އަންހެނުން ޖިހާދަށް ދިއުމުގެ ޙުކުމް - الشيخ عَبْد السَّلام بن سالم رجاء السحيمي حفظه الله

ކެޓަގަރީ ޖިހާދުގެ ޝަރުޠުތައް

ޖިހާދު ވާޖިބުވެގެންވެމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް: ފިރިހެނެއް ކަމުގައިވުން

الشيخ عَبْد السَّلام بن سالم رجاء السحيمي حفظه الله ވިދާޅުވިއެވެ. "މިކަމުގެ ދަލީލަކީ : عَائِشَة رضي الله عنهما ވިދާޅުވެފައިވެ އެވެ. ތިމަންކަމަނާ ނަބިއްޔާ ﷺ އަރިއަހުގައި ޖިހާދަށް ދިއުމަށް އިޛުނަ ހޯދުމަށް އެދި ދެންނެވީމެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (جِهَادُ كُنَّ الحَجُّ)  "ތިޔަކަނބަލުންނަށް އޮތް ޖިހާދަކީ ޙައްޖު ވުމެވެ." އަދި އެހެން ރިވާޔަތެއްގައި عَائِشَة رضي الله عنهما ވިދާޅުވެފައިވެ އެވެ. ނަބިއްޔާ ﷺ އަރިއަހުގައި އަނބިކަނބަލުންތައް ޖިހާދު ކުރުމާ ބެހޭގޮތުން ސުވާލު ދެންނެވި އެވެ. ޙަދީޘް ކުރެއްވި އެވެ. (نَعَم الجِهَادُ الحَجُّ)  "އާއެކެވެ. ތިޔަކަނބަލުންނަށް އޮތް ޖިހާދަކީ ޙައްޖުވުމެވެ." އަދިވެސް عَائِشَة رضي الله عنهما  އަރިއަހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައިވެ އެވެ. عَائِشَة رضي الله عنهما  ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ޖިހާދުކުރުމަކީ އެންމެ ހެޔޮކަންބޮޑުވެގެންވާ ޢަމަލުކަމުގައި އަޅުގަނޑުމެންނަށް އިނގެއެވެ. އަޅުގަނޑުމެން ޖިހާދު ކުރުމަށް ދިއުން ނުވޭތޯއެވެ." ޙަދީޘް ކުރެއްވި އެވެ. (لكِنْ أَفْضَل الجِهَاد حَجُّ مَبْرُوْر)  "އެހެނަސް ތިޔަކަނބަލުންނަށް އެންމެ ހެޔޮކަންބޮޑުވެގެންވާ ޖިހާދަކީ މަބްރޫރު ޙައްޖެވެ." އަދިވެސް އެހެން ރިވާޔަތެއްގައި عَائِشَة رضي الله عنهما ގެ ފަރާތްޕުޅުން ރިވާވެގެންވެ އެވެ. عَائِشَة رضي الله عنهما  ވިދާޅުވި އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދުކުރުން އޮވޭތޯ އެވެ." ޙަދީޘް ކުރެއްވި އެވެ. (نَعَم، عَلَيْهِن جِهَاد لا قِتَال فِيْه، الحج و العُمْرَة)  "އާއެކެވެ. އަންހެނުންނަށް އޮތް ޖިހާދަކީ ހަނގުރާމަ ކުރުމެއްނުވާ ޖިހާދެކެވެ. ޙައްޖު ކުރުމާއި ޢުމުރާ ކުރުމެވެ."   މި ޙަދީޘްއިން ޖިހާދުކުރުމަކީ އަންހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ނޫންކަން ޞަރީޙަކޮށް ދަލީލު ކުރެވިގެންވެ އެވެ. ސަބަބަކީ ޢާއްމު ގޮތެއްގައި އަންހެނުންނަކީ ހަނގުރާމައިގައި ކަންތައްތައް ތަޙައްމުލު ކުރެވޭ ޙާލަތުގައިވާ ބައެއް ނޫނެވެ.  އަދި އަންހެންމީހާގެ ހަށިގަނޑުގެ ބަލިކަމާއި، ސިކުނޑީގެ ބަލިކަމާ އެކުގައި އަންހެނުންނަކީ ހަނގުރާމައިގެ އަހުލުވެރިންގެ ތެރެއިންވާ ބައެއް ނޫނެވެ. އެގޮތުން އަންހެނުންނަށް ހަނގުރާމައިން ލިބޭތަކެތިން ބައެއް ދިނުމެއްނޯވެ އެވެ.  އަދި ހަމަ އެފަދައިން ޖިހާދަށް އަންހެނުން ނުކުތުމަކީ ޝަރީޢަތުގައި އެކަނބަލުންގެ މައްޗަށް އަމުރުވެވިގެންވާ ފަދައިން ގެތަކުގައި އިސްތިޤްރާރުވެ ދެމިތިބުމާއި، މީސްތަކުންގެ ފަރާތުން ފޮރުވިގެން ތިބުމުގެ ކަންތަކާ އިދިކޮޅު ސިފަތައް ނިކުންނަ ކަމަކަށްވުމުން، ޖިހާދުކުރުމަކީ އަންހެނުންނަށް އަމުރުކުރެވިގެންވާ ކަމެއް ނޫނެވެ." ބަސްތައް ނަގާފައިވަނީ : الجهاد في الإسلام

