5 އަހަރުމެންގެ މަޤްޞަދު - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަހަރުމެންގެ މަޤްޞަދު

މަކްތަބާ ސަލަފިއްޔާގެ ތަޢާރަފް

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އަހަރުމެން

بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:

photo_2016-04-29_17-08-59.jpg

އަލް-މަކްތަބަތުއް ސަލަފިއްޔާ ދިވެހި ރާއްޖޭގައި ޤާއިމްވެގެންދިޔައީ ސަޢުދީގެ (މަދީނާގެ) ބޮޑެތި ސަލަފީ މަޝައިޚުންގެ އިރުޝާދުފުޅުގެ ދަށުން، މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން ދަސްވެނިވެ، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިހުން ޢިލްމު ހާޞިލްކޮށް ކިޔަވައިގެން އައި ތުއްލާބުލް ޢިލްމު (ޢިލްމުވެރިންގެ އަރިހުން ދަރިވަރުވެފައިވާ ދަރިވަރުން) ތަކެއްގެ އިސްނެންގުމުގެ މަތިން, ޤުރުއާނާއި ސުންނަތުގެ ޞައްޙަ މަފްޙޫމް ޞަހާބީންނަށް ފަހުމްވިގޮތަށް (ސަލަފިއްޔަތު) މީސްތަކުންނަށް ފޯރުކޮށްދިމުމަށެވެ. "ޔަޤީން ކަމާއިއެކު އަހަރެމެންނަށް ބުނަން އިނގޭގޮތުގައި މި ދިވެހިރާއްޖެއަކު އިޖްތިހާދު ކުރެވޭ ވަރުގެ ބޮޑެތި ޢިލްމުވެރިންނެއް ނެތެވެ." މިތަނުގައި ތިބީ ޢިލްމުވެރިންގެ ފަރާތުން ދަރިވަރުވެގެން އައިސް ތިބި ދަރިވަރުންތަކެކެވެ. އަދި ކިއެއް، ދަރިވަރުންގެ ތެރެއިންވެސް އެންމެ ޢިލްމުގެ ގޮތުން ދަށްފަންތީންގެ ދަރިވަރުންނެވެ. މަދީނާ ޔުނިވާރސިޓީއިން ދެ އަހަރު އަރަބި ބަސް ކިޔަވާފައި، ހަތަރު އަހަރު ދީނުގެ ކޮންމެވެސް މިންވަރެއް އުނގެނިގެން އަންނަ ކޮންމެ މީހަކީ މިއަދު ބޮޑު ޝެއިޚެކެވެ. މިއީ ކިހާ ބޮޑު އަޖައިބެއްތޯއެވެ! އެބައެއްގެ މުޅި އުމުރު (70، 80 އަހަރު) ޢިލްމަށް ހޭދަކުރެއްވި ޢިލްމުވެރިންނާއި އަހަރުމެންނާއި އެއްފަދަވާނީ ކިހިނަކުން ތޯއެވެ؟ އެހެނަސް، އުންމަތް އެބައެއްގެ ޢިލްމަށް ހެކިވެފައިވާ ބޮޑެތި ރައްބާނީ ޢިލްމުވެރިން އެބައިމީހުންގެ ނަފްސުތަކާއި މެދު ދެކިފައިވަނީ އެއީ "ޢިލްމު އުނގެނޭ ހަގު ދަރިވަރުން" ގޮތުގައެވެ.

 

