ޝަޢުބާން މަހުގެ 15 ގެ ފަހުން ރޯދަ ހިފުން ޙަރާމް ތޯ އެވެ؟ ނުވަތަ މަކްރޫހަ ކަމެއްތޯ އެވެ؟ - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


 سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله

ޝަޢުބާން މަހުގެ 15 ގެ ފަހުން ރޯދަ ހިފުން ޙަރާމް ތޯ އެވެ؟ ނުވަތަ މަކްރޫހަ ކަމެއްތޯ އެވެ؟

ޖަވާބު  : ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إذا انتصف شعبان فلا تصوموا) "ޝަޢުބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާށެވެ." މިއީ ޞައްޙަ ޙަދީޘެކެވެ. މި ޞައްޙަ ޙަދީޘްގެ މައްޗަށް ބިނާކޮށް ޝަޢުބާން މަހުގެ ކުރީކޮޅުގައި ރޯދަ ނުހިފި މީހާއަށް، އެމައްސަރު ދެބައި ވުމަށް ފަހުގައި ރޯދަހިފައިގެން ނުވާނެ އެވެ. އަދި ހަމައެފަދައިން އޭނާއަށް ޝަޢުބާން މައްސަރުގެ ފަހުކޮޅުގައި ރޯދަ ނުހިފޭނެ ކަމަގުގައި އައުލާވެގެންވެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (لا تقدموا رمضان بيوم ولا يومين إلا رجل كان يصوم صوما فليصمه) "ރަމަޟާން މަހުގެ އެއްދުވަސް ކުރިއަށް އަދި ދެ ދުވަސް ކުރިއަށް ތިޔަބައިމީހުން ރޯދަ ނުހިފާށެވެ. އެހެނަސް އާދަކޮށް ރޯދަ ހިފާމީހާ ފިޔަވަ އެވެ. ފަހެ އޭނާ އާދަކޮށް ރޯދަހިފާ ގޮތަށް ރޯދަ ހިފުން ހުއްޓެވެ."


(އެހެންވުމުން) އާދަކޮށް ރޯދަހިފާ މީހާ ރޯދަހިފުން މައްސަލައެއް ނޫނެވެ. އެގޮތުން އޭނާ އާދަކޮށް ހޯމަ ދުވަހުގައި އަދި ބުރާސްފަތި ދުވަހުގައި ރޯދަ ހިފާ ކަމުގައިވާނަމަ އޭނާ އެފަދައިން ރޯދަ ހިފުން މައްސަލައެއް ނެތެވެ. ނުވަތަ އޭނާ އާދަކޮށް ރޯދަ ހިފަނީ ދެދުވަހުން އެއްދުވަހު ކަމުގައިވާނަމަ، އޭނާވެސް އެގޮތުގައި ރޯދަހިފުން މައްސަލައެއް ނެތެވެ.


އެހެނަސް ޝަޢުބާން މަހުގައި ރޯދަ ހިފުމަށް ޤަޞްތުކޮށް، އެމައްސަރުގެ ފަހު 15 ގައި ރޯދަ ހިފަން ފެއްޓުން ހުއްދައެއް ނުވާނެ އެވެ. ނަމަވެސް އޭނާ 14 ވަނަ ދުވަހުން ފަށައިގެން ރޯދަހިފަން ފެއްޓީ އެވެ. ނުވަތަ 15 ވަނަ ދުވަހުން ފަށައިގެން ނުވަތަ 13 ވަނަ ދުވަހުން ފަށައިގެން ރޯދަހިފަން ފެއްޓީ އެވެ.... އެ ޙާލަތުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެމައްސަރުގެ ގިނަ ދުވަސްތަކުގައި އޭނާ ރޯދަ ހިފާފައިވުމެވެ. އަދި އެމައްސަރުގައި އެކީގައި ރޯދަ ހިފީ އެވެ. ނުވަތަ ގިނަދުވަސްތަކުގައި ރޯދަ ހިފީ އެވެ. މިކަމުގައި މައްސަލައެއް ނެތެވެ. އެހެނަސް ޝަޢުބާން މައްސަރުގެ ފުރަތަމަ 15 ގައި ރޯދައަށް ނުހުރެ، އެއަށްފަހުގައި ރޯދަހިފަން ފެއްޓީ އެވެ. ނަހީ ކުރެވިފައިވަނީ މިފަދައިން ރޯދަ ހިފުމެވެ."

****

ފަތުވާ ނަގާފައިވަނީ : http://goo.gl/p6Wx1L