ކާފަރު ޤައުމަަކަށް ދަތުރުކުރުމާއި ދަތުރުމަތީގައި ރޯދަ ހިފުން - الإمام ابِنْ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: މީހަކު ކާފަރު ޤައުމަކަށް ދަތުރުކުރުމަށް ފަހުގައި އެ ޤައުމުގައި ރޯދަ ހިފާނީ ކިހިނަކުންތޯ އެވެ. އަދި ޚާއްޞަކޮށް އެ ޤައުމުތަކުގައި ވަރުބަލިކަމާއި އުނދަގޫ އިޙްސާސު ކުރަންޖެހުމުން ރޯދަހިފާނީ ކިހިނަކުންތޯ އެވެ.  جزاكم الله خير الجزاء.


ޖަވާބު:

ފުރަތަމައީ: ތިން ޝަރުޠަކާ އެކު ނޫނީ ކާފަރު ޤައުމުތަކަށް ދަތުރުކުރުން ހުއްދައެއް ނުވާނެ އެވެ.


ފުރަތަމަ ޝަރުޠަކީ: އިންސާނާއަށް ކުރިމަތިވާނެ އެންމެހައި ޝުބުހާތްތަކުން ސަލާމަތްކަން ލިބިގެންދާނޭ ޢިލްމު އޭނާއަށް ލިބިފައިވުމެވެ.
ދެވަނަ ޝަރުޠަކީ: ޝަހުވާނީ އެދުންތަކުން އޭނާ މަނާކުރާނެފަދަ ދީންވެރިކަން އޭނާއަށް ލިބިފައިވުމެވެ.
ތިންވަނަ ޝަރުޠަކީ: އެޤައުމަށް ދަތުރުކުމަށް އެފަދަ ޙާޖަތެއް މެދުވެރިވެފައިވުމެވެ.


ފިތުނަވެރި ކަމުގެ ސަބަބަށްޓަކައި ނުވަތަ ފިތުނަވެރިކަމުގެ ބިރަށްޓަކައި އަދި ބޭކާރުގޮތުގައި ފައިސާ ހޭދަކުރުން، ސަބަބަކީ މިފަދަ ދަތުރުގައި އިންސާނާ އޭނާގެ އަތުގައިވާ ވަރަށްގިނަގުނަ މުދާ މިފަދަ ދަތުރުތަކުގައި ހޭދަކުރެ އެވެ. (ބަޔާން ކުރެވިފައިވާ) މި އެންމެހައި ޝަރުޠުތަކެއް ފުރިހަމަ ނުވާނަމަ، ހަމަކަށަވަރުން އެ ޙާލުގައި ކާފަރު ޤައުމަކަށް އޭނާ ދަތުރުކުރުން ހުއްދައެއް ނުވާނެ އެވެ.


އެހެނަސް ބޭސްފަރުވާ ކުރުމުގެ ބޭނުމަަށްޓަކައި ދަތުރު ކުރުމާއި ނުވަތަ އޭނާގެ އަމިއްލަ ޤައުމުން ލިބެން ނެތް ޢިލްމެއް ހޯދުމަށްޓަކައި ދަތުރު ކުރަންޖެހުން އަދި މިޙާލަތުގައި މިތަނުގައި ސިފަކޮށް ބަޔާންކޮށްފައިވާ ގޮތަށް އޭނާއަށް (އެ ކާފަރު ޤައުމަށް ދަތުރުކުރުމުން) ދިމާވާނެ ފިތުނަތަކުން ސަލާމަތްވާނެ ޢިލްމާއި ދީންވެރިކަމެއް ލިބިފައިވާމީހާއަށް އެހިނދު ދަތުރުކުރުން މައްސަލައެއް ނޫނެވެ.


އެހެނަސް ކާފަރު ޤައުމުތަކަށް ޓުވަރިސްޓުން ގޮތުގައި ޗުއްޓީ ހޭދަކުރުމަށްޓަކައި ދަތުރުކުރުމަކީ އެއީ އޭނާއަށް ހާޖަތްޖެހިފައިވާ ކަމެއް ނޫނެވެ. އެހެނަސް، އޭނާއަށް އެތަނުގެ އަހުލުވެރިން އިސްލާމް ދީނަށް ރައްކާތެރިވުމުގައިވާ، އިސްލާމީ ދައުލަތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައި (ކާފަރު ޤައުމުތަކަށް) ދަތުރުކޮށްގެން ނުވާނެ އެވެ.


ދެވަނައީ: ދަތުރުވެރިޔާއަށް އޭނާގެ ދަތުރުގައި ރޯދަހިފުން، މިކަންތައް 3 ޙާލަތަކުން ބޭރަކަށް ނުދާނެ އެވެ.