ހަޤީޤީ ޢިލްމުވެރިންގެ ބަސް މަގު ހުރި ނެތް ގޮތް ތި އަޚުން ބަލާލުން ހުއްޓެވެ. العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ވިދާޅުވިއެވެ. أنا لم أعد نفسي من العلماء وما زلت طالب علم مبتدئ وأدعو ربي فأقول: (رب زدني علماً) وفي الأثر: مَنْ قال أنا عالم فهو جاهل، فأعوذ بالله أن أقول إني عالم "ޢިލްމުވެރިންގެ ތެރެއިންވާ ފަރާތެއް ކަމުގައި އަމިއްލަ ނަފްސާއި މެދު އަހަރެން ނުދެކެމެވެ. އަހަންނަކީ، އަދި ފަށައިގަންނަ ކިޔަވާ ކުއްޖަކީމެވެ. އަހަރެންގެ ރައްބަށް ދުޢާކުރަމުން ބުނަމެވެ. (އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް علم އިތުރުކޮށްދެއްވާނދޭވެ!) އަދި އަޘަރުގައިވެއެވެ. ތިމަންނައަކީ ޢިލްމުވެރިއެކީމޭ ބުނެފި މީހަކީ ފަހެ ޖާހިލެކެވެ. އަހަންނަކީ ޢިލްމުވެރިއެކޭ ބުނުމާއި މެދު އަހަރެން ﷲ  ގެ ހަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ." މިއީ މި ޤަރުނުގައި ފާޅުވި މުޖައްދިދުން (الإِمَامُ ابن بَاز رحمه الله، الإِمَامُ العَلَّامَةُ المحدثُ الأَلْبَانِي رحمه الله، الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله އަދި الإِمَامُ مقبل بن هادي الو ادعي رحمه الله) ގެ ބަސްމަގު ހުރި ގޮތެވެ. މި ތަވާޟުޢުވެރިކަމަކީ ހަޤީީޤީ އިލްމުގެ އަހުލުވެރިންގެ ފަރާތުން ފެންނަ ސިފައެވެ. މިއަދު އެބުނާ "ދަންނަބޭކަލުން" "ޝެއިޚުން" ގެ ފަރާތުން ފެންނަނީ ޢިލްމުގެ މައްޗަށް ބޮޑާވެރިވެގަތުމާއި ކިބުރުވެރިވެގަތުމެވެ. މިއީވެސް "ޝެއިޚުން" ނެވެ. އަދި އެއީވެސް ޝެއިޚުން ނެވެ. ތަފަތަކީ ހަޤީޤީ ޝެއިޚުންނާއި ދޮގުވެރި ޝެއިޚުންނެވެ. މިއީވެސް ތިބާއަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް އުނގަންނައިދޭ ކަމެކެވެ.

 

އެހެންކަމުން، އެ ޢިލްމުވެރިންގެ ފަރާތުން ދަރިވަރުވެގެން އައި މި ނިކަމެތި ދަރިވަރުންގެ މަސައްކަތަކަށް ވާންޖެހޭނީ އެބައިމީހުންގެ މުޅި އުމުރު ޢިލްމަށް ހޭދަކުރެއްވި އެ ރައްބާނިއްޔަ ޢިލްމުވެރިންގެ ފަރާތުން އެބައިމީހުން އުނގެނުނު ޢިލްމެއް އެ އުނގެނުނު ގޮތަށް ބަދަލުކުރުމެއް ނެތި މީސްތަކުންނަށް ފޯރު ކޮށްދިނުމެވެ. އެ ދަރިވަރުންގެ މަސައްކަތަކަށް ވާންޖެހޭނީ އެ ޢިލްމުވެރިންނާއި އާންމު މީސްތަކުންނާއި ގުޅުވައި ދިނުމެވެ. އެހެނަސް، ހިތާމައަކީ އޭގެ ބަދަލުގައި ދިވެހިރާއްޖެއަށް ޖާމިޢާތަކުން ދަސްވެނިވެގެން އަންނަ ގިނަ ބޭފުޅުންގެ ފަރާތްޕުޅުން ފެންނަނީ އެހެން މަންޒަރެކެވެ. މީސްތަކުންނަށް އުންމަތުގެ ޢިލްމުވެެރިން ވަންހަނާކޮށް، ޢިލްމުވެރިންނާއި މީސްތަކުން ގުޅުން ކަނޑުވައިލުމުގެ އިތުރަށް، ތިމާމެންނަކީ ބޮޑެތި "ޝެއިޚުން" އަދި "ދަންނަބޭކަލުން" ކަމަށް މީސްތަކުންނަށް ތަޞައްވަރު ކޮށްދިނުމެވެ. އަދި އޭގެ އިތުރަށް، އެ މީހުންނަށް ކިޔަވައިދިން ޢިލްމުވެރިން އުގަންނައިދިން މަގު (މަންހަޖު) ނޫން އެހެން މަގުތަކެއް (މަންހަޖުތަކެއް) މީސްތަކުންނަށް ބަޔާންކުރުމެވެ. މިއީ އުންމަތަށް މިއަދު ޖެހިފައިވާ އެންމެ ބޮޑު އެއް މުޞީބާތެވެ. މި މުޞީބާތުގެ ސަބަބުން މިއަދު މުޖްތަމަޢުގައިވަނީ ޢިލްމުވެރިންކަމަށް ހެދިގެން ތިބި، ޢިލްމުވެރިންނަށް ނުވާ މީސްތަކުންގެ މައްޗަށް އާންމު މީހުން ޖަމަޢަވެފައެވެ. މިއަދު ޢިލްމުވެރިންގެ ނަން ކިލަނބުކޮށްފައިވާ މީސްތަކުންގެ ސަބަބުން ހަޤީޤީ ޢިލްމުވެރިންގެ ޤަދަރެއް މީސްތަކުން ނުދަނެތެވެ.

