މަންހަޖާއި ޢަޤީދާގައި ޚިލާފުވުމުން އެއްބައެއް ނުވެވޭނެ - الشَّيْخ صَالِح بن فَوْزَان الفَوْزَان حفظه الله

ކެޓަގަރީ އަޤީދާއާއި މަންހަޖު العقيدة والمنهج

ސުވާލު: މަންހަޖާއި ޢަޤީދާގައި ޚިލާފުވުމުން (މުސްލިމުން) އެއްބައިވެ އެކަތިގަނޑަކަށް ވެވިދާނެތޯ؟

ޖަވާބު: މަންހަޖާއި ޢަޤީދާގައި ޚިލާފުވުމުން (މުސްލިމުން) އެއްބައިވެ އެކަތިގަނޑަކަށް ވުމަކީ ވާނެ ކަމެއް ނޫނެވެ. އަދި އެކަމަށް އޮތް އެންމެ ހެޔޮ ދަލީލަކީ ރަސޫލާ ﷺ ފޮނުއްވުމުގެ ކުރިން ޢަރަބިންގެ ހާލަތު ހުރިގޮތެވެ. އެހެނީ އެބައިމީހުންވީ ބައިބައިވެގެންވާ، އަދި އެއްބަޔަކު އަނެއްބަޔަކާ ގަދައަށް ހަނގުރާމަ ކުރާ ބައެއްގެ ގޮތުގަ އެވެ. ފަހެ އެމީހުން އިސްލާމް ދީނަށް ވަނުމުން، އަދި ތަޥްޙީދުގެ ދިދައިގެ ދަށަށް ވަނުމުން، އަދި އެމީހުންގެ ޢަޤީދާ އެއް ޢަޤީދާއަކަށް ވުމުން، އަދި އެމީހުންގެ މަންހަޖު އެއް މަންހަޖަކަށް ވުމުން، އެމީހުން އެއް ކަލިމައެއްގެ މައްޗަށް އެއްބައިވި އެވެ. އަދި އެމީހުންގެ ދައުލަތް ޤާއިމްވި އެވެ. އަދި އެކަން އެމީހުންނަށް ހަނދުމަކޮށްދެއްވައި الله تعالى ވަޙީކުރެއްވި އެވެ:

وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا (آل عمران: 103)،

މާނައީ: "އަދި ތިޔަބައިމީހުންނީ (އެއް ބަޔަކު އަނެއް ބަޔަކަށް) ޢަދާވާތްތެރިން ކަމުގައި ވަނިކޮށް الله ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވި އެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމު އެވެ."

އަދި الله تعالى އެއިލާހުގެ ނަބިއްޔާ ﷺ އަށް ވަޙީކުރެއްވި އެވެ: لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ ]الأنفال: 63[، މާނައީ: "އިބަ ނަބިއްޔާ ބިމުގައިވާ ހުރިހައި އެއްޗެއް ހޭދަކުރެއްވި ނަމަވެސް އެއުރެންގެ ހިތްތައް އެކުވެރި ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، الله އެއުރެން އެކުވެރި ކުރެއްވި އެވެ. ހަމަކަށަވަރުން އެކަލާނގެއީ ޢަޒީޒުވަންތަ ޙަކީމްވަންތަ ކަލާނގެ އެވެ."