ފުރަތަމައީ: ދަތުރުމަތީގައި ރޯދަ ހިފުމަށް އެއްވެސް ބުރަކަމެއް އަދި އުދަގޫކަމެއް ނެތުމެވެ. އޭނާއަށް ޙަޟަރުވެރިއެއްގެ ގޮތުގައި ރޯދަ ހިފާހިނދު އުފުލަންޖެހޭ ބުރަ އަށްވުރެ އިތުރު ބުރައެއް އުފުލާކަށެއް ނުޖެހެ އެވެ. ފަހެ، މިޙާލަތުގައި އޭނާ ރޯދަހިފުން ހެޔޮކަން ބޮޑުވެގެންވެ އެވެ. މިކަމުގެ ދަލީލަކީ ރަސޫލާ صلى الله عليه وسلم ދަތުރުމަތީގައި ރޯދައަށް ހުންނެވިކަމުގައި ޙަދީޘްތައް ވާރިދުވެފައިވުމެވެ. أبي الدرداء رضي الله عنه ގެ ޙަދީޘްގައިވާ ފަދައިންނެވެ. ވިދާޅުވެފައިވެ އެވެ. (خرجنا مع رسول الله صلى الله عليه وسلم في حر شديد وما فينا صائم إلا رسول الله صلى الله عليه وسلم و عبدالله بن رواحة) أبي الدرداء رضي الله عنه ވިދާޅުވެފައިވެ އެވެ. "އަހަރެމެން ރަސޫލާ صلى الله عليه وسلم އެކުގައި ވަރަށްވެސް ހޫނުކަން ގަދަ ދުވަސްތަކެއްގައި ދަތުރު ކުރީމެވެ. އަހަރެމެންގެ ތެރޭގައި ރަސޫލާ صلى الله عليه وسلم އަދި عبدالله بن رواحة މެނުވީީ ރޯދައަށް ހުންނެވި އެކަކުވެސް ނެތެވެ." އަދި ދަތުރުމަތީގައި ރޯދަ ހިފުމަށްއޮތް ސަބަބަކީ، ﷲ އަށް އަދާކުރަންޖެހޭ މިއަޅުކަން ލަސްނުކޮށްއަވަހަށް އަދާކޮށް ނިންމުމެވެ. އަދި މީސްތަކުން ރޯދަހިފާ ދުވަސްތަކުގައި، ރަމަޟާން މަހުގައި އެމީސްތަކުންނާއި އެކުގައި ރޯދަހިފުން އެއީ ލުއިފަސޭހަ ކަމެއްގެ ގޮތުގައިވުމެވެ. އަދި މިޙާލަތުގައި އޭނާ ރޯދަ ދޫކޮށްލުންވެސް ހުއްދަވެގެންވެ އެވެ.


ދެވަނައީ: އެނާއަށް ދަތުރުމަތީގައި ރޯދަހިފުން އުނދަގޫ ކަމެއްގެ ގޮތުގައިވިޔަސް އެ އުދަގުލަކީ ބުރަ (ބޮޑު) އުދަގުލެއްގެ ގޮތުގައިނުވުމެވެ. ފަހެ، މިޙާލަތުގައި ރޯދަހިފުން ހެޔޮކަންބޮޑުވެގެންވެ އެވެ. މިކަމުގެ ދަލީލަކީ، ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަށް ދަތުރުރެއްގައި މީސްތަކުން އެކަކު ކައިރިއަށް ޖަމަޢަވެ، އޭނާގެ ކައިރީގައި މީސްތަކުން އެމީހަކަށް ހިޔާވަހިކަން ހޯދައިދިނުމުގައިވާތަން ފެނިވަޑައިގެންނެވި އެވެ.  ނަބިއްޔާ صلى الله عليه وسلم އެހިނދު އެކަމާ ސުވާލު ކުރެއްވި އެވެ. ފަހެ، އެބައިމީހުން ޖަވާބުގައި ދެންނެވި އެވެ. "ރޯދަވެރިޔެކެވެ." ފަހެ އެހިނދުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ليس من البر  الصيام في السفر) "ދަތުރުމަތީގައި ރޯދައަށް ހުރުމަކީ ހެޔޮކަމުގެ ތެރޭއިންވާ ކަމެއް ނޫނެވެ."


ތިންވަނައީ: ދަތުރުވެރޔާއަށް ދަތުރުމަތީގައި ރޯދަ ހިފުމަކީ ބޮޑުގެންވާ ބުރައެއް އަދި އުނދަގޫ ކަމެއްގެ ގޮތުގައިވުމެވެ. ފަހެ، މިޙާލުގައި އެފަދަމީހާ ރޯދަ ދޫކުރުން ހުއްޓެވެ. އަދި މިކަމުގެ ދަލީލަކީ ދަތުރުމަތީގައި ރޯދައަށް ހުރުމާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރިދުވެގެންވާ ޞައްޙަ ޙަދީޘެވެ. ހަމަކަށަވަރުން މީސްތަކުންނަށް އެ ދަތުރުގައި ރޯދައަށް ތިބުމަކީ ބުރަ، އުނދަގޫ ކަމެއްގެ ގޮތުގައިވާ ކަމަށް ރަސޫލާ صلى الله عليه وسلم އަށް ޚަބަރު ލިބިވަޑައިގެންނެވި އެވެ. އަދި މީސްތަކުން ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރައްވަނީ ކޮންގޮތަކަށްތޯ ބެއްލެވުމުގައި ދެމިތިބި ކަމުގައި ބަޔާންކުރެވުނެވެ. ފަހެ، އެހިނދުގައި ޢަޞްރަށް ފަހުގައި ފެންތައްޓެއް ގެނައުމަށް ޙަދީޘް ކުރެއްވި އެވެ. އަދި މީސްތަކުން ނަބިއްޔާއަށް ބަލަހައްޓައިގެން ތިއްބާ އެންމެނަށް ފެންނަގޮތުގައި ފެންފޮދު ހިއްޕެވި އެވެ. އެއަށްފަހުގައި ނަބިއްޔާ صلى الله عليه وسلم އަރިހުގައި ދެންނެވުނެވެ. ހަމަކަށަވަރުން ބައެއްމީހުން ރޯދަ ދުލެއް ނުކުރެ އެވެ. ފަހެ، އެހިނދުގައި ޙަދީޘް ކުރެއްވި އެވެ. (أولئك العصاة، أولئك العصاة) "އެބައިމީހުންނަކީ އުރެދުމުގައިވާ މީހުންނެވެ. އެބައިމީހުންނަަކީ އުރެދުމުގައިވާ މީހުންނެވެ."
****

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 319