 

ހާޤީޤީ ޢިލްމުވެރިންނާއި ބާޠިލު ދޮގުވެރި ޢިލްމުވެރިންގެ ހަޤީޤަތް ބަޔާންކުރުމަކީ ﷲ ގެ ފޮތާއި ނަބިއްޔާ ﷺ ގެ ސުންނަތުގައި އައިސްފައިވާ އިސްލާމްދީނުގެ އެންމެ ބޮޑެތި އަޞްލު ތަކުގެ ތެރެއިން އަޞްލެކެވެ. شَيْخُ الإِسلاَم مُحَمَّد بِن عَبْدُ الوَهَّاب رحمه الله ވިދާޅުވިއެވެ. "ޢިލްމު އަދި ޢިލްމުވެރިން ބަޔާންކޮށްދިނުމެވެ. އަދި ފިޤުހާއި ފިޤުހު ޢިލްމުވެރިން ބަޔާންކޮށްދިނުމެވެ. ޢިލްމާއި ޢިލްމުވެރިންގެ ތެރޭގައި ނުވެ، ޢިލްމާއި ޢިލްމުވެރިންގެ ގޮތުގައި ބޭރުފުށަށް ދައްކައިގެން ތިބި މީސްތަކުން ބަޔާންކޮށްދިނުމެވެ. މި އަޞްލު ﷲ ތަޢާލާ ބަޤަރާ ޞޫރަތުގެ ފުރަތަމަ އާޔަތް ތަކުގައި ބަޔާންކޮށްދެއްވާފައިވެ އެވެ. އެއީ يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ އާޔަތުން ފަށައިގެންގޮސް يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ އާޔަތާއި ޖެހެންދެނެވެ. އަދި އިތުރަށް މި އަޞްލުބަޔާންވެގެން ދަނީ : ފާޅުކަންބޮޑު ގޮތުގައި، ބަޔާންވެގެންވާ ގޮތުގައި ސުންނަތުގައި ޞަރީޙަކޮށް މިފަދައިން ބަޔާންކޮށްދޭ ބަސްފުޅުތައް އެއްވެސް އެއްޗެއް އޮޅުންފިލައިފައި ނުވާ ޢާންމު މީހުންނަށްވެސްބަޔާންވެގެންވާނޭ މިންވަރަށް އައިސްފައިވުމެވެ. އެއަށްފަހު، މިއީ އެންމެ ބީރަށްޓެހި އެއްޗެއްގެ ގޮތުގައިވެ ދިޔަ އެވެ. އަދި ޢިލްމާއި ފިޤުހު އެއީ ބިދުޢަ އަދި މަގުފުރެދިގެން ދިއުންކަމުގައި ވެގެންދިޔަ އެވެ. އެބައިމީހުންގެ އަތުގައިވާ އެންމެ ހެޔޮވެގެންވާ އެއްޗަކީ ބާޠިލްމެދުވެރިކޮށް ޙައްޤު އޮޅުވާލުމެވެ. އަދި ﷲ މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަދި އެކަލާނގެ މަދަޙައިގެ ބަސްފުޅުތައް ވަޙީކުރައްވާފައިވާ ޢިލްމު ހޯދުމުގައި މުރުތައްދު ވެފައިވާ މީހެއް ނުވަތަ މޮޔައެއް ކަމުގައި މެނުވީ ޤާއިމްވެ ދެމިއެއް ނުހުންނާނެ އެވެ. އަދި ޢިލްމަށް އިންކާރުކޮށް، ޢަދާވާތްތެރިވެ އޭގެ މައްޗަށް އިންޒާރު ދިނުމުގެ ފޮތްލިޔެ ޢިލްމު ހޯދުމުގެ މައްޗަށް ނަހީކުރާ މީހުންނަކީ އެއީ ފިޤުހުވެރިން އަދި ޢިލްމުވެރިން ގޮތުގައިވެއްޖެ އެވެ."  (الأُصُوْلُ السِّتَّة)

