ޝަރުޢީ ޒިކުރު الأذكار الشرعية

سُبْحَانَ الله وَبِحَمدِه އަދި سُبْحَانَ الله العَظِيم ގެ މާތްކަން - العَلاَّمَة الشَّيْخ مُحمَّد بن صَالح العُثَيمِين رحمه الله

ކެޓަގަރީ ޝަރުޢީ ޒިކުރު الأذكار الشرعية

"ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ.
(
كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ)
"ދޫމައްޗަށް ލުއި ފަސޭހަ ދެކަލިމައެއްވެ އެވެ. (އަދި އެ ދެކަލިމައަކީ) ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެ ކަލިމައެކެވެ. (އަދި އެ ދެކަލިމައަކީ) ރަޙްމާންވަންތަ އިލާހު ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އެވެ."

 

މި ދެކަލިމައަށް އޮތް އެންމެ ބޮޑު ޘަވާބަކީ، ހަމަކަށަވަރުން ﷲ އެ ދެކަލިމެއްދެކެ ލޯބިވެވޮޑިގެންވުމެވެ. އަދި ހަމަކަށަވަރުން ޢަމަލެއް އެ އިލާހު ލޯބިވެވޮޑިގަންނަވައިފި ހިނދުގައި، އެ ޢަމަލެއްކުރާ ފަރާތްދެކެވެސް ލޯބިވެވޮޑިގަންނަވަ އެވެ. ފަހެ، ހަމަކަށަވަރުން މި ދެ ކަލިމައަކީ ﷲ އެއިލާހުގެ އަޅާދެކެ ލޯބިވެވޮޑިގެންނެވުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ.
 

ފަހެ، އެހެންވުމުން، އިންސާނާއަށް އެދެވިގެންވަނީ، މި ދެ ކަލިމަ މެދުކެނޑުމެއްނެތި އަބަދު ކިޔުމާއި، މި ދެ ޤައުލު ތަކުރާރު ކުރުމުގައި ދެމިހުރުމެވެ.
 

(سُبْحَانَ اللَّهِ وَبِحَمْدِهِ) ގެ މާނައަކީ :

ހަމަކަށަވަރުން ތިބާ، ﷲ ތަޢާލާ އެންމެހައި އުނި ކަންތައްތަކުންނާއި ޢައިބު ސިފަތަކުން ހުސްޠާހިރުވަންތަ ކުޅައުމެވެ. އަދި ﷲ އީ އެންމެހައި ގޮތްތަކުން ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތެއްކަމުގައި (ޤަބޫލު) ވުމެވެ. މި ތަސްބީޙައާ އެކުގައި ޙަމްދު ބައިވެރިވެފައިވުމުން ދޭހަކޮށްދެނީ، ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް  ފަޟްލުވަންތަވެރިކަމާއި ދަރުމަވަންތަވެވޮޑިގެންވުމާއި އިޙްސާންތެރިވޮޑިގެންވުމެވެ. އަދި އެ އިލާހުގެ ޙިކްމަތްވަންތަކަމުގެ ފުރިހަމަކަމާއި، ޢިލްމުފުޅުގެ ފުރިހަމަކަމާއި އަދި މި ނޫންވެސް އެހެން އެންމެހައި ކަންކަމުގައި ﷲއީ ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތްކަމުގައެވެ.
 

(سُبْحَانَ اللَّهِ الْعَظِيمِ) ޔަޢުނީ :

ޖަލާލުވަންތަ އަދި މާތް މަތިވެރިވަންތަ އިލާހުކަމުގައިވުމެވެ. އަދި އެ އިލާހަށްވުރެ ވެރިކަމުގައި، ކުޅަދުންވަންތަ ކަމުގައި، ޙިކްމަތްވަންތަ ކަމުގައި އަދި ޢިލްމުފުޅުގައި ބޮޑުވެގެންވާ ފަރާތެއް ނުވާކަމެވެ. އަދި އެ އިލާހުއީ އެ އިލާހުގެ ޛާތުފުޅުގައި އެންމެ ބޮޑުވެގެންވާ ފަރާތެވެ. އަދި ސިފަފުޅުތަކުގައި އެންމެ މަތިވެރިވަންތަ އިލާހު އެވެ."


ﷲ ގެ އަޅާ އެވެ! މި ދެކަލިމަ މެދުކެނޑުމެއްނެތި އަބަދާ އަބަދު ކިޔުން ހުއްޓެވެ. ސަބަބަކީ މި ދެ ކަލިމައަކީ ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެކަލިމައެއްގެ ގޮތުގައިވެ އެވެ. އަދި މި ދެކަލިމައަކީ ﷲ ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. އަދި މި ދެ ކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ދުލަށް ލުއިފަސޭހަ ދެ ކަލިމައެއް ކަމުގައި ވުމުން ތިބާއަށް ދަތި އުނދަގޫކަމެއް ނުވެ އެވެ. ފަހެ، މި ދެކަލިމަ ކިޔުމާއި ކިޔުން ގިނަކުރުން އެދެވިގެންވެ އެވެ."

****
ފަތުވާ ނަގާފައިވަނީ : شرح رياض الصالحين  - (5/487)