އަދި ހަމަކަށަވަރުން ކާފަރުންނާއި، މުރުތައްދުވީ މީހުންނާއި، މަގުފުރެދިފައިވާ ފިރުޤާތަކުގެ އަހުލުވެރިންގެ ހިތްތައް ދުވަހަކުވެސް الله سبحانه އެކުވެރިއެއް ނުކުރައްވާނެ އެވެ(1). ހަމަކަށަވަރުން الله އެކުވެރި ކުރައްވާނީ ހަމައެކަނި މުއުމިނުންނާއި ތަޥްޙީދުގެ އަހުލުވެރިންގެ ހިތްތަކެވެ. އިސްލާމް ދީނުގެ މަންހަޖާއި އިސްލާމް ދީނުގެ ޢަޤީދާއާ ޚިލާފުވި ކާފަރުންނާއި، މުނާފިޤުންނާ ބެހޭގޮތުން الله تعالى ވަޙީކުރެއްވި އެވެ: تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ]الحشر: 14[، މާނައީ: "އެއުރެންގެ ހިތްތައް ބައިބައިވެގެންވާ ޙާލު ތިބާ ހީކުރަނީ އެއުރެންނީ އެންމެން އެކަތިގަނޑަކަށް ވެފައިވާ ބައެއްކަމުގަ އެވެ. އެއީ، އެއުރެންނަކީ ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ."


    އަދި الله ވަޙީކުރެއްވި އެވެ:  وَلَا يَزَالُونَ مُخْتَلِفِينَ (118) إِلَّا مَنْ رَحِمَ رَبُّكَ ]هود: 118، 119[، މާނައީ: "އަދިވެސް އެއުރެން ވަނީ އިޚްތިލާފުވާ ބައެއްގެ ގޮތުގައެވެ. އިބަ ނަބިއްޔާގެ ވެރި އިލާހު ރަޙުމަތްލެއްވި ބަޔަކު މެނުވީ އެވެ." އެމީހުންނީ ޞައްޙަ ޢަޤީދާއާއި ޞައްޙަ މަންހަޖުގެ އަހުލުވެރިންނެވެ. ފަހެ އިޚްތިލާފުތަކުން ސަލާމަތްވާނެ މީހުންނީ އެމީހުންނެވެ.


ފަހެ ޢަޤީދާގެ ފަސާދަކަމާ އެކު އަދި މަންހަޖުގެ އިޚްތިލާފުތަކާ އެކު މީސްތަކުން ޖަމާކުރަން އުޅޭ މީހުން، އެމީހުން ކުރަން އެއުޅެނީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ އިދިކޮޅު ދެއެތި އެއްކުރަން އުޅުމަކީ މުސްތަޙީލު ކަމެކެވެ.


ފަހެ ތަޥްޙީދުގެ ކަލިމަ (لا إله إلا الله) ފިޔަވައި އެއްވެސް އެއްޗެއް ހިތްތައް އެކުވެރިކުރުވައި، އެއް ކަލިމައެއްގެ މައްޗަށް މީސްތަކުން ޖަމައެއް ނުކުރާނެ އެވެ(2). އެއީ އެ ކަލިމައިގެ މާނަ އެނގި، އަދި އެތެރެފުށުންނާއި ބޭރުފުށުން އެކަލިމަ ލާޒިމްކުރުވާ ކަންތައް ކުރެވިއްޖެ ނަމަ އެވެ. ހަމައެކަނި އެ ކަލިމަ ދުލުން ކިޔުމާ އެކު، އެ ކަލިމައިން ދަލީލުކޮށްދޭ ކަންތަކާ ޚިލާފުވާ ނަމަ، ފަހެ ހަމަކަށަވަރުން އޭގެން ފައިދާއެއް ނުކުރާނެ އެވެ.


❆ ❆ ❆


ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س93، ص223-225،  دار سحاب السلفية، الطبعة الخامسة 1432 ه

 

(1) (މި ފުޓްނޯޓުތައް ލިޔުއްވާފައިވަނީ މި ފަތުވާ ނަގާފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ.) 
އެކަމަށް އޮތް އެންމެ ބޮޑު ހެއްކާއި ދަލީލަކީ މިއަދުގެ މައިދާނުގައިވާ ފިރުޤާތަކާއި ޕާޓީތަކެވެ. ފަހެ އެމީހުންވަނީ ޤުރުއާނާ ބެހޭގޮތުން އިޚްތިލާފުވެފަ އެވެ. އަދި ޤުރުއާނަށްޓަކައި އިޚްތިލާފުވެފަ އެވެ. އަދި ހިތްތައް އެއްބަސްވެ އިއްތިފާޤުވެއްޖެ ނަމަ ހަމަކަށަވަރުން އެ ހިތްތައް އެކުވެރިވާނެ އެވެ. އަދި އޭގެ އިދިކޮޅު ވެސްމެ އެވެ.


