ޙަދީޘްގައިވާ ޘަވާބު ހޯދުމަށް ރޯދަ ވީއްލާދޭ މީހާ ބަނޑުފުރާ ކާންދޭން ޖެހޭނެތޯ؟ - الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު : ޙަދީޘްގައިވެ އެވެ.  (من فطر صائما كان له مثل أجره غير أنه لا ينقص من أجر الصائم شيئا) "ރޯދަ ވީއްލާ ގަޑީގައި ރޯދަވީއްލުމަށް އެއްޗެއް ދޭ މީހާއަށް، އެ ރޯދަ ހިފި މީހާއަށް ލިބޭ ޘަވާބު އުނިވުމެއްނެތި އެމިންވަރަށް އަނެކާއަށްވެސް ޘަވާބު ލިބޭނެ އެވެ."
ފަހެ، ހަމައެކަނި ކަނދުރާއި ފެން ދިން ކަމުގައިވިޔަސް ފުދޭނެ ހެއްޔެވެ؟


ޖަވާބު: ތިޔަ މައްސަލައިގައި ޢިލްމުވެރިން رحمهم الله ޚިލާފްވެގެންވެ އެވެ.


(ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.) މިތަނުގައި ރޯދަވީއްލުމަށް އެއްޗެއް ދިނުމުގެ މުރާދަކީ، ރޯދަވީއްލުމަށް މީހަކަށް ބޭނުންވާނެ އެންމެ ދަށް މިންވަރެވެ. އެއީ ކަނދުރެއް ކަމުގައިވިޔަސްމެ އެވެ.


އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. މިތަނުގެ މުރާދަކީ ރޯދަވީއްލާ މީހާ ބަނޑު ފުރާލުމެވެ. ފަހެ، ރޯދަ ވެރިޔާއަށް ރޭގަނޑުގެ ވަޤުތުގައި ފައިދާވާނީ އެހިނދުގަ އެވެ. އަދި ފަހަރެއްގައި އޭނާ ހާރުކެއުމުންވެސް ވާނީ ފުދިގެންނެވެ.


އެހެނަސް ޙަދީޘްގެ ޟާހިރު މާނައަކީ (ޙަދީޘްއިން ފާޅުވެގެންދާ، ބަޔާންވެގެންދާ، ދޭހަވާ މާނައަކީ) ރޯދަވެރިއެއްގެ ރޯދަވީއްލުމަށްޓަކައި ކަނދުރެއްގެ މިންވަރު ދިންކަމުގައިވިޔަސް އެމީހަކަށް ރޯދައަށްހުރި މީހާގެ ޘަވާބު އުނިވުމެއްނެތް ގޮތުގައި އޭނާއަށް ލިބިގެންދާނެ އެވެ. ފަހެ، އެހެންވުމުން، އިންސާނުންނަށް އޮތީ ރޯދަވެރިންގެ ރޯދަ ވީއްލުމަށްޓަކައި އޭނާއަށް ކުޅަދާނަވީ މިންވަރަކުން އެކަމަށް މަސައްކަތް ކޮށްދިނުމެވެ. ޚާއްޞަކޮށް އެމީހުންނަކީ ޙާޖަތްޖެހިފައިވާ ފަޤީރުން ކަމުގައިވާ ހިނދުގަ އެވެ.
***


ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 20 ص 93