5  ފިޠުރު ޒަކާތް ފައިސާއިން ދިނުން ފަޤީރުންނަށް ފައިދާވާނެކަމަށް ބުނެ އަޅުކަން ބަދަލުކޮށްލުން ހުއްދަވާނެ ހެއްޔެވެ؟ - الإِمَامُ العَلَّامة المحدث الشيخ محمد ناصر الألباني رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ފިޠުރު ޒަކާތް ފައިސާއިން ދިނުން ފަޤީރުންނަށް ފައިދާވާނެކަމަށް ބުނެ އަޅުކަން ބަދަލުކޮށްލުން ހުއްދަވާނެ ހެއްޔެވެ؟ - الإِمَامُ العَلَّامة المحدث الشيخ محمد ناصر الألباني رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ފިތުރު ޒަކާތް

އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


ބުއްދިވެރިންނަށް އެބައިމީހުންގެ ބުއްދިއަށް ވިސްނައިލުމުންވެސް މިކަމުގެ ޙަޤީޤަތް ބަޔާންވެގެންދާނެ ފަދަ ޙުއްޖަތެއް މިކަމުގައިވެ އެވެ. ރޯދައަށް ހުރެ އޭނާގެ އަނބިމީހާއާ ޖިމާޢުވެއްޖެ މީހާގެ ކައްފާރާ ބަޔާންކުރައްވާ ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (هل تجِدُ رقبةً تُعتِقُها قال : لا  قال : فهل تستطيعُ أن تصومَ شهرينِ متتابعينِ قال : لا فقال : فهل تجِدُ إطعامَ ستينَ مسكينًا)  "ތިބާއަށް އަޅަކު މިނިވަން ކުރެވިދާނެ ހެއްޔެވެ؟ އެމީހަކު ޖަވާބުގައި ދެންނެވި އެވެ. ނޫނެކެވެ. (ޙަދީޘް ކުރެއްވި އެވެ.) ވިދިވިދިގެން ދެމަސްދުވަހު ރޯދައަށް ހުރެވޭނެ ހެއްޔެވެ؟ އެމީހަކު ޖަވާބުގައި ދެންނެވި އެވެ. ނޫނެކެވެ. (ޙަދީޘް ކުރެއްވި އެވެ.) 60 މިސްކީނުންނަށް ކާންބޯން ދެވޭނެ ހެއްޔެވެ..." ޙަދީޘް صحيح البخاري 1936

ބުއްދީގެ އަހުލުވެރިޔާ އެވެ! ޝަރީޢަތް ކަނޑައަޅުއްވާފައިވަނީ އެންމެ މޮަޅަށް ދެނެވޮޑިގަންނަވާ، އެންމެ ޙިކްމަތްވަންތަ އިލާހުގެ ޙަޟުރަތުންނެވެ. ޢަދުލުވެރި އަދި އިންސާފުވެރި އަދި ހަމަ އެފަދައިން އެންމެ ހެޔޮ ފައިދާވާނެ ޙުކުމް ދެނެވޮޑިގެންވާ އިލާހުގެ ޙުކުމެވެ. އަޅަކު މިނިވަންކުރުމަކީ އަޅުމީހާ އޭނާގެ ސައްޔިދުގެ އަތުން ފައިސާއަށް ގަނެފަ މިނިވަން ކުރުމެވެ. ނުވަތަ ގެންގުޅޭ އަޅަކު މިނިވަން ކުރުމެވެ.


ބުނަމެވެ. އަޅެއް ގަތުމުގެ އަގަކީ 5000 ރުފިޔާ ކަމުގައިވެއްޖެހިނދު، ފައިދާ ބޮޑު ގޮތޭ ބުނެ، މިސްކީނުންނަށް 10000 ރުފިޔާ ޞަދަޤާތް ކުރުމުން އަޅަކު މިނިވަން ކުރި ކަމުގައިވާނެ ހެއްޔެވެ؟ އަހަރެމެންގެ ނަޟަރުން، ފެންނަ ފެނުމުން ފައިދާ ބޮޑެވެ. އެހެނަސް ﷲ ގެ ޝަރީޢަތުގައި ނިޔާކުރެވިފައިވާ ޙުކުމެއް ނޫނެވެ. ޙަޤީޤަތުގައި ފައިދާބޮޑުވާނީ ޝަރީޢަތުގެ ޙުކުމްގަ އެވެ.


