ބިދުޢަވެރި ޢަމަލު ކުރާ ތަންތަނުގައި (ދީނީ ޑިބޭޓް، ބަޙުސް ކުރާ ތަންތަނުގައި) އިށީނދެ އިނުމުގެ ޙުކުމް - العَلاَّمة الشَّيْخ رَبِيع بن هَادي المَدخَلي حفظه الله

ކެޓަގަރީ ޖަދަލުކުރުމާއި ބަހުސްކުރުން

ސުވާލު: ބިދުޢަތައް ކުރެވޭތަނެއްގައި އިށީނުމަކީ ހުއްދަވެގެންވާ ކަމެއްތޯ އެވެ. މިޘާލަކަށް އެންމެން އެއްޖަމާޢަތެއްގައި ތިބެ ނަމާދުގެ ފަހުން ނުވަތަ ކުރިން އެކުގައި ދުޢާކުރާތަންތަނުގައި، އެންމެން އެއްއަޑެއްގެ ދަށުން ޤުރުއާން ކިޔަވަމުން ދާ ތަނެއްގައި އިށީނުން ހުއްދަވާނެތޯ އެވެ؟
 

ޖަވާބު: "އަހަރެން ދެކެނީ ތިފަދަ ތަންތަނުގައި އިށީނުން ހުއްދައެއް ނުވާނެ އެވެ. ނަމާދުކޮށް ނިމުނުން ފައިބާށެވެ. އެމީހުންނާއި އެކުގައި ނުއިށީންނާށެވެ. ސަބަބަކީ އެބައިމީހުން ތިޔަ ބިދުޢަތަކާއި، މަގުފުރެދުންތައް ނަމާދުގެ ފަހުގައި ޢާންމުކޮށް ގެންނާނެތީ އެވެ. ފަހެ، ބުރުދާއަކީ އޭގައި ބޮޑު ޝިރުކު އެކުލެވިގެންވާ އެއްޗެކެވެ. والعياذ بالله. ޝިރުކު އަޑުއަހަން އިށީންނާނީ ކިހިނަކުން ހެއްޔެވެ.
 

ތިބާ މިސްކިތައް އަންނަނީ ﷲ ގެ ހަޟުރަތުން ޘަވާބު ހޯދުމަށް އެދި އެވެ. ތިބާ މިސްކިތައް އައުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް، ﷲ ތިބާއަށް ހެޔޮކަމެއް ލިޔުއްވައި އަދި ކޮންމެ ފިޔަވަޅަކަށް ތިބާގެ މަތިން ނުބައިކަމެއް ފުއްސަވަ އެވެ. ތިބާ އެނބުރިއަންނައިރު ފާފަތަކާއި، ނުބައިކަންތައް މަތިވެރިކުރާފަދަ ޙާލެއްގައި ނުވާށެވެ. والعياذ بالله. (مَن رأى مِنكُم مُنكرًا فليغيِّرهُ بيدِهِ ، فإن لَم يَستَطِع فبِلسانِهِ ، فإن لم يستَطِعْ فبقَلبِهِ . وذلِكَ أضعَفُ الإيمانِ) "އެމީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އޭނާގެ އަތުން އެ މުންކަރާތެއް ނައްތާލުން ހުއްޓެވެ. އަތުން އިންކާރު ކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ އޭނާގެ ދުލުން އެ މުންކަރާތެއް މަނާކުރުން ހުއްޓެވެ. ދުލުން އިންކާރު ކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ އޭނާގެ ހިތުން މުންކަރާތް އިންކާރުކުރުން ހުއްޓެވެ. އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ."

އެބައިމީހުންގެ ބާޠިލްތަކުގެ ތެރޭގައި ދެބަސްވެ، ކޯޅޭ ހިނދުގައި ތިބާއަށް އެބައިމީހުންނާ އެކުގައި އިށީނުން ހުއްދައެއް ނުވާނެ އެވެ.

ހަމައެކަނި ތިބާއަށް އެބައިމީހުންގެ ތެރޭގައި ހުރުން ހުއްދަވާނީ އެބައިމީހުންގެ މައްޗަށް ޙައްޤުބަސް ބަޔާންކޮށްދިނުމަށެވެ. ތިޔައީ މަގުފުރެދުމެއް ކަމާއި، ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިން، ރަސޫލުއް ﷲ ޙަދީޘް ކުރައްވާފައިވަނި މިފަދައިން، މިފަދައިން ބަޔާންކޮށްދިނުމަށެވެ. އެހެންނޫނީ އެއްވެސް ޙާލެއްގައި ތިބާއަށް އެތަނުގައި އިށީނުން ހުއްދައެއް ނުވާނެއެވެ.

وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلا تَقْعُدْ بَعْدَ الذِّكْرَى مَعَ الْقَوْمِ الظَّالِمِينَ "ތިމަންއިލާހުގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން އިބަނަބިއްޔާއަށް ފެނިވަޑައިގެންފިނަމަ، އެބައިމީހުން އެނޫން ވާހަކައެއް ދައްކައިފުމަށް ދާންދެން އެބައިމީހުންގެ ކިބައިން ވަކިވެ ވަޑައިގަންނަވާށެވެ. އަދި އެކަމުގެ މަތިން ޝައިޠާނާ އިބަނަބިއްޔާ ހަނދުމަނެތި ކޮށްފިނަމަ އެކަން ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ނަބިއްޔާ ނީންނަވާށެވެ."

***

ފަތުވާ ނަގާފައިވަނީ : مجموع النصائح و توجيهات الشيخ ربيع للشباب ص35