 

މިއަދު "ޝެއިޚުން" "ދަންނަބޭކަލުން" ގެ ނަމުގައި މީސްތަކުން ބަލައިގަނެ މަޝްހޫރުކަން ހޯދާފައިވާ "ސެލެބްރިޓީ ޝެއިޚުން" ގެ ފަރާތުން ފެންނަނީ އެއް ވެރިޔަކު ވެރިކަމުން ބޭލުމަށް ފަހު އަނެއް ވެރިޔަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާ ތަނެވެ. އެއްް ޕާޓީ ކޯލިޝަނުން އަނެއް ޕާޓީ ކޯލިޝަނަށް ދުވާ ތަނެވެ. ކުރިން އެބަޔަކީ ލާދީނީ ކާފަރު އަނިޔާވެރިން ކަމުގައި ބުނި މީހުން، ފަހުން އެބައިމީހުންނަކީ އެންމެ ޞާލިޙު މީހުން ކަމުގައި ހެދުމުގެ ދެފުއް ދެގޮތް ކަމެވެ. ވެރިންނާއި ދެކޮޅަށް އާންމު މީސްތަކުން ނެރުމާއި، ހިޒްބިއްޔަތުގެ ރޫޙު ޤައުމުގައި އާލާ ކުރުމެވެ. މަދީނާ ޔުނިވާސިޓީގެހަދީޘް ފެކަލްޓީގެ ކުރީގެ ޑީން، الإِمَامُ العَلَّامة ربيع بن هادي عمير المدخلي حفظه الله ވިދާޅުވެފައިވެއެވެ. "ނަބިއްޔުން عليه السلام އެއްސަރުކާރު ވައްޓާލައި އަނެއް ސަރުކާރެއް ގެނައުމަށް ﷲ ނުފޮނުއްވައެވެ. އަދި އެނަބިއްޔުންނަކީ ވެރިކަން ލިބުމަށް އެދުނު ބައެއް ނޫނެވެ. އަދި އެނަބިއްޔުން ޕާޓީތައް ހަދައި އޭގައި ދެމިތިބުމަށް ނާދެ އެވެ. އެހެނަސް، އެނަބިއްޔުން ފާޅުވެފައިވަނީ މީސްތަކުންނަށް ހިދާޔަތް ހޯދައި ދިނުމަށެވެ. އަދި މީސްތަކުން މަގުފެދުމާއި ޝަރީކު ކުރުމުން ސަލަމާތް ކުރުމަށެވެ."

 

"ޝެއިޚުން" ގެ ނަމުގައިވާ މީސްތަކުންވަނީ ދީނުގެ ނަމުގައި ޕާޓީތައް (ހިޒުބުތައް) ޤާއިމްކޮށް، ޕާޓީއަށް މީސްތަކުންގެ ބައިގަނޑު އިތުރު ކުރުމުގައެވެ. އަދި އެ ދީނީ ޕާޓީތަކަށާއި ޖަމާޢަތްތަކަށް ވަނުމަކީ އިސްލާމްދީނަށްޓަކައި ކުރެވޭ ހެޔޮކަމެއް ކަމުގައި ވަނީ އެއްބަޔަކު ފަތުވާ ދެއްވާފައެވެ. الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله ވިދާޅުވިއެވެ."އިސްލާމީ އިޞްލާޙު ތަކަކީ އެއްވެސް ގޮތެއްގައި ޕާޓީހަދައިގެން ނުވަތަ މީސްތަކުން ޖަމަޢަވެގެން ނުވަތަ ބައިބައި ވެގެން ކުރެވޭނެ ކަންތަކެއް ނޫނެވެ. ސަބަބަކީ ތިޔަ އެންމެހައި މީސްތަކުންނަށް އެނގޭނެ ފަދައިން ޤުރުއާނާއި ސުންނަތުގެ އެތަކެއް ދަލީލުތަށް އައިސްފައިވަނީ ބައިބައި ވެގަތުމުން ނަހީކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَلَا تَكُونُوا مِنَ الْمُشْرِكِينَ (31) مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ [الروم: 31، 32]  "އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ. އެބައިމީހުންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައި މީހުން ނުވާށެވެ.) ކޮންމެ ބަޔަކުމެ އެބައިމީހުންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ." އިޞްލާޙަކީ ސިޔާސީ ޕާޓީތަކެއް ހަދައިގެން އަންނާނެ އެއްޗެއް ނޫނެވެ."