އެފަދަ އެހެން މިޘާލެކެވެ. ޢީދު ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ކުރެވޭނެ އެންމެ މާތް މަތިވެރި އެއް އަޅުކަމަކީ އުޟްޙިއްޔާ ކަތިލުމެވެ. އެ އަޅުކަމުގެ ހެޔޮކަމާއި މަތިވެރިކަން ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވެ އެވެ. ކަންބަޅީގެ އަގަކީ 5000 ރުފިޔާ ކަމުގައިވެ، ޢީދު ދުވަހު 6000 ރުފިޔާ ހޭދަކުރުމުން އޭނާއަށް އުޟްޙިއްޔާގެ އަޖުރު ލިބޭނެ ހެއްޔެވެ؟ އަދިވެސް ބުނަމެވެ. ބަކަރި މަހަކީ ކާހިތްވާ މަހެއް ނޫނެވެ. ފަޤީރުންވެސް މިސްކީނުންވެސް އެހާ ކާހިތްވާ މަހެއްނޫނެވެ. ކުކުޅު މަސް ކަމުގައިވެއްޖެހިނދު ޙާޖަތް ޖެހިފައިވާ މީހުން ވަރަށް އުފާވާނެ އެވެ. ބަކަރިއެއް ގަންނަން ލިބޭ އަގަށް ކުކުޅު ގަނެފަ ދިނުން ކިހިނެތްވާނެ ހެއްޔެވެ؟ ޔަޤީން ކަށަވަރެވެ. އުޟްޙިއްޔާގެ ޘަވާބެއް އަޖުރެއް ނުލިބޭނެ އެވެ. ހޭދަކުރި ފައިސާ ގިނަ އެވެ. ފަޤީރުންނަށް އަދި މިސްކީނުންނަށް ފައިދާކުރެއޭ ބުނެ ދަޢުވާކޮށްފައިވީނަމަވެސް އެއްވެސް އަޖުރެއް ނުލިބޭކަން ކަށަވަރެވެ.


އަޚާ އެވެ! މިއީ ބާވައިލެއްވިފައިވާ ޝަރީޢަތެކެވެ. ފައިދާވާނެ ގޮތާއި، އެންމެ މަޞްލަޙަތު ހުރި ގޮތްވެސް ކަނޑައެޅިފައިވަނީ ޝަރީޢަތުގަ އެވެ. މުއުމިނު އަޅާއަށް އޮތީ އަޑުއަހައި ކިޔަމަންވުމެވެ.


އަދިވެސް ބުނަމެވެ. ފަޤީރުންނާއި މިސްކީނުން ފައިސާއަށް، ދިރުހަމާއި ދީނާރަށް ބޭނުންވެފައިވާ ޙާޖަތް ބޮޑީ ނަބިއްޔާ ﷺ ގެ ޒަމާނުގައި ނުވަތަ މި ޒަމާނުގައި ހެއްޔެވެ؟ ތިބާގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ އެ ޞަޙާބީން ހަށިގަނޑު ނިވާކުރުމަށް ބޭނުންވާ ފޭރާންކޮޅަށް ވަނީ ޙާޖަތް ޖެހިވަޑައިގެންފަ އެވެ. އެ ބޭކަލުންވަނީ އެކިއެކި ބާވަތްތަކުގެ ޙާޖަތްތަކަށް ބޭނުންޖެހިފަ އެވެ. ފައިސާއަށް ޙާޖަތް ބޮޑީ ކޮންބައެއް ހެއްޔެވެ؟ އުއްމަތަށް ފައިދާވާނެ، ފަޤީރުންނާއި ނިކަމެތި މުޙްތާޖީންނަށް އޯގާތެރި އަޅާލުންތެރިކަން ބޮޑީ އަހަރެމެންތޯ ނުވަތަ އަހަރެމެންގެ ނަބިއްޔާ ﷺ ތޯ އެވެ؟ މާތް ނަބިއްޔާ 9 ރަމަޟާން މައްސަރުގައި ރޯދަ ހިއްޕެވި އެވެ. އެއްވެސް އަހަރެއްގެ ފިޠުރު ފައިސާއިން ދެއްވާފައެއް ނުވެ އެވެ. ރަސޫލާ ﷺ ފަޤީރުންނަށް މިސްކީނުންނަށް އޯގާތެރި ފަރާތެއްކަމުގައިނުވާ ކަމުގައި ބުނަންވީ ހެއްޔެވެ؟ ބުއްދިވެރިން ބުއްދީގެ ނަޟަރުން ވިސްނާލުމުން ވިސްނެނީ ކޮންގޮތެއް ހެއްޔެވެ؟