ޞައްޙަ ޙަދީޘްގައި އަހަރެމެންގެ ނަބިއްޔާ  ގެ ދޫފުޅުމަތިން އެ ސިފަކުރެއްވުން އައިސްފައިވާ ފަދައިންނެވެ. ނަބިއްޔާ  ޙަދީޘްކުރެއްވި އެވެ: {الأَرْوَاحُ جُنُودٌ مُجَنَّدَةٌ فَمَا تَعَارَفَ مِنْهَا ائْتَلَفَ وَمَا تَنَاكَرَ مِنْهَا اخْتَلَفَ} މާނައީ: "ރޫޙުތަކަކީ ލަޝްކަރުކުރެވިގެންވާ ހަނގުރާމަވެރިންތަކެކެވެ. (އެބަހީ: އިޖްތިމާޢުވާ، އެއްތަންވާ ޖަމާޢަތްތަކެކެވެ.) އެ ރޫޙުތަކުގެ ތެރެއިން ދެކެފަރިތަ (އެއްބަސްވާ) ރޫޙުތައް އެއްބައިވަންތަވެ އެވެ. އަދި އެ ރޫޙުތަކުގެ ތެރެއިން ބީރައްޓެހިވެ ޢަދާވާތްތެރިވި ރޫޙުތައް ބައިބައިވެގެންދެ އެވެ." البخاري (3158).


(2) އަހަރެމެންގެ ޒަމާނުގައި، ޢަޤީދާގެ ފަސާދަކަމާ އެކު އަދި މަންހަޖުގެ އިޚްތިލާފުތަކާ އެކު މީސްތަކުން ޖަމާކުރަން އުޅޭ މީހުންނީ- މިސާލެއްގެ ގޮތުން ބުނާ ނަމަ، އެއީ "އަލް-އިޚްވާނުލް މުސްލިމޫންގެ ފިރުޤާ" އެވެ. ފަހެ ހަމަކަށަވަރުން އެމީހުންގެ ސަފުތަކުގެ = = ތެރެއަށް ރާފިޟީންނާއި، ޖަހްމީންނާއި، އަޝްޢަރީންނާއި، ޚަވާރިޖުންނާއި، މުޢުތިޒިލީން ޖަމާކުރެ އެވެ. އަދި ނަޞާރާއިން ވެސް ޖަމާކުރެ އެވެ. ތިބާ އެކަން ހަނދާން ނައްތައިނުލާށެވެ.


އޭ ލޮބުވެތި ކިޔުންތެރިޔާ އެވެ. މިފޮތުގައި އިސްވެދިޔަ ސަފުޙާތަކުގައި "އަލް-އިޚްވާނުލް މުސްލިމޫންގެ ފިރުޤާ" އާ ބެހޭގޮތުން އައިސްފައިވާ ބައެއް ޢިލްމުވެރިންގެ ބަސްފުޅުތައް ތިބާ ވާނީ ކިޔާފަ އެވެ. އެބައިމީހުން ތަޥްޙީދަށް އަހަންމިއްޔަތުކަން ނުދޭކަމާއި، އެމީހުން ޝިރުކާ ބެހޭ ގޮތުން އިންޒާރު ނުދޭ ވާހަކަ އެވެ. އަދި މި ސިފައަކީ "ތަބްލީޣީ ފިރުޤާ"ގެ ސިފަ ވެސްމެ އެވެ. ފަހެ "އިޚްވާނީ ބައިގަނޑު، ޤުޠުބީ އިޚްވާނީ ބައިގަނޑު" އެމީހުންނާ މާދުރެއް ނޫނެވެ.