މިބައިމީހުންގެ ދަޢުވަތުގެ މިސްރާބު ހުރީ އުންމަތުގެ "ބޮޑެތި ޢިލްމުވެރިން" ގެ އިރުޝާދުން ކަސިޔާރުވެފައެވެ. އެ ޢިލްމުވެރިން ބަޔާންކުރެއްވީ ސިޔާސީ ކަންތައްތަކާއި، ޙިޒްބިއްޔަތާއި ދުރުވުމަށެވެ. ވެރިން ފަޟީޙަތްކުރުމުގެ ބަދަލުގައި ސިއްރިޔާތުގައި ނަޞޭހަތް ތެރިވުމަށެވެ. الشيخ العلامة صالح الفوزان حفظه الله ވިދާޅުވިއެވެ ."ނަޞޭޙަތް ވާންޖެހެނީ ނަޞޭޙަތްތެރިވާ މީހާއާއި ވެރިޔާއާ ދެމެދުގައެވެ. ސިއްރުގައެވެ. މީސްތަކުންގެ ކުރިމައްޗަށް ނިކުމެ ހުރެ ދެވެނީ ނަޞޭޙަތެއް ނޫނެވެ. ނުވަތަ ޕޯޑިއަމްތަކުގެ މަތީގައި ދެވެނީ ނަޞޭޙަތެއް ނޫނެވެ. ސަބަބަކީ މިއީ މީސްތަކުންގެ ތެރޭގައި ނުބައިކަންތައް ފެތުރި، މީސްތަކުންގެ މެދުގައި ވެރިންނާ މެދުގައި ޢަދާވާތްތެރިކަން ފާޅުވެދާނެ މަގުތަކެވެ. ޕޯޑިއަމްތަކުގެ މަތީގައި ވެރިންގެ ކުށްތައް މީސްތަކުންނަށް ކިޔައިދިނުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. ނުވަތަ މަޖްލިސް ތަކުގައި މީސްތަކުންގެ ތެރޭގައި ވެރިންގެ ވާހަކަ ދެއްކުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. މިއީ ހެޔޮކަންތަކަށް ޚިދުމަތްކުރި މީހެއް ނޫނެވެ. މިފަދަ މީހާ ބޭނުން ވަނީ ނުބައިކަންތައް ނުބައިކުރުމަށެވެ."

 

އެ ޢިލްމުވެރިން ނަޞޭހަތްތެރިވީ މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުންތަކުން އެއްކިބާވެ ތިބުމަށެވެ. الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ވިދާޅުވިއެވެ. "އަންހެނުން އަދި ފިރިހެނުން ވެރިންނާ ދެކޮޅަށް ކުރާ މުޒާހަރާތަކަކީ ފަރުވާއެއްގެ ގޮތުން ކުރެވޭ އެއްޗެއް ކަމުގައި ނުދެކެމެވެ. ނަމަވެސް، އަހަރެން ދެކޭގޮތުގައި އެއީ ފިތުނައިގެ ތެރެއަށް ގެންދާ ސަބަބެކެވެ. އަދި އެއީ ނުބައި ކަންތަކާއި އަނިޔާވެރިވުމަށް އޮތް ސަބަބެކެވެ. އަދި އެއީ މީސްތަކުންގެ މައްޗަށް ނުޙައްޤު ގޮތުގައި އަރައިގަނެވޭ ކަމެކެވެ. ޝަރުޢީ ގޮތުން އައިސްފައިވާ ގޮތްތަކަކީ ވެރިޔާއަށް ލިޔުމުން ބަޔާންކޮށްދިނުމެވެ. ނުވަތަ ނަޞޭޙަތް ދިނުމެވެ. ހެޔޮކަންތަކަށް ދަޢުވަތްދިނުން އޮތީ އެކަމަށް އޮތް ސީދާމަގުތަކުންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނާއި، އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވި މީސްތަކުން އަދި ޢިލްމުގެ އަހުލުވެރިން ހޯދާފައިވާ މަގުތަކެވެ. އެއީ ލިޔުމުންނާއި، އަނގަބަހުން އަމީރުންނަށާއި ވެރިންނަށް ނަޞޭޙަތްތެރި ވުމެވެ. އަދި އެބައިމީހުންނަށް ފޯނުން އަދި ލިޔުމުން ނަޞޭޙަތްތެރި ވުމެވެ. އެއީ އެބައި މީހުން ކޮށްފައިވާ ކަންތައް  މީސްތަކުންގެ ތެރެއަށް ނުފަތުރައި އިސްތިހާރު ނޮކޮށެވެ. ޕޯޑިއަމްތަކުގެ މަތީގައި ނުވަތަ އެހެނިހެން އެފަދަ ތަންތަނުގައި ވެރިޔާ މިވެނި ކަމެއް ކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން މިވެނި ކަމެއް ފެނިފައިވާ ކަމަށް ބުނެގެން ނުވާނެއެވެ. و الله المستعان"

