 ރޯދަވެރިޔާ އަކީ ޝަރީޢަތުގައި ބަޔާންވެގެންވާ އެންމެހައި ކެތްތެރިކަމެެއް ޖަމަޢަކޮށްފައިވާ ފަރާތެއް - الإِمَام الحَافِظ ابن رَجَب الحَنبَلِي رحمه الله

ކެޓަގަރީ ރޯދަ

ﷲ ވަޙީ ކުރައްވާފައިވެ އެވެ. إِنَّمَا يُوَفَّى الـصَّابِرُونَ أَجْرَهُم بِغـَيْرِ حِسـَابٍ
"ކެތްތެރީންނަށް އެބައިމީހުންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބު ކުރެއްވުމެއްނެތި އެވެ."

ކެތްތެރިކަން ވަނީ 3 ބާވަތެއްގަ އެވެ.
1. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކެތްތެރިވުމެވެ.
2. ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން އެއްކިބާވެ ހުރުމަށް ކެތްތެރިވުމެވެ.
3. ﷲ އެއިލާހުގެ ޤަދަރުގައި ނިޔާކުރައްވާފައިވާ ހިތްނޭނދޭ ކަންތައްތަކުގެ މައްޗަށް ކެތްތެރިވުމެވެ.


ފަހެ، މި ތިން ބާވަތް ރޯދަ ހިފުމުގައި ޖަމަޢަވެގެންވެ އެވެ.
ހަމަކަށަވަރުން ރޯދަ ހިފުމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި ކެތްތެރިވުން އެކުލެވިގެންވާ ކަމެވެ.
ރޯދަވެރިޔާ ރޯދައަށް ހުރުމުގައި އޭނާގެ މައްޗަށް ޙަރާމްކުރައްވާފައިވާ އެންމެހައި ހިތްއެދޭ ޝަހުވަތްތަކުން  އެއްކިބާވެ ހުރުމަށް ކެތްތެރިވާން ޖެހެ އެވެ.
ރޯދަވެރިޔާ އަށް ލިބެމުންދާ ތަދުތަކާއި، ބަޑުހައި ހޫނު ކަމާއި، ކަރު ހިއްކުމާއި އަދި ނަފްސާއި ހަށިގަނޑު ބަލިކަށިވެދިއުމުގެ މައްޗަށް ކެތްތެރިވާންޖެހެ އެވެ. އަދި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިހުންނައިރު ހަށިގަނޑަށް އަޅާ ވޭން، ތަދުގެ މައްޗަށް އަޅާއަށް ދަރުމަ އާއި ޘަވާބު ލިބޭނެ އެވެ.
***
ބަސްތައް ނަގާފައިވަނީ : لطائف المعارف ١٥٠/١