އަޚާ އެވެ! މި ބަސްތަކުން އެނގިގެން ދަނީ، ފަޤީރުންނަށް ފައިދާވާނެ ތަކެތިން ޒަކާތް ދިނުމެއް ނުވާކަމެވެ. މިއީ އަޅުކަމެއް ގޮތުގައި ވުމުން އަޅުކަން އަދާކުރުން އޮތީ ﷲ އަދި އެ އިލާހުގެ ރަސޫލާގެ އަމުރުފުޅާ އެއްގޮތަށް ކަމެވެ.


އިމާމް البُخَاري (1503) އަދި އިމާމް مُسلم (984) ، عَبْد الله بِن عُمر رضي الله عنهما ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. ابن عمر ވިދާޅުވި އެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ) "މުސްލިމުންގެ ތެރޭގައިވި އެންމެހައި އަޅުންނާއި މިނިވަނުންގެ މައްޗަށް، ފިރިހެނުންނާއި އަންހެނުންގެ މައްޗަށް އަދި ކުދި ބޮޑު އެންމެންގެ މައްޗަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަދުރުން ޞާޢު އެއްގެ މިންވަރުން ފިޠުރު ޒަކާތް ފަރުޟު ކުރެއްވި އެވެ. ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު ފަރުޟު ކުރެއްވި އެވެ."


އިމާމް أبو داود (1609) އަދި އިމާމް ابن ماجه (1827) އަދި އެނޫންވެސް ޢިލްމުވެރިންގެ އަރިއަހުގައި ސާބިތުވެފައިވާ عبدُ اللَّهِ بن عبَّاس  رضي الله عنهما ގެ އަރިއަހުން ވާރިދުވެފައިވާ ރިވާޔަތުގައިވެ އެވެ. އެ ރިވާޔަތުގައި  عبدُ اللَّهِ بن عبَّاس  رضي الله عنهما  ވިދާޅުވިއެވެ. (( فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ )) [ރޯދައަށް ހުރި ހިނދުގައި ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްގެ ގޮތުގައި އަދި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟު ކުރެއްވިއެވެ.]


އަޅުކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މިފަދައިންނެވެ. ފައިދާވާނެ ގޮތް ކަމުގައި އެމީހަކަށް ފެންނަ ގޮތެއް ކަނޑައެޅުމެއް ނުވެ އެވެ. ސިމެންތި ނުލިބިގެން އުޅޭ ފަޤީރެއް ވުމުން ފިތުރު ޒަކާތް ސިމެންތިންނެވެ. ހިލަވެލި ނުލިބިގެން އުޅޭ މިސްކީނަކަށް ފިޠުރު ޒަކާތް ހިލަވެރިންނެވެ. ތަށި ސަމުސާ ނެތް ފަޤީރަކަށް ޒަކާތް ދޭނީ އެ ފައިސާއިން ތަށި ސަމުސާ ގަނެފަތޯ އެވެ؟ ނުވަތަ ފައިސާނެތް ފަޤީރަކަށް ފިޠުރު ޒަކާތް ދޭނީ ފައިސާއިން ހެއްޔެވެ؟ ފައިސާއިން ދެވިފަ، ސިމެންތިންނާއި ހިލަވެލިން، ތަށިސަމުސާ އަދި އަންނައުނުން ނުދެވޭނެ ޙުއްޖަތަކީ ކޮބައިހެއްޔެވެ؟ ތަބަޢަވުމާއި، ކިޔަމަންވުން ކޮބައި ހެއްޔެވެ؟


އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ އަށް އީމާންވެ، އަދި އާޚިރަތް ދުވަހަށް އީމާންވާ މުއުމިނު އަޅެއްގެ ގާތުގައި އެންމެ ހެޔޮވެގެންވާ ހިދާޔަތެއް ކަމުގައި ވާނީ مُحَمَّد بن عَبْدِ اللَّهِ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހިދާޔަތެވެ. އަދި އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީން رضي الله عنهم ގެ ހިދާޔަތެވެ.
ހަތަރުވަނައީ: الْقاضِي عَبْد الوَهَّاب الْبَغْدَادِي الْمَالِكِي رحمه الله ލިޔުއްވި ފޮތް "الإِشْرَافُ عَلَى نُكَتِ مَسَائِلِ الْخِلَافِ" (1/391) ގައި ވިދާޅުވެފައިވެއެވެ.
"އެހެނީ ހިކި ކަދުރުން ޞާޢު އެއްގެ މިންވަރު، ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު، ނުވަތަ ހިކިމޭބިސްކަދުރުން ޞާޢު އެއްގެ މިންވަރު ނެރުމަށް އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރެއްވި ކުރެއްވުމުގައި 2 ދަލީލެއް ވެއެވެ.


ފުރަތަމައީ: (ވަކިގޮތަކަށް އެކަން) ޢައްޔަން ކުރެވިފައިި ވުމުން އެއިން ދޭހަވަނީ ޙަތުމް ވެފައި ވުމެވެ. (އެއަށް އުނި އިތުރުގެނެސް ބަދުކުރުން ނެތް ކަމެވެ.)
ދެވަނައީ: ހަމަކަށަވަރުން އެ ނަބިއްޔާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އެކި ތަފާތު ނަންތަކަކާއި ކާބޯތަކެތީގެ ތެރެއިން ބާވަތްތަކެއްގެ މައްޗަށް ނައްޞު ގެނެސް ދެއްވާފައެވެ. އޭގެ އަގަށް ބެލޭކަމުގައި ވާނަމަ، އެކަމަކަށް (އެ ނައްޞުތަކުން) މާނައެއް ދޭހަ ނުވެއެވެ. އެހެނެއްކަމަކު އެހެން އެއްޗަކާ ނުލައި އެންމެ ކަމެއްގެ މައްޗަށް ނައްޞު ގައި ވަނީ ފުއްދާލާފައެވެ. އަދި އެހެނީ (ކާބޯތަކެތީގެ) އަގު (ފިޠުރު ޒަކާތުގެ ގޮތުގައި) ނެރުމަކީ ނައްޞުތައް ދޫކޮށްލުމެވެ."
މިތަނުގައި "ޙަތުމް ވެފައި" ވުމޭ އެ ވިދާޅުވާ ބަހުގެ މާނައަކީ ވާޖިބުވެފައި ވުމެވެ.


އަޚުންނެވެ! ސުންނަތަށް ރުޖޫޢަވުން ހުއްޓެވެ! ތިބާގެ ޒަކާތަކީ ޤަބޫލު ކުރެވިގެންދާނެ، ރޯދައިގެ ކުށްފާފަތައް ފޮހެވިގެންދާނެ އެއްޗެއްގެ ގޮތުގައި ހެދުމަށް ނަބިއްޔާގެ ސުންނަތް އިޚްތިޔާރު ކުރުން ހުއްޓެވެ.


