މުސްކުޅިބަލީގައި ރޯދަ ހިފުން - فَضِيْلَةُ الشَّيْخُ العلامة عبيد الجابري حفظه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


فَضِيْلَةُ الشَّيْخُ العلامة عبيد الجابري حفظه الله

ސުވާލު: އަހަރެމެންގެ ތެރޭގައި ދުވަސްވީ މުސްކުޅިބަލީގައިވާ މީހަކުވެ އެވެ. އޭނާއަށް ރޯދަ ހިފުމަށް ކުޅަދާނަ އެއް ނުވެ އެވެ. ފަހެ، ކޮންމެ ކޮންމެ ދުވަހަކަށް (މިސްކީނަކަށް)  ރޯދަ ހިފުމުގެ ބަދަލުގައި ދިހަދުވަހުން ކާންދިނުން ހުއްދަވެގެންވާނެ ހެއްޔެވެ؟


ޖަވާބު: އޭ ދަރިޔާ އެވެ. ބަޔާންކޮށްފައި ތިވަނީ ދުވަސްވުމުގެ ސަބަބުން މުސްކުޅިބަލީގައި ރޯދަ ނުހިފޭ މީހާގެ ވާހަކަ އެވެ. އަހަރެން ބުނަމެވެ. ދުވަސްވެ މުސްކުޅި ބަލީގައިވާމީހާ ވާނީ 2 ޙާލަތެއްގަ އެވެ


ފުރަތަމައީ: ތިޔަ ބަޔާންކުރި ފަދައިން ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅިމީހާ ފަދައިން، އޭނާއަށް ރޯދަހިފުން ނުކުޅެދުންތެރިވެފައިވާ މީހާ އެވެ. އޭނާގެ ބުއްދި އަދި ހެޔޮނުބައި ވަކިކުރުން ފިލައި ނުދެ އެވެ. އޭނާއަށް ތިމަންނަ މިވަނީ ރަމަޟާންމަހުގައިކަން އިނގެ އެވެ. ފަހަރެއްގައި އޭނާއަށް ރޯދަ ހިފިދާނެ އެވެ. އެހެނަސް އެއީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށްވެ އެވެ. ފަހެ، މިއީ ތަކްލީފު ޖެހިގެންވާ މީހެކެވެ. މިފަދަ މީހާއަށް (އޮތް ޙުކުމަކީ، ރޯދަ ދޫކުރުމަށްފަހު) ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ތިޔަބައިމީހުން ބޭނުންވި ގޮތެއްގަ އެވެ. ދިހަ ދުވަހަށްފަހު، އެ ދިހަ ދުވަހުގެ ރޯދައަށް ކާންދިނުމެވެ. ނުވަތަ ވިހި ދުވަހުންނެވެ. ނުވަތަ އެންމެހައި މީސްތަކުން ރޯދަހިފައި ނިމުމުން، މީސްތަކުން ރޯދަހިފި ދުވަސްތަކުގެ ޢަދަދަށް ކާންދިނުމެވެ. ނުވަތަ ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދިނުމެވެ.


ފަހެ، ކޮންމެ މުސްލިމަކު ދަންނަ ހުއްޓެވެ. ހަމަކަށަވަރުން މިސްކީނަކަށް ކާންދޭން ޖެހޭނީ އެތަނެއްގެ އަހުލުވެރިން ކާބޯތަކެތީގެ މެދުމިންގަޑުންނެވެ. ހެނދުނު ކެއުމެއް ނުވަތަ މެންދުރު ކެއުމެއް ނުވަތަ ރޭގަނޑު ކެއުމެއް ދިނުމެވެ. ކާތަކެތީގެ ގޮތުގައި ހަނޑޫ ނުވަތަ އެފަދަ އެހެންތަކެއްޗެވެ. އެއީ ޞާޢެއްގެ ދެބައިކުޅަ އެއްބަ އެވެ. އަދި އެއާއިއެކުގައި ކާން ރިހައެއްފަދަ އެއްޗެއް ދިނުން ހުއްޓެވެ.


ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅި ދުވަސްވީ މީހާއަކީ ބުއްދިފިލައިފައި، ހެޔޮނުބައި ވަކިނުކުރެވޭ ޙާލަތުގައިވާ މީހެއްނަމަ، އެމީހާވަނީ ތަކްލީފު ކެނޑިފަ އެވެ. އަހަރެމެންނަށާއި އޭނާއަށް ހެޔޮވެގެންވާ ނިމުމެއް ﷲ ދެއްވާނދޭވެ. އޭނާއަށް އެހިނދު ރޯދަ ހިފުމެއް އަދި ބަދަލުގައި ކާންބޯން ދިނުމެއްވެސް ނުވެ އެވެ.

****
ފަތުވާ ނަގާފައިވަނީ :   http://goo.gl/HyanW1