 ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކުގެ މެދުގައިވާ ފަރަޤު ބަޔާންކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ކެޓަގަރީ ޙައްޖު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކުގެ މެދުގައިވާ ފަރަޤު ބަޔާންކޮށްދިނުން

ސުވާލު: ޙުކުމްތަކުގެ ނަޒަރުން ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތަކުގެ މެދުގައި ފަރަޤެއް ވޭތޯ އެވެ؟
ޖަވާބު: އާއެކެވެ. ރުކުންތައް ކޮންމެހެން ވެސް އަދާކުރަންޖެހޭނެ އެވެ. އޮޅުމަކުން އަދި ޖާހިލުކަމުން އަދި ހަނދާން ނެތުމަކުން އެ ރުކުންތަކެއް ނުވެއްޓޭނެ އެވެ. އެ ރުކުންތަކަކީ: ހިތުން އިޙްރާމް ބަނުމާއި، ޠަވާފުކުރުމާއި، ސަޢުޔުކުރުމާއި، ޢަރަފާތެވެ. މިއީ ރުކުންތަކެކެވެ. މިއީ ކޮންމެހެން ވެސް އަދާކުރަންޖެހޭ ކަންކަމެވެ. އެރުކުންތައް ޙައްޖުވެރިޔާ ކޮންމެހެންވެސް އަދާ ކުރަން ޖެހޭނެ އެވެ. އަދި ޢުމްރާ ވެސް ވަނީ ހަމަ އެފަދައިންނެވެ: ހިތުން އިޙްރާމް ބަނުމާއި، ޠަވާފުކުރުމާއި، ސަޢުޔުކުރުމެވެ. މިއީ ރުކުންތަކެކެވެ. މިއީ ކޮންމެހެން ވެސް އަދާކުރަންޖެހޭ ކަންކަމެވެ.
    

ދެންފަހެ ވާޖިބުތައް، އެކަންކަމުގެ ތެރެއިން ކަމެއް ދޫވެއްޖެ ނަމަ، އޭގެ ބަދަލެއްގެ ގޮތުގައި ކަތިލަން ޖެހޭނެ އެވެ. މިސާލަކަށް ބޯ ބޭލުން ނުވަތަ ބޯ ކޮށުމެވެ. އަދި މިސާލަކަށް މުޒްދަލިފާގަ އާއި މިނާގައި ރޭކުރުމެވެ. އަދި މިސާލަކަށް ޠަވާފުލް ވަދާޢު އެވެ. އަދި މިސާލަކަށް ޖަމްރާތަކަށް ހިލަ އުކުމެވެ. މިކަންކަމުގެ ބަދަލު ދެވޭނީ ކަތިލައިގެންނެވެ. މިކަންތަކުގެ ތެރެއިން ކަމެއް ދޫކޮށްފި ނަމަ، ފަހެ އެމީހެއްގެ މައްޗަށް ކަތިލުން ވާޖިބުވެގެންވެ އެވެ. އަދި ޙައްޖު އުނިކަމުން ސަލާމަތްވެ ފުރިހަމަވެގެންދާނެ އެވެ. والحمد لله.

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، ص391، الطبعة الأولى 1431ه، 2010م
ސައިޓް ލިންކް: http://goo.gl/yJrYHK