ސުންނަތުގެ އިމާމުންގެ ބަސްފުޅުތަކަށް ރުޖޫޢަވުން ހުއްޓެވެ! މިއަދު އެކިއެކި ބާވަތް ބާވަތްތަކުގެ ބަސްތަކާއި ޢަމަލުތައް މި މައްސަލައިގެ ތެރެއަށް ވަށްދާފައިފައި ވުމުން، މި ޤަރުނުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި އިމާމުން ބަޔާންކޮށްފައިވާ ބަސްފުޅުތައް މިތަނުގައި ޛިކުރު ކުރަމެވެ.


الأَلْبَانِي رحمه الله  ވިދާޅުވެފައިވެ އެވެ. "ފަހެ މީހަކު އައިސް ބުނެ އެވެ. "ނޫނެކެވެ. ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުން ފަޤީރުންނަށް ފައިދާ ބޮޑެވެ."
މިފަދައިން ބުނާ މީހާވަނީ، 2 ގޮތަކަށް ކުށް ކޮށްފަ އެވެ.


ފުރަތަމައީ : ހަމަކަށަވަރުން އޭނާވަނީ ދަލީލާ ޚިލާފްވެގެންނެވެ. (ފިޠުރު ޒަކާތް) ނެރުމަކީ ﷲ އަށް ކުއްތަން ކުރެވޭ އަޅުކަމެކެވެ. މިއީ އެންމެ ދަށް ދަރަޖައިން ބުނެވޭނެ ގޮތެވެ.


އެހެން ނަމަވެސް ދެވަނައީ އިންތިހާއަށް ނުރައްކާތެރި ވެގެންވާ ކަމެކެވެ. ސަބަބަކީ، ޝަރުޢު ކުރައްވާ ޙިކުމަތްވަންތަ، ޢާލަމްތަކުގެ ވެރި އިލާހު، އެ އިލާހުގެ މާތް ނަބިއްޔާއަށް ވަޙީ ބާވައިލައްވައި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމަށް އެންގެވީ (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތިން ޞާޢު އެއްގެ މިންވަރުން ނެރުމަށެވެ.


އެއަށްފަހު، މި މީސްތަކުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި އެބައިމީހުންނަށް ފައިދާބޮޑު ގޮތް ދަންނަ ކަމުގައި ދަޢުވާކޮށް ފައިސާއިން ޒަކާތް ނެރެން ގޮވާލުމުން، އެއިން ދޭހަކޮށްދެނީ ﷲ އަށް ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި ފައިދާބޮޑު ގޮތަކީ ފައިސާއިން އެ ޒަކާތް ނެރުނުކަން އެނގިވޮޑިގެންފައި ނުވާއިރު، އެކަން މިބައިމީހުންނަށް އެނގިފައިވާކަމަށް އެބައިމީހުން ޤަބޫލުކުރުމެވެ." سلسلة الهدى و النور شريط 274


الإمِام ابن بَاز رحمه الله  ވިދާޅުވެފައިވެ އެވެ. "ފިތުރު ޒަކާތުގެ ގޮތުގައި އެއްވެސް ޞަޙާބީއެއް ނަޤުދު ފައިސާ ނެރުއްވިކަމެއް އަހަރެންނަކަށް އެނގިފައެއް ނެތެވެ. އެބައިމީހުންނަކީ ނަބިއްޔާ ﷺ ގެ ސުންނަތް އެންމެ ފުރިހަމައަށް ދަންނާނެ އަދި އެ ސުންނަތަށް ޢަމަލުކުރުމަށް އެންމެ ޝައުޤުވެރިކަމުގައިވީ މީސްތަކުންނެވެ. ޝަރުޢީ އެހެނިހެން ކަންކަމުގައި ނަބިއްޔާ ﷺ ގެ ބަސްފުޅުތަކާއި އަމަލުފުޅުތައް އަހަރެމެންނަށް ނަޤުލުކޮށްދެއްވާފައިވާ ފަދައިން، ފިތުރު ޒަކާތާ މެދުގައި އެއްވެސް އެފަދަ ޢަމަލެއް ކުރައްވާފައި ވާނަމަ އެބޭކަލުން އެކަން ނަޤުލު ކޮށްދެއްވާފައިވާނެ އެވެ....... އަހަރެމެން މިތަނުގައި ބަޔާންކޮށްފައިމިވާ (ދަލީލުތަކުން) ޙައްޤުހޯދުމަށް ބޭނުންވާ ފަރާތަށް، ފިތުރު ޒަކާތަކީ ނަޤުދު ފައިސާއިން ދިނުން ހުއްދަވެގެންވާ އެއްޗެއް ނޫންކަން އެނގިގެންދާނެ އެވެ. އަދި ނަޤުދު ފައިސާއިން ޒަކާތްނެރޭ ފަރާތްތަކުން ޒަކާތް ނެރުނު ކަމުގައި ނުވާނެ އެވެ. ސަބަބަކީ ބަޔާންކޮށްފައިވާ ޝަރުޢީ ދަލީލުތަކާ ޚިލާފަށް ކުރެވޭ ކަމެއްގެ ގޮތުގައިވުމުންނެވެ. " مجموع فتاوى ج 14 ص 208