  ****   

އެންމެހައި އަޚުންނޭވެ! މި އެންމެހައި ޙަދީޘްތަކާއި ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުން ބަޔާންވެގެންދަނީ ޖިހާދަކީ، އަންހެނުންގެ މައްޗަަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ނޫން ކަމެކެވެ. އެހެނަސް މިއަދު އެ އަންހެނުންގެ މައްޗަށް ޖިހާދުކުރުން ލާޒިމްކޮށް، ވާޖިބުކޮށްފައިވާ އަޅުކަން ދޫކޮށް، ކިޔަމަންގަންނަން ޖެހޭ ފަރާތްތަކަށް ކިޔަމަންގަތުމުން ބޭރުވެ، ޖިހާދަށް ގޮއްސިއޭ ބުނުމަކީ ބީރައްޓެހި ބަސްތަކެއް ނޫނެވެ. މިއިން ބަޔާންވެގެންދަނީ، މިފަދަ މީހުންނަކީ، ދީނުގައި އެއްވެސް އުޞޫލެއް، ޤަވާޢިދެއް ވަކިކުރަން ދަންނަ ބައެއް ނޫންކަމާއި، ދީނުގެ ވާޖިބުތަކާއި، ސުންނަތާއި އެހެނިހެން ޙުކުމްތައް ދަންނަ ބައެެއް ނޫން ކަމެކެވެ.  ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (لو كُنتُ آمرًا أحدًا أن يسجُدَ لغيرِ اللَّهِ لأمَرتُ المرأةَ أن تسجُدَ لزوجِها والَّذي نَفسُ محمَّدٍ بيدِهِ لا تؤدِّي المرأةُ حقَّ ربِّها حتَّى تؤدِّيَ حقَّ زوجِها) "ﷲ ނޫން އެހެން ފަރާތަކަށް ސަޖިދަ ޖެހުމަށް ތިމަން ނަބިއްޔާ އަމުރު ކުރާނަމަ، އަނބިމީހާއަށް އޭނާގެ ފިރިމީހާއަށް ސަޖިދަ ޖެހުމަށް އަމުރު ކުރެއްވީމު އެވެ. محمَّد صلى الله عليه وسلم ގެ ފުރާނަ އެ ފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ޤަންދީ ބުނަމެވެ. އަނބިމީހާ އޭނާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ހައްޤު އަދާކޮށްފުމަށް ދާންދެން، އެ އަންހެނާ އޭނާގެ ރައްބުއަށް ޙައްޤު އަދާކުރުމުގައި ނުވާނެ އެވެ."   މި ޙަދީޘްގެ ޝަރަޙައިގައި المُبَاركفوري رحمه الله ވިދާޅުވެފައިވެ އެވެ. "މާނައީ، އަންހެންމީހާއަށް އޭނާގެ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކު ގިނަކަމާއި، އަދި އެ ޙައްޤުތަކަށް ޝުރުކު އަދާކުރުމަށް ނުކުދެންތެރިވާނެ ކަމެކެވެ. އަދި (ޙަދީޘްއިން) ބަޔާންވެގެންވަނީ، ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރުމުގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންގަތުން ވާޖިބުވެގެންވުމުގެ މައްޗަށް އިންތިހާއަށް ބާރުއަޅުވާފައިވާ މިންވަރެވެ."  ފާފައަކަށް ނުވާ ކޮންމެ ކަމެއްގައި އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންގަތުމަކީ އަނބިމީހާގެ މައްޗަށް އޮތް ފަރުޟު، ލާޒިމް ކަމެކެވެ. އަންހެނަކު ޖިހާދަށް ދިއުމަކީ އަންހެނާގެ މައްޗަށް ފަރުޟެއް، ވާޖިބެއް ކަމުގައި ނުވާހިނދުގައި، ނަބިއްޔާ މިފަދައިން ވާޖިބުކޮށްފައިވާ، ލާޒިމްކޮށްފައިވާ ޙައްޤެއް ދޫކޮށް، ފިރިމީހާއަށް އުރެދި، އަދި އޭގެ ކުރިން ﷲ އަށާއި އެއިލާހުގެ ރަސޫލާ އަށް ނުކިޔަމަންތެރިވެފައިވާ އަންހެނަކު ކުރާނެ "ޖިހާދެއް" އޮންނާނެ ހެއްޔެވެ؟