 

ވެރިޔާގެ އިޛްނަ ނެތި ތަންތަނަށް ޖިހާދު ކުރުމަށް ފުރަފުރައިގެން ނުދިޔުމަށެވެ. ޖާނުން ފިދާވުމުގެ ޢަމަލުތަކުން ބަރީޢަވުމަށެވެ. الشَّيْخُ مُحَمَّدُ بِنْ صَالِح بِن العُثَيْمِين رحمه الله ވިދާޅުވެފައިވެ އެވެ. "ކޮންމެފަދަ ޙާލަތަކަށް ކަންތައް ދިޔަކަމުގައިވީ ނަމަވެސް ވެރިޔާގެ ހުއްދަ ނެތީސް ހަނގުރާމައިގެ ލަޝްކަރުގައި ބައިވެރިވެ، ހަނގުރާމަކުރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ހަނގުރާމަކުރުމާއި ޖިހާދުކުރުން މުޚާޠަބު ކުރެވިފައިވަނީ ވެރިންނަށެވެ. ފަރުދީ މީސްތަކުންނަކަށް ނޫނެވެ. ފަހެ، ވެރިޔާގެ ހުއްދަ ނެތީސް ޖިހާދުކުރުމަކީ ﷲ އަށް އުރެދިފައިވާ، ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިއުމެކެވެ."

 

މިއަދު "ޝެއިޚުން" ކަމުގައި ބުނެވުނު ގިނަ މީސްތަކުންގެ ފަރާތުން ފެންނަނީ ދިވެހި ދަރީން މި ހައްޤުވެގެންވާ އިސްލާމްދީނުގެ މައްޗަށް ތަރުބިއްޔަތު ކުރުމުގެ ބަދަލުގައި އެކި އެކި ފިތުނަތަކަށް ހުށައަޅާ ތަނެވެ. އުންމަތަށް ފާޅުވެފައިވާ ހަލާކުރުވަނިވި އެކި އެކި އަޤީދާގެ އަހުލުވެރިންނާއި ފިރުޤަތައް ޤައުމަށް ޖަމަޢަކޮށްފައިވާ ތަނެވެ. މިބައިމީހުންވަނީ އެ ރައްބާނިއްޔަ ޢިލްމުވެރިން އެ ޖަމާޢަތްތަކާއި މެދު އިންޒާރުދީފައިވާ ޖަމާޢަތްތައް އަދި އެ ޖަމާޢަތްތަކުގެ އަޤީދާ އަދި އޭގެ އަހުލުވެރިން ރާއްޖެ ގެނެސް އެތައް ބަޔަކު އޭގައި ފިތުނަވެރި ކޮށްފައެވެ. އެގޮތުން ސަލަފުން އަދި އަދާލަތު ކަމުގައި ދަޢުވާކުރާ މީސްތަކުންވަނީ "އަލް-ޤާޢިދާ" "އައިއެސްއިއެސް" "ޖަބަހަތުއް-ނުސްރާ" "އިޚްވާނުލް-މުސްލިމޫން" "ޖަމާޢަތުއް ތަބްލީޣު" ފަދަ ޚަވާރިޖު، ތަކްފީރީ، ސޫފީ، ޤުބޫރީ، އިންޤިލާބީ، ޢަޝްޢަރީ، ރާފިޟީ ޖިހާދީ އަޤީދާ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަތުރާފައެވެ.