الإمِام ابن العثيمين رحمه الله  ވިދާޅުވެފައިވެ އެވެ. "ފަހެ، މި ދެޙަދީޘް އިން ބަޔާންވެގެންދަނީ، ފިތުރު ޒަކާތް ކާބޯތަކެތިން ނޫން އެއްޗަކުން ހުއްދައެއް ނުވާނެ ކަމުގައެވެ. އަދި ފިތުރު ޒަކާތް ކާބޯތަކެތިން ނެރުމަކީ އެންމެހައި ފަރާތްތަކަށް ފާޅުކޮށް ބަޔާންވެގެންދާނެ ކަމެކެވެ. އަދި ގޭގެ އެންމެހައި އަހުލުވެރިންނަށް އެކަން ބަޔާންވެ އެނގިގެންދާނެ އެވެ. އެހެނަސް ފައިސާއިން ނެރުމަކީ، ޒަކާތް ވަންހަނާވެ، ފާޅުކަމެއް ނެތްގޮތުގައި ދެވޭ ގޮތެކެވެ. ފަހެ އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށް އެގޮތްދެކިގެން، ފައިސާއިން ޒަކާތްނެރެ އެވެ. އެހިނދުގައި އޭނާ ޒަކާތުގެ އަގުދަށްކޮށްލަ އެވެ. ފަހެ، ހުރިހައި ހެވެއް އަދި ބަރަކާތެއްވަނީ، ޝަރީޢަތަށް ތަބަޢަވުމުގަ އެވެ.  
ފަހަރެއްގައި މީހަކު ބުނެދާނެ އެވެ. ހަމަކަށަވަރުން ކާބޯތަކެތީން ޒަކާތް ނެރުމުން ފަޤީރުންނަށް އެއިން މަންފާއެއް ނުކުރެ އެވެ.
ޖަވާބުގައި ބުނަމެވެ. ހަމަކަށަވަރުން އެ ފަޤީރަކީ، ޙަޤީޤަތުގައިވެސް ފަޤީރެއްކަމުގައި ވާނަމަ، ކާބޯތަކެތިން އޭނާއަށް ފައިދާ ކުރާނެ އެވެ." مجموع فتاوى ج 18 ص 264
 

އަޚުންނޭވެ! ސުންނަތުގެ ޢިލްމުވެރިންގެ ބަސްފުޅުތައްވަނީ މިފަދައިންނެވެ. އޭގައި އެއްވެސް ވަންހަނާކަމެއް، ޝައްކެތްނުވާ މިންވަރަށް ދީނުގައި ބަޔާންވެގެންވާ ޙުކުމެވެ. އުނި އިތުރު ގެނައުން އެކަކަށްވެސް ހުއްދަވެގެންނުވާނެ އެވެ. އެހެނަސް ހިތާމައަކީ އެކިއެކި ބާވަތް ބާވަތުގެ ބަސްތައް ބޭނުންކޮށް މި އަޅުކަމުގެ ސިފަ ބަދަލުކޮށްފައިވުމެވެ. އަހަރެމެންގެ މަސްއޫލިއްޔަތަކީ މަޙްޝަރު ކުރެވޭ ދުވަހުގައި ﷲ ޙަޟުރަތުގައި މީސްތަކުންނަށް މި ކަންތައް ބަޔާން ކޮށްފައިވާނެ ކަމުގެ މައްޗަށް ހެކިވުމެވެ. އަޅަމެނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދައްކާވާނދޭވެ!


