ހޯދައިގަތް ކޮންމެ މީހަކުމެ ރިވެތި އަޚުލާގުގެ މައްޗަށް ބާރުވެރިކަން ހޯދައިގެންފިއެވެ."

 

ފާއިދާ: އިމާމް އިބްނު ޤައްޔިމް رحمه الله އަދި އިބްނު ރަޖަބް رحمه الله ޒިކުރު ކުރައްވާފައިވާ ފަދައިން ގިނަ ބަލިތަށް ފާޅުވެގަންނަނީ ނުރަނގަޅު ކެއުމުގެ އާދަ ތަކުގެ ސަބަބުންނެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަށިގަނޑަށް ކާއެއްޗެސް އެތެރެ ކުރުމާއި، ހަށިގަނޑާއި ނުގުޅޭ ނުރަނގަޅު ވިހަ މާއްދާތަށް ހަށިގަނޑަށް އެތެރެ ކުރުމަކީ އެއީ އެންމެހައި ބަލިތަކުގެ އަޞްލެވެ. ހަށިގަނޑަށް އެތެރެ ކުރާ ކާނާގެ މިންގަނޑާއި ފެންވަރު ހިފިހެއްޓުމަކީ ދުޅަހެޔޮ ސިއްޚަތެއްގައި ދެމިހުރުމަށްޓަކައި ނުހަނު މުހިންމުވެގެންވާ ކަމެކެވެ. ކެމިކަލް އިން ޕޮރޮސެސް ކޮށްފައި ހުންނަ އެކިއެކި ވިހަ ކާނާ ހަށިގަނޑަށް އެތެރެ ކުރުމުގެ ސަބަބުން، ހަށިގަނޑުގެ ގުނަވަންތަކާއި ސެލްތަށް ވިހަވެ، ޤުދުރަތީ ނިޒާމަށް އަސަރު ކުރުވައި، އެ ނިޒާމް މަސައްކަތްކުރާ ގޮތް ބަދަލުވެ، އެއް ނިޒާމާއި އަނެއް ނިޒާމާއި ފުށޫ އެރުމުގެ ސަބަބަބުން ކެންސަރު (ނިޒާމެއް ނެތި، އެގޮތް މިގޮތަށް ސެލް އުފެއްދުން) ފަދަ އެކި އެކި ބަލިތަށް ފާޅުވެގެން ދެއެވެ. މިއަދު އެކިއެކި ކެންސަރު ފާޅުވުމުގެ ނަތީޖާއަކީ ކެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކެވެ. އެހެންކަމުން، މިއީ ކޮންމެހެންވެސް ސަމާލުވެ ރައްކައުތެރިވާންޖެހޭ ކަމެކެވެ.


ޢަޞްލު ލިޔުން:
http://www.healthymuslim.com/articles/aaupg