 

ސަޢުދި ޢަރަބިއްޔާގެ ކުރީގެ މުފްތީ، މި ޤަރުނުގެ އެއް މުޖައްދިދު، الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله އާއި ސުވާލު ކުރެވުނެވެ. "ޝިރުކީ ކަންތަކާއި ބިދުޢަވެރި ކަންތައް ކުރުމުގައިވާ ތަބްލީޤީ ޖަމާޢަތް އަދި ޕާޓީ ހަދައިގެން މުސްލިމުން ވެރިންގެ ކިޔަމަންގަތުމުން ބޭރުވެ އުޅޭ އިޚްވާނުލް މުސްލިމީން، މި 2 ފިރުޤާއަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ ފިރުޤާތަކެއްތޯ އެވެ؟" ޖަވާބުގައި رحمه الله ވިދާޅުވިއެވެ. "72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. أهل السنة ޢަޤީދާއާ ޚިލާފްވި ކޮންމެ މީހަކުމެ 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ." އެހެނަސް ހިތާމައަކީ މިއީ މިއަދު އެބުނާ ސަލަފުން އަދި ޢަދާލަތު ކަމުގައި ދަޢުވާކުރާ ބައިގަނޑުގެ މަރްޖިޢު ކަމުގައިވުމެވެ.

 

މަކްތަބާ ސަލަފިއްޔާގެ މި ވެބްސައިޓަކީ މި ފިތުނަވެރިކަމާއި ދެކޮޅަށް މީސްތަކުންނަށް އަލިމަގެއް ދައްކައި، އުންމަތުގެ ރައްބާނިއްޔަ ޢިލްމުވެރިންނާއި މީސްތަކުން ގުޅުވައިލުމުގެ ގޮތުން ވުޖޫދަށް އައި ސައިޓެކެވެ. ރާއްޖޭގައި ހަދާފައިވާ އެހެނިހެން ދީނީ ވެބްސައިޓުތަކާއި ޚިލާފަށް މި ސައިޓު ތަފާތުވެގެން ދަނީ މި ސަބަބަށްޓަކައެެވެ. އަމިއްލަ ވާހަކަތައް ގެނައުމުގެ ބަދަލުގައި މި ސައިޓުގައި މުޅިންވެސް ގެނެސްދީފައިވާނީ ޢިލްމުވެރިންގެ ޢިރުޝާދުތަކާއި ފަތުވާތަކާއި ނަޞޭހަތްތައް އެ ޢިލްމުވެރިއެއްގެ ނަން ޒިކުރު ކުރެވިފައިވާ ހާލުގައެވެ. الحمد لله! އަހަރެެމެންގެ ލޮބުވެތި ސަލަފީ އުސްތާޛުންގެ މަސައްކަތުން މިހާރު މި ދަޢުވަތު ވަނީ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކަށް ފޯރާފައެވެ. އެގޮތުން މިހާރު ވަނީ ރާއްޖޭގެ 4 ހިސާބެއްގައި ސަލަފީ މަރުކަޒުތައް ޤާއިމް ކުރެވިފައިވެއެވެ.

1. މަކްތަބާ ސަލަފިއްޔާ، މާލެ ދިވެހިރާއްޖެ

2. މަކްތަބާ ސަލަފިއްޔާ ކުޅުދުއްފުށީ

3. ތިނަދޫ ސަލަފީ މަރުކަޒު

4. މަކްތަބާ ސަލަފިއްޔާ ކާށިދޫ

ﷲ ތަޢާލާ އަހަރުމެންގެ މި މަޤުޞަދާ އެއްގޮތަށް މަކްތަބަތުއް ސަލަފިއްޔާ އަދި މި ސައިޓް ކުރިއަށް ގެންދިއުމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ.

 

ގުޅުއްވުމަށް:

Mobile_Smartphone.png  7787100, 7996484, 7892268
emailBL_zps367c5980.png  (admin @ salafi.mv) / (salafimv @ gamil.com) 


ސޯޝަލް މީޑިއާ:

twitter_round.png facebook-icon.png logotype-telegram-round-blue-logo-512.png youtube_circle_color-512.png instagram-icon.png


ޒިޔާރަތް ކުރުމަށް:

ލޮނުޒިޔާރަތް މަގު، މާލެ، ދިވެހިރާއްޖެ

pasdasdasd.jpg 

 

وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين

އަހަރުމެން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

އަހަރުމެންގެ ދަޢުވަތް | 01 އޭޕްރީލް 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...

0
Shares