އަޚުންނޭވެ! އުއްމަތުގެ ޢިލްމުވެރިންގެ މި ބަސްފުޅުތައް ތިޔަބައިމީހުންނާ ހަމައަށް އުފުލައި ގެނެސްދިނީ ކޮންބައެއްތޯ އެވެ؟ ދަލީލުތައް ކަމުގައި ވާނަމަ ދަލީލުތައްވަނީ މިގޮތުގަ އެވެ. ޚިލާފް އޭ ބުނެ ޙައްޤުން އެއްކިބާވެ، އަމިއްލަ މަޞްލަޙަތާއި ފައިދާއަށް ޙައްޤު ދޫކޮށް، މީސްތަކުންނަށް ހައްޤު ވަންހަނާ ކުރުމަށް ބޭނުންވާ މީހާ އޭނާގެ ބުއްދީން ދެއްކޭނެ ވާހަތައް ހުންނާ އެވެ. އެހެނަސް ﷲ ގެ ޝަރީޢަތާއި ދަލީލުތަކުން ޙައްޤު ހޯދުމަށް އިޚްލާޞްތެރިކަމުގައި ޤާއިމްވި ފަރާތަށް މިއީ ޙައްޤު ކަމުގައި ދުވާލުގެ އިރުފަދައިން ފެންނާނެ އެވެ.

 

ފިތުރު ޒަކާތް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ފިޠުރު ޒަކާތް ފައިސާއިން ދިނުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމާއި އަދި އެފަދައިން ފައިސާ ދިނުމުން ފިޠުރު ޒަކާތް ދިން ކަމުގައި ނުވާނެކަން ރޯދަވެރިންގެ ސަމާލުކަމަށް ގެނައުން - الشَّيْخُ عَبْدُ القَادِرالجُنَيْد حفظه الله | 11 ޖޫން 2018

ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ފިތުރު ޒަކާތް ނެރުން ހުއްދަވެގެން ނުވެއެވެ. - الإِمَامُ ابن العثيمين رحمه الله | 02 ޖޫން 2017

ނަޤުދު ފައިސާއިން ނެރޭ ފިތުރު ޒަކާތަކީ ބާޠިލް ޒަކާތެއް - الشَّيْخُ العلَّامَة رَبِيْعُ المَدْخَلِي حفظه الله | 02 ޖޫން 2017

ފިތުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުގެ ހުކުމް އަދި ކާބޯ ތަކެތިން ފިތުރު ޒަކާތް ނެރެންޖެހޭ ކަމުގެ ދަލީލް - فضيلة الشيخ الإِمَامُ محمد بن صالح العثيمين رحمه الله | 11 ޖުލައި 2015

ފިތުރު ޒަކާތް ފައިސާ އިން ނެރުން ހުއްދައެއް ނުވާނެ އެވެ. - ސަޢުދި އަރަބިއްޔާގެ ފަތުވާ ކޮމެޓީ | 11 ޖުލައި 2015

މިތަނުގައި ބަޔާންކޮށްފައިވަނީ الشيخ الصالح الفوزان ފިތުރު ޒަކާތާއި މެދުގައި ބަޔާންކޮށް ލިޔުއްވާފައިވާ ބަސްފުޅެވެ. - الإمام العلامة الشيخ صالح الفوزان حفظه الله | 07 ޖުލައި 2015

ނަޤުދު ފައިސާއިން ފިތުރު ޒަކާތް ދިނުމުގެ ހުކުމް - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 29 ޖޫން 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...